އަނިޔާވެރި ގުޅުމަކުން ވަކިވުމަކީ ހަމައެކަނި އެތަނުން ނުކުމެގެން ދިއުމެއް ނޫނެވެ. ބައެއް ފަހަރު އެއީ އެކަމުން ސަލާމަތްވެ، ދިރިހުރުމަށްޓަކައި ވަރަށް ފަރުވާތެރިކަމާއެކު ރޭވުންތަކެއް ރޭވުމެވެ.
ގެވެށި އަނިޔާގެ ވާހަކަ ދެކެވޭ ހިނދު އެންމެ އާންމުކޮށް ކުރެވޭ އެއް ސުވާލަކީ “އެ ގުޅުން އެހާ ގޯސްނަމަ، ތިބާ އެތަނުން ވަކިވެގެން ނުދަނީ ކީއްވެ؟” މިއެވެ.
ބޭރުފުށުން ބަލާ މީހަކަށް، އެ ގުޅުން ދޫކޮށްލުމަކީ އެންމެ ސީދާ ހައްލު ކަމުގައި ފެނިދާނެއެވެ. ނަމަވެސް، އަނިޔާވެރި ގުޅުމަކުން ސަލާމަތްވުމަކީ ހަމައެކަނި ފޮށި ތައްޔާރުކޮށް، ދޮރު ލައްޕާފައި އާ ފެށުމަކުން ފެށުން ފަދަ ފަސޭހަ ކަމެއް ނޫންކަން ގިނަ ބަޔަކަށް ފަހުމެއް ނުވެއެވެ.
އަނިޔާކުރާ މީހާގެ ކިބައިން ހަމައެކަނި ވަކިވެގަނެވެނީއެއް ނޫނެވެ. އެކަމުން ސަލާމަތްވާނެ ގޮތް ރާވައި، ދަރިން ރައްކާތެރިކޮށް، މާލީ ކަންކަން ހަމަޖައްސައި، ދާނެ އަމާން ތަނެއް ހޯދައި، އަދި ވަކިވުމަށްފަހު ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވާން ޖެހެއެވެ.
އަނިޔާއަކީ އަބަދުވެސް ހަމައެކަނި ޖިސްމާނީ ގޮތުން ދެވޭ އަނިޔާއެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުންނާއި، ބަހުގެ ހަމަލާތަކުންނާއި، މާލީ ގޮތުން ދަތިކުރުމާއި، އަދި އިންތިހާއަށް ކޮންޓްރޯލްކުރުން ކަމުގައި ވެދާނެއެވެ. މިކަން ފެށިގެން އަންނަނީ ލޯބީގެ ނަމުގައި ވެވޭ ހަސަދަވެރިކަމާއި، އޯގާތެރިކަމުގެ ނަމުގައި ރޭވޭ މަކަރުވެރި ރޭވުންތަކާއި، އަދި ރައްކާތެރިކަމުގެ ނަމުގައި ކުރެވޭ ބާރު ފޯރުވުމުގެ ތެރެއިންނެވެ.
ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، އަނިޔާ ލިބޭ މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، އެކަހެރިވެ، އަމިއްލަ ނިންމުންތަކާމެދު ސުވާލު އުފެދެން ފަށައެވެ.
ގިނަ ފަހަރަށް އަނިޔާކުރުމާއި، މަޢާފަށް އެދުމާއި، ލޯބި ދިނުމާއި، އަދި އިސްލާހުވާނެކަމުގެ ވަޢުދުތަކުގެ ތެރޭގައި ތަކުރާރުވާ ވޭނީ ބުރުތަކެއް އޮވެއެވެ. އަނިޔާދޭ މީހާ ބައެއް ފަހަރު ހިތްހަމަޖައްސައިދޭ މީހަކަށް ވުމުން، ހާލަތު ރަނގަޅުވެދާނެކަމަށް އަނިޔާ ލިބޭ މީހާއަށް ޤަބޫލުކުރެވެއެވެ.
މީގެ އިތުރުން ބިރުވެރިކަން އޮވެއެވެ. ބަދަލުހިފުމުގެ ބިރާއި، އިންޒާރުތަކާއި، ދަރިން ވަކިވެދާނެކަމުގެ ބިރާއި، މާލީ ގޮތުން ނިކަމެތިވުމާއި، އާއިލާ އާއި މުޖުތަމައުގެ ކުރިމަތީގައި ފަޟީހަތްވުން ނުވަތަ މީހުން ފާޑުކިޔައިފާނެކަމުގެ ބިރެވެ. ބައެއް މީހުން ދާނެ އެއްވެސް ތަނެއް ނެތްއިރު، އަނެއް ބަޔަކު ތިބީ މާލީ ގޮތުން ބައިވެރިޔާއަށް މުޅިން ބަރޯސާވެފައެވެ. ބައެއް ހާލަތްތަކުގައި، ވަކިވާން އުޅުމުން ނުރައްކާ އިތުރަށް ބޮޑުވެއެވެ. ސަބަބަކީ އަނިޔާކުރާ މީހާގެ ކޮންޓްރޯލް ގެއްލެން ފެށުމުން، އޭނާގެ އަމަލުތައް އިތުރަށް ގޯސްވެ، ނުރައްކާތެރިވުމެވެ.
އަދި އެކަމުން ސަލާމަތްވުމަކީ އޭގެ ޒާތުގައި ހުރިހާ ތަކުލީފެއް ނިމުމެއް ނޫނެވެ. ދަރިންގެ ބެލެނިވެރިކަމުގެ މައްސަލަތަކާއި، މާލީ ދަތިތަކާއި، ފުރައްސާރަކުރުމާއި، މުޖުތަމައުގެ ނުރުހުމާއި، އަދި ނަފްސާނީ ގޮތުން ފަސޭހަވުމަށް ގިނަ އަހަރުތަކެއް ނަގާފާނެއެވެ. އަމިއްލަ ނަފްސަށް އިތުބާރު ހޯދުމާއި، އަލުން މީހުންނަށް އިތުބާރުކުރަން ދަސްކުރުމަކީ ވަރަށް ގިނަ ވަގުތު ބޭނުންވާ ކަމެކެވެ.
ހިތާމައަކީ، ބައެއް ފަހަރު މުޖުތަމައުން އަނިޔާކުރާ މީހާއަށްވުރެ ބޮޑަށް، އަނިޔާ ލިބޭ މީހާއާމެދު ހަރުކަށިކޮށް ސުވާލު އުފެއްދުމެވެ. ތިބާ އެތަނުގައި މަޑުކުރީ ކީއްވެ؟ އެކަމަށް ކެތްކުރީ ކީއްވެ؟ އަލުން އެނބުރި ދިޔައީ ކީއްވެ؟ ތިބާއަށް ކުރެވުނީ ކޮން ގޯސްކަމެއް؟
މަޑުކުރި ސަބަބު ބަޔާންކޮށްދިނުމަށް އަނިޔާ ލިބޭ މީހާގެ ކިބައިން އެދުމުގެ ބަދަލުގައި، ވަކިވުން އެހާ އުނދަގޫވީ ކީއްވެގެންތޯ އާއި، އެމީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އަހަރެމެންނަށް ކުރެވޭނީ ކޮން ކަމެއްތޯ ސުވާލުކުރަން ފަށަން އެބަޖެހެއެވެ.
ކައިވެންޏަކީ ލޯތްބާއި، އޯގާތެރިކަމާއި، ހަމަޖެހުމާއި އަދި މިއަށްވުރެ ބޮޑަށް އެކަކު އަނެކަކަށް ކުރާ އިޙުތިރާމުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވަނީ ކައިވެނީގެ ބައިވެރިންނަކީ އެކަކު އަނެކަކަށް އޮތް ހިތްހަމަޖެހުމެއް ކަމުގައެވެ. އަދި އެއީ އެކަކު އަނެކަކުގެ ފޭރާން ކަމުގައެވެ. އެއްވެސް މީހަކަށް އެމީހެއްގެ ބައިވެރިޔާއަށް އަނިޔާކުރުމާއި، ދަށުދަރަޖައަށް ވައްޓާލުމާއި، ބިރުދެއްކުމާއި ނުވަތަ ގެއްލުން ދިނުމުގެ ހުއްދައެއް އިސްލާމްދީން ނުދެއެވެ. ކެތްތެރިކަމަކީ މަތިވެރި ސިފައެއް ނަމަވެސް، އެއީ އަނިޔާއަށް ހަނުހުރެ ކެތްކުރުމަށް މަޖުބޫރުކުރުވާ އުޒުރަކަށް ވެގެން ނުވާނެއެވެ. ރައްކާތެރިކަމާއި، އެހީތެރިކަމާއި އަދި ސަލާމަތްތެރިކަމާއެކު އެކަމުން ނުކުތުމަށް މަސައްކަތްކުރުމަކީ އީމާންތެރިކަމުގެ ބަލިކަށިކަމެއް ނޫނެވެ. އިންސާނާގެ ކަރާމާތާއި ރައްކާތެރިކަމަކީ ނުހަނު މުހިންމު އެއްޗެކެވެ.
މީހަކު ތިބާއަށް އިތުބާރުކޮށް މިފަދަ ވާހަކައެއް ހިއްސާކޮށްފިނަމަ، ފާޑުކިޔުމެއް ނެތި އަޑުއަހާށެވެ. އެމީހުންގެ ވާހަކަ ޤަބޫލުކޮށް، އެމީހުން ނިންމާ ނިންމުންތަކަށް އިޙުތިރާމުކޮށް، އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭށެވެ. ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުމެއް ނެތި، އަނިޔާކުރާ މީހާއާ ކުރިމަތިނުލާށެވެ. ނުވަތަ ސަލާމަތްވާން ރާވާފައިވާ ރޭވުންތައް ހާމަނުކުރާށެވެ.
އަދި އަނިޔާ ތަހައްމަލު ކުރަމުންދާ ކޮންމެ މީހަކަށް ދަންނަވަމެވެ. ތިބާ މަޑުކުރި ކަމަށްޓަކައި ތިބާއީ ބަލިކަށި މީހެއް ނޫނެވެ. ކަންކަން ރަނގަޅުވާނެކަމަށް އުންމީދު ކުރިކަމަށްޓަކައި ތިބާއީ މޮޔައެއް ނޫނެވެ. އަދި އެހެން މީހެއްގެ އަނިޔާވެރިކަމުގެ ޒިންމާ އުފުލަންޖެހޭ މީހަކީވެސް ތިބާއެއް ނޫނެވެ. ތިބާއަށް ރައްކާތެރިކަމާއި، ކަރާމާތާއި، ބިރުވެރިކަމެއް ނެތް ދިރިއުޅުމެއް ޙައްޤެވެ. ނުރައްކަލެއްގެ ތެރޭގައިވާނަމަ، އިތުބާރު ހުރި ފަރާތްތަކުގެ އެހީތެރިކަމާއި ފަންނީ އެހީ ހޯދާށެވެ. އަދި ރައްކާތެރިކަމަށް އިސްކަންދީގެން ވަކިވުމުގެ ކަންކަން ރާވާށެވެ.
ބައެއް ފަހަރު ވަގުތީ ގޮތުން މަޑުކުރުމަކީ ސަލާމަތްވުމަށްޓަކައި ރޭވޭ ރޭވުމެއްގެ ބައެކެވެ. ބައެއް ފަހަރު އެތަނުން ނުކުމެވޭނީ އެތައް ފަހަރަކު މަސައްކަތް ކޮށްގެންނެވެ. އަދި ބައެއް ފަހަރު މީހަކު ކުރާނެ އެންމެ ހިތްވަރުގަދަ ކަމަކީ، ރައްކާތެރިކަމާއެކު ވަކިވެވޭނެ ދުވަހަކަށް ހިމޭންކަމާއެކު ތައްޔާރުވުމެވެ.
ވީމާ، ދެން ފަހަރަކު މީހަކާ ދިމާލަށް “ތިބާ އެތަނުން ނުދިޔައީ ކީއްވެ؟” މިހެން ބުނުމުގެ ކުރިން، ތިބާއަށް އެއްވެސް މިންވަރަކަށް ނޭނގޭ ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ މީހަކަށް އެމީހާ ވެދާނެކަން ހަނދާންކުރާށެވެ.
އޭގެ ބަދަލުގައި އެންމެ ރަނގަޅު ސުވާލަކީ “ތިބާ އަމާން ތަނަކަށް ދިއުމަށް އަހަރެންނަށް އެހީތެރިވެދެވޭނީ ކިހިނެއް؟” މިއެވެ.
ސަބަބަކީ، އަނިޔާކުރާ މީހާގެ ކިބައިން ވަކިވުމަކީ އަބަދުވެސް ހުރިހާ ކަމެއްގެ ނިމުމެއް ނޫނެވެ. ބައެއް ފަހަރު، އެއީ ސަލާމަތްވުމުގެ ފެށުމެވެ.
