ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ލ. އަތޮޅުގެ ދެވަނަ މެޗު ޑްރޯ ވިޔަސް ފައިނަލްގެ ފުރަތަމަ ޖާގަ ލ. ގަމަށް ލިބިއްޖެ އެވެ. ލ. ގަމުގައި ބާއްވާ ލ. އަތޮޅު މުބާރާތުގައި ކުޅުނު ދެ މެޗުގެ ތެރެއިން، ގަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ދެވަނަ މެޗު ޑްރޯވި އިރު، އެ ޓީމަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އިސްދޫއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ފޮނަދޫއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި އަތޮޅު މުބާރާތުގައި ބާކީ އެއް މެޗު އޮތްއިރު، އެ މެޗުން ފޮނަދޫ މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އިސްދޫއަށެވެ.
މި އަތޮޅު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގަމާއި އިސްދޫ އެވެ. ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ތަރިންތަކެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ގަމުން ނެވެ. ގަމުގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދި އިސްދޫން ވެސް ވަނީ ކުރިޔަށް ޖެހި ގަމުގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. މެޗުގެ ކުރީކޮޅު އިސްދޫން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދާފަ އެވެ. ފުރަތަމަ ފުރުސަތުގެ ބޭނުން ނުކުރެވި ދިޔައިރު، ދެވަނަ ފުރުސަތާއި ތިންވަނަ ފުރުސަތު ހުއްޓުވީ ގަމު ކީޕަރެވެ.
ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފަހުކޮޅު، ގަމުގެ ހަމަލާއެއް ހުއްޓުވަން މަސައްކަތްކުރުމުގެ ތެރޭގައި އިސްދޫ ކުޅުންތެރިއަކު އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ގަމަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ގަމަށް ލީޑު ނަގައިދިނީ އަޙްމަދު ހަލީމް (އަންމަޑޭ) އެވެ. ނަތީޖާ ހަމަހަމަކުރުމަށް އިސްދޫން ގިނަ މަސައްކަތްތަކެއް ކުރި މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ވެސް އިސްދޫން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމުގެ އިތުރުން، ލީޑު ފުޅާކުރުމަށް ގަމުން ވެސް ވަނީ މި ހާފުގައި އިތުރަށް މަސައްކަތް ކޮށްފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހާފުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލިބުނުއިރު، 11 ވަނަ މިނިޓްގައި ގަމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޙަސަން ޝިހުބާން އެވެ.
ނަތީޖާ ހަމަހަމަކުރުމަށް އިސްދޫން ގިނަ މަސައްކަތްތަކެއް ކުރި މި ހާފު ފެނުނީ ފައުލް ގިނަ ހާފެއްގެ ގޮތުގަ އެވެ. އިސްދޫން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި އުންމީދު އާކުރީ 14 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ދުރު ޕެނަލްޓީއިން ނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލޫތު އަޙްމަދު ފަތުހީ އެވެ. މި ލަނޑާއިއެކު އިސްދޫން އިތުރަށް ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ އިތުރު ވަގުތުގައި އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިސްދޫއަށް ލިބުނު ދުރު ޕެނަލްޓީ ކާމިޔާބުކޮށް މި ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ލޫތު އަޙްމަދު ފަތުހީ އެވެ.
2-2 އިން ޑްރޯވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިސްދޫ ޓީމުގެ ޢަލީ ހުމޭޒު އެވެ.
މި އަތޮޅުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އެވެ.
