ފްލޯ ފިކްސް ހަންޏާސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ނެކްސަސް އާއި އެންމެ ފަހުގެ ރަނަރަޕް މިޑްލް ކުރައުޑް ދަތުރުކޮށްފި އެވެ.
އއ. އަދި އދ.ގެ ރަށްތަކަށް އަމާޒުކޮށްގެން އދ. ހަންޏާމީދޫގައި ބާއްވާ، މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ކުޅެފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އދ. އޮމަދޫ މިޑްލް ކުރައުޑް އާއި އދ. މަންދޫ ރިއަލިޓީ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އދ. ހަންޏާމީދޫ ނެކްސަސް އާއި އދ. މަހިބަދޫ ދަ ކުލަބް އެވެ.
ސެމީ ފައިނަލް މެޗު 1
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ރިއަލިޓީ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ހޯދިއިރު، 8 ވަނަ މިނިޓްގައި ވަނީ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޒްޔާން އިބްރާހިމް އެވެ. ނަތީޖާ ހަމަހަމަކުރުމަށް މިޑްލް ކުރައުޑުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުނުވެ އުޅެނިކޮށް ރިއަލިޓީއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ހަމްދާން އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް މިޑްލް ކުރައުޑުން ވެސް ހޯދި މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖެހީ 16 ވަނަ މިނިޓްގައި އަޙްމަދު އަހްސަމް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިސްމާއިލް މަހްފޫޒް ވަނީ މިޑްލް ކުރައުޑަށް ނަތިޖާ ހަމަހަމަކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި އަޙްމަދު ހަމީދު ރިއަލިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިންއިރު، 26 ވަނަ މިނިޓްގައި އިސްމާއިލް މަހްފޫޒް ވަނީ ދެވަނަ ފަހަރަށް މިޑްލް ކުރައުޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަވެފައި އޮތުމުން، ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް މިޑްލް ކުރައުޑް ކާމިޔާބުކުރީ 5-4 އިންނެވެ. 8-7 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ މިޑްލް ކުރައުޑް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިސްމާއިލް މަހްފޫޒް އެވެ.
ސެމީ ފައިނަލް މެޗު 2
މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފައިވާ، ނެކްސަސް މި މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއިއެކު ތަފާތުބޮޑު ނަތީޖާއަކުން ނެވެ. މެޗުގެ ފުރަތަމަ މިނިޓް ތެރޭގައި އަހްނަފް ޒާހިރު ޖަހައިދިން ލަނޑުން ނެކްސަސްއިން ލީޑު ނެގި އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދަ ކުލަބަށް ވެސް ލިބުނު މި މެޗުގެ 5 ވަނަ މިނިޓްގައި ޝަނާން ރަޝާދު ނެކްސަސްގެ ލީޑު ފުޅާކޮށްދިނެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުމުއިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ނެކްސަސް އެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގައި އާދަމް ފަހްމާނު ދަ ކުލަބްގެ ފުރަތަމަ ލަނޑު ޖަހައި އުންމީދު އާކުރި ނަމަވެސް 28 ވަނަ މިނިޓްގައި ނެކްސަސްއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުބާރާތުގައި މިހާތަނަށް އަށް ލަނޑު ޖަހައި ލަނޑު ލިސްޓްގެ އެއްވަނައިގައިވާ ޝަނާން ރަޝާދު އެވެ. ހާފުގެ ފަހުކޮޅު ދަ ކުލަބްގެ ނޫރައްދީނަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑެއް ދައްކާފަ އެވެ. މި މެޗުގައި ނެކްސަސްއިން ޖެހި 4 ވަނަ ލަނޑު ޖެހީ 31 ވަނަ މިނިޓްގައި އިބްރާހިމް ރިމާހް އެވެ.
4-1 އިން މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ދެވަނަ ޖާގަ ނެކްސަސް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިބްރާހިމް ރިމާހް އެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ މިރޭ އެވެ.
