ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ދެވަނަ ބުރަށް ގުރޫޕް ޑީއިން އެއްވަނަ ހޯދި ސިލްވަރސޭންޑްސް އާއި ދެވަނަ ހޯދި، އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ފަހު ހަތަރު މެޗު ރޭ ކުޅެފައިވާއިރު، މިއީ ގުރޫޕް ޑީގެ ފަހު ދެ މެޗެވެ. މި ދެ މެޗަށް ބަލާލާއިރު:
މެޗު 27
ހަތާވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގައި ހިމެނޭ އެރީނާ ހޮޓެލްސް އާއި އާރުއޯއެލް އެވެ. މިއީ މި ދެ ޓީމުގެ ވެސް ފަހު މެޗެވެ. މި މެޗާއި ކުރިމަތިލާއިރު، ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑާއިއެކު އެރީނާ ހޮޓެލްސް އޮތީ ގުރޫޕްގެ ދެވަނައިގަ އެވެ. ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އާރުއޯއެލް އިން ވެސް ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. ގުރޫޕްގެ ތިންވަނަ އެ ޓީމަށް ލިބެނީ ގެއްލުން ހަތަރު ލަނޑު އޮތުމުންނެވެ. މި މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު މި ދެ ޓީމަށް ވެސް އެބައޮތެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސްގެ ފަރާތުން މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. މެޗު ފެށުމާއިއެކު މެޗުގެ ކޮންޓްރޯލް އެރީނާ ހޮޓެލްސް ހޯދިއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ފުރަތަމަ ހޯދީ އެ ޓީމުންނެވެ. ދޭތެރެއަކުން ކުރިޔަށް އަރައި އާރުއޯއެލް އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ އެރީނާ ހޮޓެލްސް އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަސަން ނަހްވާސް އެވެ. ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރަމުންދިޔަ އާރުއޯއެލްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް އެރީނާ ހޮޓެލްސްއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅު ތެރޭ މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހިމް އަމީރެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އެރީނާ ހޮޓެލްސް އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އެރީނާ ހޮޓެލްސްއިން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހާފިޒެވެ. ލަނޑު ޖަހާނެ ފުރުސަތު އާރުއޯއެލްއަށް ވެސް ލިބުނު މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު ޖެހީ 26 ވަނަ މިނިޓްގައި ނާސިފް ހުސައިން އެވެ. އެރީނާ ހޮޓެލްސްގެ ހަތަރުވަނަ ލަނޑު އިސްމާއިލް ނަޒީހް ޖަހައިދިންއިރު އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިނީ ޒުލްކިފުލް ޒާހިރެވެ. އާރުއޯއެލްގެ ނާސިފް ހުސައިން ދެ ލަނޑު ޖެހިއިރު އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަޙްމަދު މާދިހެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް އެރީނާ ހޮޓެލްސް ވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެރީނާ ހޮޓެލްސްގެ އިސްމާއިލް ނަޒީރެވެ.

ފޮޓޯ: ކުލަބް މޯލްޑިވްސް – އެފްބީ
މެޗު 28
އަށާވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގައި ހިމެނޭ ސިލްވަރސޭންޑްސް އާއި ޔޫރޯ ރެކްރިއޭޝަން ކުލަބެވެ. ސިލްވަރސޭންޑްސް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވާއިރު، ޔޫރޯ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. ގުރޫޕްގެ ފަހު މެޗާއި މި ދެ ޓީމުން ކުރިމަތިލާއިރު، ބަލި ނޫން ނަތީޖާއެއް ހޯދައިގެން ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ސިލްވަރސޭންޑްސްއަށް އޮތެވެ. އަދި ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މި މެޗު ކާމިޔާބުކޮށްގެން ލިބުމުގެ ފުރުސަތެއް ޔޫރޯއަށް ވެސް އޮތެވެ.
ކުރިން ދެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިލްވަރސޭންޑްސްއަށް އެ ޓީމު ކުރިން ދެއްކި ކުޅުން މި މެޗުގައި ނުދެއްކުނެވެ. މެޗު ފަށައިގެން މޮޅަށް ކުޅުނު ޔޫރޯ ރެކްރިއޭޝަންގެ ޢަލީ އިޒްވާންގެ ލަނޑުން 8 ވަނަ މިނިޓްގައި އެ ޓީމުން ލީޑު ނެގިއެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ސިލްވަރސޭންޑްސްއަށް އެކަން ކާމިޔާބުވީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޝާމިލް ޢަބްދުއްރަޝީދެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އިސްމާއިލް މަހްތޫމް ޖަހައިދިން ލަނޑުން ދެވަނަ ފަހަރަށް ލިބުނު ލީޑާއިއެކު ދެވަނަ ބުރުގެ އުންމީދު ޔޫރޯ ރެކްރިއޭޝަނުން އާކުރި ނަމަވެސް، މެޗުގެ ފަހު ވަގުތު އަޙްމަދު ރަފާހް ކާމިޔާބުކޮށްދިން ލަނޑުން ގުރޫޕްގެ އެއްވަނަ ސިލްވަރސޭންޑްސް ހޯދިއެވެ. ސިލްވަރސޭންޑްސް ދެވަނަ ބުރަށް ދިޔައީ މި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިލްވަރސޭންޑްސްގެ އަޙްމަދު ރަފާހް އެވެ.
