ޕެރޫގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ޖޮނަތަން ކުއިސްޕޭ ނަމަކަށް ކިޔާ މަސްވެރިޔަކު، މަސްދަލެއްގައި ތާށިވެފައި އޮތް ބޮޑުމަހެއް (ވޭލް) ސަލާމަތްކުރުމަށް ދެއްކި ހިތްވަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފު އޮހެން ފަށައިފިއެވެ.
11 ސެޕްޓެމްބަރު 2026ގައި މި ހާދިސާ ހިނގި ވަގުތު، ދަލުގައި ތާށިވެ ސަލާމަތްނުވެވިގެން ތެޅެމުންދިޔަ ބޮޑުމަސް ފެނުމާއެކު، ޖޮނަތަން އެއްވެސް ޖެހިލުމެއްނެތި ވަގުތުން ކަނޑަށް ފުންމާލިއެވެ. އޭނާ މޫދަށް އެރުނީ އޮކްސިޖަން ފުޅިއެއްވެސް ނެތި، ހަމައެކަނި ޑައިވިންގ މާސްކަކާއި ކުޑަ ވަޅިއެއް ހިފައިގެންނެވެ. ފުންމިން ހުރި ކަނޑުގެ އަޑީގައި، ނޭވާ ހިފަހައްޓައިގެން ހުރެ އޭނާ ވަނީ މަޑުމަޑުން އެ ދާ ބުރިކޮށް، ބޮޑުމަސް ސަލާމަތްކޮށްދީފައެވެ.
މި އޮޕަރޭޝަނުގެ ތެރޭގައި އެ ސޮރު ވޭނީ އަޑުތަކެއް ލައްވަމުން ދިޔަ ކަމަށް ޖޮނަތަން ބުންޏެވެ. އަދި އެ މަސް ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި ޖޮނަތަން ބޮޑުމަހުގެ ބުރަކަށިމައްޗަށް އަރައި އޮތް މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
މި ހާދިސާ އިތުރަށް ޚާއްސަވާ އެއް ސަބަބަކީ، އެ ބޮޑުމަސް ތާށިވެފައި އޮތީ ޖޮނަތަން މަސައްކަތްކުރާ މަސްވެރި ޓީމުގެ އަމިއްލަ ދަލުގައި ކަމަށް ވުމެވެ. މީގެއިތުރުން، މިއީ އޭނާ މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް މަސްދާގަނޑުތަކުގައި ތާށިވެފައިވާ ވެލައާއި ކޯމަސް ފަދަ ދިރުންތައް އޭނާ ވަނީ ސަލާމަތްކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން ވާހަކަދައްކަމުން ޖޮނަތަން ބުނީ، މިއީ ހަމައެކަނި އޭނާ ކޮށްދޭންޖެހޭ އިންސާނީ ވާޖިބެއް ކަމަށް ދެކޭ ކަމަށާއި، މިފަދަ ނިކަމެތި ޖަނަވާރެއް ވޭނުގައި އޮއްވައި ފެނުމުން ސަލާމަތްކޮށްދިނުން ނޫން އެހެން ވިސްނުމެއް އޭނާގެ ހިތަށް ނާންނަ ކަމަށެވެ.
