ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
“ފާފަވެރިން އެހެން މީހުންގެ ފާފަތަކަށް ފަނޑިޔާރުކަން ކުރުން”
މުނިއަވަސް ގްރެފިކްސް

މީހުންނާ މެދު ގޮތް ނިންމުމުގައި އަޚްލާޤީ މިންގަނޑުތަކަށްވުރެ ބޮޑަށް އަމިއްލަ ނުތަނަވަސްކަމާ ގުޅިފައިވާ ޚާއްޞަ ވައްތަރެއް އޮވެއެވެ. އެއީ “އަހަންނަށް އެކަން ނުލިބޭނަމަ، ކަލެއަށްވެސް ލިބިގެންނުވާނެއެވެ. އަދި ކަލޭ އެކަމުން އުފާ ހޯދަން ކެރިއްޖެނަމަ، އެކަމަށް ފާޑުކިޔާނެ ސަބަބެއް އަހަންނަށް ފެންނާނެއެވެ” މި ފަލްސަފާއެވެ. ބައެއް ފަހަރު، އެހެން މީހެއްގެ އުފާވެރިކަމަކީ ތިމާއަށް ބަލަން އުނދަގޫ ލޯގަނޑަކަށް ވެދެއެވެ. އެމީހުންގެ ކާމިޔާބީން ހަނދާންކޮށްދެނީ ތިމާގެ ކިބައިގައި ނެތް ކަންކަމެވެ. އެމީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރުން ހާމަވަނީ ތިމާގެ ނިކަމެތިކަމެވެ. އަދި އެމީހުންގެ މިނިވަންކަން ތިބާ ނުލައި ނަމަ މަނާ ގޯސްކަމަކަށް ބަދަލުވެގެންދެއެވެ. އެ އިހުސާސްތަކާ ކުރިމަތިލުމުގެ ބަދަލުގައި، ތިމާ ބޭނުންވާ ކަންކަން ލިބިފައިވާ އަނެކާއަށް ފާޑުކިޔައި ހިޔާލުފާޅުކުރުން މާ ފަސޭހަވެއެވެ.

ނަފްސާނީ އިލްމުގައި އިޖުތިމާއީ އަޅާކިޔުމާއި، ހަސަދަވެރިކަމާއި ޒީލަގަަކަމަކީ، އަދި އަމިއްލަ އުނިސިފަތައް އެހެން މީހުންގެ ފަރާތުން ފެންނަކަމަށް ދެއްކުމާ ބެހޭގޮތުން ގިނަ ދިރާސާތަކެއް ކޮށްފައިވެއެވެ. މިއީ މީހުން އެހެން މީހުންނާ އަމިއްލަ ނަފްސު އަޅާކިޔާ ގޮތެވެ. އަދި އެހެން މީހެއްގެ ހާލަތުގެ ސަބަބުން ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ބުރޫއަރާނަމަ، ދިފާއީ ގޮތުން ރައްދު ދޭ ގޮތެވެ. މިކަމުގެ ތެރެއަށް އަޚްލާޤީ މިންގަނޑުތައް ވަނުމުން ކަންކަން އިތުރަށް އޮޅުންބޮޅުންވެއެވެ. މީހަކު އަމިއްލައަށް އެއް ކަމަކަށް ހިތް އެދި، ނުވަތަ އެފަދަ ނިކަމެތިކަމެއްގައި އުޅެމުންވެސް، ބޭރުފުށުން އެހެން މީހުންގެ އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފާނެއެވެ. އަދި އަމިއްލަ ކުށްތަކަކީ މަޖުބޫރުވެގެން ދިމާވި ހާލަތެއް ކަމަށް ބުނެ އުޒުރުވެރިވާއިރު، އެހެން މީހެއްގެ ކުށަކީ އެމީހެއްގެ ސުންޕާ ސިފައެއްގެ ހެއްކެއް ކަމަށް ނިންމައެވެ.

މިއީ “ފާފަވެރިން އެހެން މީހުންގެ ފާފަތަކަށް ފަނޑިޔާރުކަން ކުރުން” މި ބުނުމާ މެދު ފުންކޮށް ވިސްނާލަންޖެހޭ ހިސާބެވެ. ތަގުވާވެރި ކަމަކީ ހަމައެކަނި އެހެން މީހެއްގެ ކުށެއް ފާހަގަކުރުމެއް ނޫނެވެ. އަމިއްލަ އުނިސިފަތައް ގަބޫލުކުރާ ހާލު، އެހެން މީހެއްގެ އަމަލަކާ މެދު ދެބަސްވުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އަސްލު މައްސަލައަކީ، އަމިއްލަ ނަފްސަށް ލުއިދޭ މިންގަނޑުތަކުން އެހެން މީހުންނާ މެދު ގޮތް ނިންމަން އުޅުމެވެ. އަމިއްލަ ކުށްތަކަށް ހަމްދަރުދީއަށް އެދޭއިރު، އެހެން މީހުންގެ ކުށްތަކަކީ އެމީހުން ބަދުނާމުކުރަން ލިބޭ ފުރުސަތަކަށް ހެދުމެވެ. އަދި ތިބާއެކު ކިތަންމެ ބޮޑު ގޯސްކަމެއް ނަމަވެސް ކުރަން އޯކޭ.. ނަމަވެސް އެހެންމީހަކާއެކުގައި ނަމަ ބިރުވެތިވާންޖެހޭނެ ކަމަށް ބުނެ ނަސޭހަތްތެރިވެއެވެ. މިއީ ކިހާ ހެއްވާކަމެއް ހެއްޔެވެ!.. ކޮންމެ މީހަކު ކުރިކަމުގައިވިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށެވެ.

އިންސާނުންނަކީ އަމިއްލަ އަމަލުތަކަށް އުޒުރު ދެއްކުމުގައި ވަރަށް ކުޅަދާނަ، ނަމަވެސް އެހެން މީހުންގެ އަމަލުތަކަށް ފާޑުކިޔުމުގައި ވަރަށް ހަރުކަށި ބައެކެވެ. އަމިއްލަ ނާކާމިޔާބީއަކީ ނަސީބު ދެރަ ދުވަހެއް ކަމަށް ބުނާއިރު، އެހެން މީހެއްގެ ނާކާމިޔާބީއަކީ އެމީހެއްގެ ނާޤާބިލުކަން ކަމަށް ނިންމައެވެ. އަމިއްލައަށް ކުށެއް ކުރެވުމުން މާފަށް އެދޭއިރު، އެހެން މީހަކަށް މާފުކުރުމުގައި ފަސްޖެހެއެވެ. އަދި ބައެއް ފަހަރު އަހަރެމެން “އަޚްލާޤީ ކަންބޮޑުވުން” ކަމަށް މި ބުނާ ކަމަކީ، އަސްލުގައި ރީތި ހެދުމެއް އަޅައިގެން އުޅޭ ހަސަދަވެރިކަމެވެ.

ފަހަރުގައި އެންމެ ބުއްދިވެރި ގޮތަކީ، މީހަކާ މެދު ގޮތް ނިންމުމުގެ ކުރިން މަޑުޖެހިލާފައި، އަމިއްލަ ނަފްސާ މި ސުވާލު ކޮށްލުމެވެ.. “މި މީހާގެ އުފާވެރިކަމުން އަހަންނަށް އުނދަގޫވަނީ ކީއްވެ ހެއްޔެވެ؟” ހުރިހާ ނުތަނަވަސްކަމަކީ ހަސަދަވެރިކަމެއް ނޫނެވެ. އަދި ކޮންމެ ފާޑުކިޔުމަކީ ދެއްކުންތެރިކަމެއްވެސް ނޫނެވެ. ނަމަވެސް، އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނާލުމުން، އަހަރެމެންގެ ރުޅިވެރިކަމަކީ އެހެން މީހެއްގެ އިޚްތިޔާރާ މެދު އޮތް ކަމެއްތޯ ނުވަތަ އެ އިޚްތިޔާރުގެ ސަބަބުން ތިމާގެ ހިތުގައި އުފެދުނު އިހުސާސްތަކެއްތޯ އެނގިގެންދާނެއެވެ.

އެހެން މީހެއްގެ ކާމިޔާބީއަކީ ތިމާގެ ނާކާމިޔާބީއެއް ނޫނެވެ. އެމީހުންގެ އަމިއްލަ އިތުބާރަކީ ތިމާގެ އަގު ވެއްޓޭ ކަމެއް ނޫނެވެ. އަދި އެމީހުންގެ އުފާވެރިކަމަކީ ތިމާއަށް ދޭ ހަމަލާއެއްވެސް ނޫނެވެ. އަހަރެމެން ގަޔާވާ ކޮންމެ އެއްޗަކީ ތިމާގެ މިލްކަކަށް ވާކަށް ނުޖެހެއެވެ. އަދި އެހެން މީހުން ކުރާ ކޮންމެ ކަމެއް ދެނެގަނެ، އެކަމަކަށް ތާއީދުކުރާކަށްވެސް ނުޖެހެއެވެ. ނަމަވެސް، ތިމާގެ ހިތުގައި އުފެދޭ ނުތަނަވަސްކަން ބާރާއި ނުފޫޒަށް ބަދަލުނުކުރުމުގެ އިޚްތިޔާރު އަހަރެމެންނަށް އޮވެއެވެ.

އުސޫލުތަކެއް ހުރުމާއި، އެ އުސޫލުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާ ދެމެދު ފަރަގެއްވެއެވެ. ފަހަރުގައި ހަގީގީ އަޚްލާޤީ މިންގަނޑަކީ އެހެން މީހުންގެ ފާފަތަކުގެ ހިސާބު ބެލުމުގެ ބަދަލުގައި، އަމިއްލަ ނަފްސުގައި ހުރި އުނިސިފަތައް ގަބޫލުކުރުމުގެ މަޑުމޮޅިކަމެވެ.

ސަބަބަކީ، މުޅި އުމުރު އެހެން މީހުންގެ އުނިސިފަ ހޯދުމުގައި ހޭދަކުރުމުގެ ކުރިން، މަދު ފަހަރަކު ނަމަވެސް ލޯގަނޑު ތިމާއާ ދިމާލަށް އަނބުރާލަން ޖެހެއެވެ. އެއީ ފެންނަ ކަންކަން ކުށްވެރިކުރުމުގެ ބަދަލުގައި، އެ ކަންކަން ދެނެގަނެ އަމިއްލަ ނަފްސު އިސްލާހުކުރުމަށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top