ނެޓްފްލިކްސްއިން އަލަށް ގެނެސްދޭ ލައިވް-އެކްޝަން ސީރީޒް “ސްކޫބީ-ޑޫ: އޮރިޖިންސް” ގެ ފުރަތަމަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތްތައް ރަސްމީކޮށް ނިންމާލައިފިއެވެ. ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މި ކެރެކްޓާތަކުގެ ވާހަކަ ޒަމާނީ ގޮތަކަށް ކިޔައިދޭ މި ސީރީޒް ނެޓްފްލިކްސް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުއެވެ.
މި ފްރެންޗައިޒްގެ ތާރީޚުގައި އަލަށް، މި ސީރީޒްގައި ސްކޫބީ-ޑޫގެ ރޯލު ކުޅެފައިވަނީ އަސްލު ގްރޭޓް ޑޭން ބާވަތުގެ ކުއްތާއެކެވެ.
މި ސީރީޒްގެ މައިގަނޑު ތަރިންނަކީ މެކެނާ ގްރޭސް، ޓެނާ ހޭގަން، މެކްސްވެލް ޖެންކިންސް އަދި އެބީ ރައިޑާ ފޯޓްސަންއެވެ. ނެޓްފްލިކްސްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ ޑެފްނީ ބްލޭކްގެ ރޯލުން ފެންނަ މެކެނާ ގްރޭސް އަދި ފްރެޑް ޖޯންސްގެ ރޯލުން ފެންނަ މެކްސްވެލް ޖެންކިންސްގެ ފޮޓޯތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން، ނޯވިލް “ޝެގީ” ރޮޖާސްގެ ރޯލު ޓެނާ ހޭގަން ކުޅޭއިރު، ވެލްމާ ޑިންކްލީގެ ރޯލު އަދާކުރަނީ އެބީ ރައިޑާ ފޯޓްސަންއެވެ.
8 އެޕިސޯޑުގެ މައްޗަށް އެކުލެވޭ “ސްކޫބީ-ޑޫ: އޮރިޖިންސް” ގެ ފުރަތަމަ ސީޒަންގެ ވާހަކަ ބިނާވެފައިވަނީ މި ޓީނޭޖް ގްރޫޕުގެ އެންމެ ފަހު ޗުއްޓީ ދުވަސްވަރު “ކޭމްޕް ރޫބީ-ސްޕިއާސް” ގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. އެގޮތުން، ޣައިބީ ބާރަކުން ހިންގާ މަރުގެ ހާދިސާއެއްގެ ވަށައިގެން ވާހަކަ އެނބުރޭއިރު، މި ހާދިސާ ހަމަލޮލަށް ފެނުނު ހަމައެކަނި ފަރާތަކީ ސްކޫބީ-ޑޫ އެވެ. މި ހާދިސާގެ ހަޤީޤަތް ހޯދުމުގެ ތެރޭގައި އެ ކުދިންގެ އެތައް ސިއްރުތަކެއް ފަޅާއަރާ ހިސާބަށް ކަންކަން ދެއެވެ.
ސްކޫބީ-ޑޫ ފްރެންޗައިޒް ފެށިގެން އައީ 1969 ވަނަ އަހަރު ޖޯ ރޫބީ އަދި ކެން ސްޕިއާސް އުފެއްދި “ސްކޫބީ-ޑޫ، ވެއާ އާ ޔޫ!” އެނިމޭޓެޑް ސީރީޒުންނެވެ. ފްރެޑް، ޑެފްނީ، ވެލްމާ، ޝެގީ އަދި ވާހަކަދައްކާ ކުއްތާ ސްކޫބީ-ޑޫ އެކުވެގެން އާދަޔާ ޚިލާފު ކަންކަމުގެ ހަޤީޤަތް ހޯދުމަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ މި ސިލްސިލާގެ ތެރެއިން މިހާތަނަށް 45 ފިލްމު ވަނީ އުފައްދާފައެވެ. އޭގެ ތެރޭގައި ސިނަމާތަކުގައި އެޅުވި ފިލްމުތަކާއި، ޑައިރެކްޓް-ޓު-ވީޑިއޯ އަދި ލައިވް-އެކްޝަން ފިލްމުތައް ހިމެނެއެވެ.
