ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދަރިން ބޮޑެތި ކުރެވެނީ މި އެންމެ ރަނގަޅަށްތަ؟
މުނިއަވަސް ގްރެފިކްސް

ދަރިންނަކީ މާތް ﷲ އިންސާނާއަށް ދެއްވާ އެންމެ އަގުބޮޑު އެއް ނިޢުމަތެވެ. އެއީ ދިރިއުޅުމުގެ އުފަލާއި، ލޮލުގެ ފިނިކަމެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި ދަރިން ބޮޑެތިވަމުން އަންނަ ގޮތާއި، މައިންބަފައިން އެކުދިން ތަރުބިއްޔަތު ކުރަމުންދާ ގޮތާމެދު ވިސްނާލުމުން، “ދަރިން ބޮޑެތި ކުރެވެނީ ހަމަ އެންމެ ރަނގަޅަށްތަ؟” މި ސުވާލު ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދެއެވެ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް ފުންކޮށް ވިސްނާ، އަމިއްލަ ނަފްސާ ކޮށްލަން ޖެހިފައިވާ މުހިންމު ސުވާލެކެވެ.

އިސްލާމްދީނުގައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އިސްލާމީ ތަރުބިއްޔަތަކީ ހަމައެކަނި ދަރިންނަށް ކާންބޯންދީ، އަންނައުނު ހޯދައިދިނުމެއް ނޫނެވެ. އެއީ އެކުދިންގެ ހިތްތަކުގައި މާތް ﷲ އަށް ބިރުވެތިވުމާއި، އިސްލާމީ ރިވެތި އަޚްލާޤާއި ސުލޫކު އަށަގެންނެވުމެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ދަރިންނަށް ހޯދައިދެވޭނީ އިސްލާމީ ހަމަތަކުގެ މަތިން އެކުދިން ބޮޑެތިކޮށްގެންނެވެ.

ދަރިންނަކީ މާތް ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެކެވެ. ޤިޔާމަތް ދުވަހުން އެ އަމާނާތާމެދު ސުވާލުވެވޭނެއެވެ. ދަރިންނަށް ދީނީ ތަޢުލީމު އުނގަންނައިދީ، ޙަލާލާއި ޙަރާމް ވަކިކޮށްދީ، މުޖުތަމަޢަށް ފައިދާހުރި ޞާލިޙު ބައެއްގެ ގޮތުގައި ބޮޑެތިކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. މި އަމާނާތަށް ޚިޔާނާތްތެރިވެވިއްޖެނަމަ، އޭގެ ނަތީޖާ ދުނިޔެއާއި އާޚިރަތުގައިވެސް ހިތިވާނެއެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ލޯތްބާއި ކުލުނަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ދަރިންނާ ދޭތެރޭ ހަރުކަށިވެ، އަނިޔާވެރިވެ، އިހާނެތިކޮށް ކަންތައް ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ރުޅިވެރިކަމާއި އަނިޔާގެ ތެރޭގައި ބޮޑެތިވާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލި، މުޖުތަމަޢަށް ނުރައްކާތެރި، ބަދަލުހިފުމުގެ ރޫޙު ހުންނަ ބަޔަކަށް ވެގެންދެއެވެ. އެހެންކަމުން، ކުދިންނަށް ކުށެއް ކުރެވުނު ކަމުގައި ވިޔަސް، ނަޞޭޙަތްދީ އިޞްލާޙު ކުރަންވާނީ ކެތްތެރިކަމާއި ޙިކުމަތްތެރިކަމާ އެކުގައެވެ.

މިވެސް ކިޔާލަން:  މަހްލޫފް ގެ ތަފާތު ވީޑިއޯއެއް - ދެނީ ކޮން މެސެޖެއްބާ؟

މިއަދުގެ މުޖުތަމަޢުން ފެންނަ އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ދަރިންނަށް މާ ބޮޑަށް ދޫދެވި، ހައްދެއް ނެތް މިނިވަންކަން ދެވޭ މައްސަލައެވެ. ލޯބި ދިނުމުގެ ނަމުގައި ކުދިން އެދޭހާ ކަމެއް ކޮށްދީ، ސްކްރީންތަކަށާއި ސޯޝަލް މީޑިއާއަށް ދޫކޮށްލެވިފައިވުމުގެ ސަބަބުން، ކުދިން ބޮޑެތިވަމުން އަންނައިރު މައިންބަފައިންގެ އަތުން އެކުދިން އެދަނީ ބީވެގެންނެވެ. ކުދިންގެ ވިސްނުމާއި ފިކުރު ބައްޓަންކުރަނީ މައިންބަފައިންގެ ބަދަލުގައި ބޭރުގެ ނުފޫޒުތަކުންނެވެ. ނަތީޖާއެއްގެ ގޮތުން، ބޮޑެތިވެގެން އަންނައިރު މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ޢާއިލީ ގުޅުންތައް ކެނޑި، ނުބައި މަގުތަކަށް އެކުދިން ދާ މަންޒަރު ދަނީ އާންމުވަމުންނެވެ.

ދަރިން ބޮޑެތި ކުރުމަކީ މެދުމިންކަން، ގެންގުޅެންޖެހޭ ނާޒުކު ކަމެކެވެ. މާބޮޑަށް ހަރުކަށިވެ އިހާނެތިވުމެއް ނެތި، އަދި ހައްދުފަހަނައަޅާފައިވާ ދޫދިނުމެއްވެސް ނެތި، އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތީގައި ދަރިން ބޮޑެތިކުރަން ޖެހެއެވެ. ދަރިންނަކީ ﷲ ދެއްވި އަމާނާތެއްކަން ދަނެ، އެކުދިންނަށް ވަގުތުދީ، ދީނީ ތަރުބިއްޔަތު ދީގެން ބޮޑެތިކޮށްފިނަމަ، މައިންބަފައިންގެ އަތުން އެކުދިން ބީވެގެން ނުގޮސް، ދެދުނިޔޭގެ ކާމިޔާބީ ޙާޞިލުކުރެވޭނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top