ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ލ. އަތޮޅު މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އިސްދޫ ހޯދައިފި އެވެ. މި އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވާ ތިން ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހުނު ލީގު ބުރު މިރޭ ނިމިފައި ވާއިރު، ފަހު މެޗުގައި ބައްދަލުކުރީ އިސްދޫ އާއި ފޮނަދޫ އެވެ. މުބާރާތުގައި ގަން ކުޅެން ޖެހޭ ދެ މެޗު ނިމުނުއިރު، އެ ޓީމުން ވަނީ ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. މުބާރާތުގެ ފަހު މެޗާއި ހަމައަށް ދިޔައިރު އިސްދޫއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ފޮނަދޫއަށް ޕޮއިންޓެއް ނުލިބެ އެވެ. މި މެޗަށް ނުކުތްއިރު، ފައިނަލަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ. މެޗު ކާމިޔާބުކޮށްގެން ފައިނަލަށް ދިއުމުގެ ފުރުސަތު ފޮނަދޫއަށް އޮތްއިރު، ފޮނަދޫ މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އިސްދޫއަށެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އިސްދޫ އެވެ. މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އިސްދޫއިން ހޯދިއިރު، ގިނަ ފުރުސަތުތައް ގޯލާއި އަމާޒުކޮށްލުމުގެ ކުރިން ފޮނަދޫ ކުޅުންތެރިން ވަނީ ދިފާއުކޮށްފަ އެވެ. އަދި ބައެއް ފުރުސަތުތައް ގޯލާއި އަމާޒުކޮށްލެވޭ ގޮތެއް ނުވި އެވެ. މުޅި ޓީމް ފަހަތުގައި މަޑުކޮށް ޑިފެންސިވް ގޭމެއް ކުޅުނު ފޮނަދޫން އިސްދޫގެ ހަމަލާތައް ދިފާއުކުރުމުގައި ކާމިޔާބު ހޯދިއިރު، ކައުޓާރ އެޓޭކެއްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ހޯދި އެވެ.
ކީޕަރާއިއެކު މުޅ ޓީމު ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން ކުޅުނު އިސްދޫން ލީޑު ނެގީ 12 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ހުމޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހްސަން ރަޝާދު އެވެ. މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ އިސްދޫ އެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ވެސް ހޯދީ އެ ޓީމެވެ. ނަތީޖާ ހަމަހަމަކުރުމަށް ފޮނަދޫން ގިނަ މަސައްކަތްތަކެއް ކުރި މި ހާފުގައި އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވޭގޮތެއް ނުވި އެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އިސްދޫ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށި މާ ގިނައިރެއް ނުވަނީސް، އިސްދޫން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. 21 ވަނަ މިނިޓްގައި އިސްދޫއަށް މި ލަނޑު ޖަހައިދިނީ އަލީ މީޝާޤް އީސާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެދުރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި، ފޮނަދޫ އޭރިޔާ ކައިރިން އަހްސަން ދިނުމަށްފަހު ދެވަނަ ފަހަރަށް ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ދެވަނަ ހާފު ފެށި ފޯރީގައި ކުޅެމުންދިޔަ އިސްދޫން ވަނީ ދެވަނަ ލަނޑަށް މާ ގިނައިރެއް ނުވެ ތިންވަނަ ލަނޑު ޖަހާފަ އެވެ. 24 ވަނަ މިނިޓްގައި އިސްދޫއަށް މި ލަނޑު ޖަހައިދިނީ އަޙްމަދު އަފްސަމް އެވެ. އަފްސަމް މި ލަނޑު ޖަހާފައިވަނީ ފޮނަދޫ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ރޮނގު ކައިރިން ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރުމުން، ދެވަނަ ފަހަރަށް ހޯދައި ގޯލްގެ ތެރެއަށް ވައްދާލައިގެން ނެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އިސްދޫން ހޯދި މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
3-0 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ އިސްދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަލީ މީޝާޤް އީސާ އެވެ.
މި އަތޮޅުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އެވެ.
