ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ވިކްޓަރީ ސްޕޯރޓްސް ކުލަބް އެއްވަނައިގައި ހަމަޖެހިލައިފި އެވެ. ލީގުގެ ހަވަނަ މެޗުގައި އިއްޔެ ހަވީރު، ގަލޮޅު ދަނޑުގައި ބައްދަލުކުރީ ވިކްޓަރީ ސްޕޯރޓްސް ކުލަބާއި ދިއްދޫ އެވެ. މިއީ ލީގުގައި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޓީސީއާ ބައްދަލުކޮށް ވިކްޓަރީ މޮޅުވެފައިވާއިރު ދިއްދޫން ވަނީ ބިސްބުރާ ވާދަކޮށް މޮޅުވެފަ އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވިކްޓަރީ އެވެ. 30 ވަނަ މިނިޓްގައި ވިކްޓަރީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒުވާން އެވެ. ރިޒްވާން މި ލަނޑު ޖަހާފައިވަނީ ވިކްޓަރީން އުފެއްދި ހަމަލާއެއް ދިއްދޫ ކީޕަރު އޭރިޔާ ބޭރުން ދިފާއުކުރި ބޯޅަ، އެ ޓީމުގެ ހާފުގެ މެދަކާއި ހިސާބުން އަރިމަތީ ރޮނގު ކައިރިން ހޯދައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް މަތިމަތިން ފޮނުވާލައިގެން ނެވެ.
ފުރަތަމަ ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ ވިކްޓަރީން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. 31 ވަނަ މިނިޓްގައި ވިކްޓަރީއަށް މި ލަނޑު ޖަހައިދިނީ ނާއިޒް ޙަސަން (ދާދު) އެވެ. ނާއިޒް މި ލަނޑު ޖަހާފައިވަނީ ރިޒްވާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލު ކުރިމަތީ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ.
ނަތީޖާ ހަމަހަމަކުރުމަށް ދިއްދޫން ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި ދެން ވެސް ފެނުނީ ވިކްޓަރީގެ ލަނޑެކެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ވިކްޓަރީއަށް އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަޙްމަދު ރިޒްވާން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވިކްޓަރީގެ ކުޅުންތެރިއަކު ދިއްދޫ ޑިފެންޑަރުންގެ ފަހަތަށް ޖައްސާލި ބޯޅަ ހޯދައިގެން އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ދިއްދޫން ދެއްކިއިރު، 54 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ފުރަތަމަ ލަނޑު ޖަހާފަ އެވެ. އޭރިޔޭ ތެރެއިން ވިކްޓަރީ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޓެއްޓެހް ގިޑިއޮން އެވެ. މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ދިއްދޫން ނެވެ. ދިއްދޫން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވިކްޓަރީގެ ކީޕަރު ދިފާއުކުރިއިރު، 63 ވަނަ މިނިޓްގައި ދިއްދޫން ވަނީ އިތުރު ލަނޑެއް ޖަހައި އުންމީދު އާކޮށްފަ އެވެ. ދިއްދޫއަށް ދެވަނަ ލަނޑު ޖަހައިދިނީ ހުސައިން ޒިމްޔާން އެވެ. ޒިމްޔާން މި ލަނޑު ޖަހާފައިވަނީ ވިކްޓަރީގެ ކީޕަރު ޔާމީން ދިފާއުކުރަން މަސައްކަތްކުރި ބޯޅައެއް ހޯދައި ޔާމީން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ވިކްޓަރީއަށް ނުކުރެވި އުޅެނިކޮށް ދިއްދޫން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. 83 ވަނަ މިނިޓްގައި ދިއްދޫއަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޓެއްޓެހް ގިޑިއޮން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ސެންޓަރ ސާކަލް ކައިރިން ވިކްޓަރީ ހާފުތެރެއިން ލިބުނު ބޯޅައެއް، ކީޕަރު ޔާމީން ބޯ މަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
މޮޅެއް ހޯދައި ލީގު އެއްވަނައިގައި ހަމަޖެހިލުމަށް ދެ ޓީމުން ކުރަމުންދިޔަ މަސައްކަތް ދެވަނަ ފަހަރަށް ވިކްޓަރީއަށް ކާމިޔާބުވީ ދިއްދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުން ނެވެ.
3-4 އިން މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި ވިކްޓަރީ ހަމަޖެހިލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓަރީގެ އަޙްމަދު ރިޒްވާން އެވެ.
ލީގުގެ ދެ މެޗު މިއަދު ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ހަވީރުގެ މެޗުގައި އޮޑި ސްޕޯރޓްސް އާއި ބުރު ސްޕޯރޓްސް ބައްދަލުކުރާއިރު، ރޭގަނޑުގެ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި މާޒިޔާ އެވެ.
