ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ތަޤުދީރުގެ ވިންދު – ކުރު ވާހަކަ

މާލޭގެ ހިމޭން މަގުތަކަށް ފަތިސް ނަމާދުގެ ބަންގީގެ އަޑު ފެތުރިގެން ދިޔަ ވަގުތަކީ މަރިޔަމް އިނާޔާ ލޯ ހުޅުވާލި ވަގުތެވެ.

ކުޑަ ކޮއްކޮއާއެކު އޭނާ އުޅެމުންދާ ކުޑަ ކޮޓަރީގެ ސީލިންގަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތެވެ. މޭޒުމަތީގައި މެޑިކަލް އެންޓްރަންސް އިމްތިޙާނުގެ ފޮތްތައް ހުރީ އޮއްސާލެވިފައެވެ. އޭގެ ކައިރީގައި ހުރި ސައިތަށި ވަނީ ރޭގަނޑުގެ ފިނިކަމުގެ ތެރޭގައި ގަނޑުވެފައެވެ.

މާދަމާއަކީ އެންޓްރަންސް އިމްތިޙާނު އޮންނަ ދުވަހެވެ.

ގިނަ ބަޔަކަށް މިއީ ހަމައެކަނި އިމްތިޙާނެކެވެ. ނަމަވެސް، އިނާޔާއަށް މިއީ ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ހުވަފެނީ ދިރިއުޅުމަށް ހުޅުވޭ ދޮރެވެ.

އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އެއީ ހަމައެކަނި ލަޤަބަކަށްޓަކައެއް ނޫނެވެ. ނުވަތަ މީހުން އޭނާއަށް “ޑޮކްޓަރު މަރިޔަމް” އޭ ކިޔައި މުޚާޠަބުކުރުމަކަށްވެސް ނޫނެވެ. އޭނާ ބޭނުންވީ ބަލިމީހުންގެ ގާތުގައި އިށީނދެ، އެމީހާއަށް އަޅާލާނެ މީހަކު ހުރިކަމުގެ އިޙްސާސް ކޮށްދޭނެ ފަދަ އޯގާތެރި ޑޮކްޓަރަކަށް ވާށެވެ.

މި ހުވަފެން ފެށުނީ މީގެ އަހަރުތަކެއް ކުރިން، ލާމު އަތޮޅުގެ ރަށެއްގައެވެ.

އިނާޔާގެ އުމުރުން ތޭރަ އަހަރުގައި އޭނާގެ ބައްޕަ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވިއެވެ. އެހީތެރިކަމެއް ލިބޭތޯ އެ ޢާއިލާއިން އެތައް ގަޑިއިރަކު އިންތިޒާރުކުރިއެވެ. އެރޭ އޭނާއަށް އިޙްސާސް ކުރެވުނު ނިކަމެތިކަމުގެ ހަނދާންތައް ދުވަހަކުވެސް ފިލައިގެންނެއް ނުދެއެވެ. ބައްޕަގެ އަތުގައި ހިފަހައްޓައިގެން އިންއިރު، މަންމަ މަޑުމަޑުން ދުޢާކުރަމުން ދިޔަ މަންޒަރު އޭނާގެ ހަނދާނުގައި ހަރުލާފައި ހުއްޓެވެ.

އެރޭ އިނާޔާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. “ދުވަހެއްގެ ކޮޅުން ނަމަވެސް އަހަރެން ޑޮކްޓަރަކަށް ވާނަމެވެ. އަދި އަހަރެންގެ ސަބަބުން އެހެން ޢާއިލާއަކަށް މިފަދަ ނިކަމެތިކަމެއް އިޙްސާސްވިޔަކަ ނުދޭނަމެވެ.”

މިވެސް ކިޔާލަން:  ދެވަންސިފަ – ކުރު ވާހަކަ

އޭނާގެ ޢާއިލާއަކީ ތަނަވަސް ޢާއިލާއެއް ނޫނެވެ. ބައްޕަ ބުރަ މަސައްކަތް ކުރަމުން ދިޔައީ ޢާއިލާ ބެލެހެއްޓުމަށެވެ. މަންމަ ގޭތެރޭގެ ކަންކަމާއި ކުޑަ ކުދިން ބެލުމުގައި މަޝްޢޫލުވެ އުޅުނެވެ. އިނާޔާ މެޑިކަލް ސްކޫލަށް ފޮނުވުމަކީ އެމީހުންނަށް ދަތި ކަމަކަށް ވީނަމަވެސް، ހުވަފެން ދޫކޮށްލާކަށް ދުވަހަކުވެސް ނުބުނެއެވެ.

އޭގެ ބަދަލުގައި ބައްޕަ އަބަދުވެސް ބުނެއެވެ. “ﷲ ކަމެއް މިންވަރު ކުރައްވައިފިނަމަ، އެއްވެސް ހުރަހަކަށް އެކަމެއް ހުއްޓުވައެއް ނުލެވޭނެއެވެ.”

ފަތިސް ނަމާދަށްފަހު އިނާޔާ އަލުން ފޮތްތައް ހުޅުވާލިއެވެ. ވަރުބަލިވެފައި ހުރި ނަމަވެސް ކިޔެވުން ކުރިއަށް ގެންދިޔައެވެ. އިރުކޮޅަކުން މަންމަ ގުޅިއެވެ. “މަރިޔަމް، ކައިފިންތަ؟”

“އަދި ނޫން.”

“އަނެއްކާވެސް މުޅި ރޭ ނުނިދާ ކިޔެވީ ދޯ؟” މަންމަ އަހާލިއެވެ. އިނާޔާ ހިނިތުންވެލިއެވެ.

“ދޭ ކައިގެން އަންނަން. އަމިއްލަ ނަފްސަށް އަޅާނުލާ މީހަކަށް ޑޮކްޓަރަކަށް ނުވެވޭނެ.” މަންމަގެ އެ ޖުމްލައަށް އިނާޔާ ހީނލިއެވެ. “މަންމާ، މިހާރުވެސް ތި ވާހަކަ ދައްކަވަނީ އަހަރެންނަކީ ޑޮކްޓަރެއް ކަމަށް ބަލައިގެންތަ؟”

މަންމަ މަޑުމަޑުން ބުންޏެވެ. “އެއީ ތި ދަރިފުޅު ޑޮކްޓަރަކަށް ވާނެކަން މަންމައަށް ޔަޤީންވާތީ.”

މާލޭގެ މުޅިން ތަފާތު މާޙައުލެއްގައި، ޢަބްދުﷲ ނަސީމް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ތައްޔާރުވަމުންނެވެ. އުމުރުން ސާޅީސް ދެ އަހަރުގެ ނަސީމަކީ ރާއްޖޭގެ ނަން މަޝްހޫރު ކޮންސްޓްރަކްޝަން އަދި ޓޫރިޒަމް ދާއިރާގެ މަހުޖަނެކެވެ. މީހުންނަށް އޭނާ ފެންނަނީ ކާމިޔާބު، އިތުބާރު ހުރި މީހެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ހިތުގެ އެކަނިވެރިކަން ދަންނަނީ މަދު ބަޔެކެވެ.

މައިންބަފައިންގެ ކައިވެނި ރޫޅުމުގެ ސަބަބުން، ނަސީމް ބޮޑުވީ މީހުންނަށް އިތުބާރު ކުރަން ބިރުގަންނަ މީހެއްގެ ގޮތުގައެވެ. އޭނާ އިސްކަންދިނީ މަސައްކަތަށެވެ. “މަސައްކަތް އަހަރެންނާ ޒުވާބެއް ނުކުރާނެ، އަދި އަހަރެން ދޫކޮށްފައެއްވެސް ނުދާނެ.” މިއީ އޭނާގެ ޤަބޫލުކުރުމެވެ.

މިވެސް ކިޔާލަން:  މަންމަން ގޮއްޔެ

ނަމަވެސް އޭނާގެ ހަތް އަހަރުގެ ދަރިފުޅު ޔޫސުފް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ޚަބަރާއެކު ހުރިހާ ކަމެއް ބަދަލުވިއެވެ. ޔޫސުފަކީ ނަސީމްގެ މުޅި ދުނިޔެއެވެ. ޔޫސުފްގެ މަންމަ ވަނީ އޭނާ ވަރަށް ކުޑައިރު ނިޔާވެފައެވެ.

ހޮސްޕިޓަލުގައި ޔޫސުފް އޮތީ ބިރުގެންފައެވެ. އެވަގުތު ކްލިނިކަލް ޓްރޭނިންގ ހަދަމުން ދިޔަ އިނާޔާ އެ ކޮޓަރިއަށް ވަނެވެ. އިނާޔާގެ ހިނިތުންވުމާއި، ޔޫސުފާ ވާހަކަދެއްކި އޯގާތެރި ގޮތް ފެނިފައި ނަސީމް ޙައިރާންވިއެވެ. ފައިސާއަށް ނުގަނެވޭނެ ފަދަ އޯގާތެރިކަމެއް އިނާޔާގެ ކިބައިން އޭނާއަށް ފެނުނެވެ.

އެ ދުވަހަށްފަހު، އެތައް މަސްތަކެއް ފާއިތުވެގެން ދިޔައިރު، ހޮސްޕިޓަލުގެ ތެރެއިން އެމީހުންގެ ބައްދަލުވުންތައް އިތުރުވިއެވެ. ޔޫސުފް އިނާޔާއަށް ވަރަށް ލޯބިޖެހުނެވެ. ނަސީމަށް ފެނުނީ އިނާޔާއަކީ އޭނާގެ މުއްސަނދިކަމަށް ނުވަތަ ނަމަށް ބަލާ މީހެއް ނޫން ކަމެވެ. އޭނާގެ ހިތުގައި އޮތީ ހަމައެކަނި އޭނާގެ އަމާޒާއި، ބަލިމީހުންނަށް އޮތް ކުލުުނެވެ.

ނަސީމް، އިނާޔާގެ ބައްޕަގެ ގާތަށް ގޮސް ކައިވެންޏަށް އެދުނެވެ. އިނާޔާ ބޭނުންވީ އޭނާގެ ކިޔެވުން ފުރިހަމަކުރާށެވެ. ނަސީމް އެކަމަށް ފުރިހަމައަށް އެއްބަސްވިއެވެ. “ކިޔެވުމަކީ ތިބާގެ ޙައްޤެއް، އަދި އަހަރެން އެކަމުގައި އެހީތެރިވާނަން،” ނަސީމް ބުންޏެވެ.

ކައިވެންޏަށްފަހު އިނާޔާގެ ދިރިއުޅުން ފަސޭހައެއް ނޫނެވެ. ވަރުބަލިވެގެން ގެއަށް އަންނަ ރޭތަކާއި، އިމްތިޙާނުތަކުގެ ބިރުވެރިކަން ކުރިމަތިވިއެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް ނަސީމް އޭނާއަށް ހިތްވަރު ދިނެވެ. އުމުރުން ތޭރަ އަހަރުގައި އޭނާ ވީ ވަޢުދު ހަނދާންކޮށްދިނެވެ.

އަހަރުތަކެއް ފާއިތުވެގެން ދިޔައެވެ. ލާމު އަތޮޅުން އައި އެ ކުޑަ އަންހެން ކުއްޖާ، މިއަދު ހޮސްޕިޓަލުގެ ކޯރިޑޯގައި ހިނގަމުން ދަނީ ހުދު ކޯޓެއްގައެވެ. އޭގައި ޖަހާފައިވަނީ “ޑރ. މަރިޔަމް އިނާޔާ” އެވެ.

މިވެސް ކިޔާލަން:  ހިތް ހަލާކު – ކުރު ވާހަކަ

އޭނާގެ ފުރަތަމަ ޑިއުޓީގައި، ބިރުގެންފައި ހުރި ކުޑަ އަންހެން ކުއްޖަކާ ބައްދަލުވިއެވެ. އިނާޔާ އެ ކުއްޖާގެ ގާތުގައި އިށީނދެ، އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. އެވަގުތު އޭނާއަށް އިޙްސާސްވީ، އޭނާ ވާން ބޭނުންވި މީހާއަށް މިއަދު ވެވިއްޖެ ކަމެވެ.

އެ ދުވަހުގެ މަސައްކަތް ނިންމާލާފައި ގެއަށް ދިޔައިރު، ޔޫސުފް ދުވެފައި އައިސް ބުންޏެވެ. “ޑޮކްޓަރު!”

ނަސީމް ހިނިތުންވެލާފައި ބުންޏެވެ. “މިއަދު ތިބާގެ ހުވަފެން ޙަޤީޤަތަކަށް ވެއްޖެ.”

އިނާޔާ ބައްޕަގެ ފޮޓޯއަށް ބަލާލަމުން “އަލްޙަމްދުލިއްލާހް” އޭ ބުންޏެވެ.

މިއަދު އިނާޔާގެ ކާމިޔާބީއަކީ ހަމައެކަނި އޭނާގެ ނަމުގެ ކުރިއަށް އިތުރުވި ލަޤަބެއް ނޫނެވެ. އެއީ އޭނާގެ ތޭރަ އަހަރުގެ ވަޢުދު ފުއްދުމެވެ. ތަޤުދީރު އޭނާ ގެންދިޔައީ އޭނާ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ނަމަވެސް، ކެތްތެރިކަމާއި، ދުޢާއާއި، ބުރަ މަސައްކަތުގެ ނަތީޖާ މާ ފޮންޏެވެ. ބައެއް ފަހަރު އަހަރެމެން އެދޭ މަންޒިލަށް ދެވުމުން އެނގެނީ، ކުރި ކޮންމެ އުނދަގޫ ދަތުރަކީ އިޖާބަވި ދުޢާއެއްގެ ބައެއް ކަމެވެ.

ނިމުނީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top