ލޭޝް އެކްސްޓެންޝަން (އިތުރު އެސްފިޔަ) ޖަހާ ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން ހެދި އައު ދިރާސާއަކުން، މައިކްރޯސްކޯޕްގެ އެހީގައި ބެލިބެލުމުން ނުތަނަވަސްކަން އުފެދޭ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ.
ޔޫކްރެއިންގެ ދިރާސާވެރިން، ގަވާއިދުން އެކްސްޓެންޝަން ޖަހާ 25 ޒުވާން އަންހެނެއްގެ އެސްފިޔަތައް ތަހުލީލުކުރިއިރު، އޭގެ ތެރެއިން 24 މީހެއްގެ އެސްފިޔައިގެ ބުޑުގައި ހަމުގެ ކުދި ސޫފިތަކެއް (މައިޓްސް) އުޅޭކަން ވަނީ ފެނިފައެވެ.
މީގެ އިތުރުން، ލޮލުގެ މަތީ ފަށަލަ ހިކުނަނުދީ ހިފަހައްޓައިދޭ ތެޔޮ އުފައްދާ ކުދި ގްލޭންޑްތަކަށް މައްސަލަ ދިމާވެފައިވާކަމުގެ ނިޝާންތައް ވެސް ގިނަ މީހުންގެ ކިބައިން ފެނިފައިވެއެވެ.
2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަންގައި ބޭއްވުނު ‘ޔޫރަޕިއަން ސޮސައިޓީ އޮފް ކެޓަރެކްޓް އެންޑް ރިފްރެކްޓިވް ސާޖަންސް’ ގެ 44 ވަނަ ކޮންގްރެސްގައި ހުށަހެޅި މި ހޯދުންތަކަކީ، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ 345 އަންހެނުންގެ މެދުގައި ކުރެވުނު ސާވޭއެއްގެ ނަތީޖާއެވެ.
މި ގްރޫޕްގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މީހުންނަކީ އެކްސްޓެންޝަން ޖަހާފައިވާ މީހުން ކަމަށްވާއިރު، އޭގެ ތެރެއިން 58 އިންސައްތަ މީހުން ކޮންމެ ތިން ހަފުތާއަކުން ނުވަތަ ހަތަރު ހަފުތާއަކުން އެކްސްޓެންޝަން އައު ކުރެއެވެ.
އެސްފިޔަތަކުން ދިރާސާވެރިންނަށް ފެނުނު އެއްޗަކީ ކޮބައި؟
މި ދިރާސާއިން ފެނުނު ސޫތްޕަކީ އިންސާނާގެ ހަމުގައި ހުންނަ އިސްތަށީގެ ބުޑުތަކުގައި ދިރިއުޅޭ ‘ޑެމޮޑެކްސް ފޮލިކިއުލޯރަމް’ ނަމަކަށް ކިޔާ މައިކްރޯސްކޯޕިކް ޕެަރަސައިޓެކެވެ.
މިއީ އާންމުކޮށް މޫނުމަތިން ފެންނަ އެއްޗެއް ނަމަވެސް، އެސްފިޔައިގެ ބުޑުގައި މީގެ އަދަދު އާދަޔާ ހިލާފަށް އިތުރުވުމަކީ ‘ޑެމޮޑިކޯސިސް’ ކިޔާ ބައްޔަކަށް މަގުފަހިވާ ކަމެކެވެ. މީގެ ސަބަބުން ކެހުމާއި، ރަތްވުމާއި، ލޮލުގެ ބޮޑުކޮޅު ދުޅަވުމާއި، އެސްފިޔަތައް ތަތްވުމުގެ އިތުރުން އެސްފިޔައިގެ ބުޑުން ހަންފޮޅުން ފަދަ ކަންކަން މެދުވެރިވެއެވެ.
މައިކްރޯސްކޯޕިކް ތަހުލީލަށް އެސްފިޔައިގެ ސާމްޕަލް ދިން 25 އަންހެނުންގެ ތެރެއިން 18 މީހެއްގެ ކިބައިން މިފަދަ އުނދަގޫތަކުގެ ނިޝާންތައް ފެނިފައިވެއެވެ.
އެކްސްޓެންޝަން ބޭނުންކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (47.6 އިންސައްތަ) މީހުން، އެކްސްޓެންޝަން ޖެހުމަށްފަހު އުނދަގޫވުމާއި، ރަތްވުމާއި، ކަރުނަ އައުމާއި ނުވަތަ ކެހުން ފަދަ މައްސަލަތައް ކުރިމަތިވާކަމަށް ބުނެފައިވެއެވެ.
އެންމެ ބޮޑު މައްސަލަ އުޅެނީ އެސްފިޔައިގެ އެތެރޭގައި
ލޮލުގެ ބޮޑުކޮޅުގެ އެތެރޭގައި ‘މައިބޯމިއަން ގްލޭންޑްސް’ ކިޔާ ތެޔޮ އުފައްދާ ކުދި ގްލޭންޑްތަކެއް ހުރެއެވެ. މި ގްލޭންޑްތަކުން އުފައްދާ ތެލަކީ ލޮލުގެ ކަރުނަ ފަށަލައިގެ މަތީގައި ތުނި ފަށަލައެއް އުފައްދައި، ލޮލުގެ ފެން ހިކުނަނުދީ ހިފަހައްޓައިދޭ އެއްޗެކެވެ.
މި ގްލޭންޑްތައް ބެދި ނުވަތަ ރަނގަޅަށް މަސައްކަތް ނުކުރާނަމަ، ކަރުނަ ފަށަލަ ހަލާކުވެ، ލޯ ހިކުމާއި، ލޮލަށް އެއްޗެއް ހެރުން ފަދަ އިހުސާސްވުމާއި، ދިލަނެގުން ފަދަ ދާއިމީ މައްސަލަތައް ކުރިމަތިވެއެވެ.
ދިހަ ފަހަރަށްވުރެ ގިނައިން ލޭޝް އެކްސްޓެންޝަން ޖަހާފައިވާ އަންހެނުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ކިބައިން، އިންފްރާރެޑް އިމޭޖިންގް ބޭނުންކޮށްގެން ބެލިއިރު، މައިބޯމިއަން ގްލޭންޑްގެ މަސައްކަތަށް ބުރޫއަރާފައިވާކަމުގެ ނިޝާންތައް ވަނީ ފެނިފައެވެ.
ލޯ ހިކޭ މައްސަލަ ހުންނަ މީހުންގެ މެދުގައި ވެސް ޑެމޮޑެކްސް މައިޓްސްއަކީ އާންމު ކަމެއް
އެމެރިކަން އެކަޑަމީ އޮފް އޮފްތަލްމޮލޮޖީން ފާހަގަކުރާ ގޮތުގައި، އެސްފިޔައިގެ ބުޑުގައި ޑެމޮޑެކްސް މައިޓްސް ގިނަވުމުގެ ސަބަބުން ލޮލުގެ ބޮޑުކޮޅު ދުޅަވުމުގެ މައްސަލަ ކުރިމަތިވެއެވެ.
ބަލިމީހުން އާންމުކޮށް ޝަކުވާ ކުރަނީ ލޮލުން ދިލަނެގުމާއި، ހަންފޮޅުމާއި، ލޮލަށް އެއްޗެއް ވަދެފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވޭތީއެވެ. ގިނަ ފަހަރަށް މި މައްސަލައަކީ އާދައިގެ ލޯ ހިކުމުގެ މައްސަލައެއް ކަމަށް ހީކޮށް އޮޅުން އަރައެވެ.
ދިރާސާކުރި ފަރާތުގެ އިރުޝާދު
މި ދިރާސާ އިސްވެ ހިންގެވި ޔޫކްރެއިންގެ ނޭޝަނަލް ޕިރޮގޮވް މެމޯރިއަލް މެޑިކަލް ޔުނިވަރސިޓީގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑރ. ޓެޓިއާނާ ޒްމޫޑް ވިދާޅުވާ ގޮތުގައި، މީގެ މާނައަކީ ލޭޝް އެކްސްޓެންޝަން ބޭނުންކުރުން ހުއްޓާލުމެއް ނޫނެވެ.
އެކަމަނާ ބާރުއެޅުއްވީ ކޮންމެ ދުވަހަކު ލޮލުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށެވެ. އެގޮތުން، އެސްފިޔަތަކަށް ޚާއްޞަ ބުރުހަކާއި، އެލާޖީ ނުވާނެ ފަދަ ޖެލްއެއް ބޭނުންކޮށްގެން ދުވާލަކު ދެ ފަހަރު އެސްފިޔަތައް ސާފުކުރުމަށް އިރުޝާދު ދެއްވިއެވެ.
ސޫފި އަށަގަނެފައިވާކަން ޑޮކްޓަރަކު ކަށަވަރުކޮށްދީފިނަމަ، އެކަމަށް ޚާއްޞަ ފަރުވާއެއް ހޯދުމަށް ވެސް އެކަމަނާ ލަފާދެއްވިއެވެ.
މީގެ އިތުރުން، މި ދިރާސާގައި ހުރި ބައެއް އުނިކަންތައްތައް ވެސް ދިރާސާވެރިން ފާހަގަކުރިއެވެ. އެގޮތުން ސާމްޕަލް ނެގުނު މީހުންގެ އަދަދު މަދުވުމާއި (25 މީހުން)، އެކްސްޓެންޝަން ޖަހާފައި ނުވާ މީހުންނާ އަޅާކިޔުމެއް މި ދިރާސާގައި ހިމަނާފައެއް ނުވެއެވެ.
މި ސޫފިތައް އިތުރުވުމާއި ގްލޭންޑްތަކަށް ލިބޭ ގެއްލުމަކީ ސީދާ އެކްސްޓެންޝަންގެ ސަބަބުން ދިމާވާ ކަމެއްތޯ ނުވަތަ އެހެން ސަބަބުތަކާ ހުރެ ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށްޓަކައި، މިއަށްވުރެ ފުޅާ ދިރާސާތަކެއް ކުރަންޖެހެއެވެ.
އެކްސްޓެންޝަން ޖަހާނަމަ ސަމާލުވާންޖެހޭ ކަންތައްތައް
ލޮލުގެ ޑޮކްޓަރަކަށް ދައްކަންޖެހޭ ނުރައްކަލުގެ ނިޝާންތަކުގެ ތެރޭގައި؛ އެސްފިޔައިގެ ބުޑުގައި ދާއިމީކޮށް ކެހުން ނުވަތަ ދިލަނެގުން، ލޮލުގެ ބޮޑުކޮޅު ރަތްވެ ދުޅަވުން، އެސްފިޔައިގެ ބުޑުގައި ހަންފޮޅުން ނުވަތަ ހުދުކުލައިގެ އެއްޗެހި އުފެދުން، ހެނދުނު ހޭލާއިރު އެސްފިޔަތައް ތަތްވެފައި ހުރުން، އަދި އާދައިގެ ލޮލަށް އަޅާ ބޭހުން ރަނގަޅުނުވާ ގޮތަށް ލޯ ހިކޭހެން ހީވުން ހިމެނެއެވެ.
މި ބަލީގެ އަލާމާތްތަކާއި އާދައިގެ ލޯ ހިކުމުގެ އަލާމާތްތައް ވަރަށް އެއްގޮތްވުމުން، ބަލި ދެނެގަތުމަށްޓަކައި މައިކްރޯސްކޯޕް ބޭނުންކޮށްގެން ލޮލުގެ ބޮޑުކޮޅު ބަލައި ތަހުލީލުކުރަން ޖެހެއެވެ.
ފަރުވާގެ ގޮތުގައި ފުރަތަމަ މަރުހަލާގައި ހޫނު ފެނުން ފޮތިގަނޑެއް ތެންމައިގެން ފޮހުމާއި، އެސްފިޔައިގެ ބުޑު ސާފުކުރުން ހިމެނެއެވެ. އަދި ސޫފި އަށަގަނެފައިވާކަން ކަށަވަރުވާ ހާލަތްތަކުގައި ބޭނުންކުރާނެ ޚާއްޞަ ބޭސްތައް ވެސް ހުރެއެވެ.
