ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ ހަތްވަނަ މެޗުން މޮޅުވެ ލީގުގެ ހަ ވަނައަށް ޓީސީ ޖެހިލައިފިއެވެ. އިއްޔެ ހަވީރު ގައްދޫ ދަނޑުގައި ކުޅުނު މިމެޗްގައި ބައްދަލުކުރީ، ދިވެހި ޕްރިމިއާރ ލީގަށް އަލަށް ކޮލިފައިވި ގައްދޫ އާއި ދިވެހި ޕްރިމިއާރ ލީގުގައި ކުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ޓީސީ އެވެ. މިއީ ލީގުގައި ދެޓީމުން ވެސް ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވިކްޓަރީ އާއި ބައްދަލުކޮށް ޓީސީ ބަލިވެފައިވާއިރު، ގައްދޫ ބަލިވެފައިވަނީ ނިއުރޭޑިއަންޓާއި ބައްދަލުކޮށެވެ.
ގައްދޫ އާއި ޓީސީ ބައްދަލުކުރި މެޗް ފަށައިގެން ގައްދޫން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ޓީސީން ވަނީ ކުޅުން ރަނގަޅުކޮށް 8 ވަނަ މިނިޓްގައި ލީޑު ނަގާފައެވެ. ޓީސީއަށް މި ލަނޑު ޖަހައިދިނީ މަހްމޫދު އަޝްރަފް މަހްމޫދު މުސްތަފާ އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ، ޓީސީގެ ކީޕަރު ފޮނުވާލި ބޯޅައެއް ގައްދޫ ހާފު ތެރެއިން ހޯދައި، ގައްދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ނަތީޖާ ހަމަހަމަ ކުރެވޭތޯ ގައްދޫން މަސައްކަތް ކުރަމުން ދަނިކޮށް މެޗްގެ 11 ވަނަ މިނިޓްގައި ޓީސީން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ޓީސީގެ ކުޅުންތެރިއަކު ގައްދޫ އޭރިޔާތެރެއަށް ޖައްސާލި ބޯޅައެއް ހޯދައި ކީޕަރުގެ ބޯމަތިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޓީސީއަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައި ދިން މަހްމޫދު އަޝްރަފް މަހްމޫދު މުސްތަފާ އެވެ.
މި ލަނޑަށްފަހު ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.
ގާތްގާތުގައި ޖެހި ދެ ލަނޑާއިއެކު މެޗްގެ ކޮންޓްރޯލް ހޯދި ޓީސީން ވަނީ ހާފުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކައި 21 ވަނަ މިނިޓްގައި 3-0 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ. މި ލަނޑު ޓީސީން ޖަހާފައި ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން މަގްސަން ޑޮއުރާޑޯ އެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގައްދޫއަށް ވެސް ލިބުނު މިމެޗްގައި އެޓީމުން ޖެހި، ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުން ނެވެ. 44 ވަނަ މިނިޓްގައި ގައްދޫއަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖެމޮވިކް އުރޯސް އެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ހިފައި ގައްދޫން ވަނީ ހާފުގެ ފަހުކޮޅި ދެވަނަ ލަނޑު ޖަހައި އުންމީދު އާކޮށްފައެވެ. 85 ވަނަ މިނިޓްގައި ގައްދޫއަށް މި ލަނޑު ޖަހައި ދިނީ އެމަނުއެލް އޮލުބެންގާ މަކިންޑާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެޓީމަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ވަގުތު ކީޕަރު ދިފާއުކުރުމުން ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
3-2 އިން ނިމިދާނެކަމަށް ބެލެވުނު މިމެޗްގެ އިތުރު ވަގުތު ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ 2-4 އަށް ބަދަލުކޮށްފައެވެ. ޓީސީއަށް މިލަނޑު ޖަހައި ދިނީ މާޔިޒް ވަހީދު އެވެ.
4-2 އިން ޓީސީ މޮޅުވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މަހްމޫދު އަޝްރަފް މަހްމޫދު މުސްތަފާ އެވެ.
މިމެޗް ކުޅެމުންދިޔަ ވަގުތު، އިއްޔެ ހަވީރު ގަލޮޅުދަނޑުގައި ވެސް ދިވެހިޕްރިމިއާރ ލީގު މެޗެއް ކުޅެފައެވެ. މިމެޗްގައި ބައްދަލުކުރީ ވިކްޓަރީ ސްޕޯރޓްސް ކުލަބާއި ދިއްދޫ އެވެ.
