ކުރީ ޒަމާނުގައި ދެވަނަ ކައިވެންޏެއް ކުރުމަކީ، މިއަދު އަޅުގަނޑުމެންނަށް ފެންނަ މަންޒަރާ މުޅިން ތަފާތު މަޤުސަދެއް އޮތް ކަމެކެވެ. ހަނގުރާމައާއި، ފަޤީރުކަމާއި، އިޖުތިމާޢީ އެކި މައްސަލަތައް ކުރިމަތިވެފައިވާ މުސްލިމް މުޖުތަމަޢުތަކުގައި، ގިނަ އަނބިން ހޯދުމުގެ މަޤުސަދަކީ ހުވަފަތް އަންހެނުންނާއި، ވަރިކޮށްފައިވާ އަންހެނުންނާއި، އަޅާލާނެ މީހަކު ނެތް ކުޑަކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެފަދަ ޙާލަތްތަކުގައި، އެއީ އަމިއްލަ އެދުމަށްވުރެ ބޮޑަށް، އެހެން ޢާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމެވެ.
ނަމަވެސް، ޖީލުތަކަކަށްފަހު މިއަދު ދިވެހިރާއްޖޭގެ މުޖުތަމަޢަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ސޯޝަލް މީޑިއާގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ ކަމެއް އިޝްތިހާރުކޮށް، ދެއްކުންތެރިކަމަކަށް ވެފައިވާއިރު، ކައިވެންޏަށްވެސް މި ނުފޫޒު ވަނީ ފޯރާފައެވެ. ބައެއް ޙާލަތްތަކުގައި، އެކަކަށްވުރެ ގިނަ އަނބިން ތިބުމަކީ ޒިންމާއެއް އުފުލުމުގެ ބަދަލުގައި، މުޖުތަމަޢުގައި ތިމާގެ ޤަދަރު މަތިކޮށްދޭ ނުވަތަ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ބޭނުންކުރާ ވަޞީލަތަކަށް ވަނީ ވެފައެވެ.
މީގެ މާނައަކީ ހުރިހާ މަލްޓި-މެރިޖް ނުވަތަ ގިނަ އަނބިން ހޯދުމުގެ ކައިވެންޏަކީ ގޯސް ކަމެކޭ ނޫނެވެ. ބައެއް ޢާއިލާތަކުން މިފަދަ ކައިވެނިތައް ކުރަނީ ދެފަރާތުގެ ރުހުމާއެކު، އިޙްތިރާމާއި ޒިންމާދާރުކަމާއެކުގައެވެ. ނަމަވެސް، މައްސަލަ އުފެދެނީ ގިނަ ޢާއިލާތަކެއް ބެލެހެއްޓުމުގެ ޙަޤީޤަތަށްވުރެ، ގިނަ އަނބިން ތިބުމުގެ ޚިޔާލީ އުފަލަށް އިސްކަންދެވޭ ހިސާބުންނެވެ. ސަބަބަކީ، ކައިވެނީގެ ފޮޓޯތަކާއި، އުފާ ފާޅުކުރުންތަކާއި، މަރުޙަބާގެ ބަސްތަކަށްފަހު ކުރިމަތިލާންޖެހެނީ ޢާންމު ދިރިއުޅުމާއެވެ.
އެއީ ދެ ގެއެއް ނުވަތަ އެއަށްވުރެ ގިނަ ގެތަކުގެ ޚަރަދު ބެލެހެއްޓުމާއި، ދަރިން ތަރުބިއްޔަތުކުރުމާއި، ސްކޫލް ފީ ދެއްކުމާއި، ބަލިމަޑުކަމުގެ ޙާލަތްތަކުގައި އެހީތެރިވުމެވެ. މިއީ ވަކި ތަރުތީބަކުން އަންނަ ކަންކަމެއް ނޫނެވެ. އެއް ޢާއިލާ ބެލެހެއްޓުމަކީވެސް މާލީ ގޮތުން ދަތި ކަމަކަށް ވެފައިވާ މިއަދުގެ ދިވެހި މުޖުތަމަޢުގައި، ގިނަ ޢާއިލާތަކެއް ބެލެހެއްޓުމަށްޓަކައި ވަރުގަދަ މާލީ ޤާބިލުކަމާއި ފުރިހަމަ ރޭވުންތެރިކަން ބޭނުންވެއެވެ.
ދެން އޮތީ ވަގުތާއި ލޯބީގެ ސުވާލެވެ. ހުރިހާ އަނބިންނަށް ހަމަހަމަކޮށް ކަންތައް ކުރެވޭނެކަމަށް ފިރިމީހާ އިޚްލާޞްތެރިކަމާއެކު ޤަބޫލުކުރި ނަމަވެސް، ކައިވެނީގައި ޢަދުލުވެރިވުމަކީ ހަމައެކަނި ފައިސާ ބެހުމާއި ތާވަަލަކަށް ނަންތައް ޖެހުމެއް ނޫނެވެ. ވަގުތާއި، އަޅާލުމާއި، ނަފްސާނީ ގާތްކަން ބޮޑަށް ދެވެނީ ކޮން ފަރާތަކަށްކަން އަނބިންނަށް އިޙުސާސް ކުރެވޭނެއެވެ. އަދި ބޮޑެތި މީހުންނަށްވުރެ ބޮޑަށް ކުޑަކުދިންނަށް މިކަންކަން ފާހަގަކުރެވޭނެއެވެ.
މިއީ އިސްލާމީ ޝަރީޢަތުގައި ގިނަ އަނބިން ހޯދުމުގެ މައުޟޫޢުގައި ވަރަށް މުހިންމު ކަމެކެވެ. ވަކި ޝަރުޠުތަކެއްގެ މަތިން އެކަކަށްވުރެ ގިނަ އަނބިން ހޯދުމުގެ ހުއްދަ އިސްލާމްދީނުގައި އޮތް ނަމަވެސް، ޢަދުލުވެރިވުމާއި ހަމަހަމަކޮށް ކަންތައް ކުރުމަކީ އެންމެ އަސާސީ ޝަރުޠެވެ. އަނބިންގެ މެދުގައި ފުރިހަމަ ހަމަހަމަކަން ޤާއިމުކުރުމުގެ އުނދަގޫކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން، މިއީ ހަމައެކަނި “ހުއްދަ ކަމެއްތޯ” އެހުމަށްވުރެ މާ ނުރައްކާތެރި، ސީރިއަސް މައްސަލައެކެވެ.
އެހެންކަމުން، “އަހަންނަށް އިތުރު ކައިވެންޏެއް ކުރެވިދާނެތޯ؟” މި ސުވާލާއި، “މިހާރު އޮތް ޢާއިލާއަށް އިހުމާލުނުވެ، އިތުރު ޢާއިލާއެއް ޒިންމާދާރުކަމާއެކު ބެލެހެއްޓިދާނެތޯ؟” މި ސުވާލާ ދެމެދު ބޮޑު ތަފާތެއް އެބައޮތެވެ.
މިއަދުގެ ދިވެހި ޢާއިލާތަކަށް ކުރިމަތިވެފައިވާ ޙާލަތްތަކުގެ ސަބަބުން ކައިވެނީގެ ޢަމަލީ ދާއިރާ މިވަނީ އިތުރަށް އުނދަގޫވެފައެވެ. އަންހެނުންނަކީ މިއަދު ތަޢުލީމީ އަދި އިޤުތިޞާދީ ގޮތުން ހަރަކާތްތެރި ބަޔަކަށްވާއިރު، ކުދިންގެ ތަޢުލީމީ އަދި އިޖުތިމާޢީ ބޭނުންތައް ވެސް ވަނީ އިތުރުވެފައެވެ. އަދި ކައިވެނީގެ އުންމީދުތަކަކީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް ދޭ އަޅާލުމާއި، މުޢާމަލާތްކުރުމާއި، ދަރިން ބެލުމުގައި ބައިވެރިވުމާއި، ނަފްސާނީ ގޮތުން އެކުގައިވުން ހިމެނެއެވެ.
އެހެންކަމުން، މިފަދަ ކައިވެންޏަކަށް ތައްޔާރުވާ އަންހެނަކު، އުނދަގޫ ނަމަވެސް މުހިންމު ސުވާލުތަކެއް ކުރަންޖެހެއެވެ. މާލީ ކަންކަން ހަމަޖައްސާނީ ކިހިނެއް ހެއްޔެވެ؟ ވަގުތު ބަހާނީ ކިހިނެއް ހެއްޔެވެ؟ ކުދިން ލިބުމުން ނުވަތަ ބަލިޙާލަތެއް މެދުވެރިވުމުން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ޢާއިލީ މުނާސަބަތުތަކާއި ކުއްލި ޙާލަތްތައް މެނޭޖުކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ކައިވެނީގެ ކުރީކޮޅު އޮންނަ ފޯރި ކެނޑި، އާދައިގެ ދިރިއުޅުން ފެށުމުން ވާނީ ކިހިނެއް ހެއްޔެވެ؟
ސަބަބަކީ، ކޮންމެ ކައިވެންޏެއްގައިވެސް އާދައިގެ ދިރިއުޅުން ފެށޭނެތީއެވެ. މީހަކު ބަލިވެދާނެއެވެ. ކުއްޖަކު އެހީއަށް ބޭނުންވެދާނެއެވެ. ބިލެއް ދައްކަން ޖެހިދާނެއެވެ. އެފަދަ ވަގުތެއްގައި ބޭނުންވަނީ ބައިވެރިޔާގެ ހާޒިރުވުމެވެ. ދެ ޢާއިލާ ނުވަތަ އެއަށްވުރެ ގިނަ ޢާއިލާ ތިބޭނަމަ، އެ ހާޒިރުވުމަށް އުންމީދުކުރާ މީހުންގެ އަދަދު ގިނަވާނެއެވެ. އަދި ފަހަރެއްގައި، ދުލުން ބޭރުނުކުރާ ނަމަވެސް އެހެން ސުވާލެއްވެސް އޮވެދާނެއެވެ. ހަމަހަމަކަން ޤާއިމުކުރާނެކަމަށް ކިތަންމެ ވަޢުދެއްވީ ނަމަވެސް، ހިތުގެ އަޑީގައި އެހެން އަނތްބަކަށް އިސްކަންދެވޭނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
އެއީ އެމީހެއްގެ އެކުވެރިކަމަށް ތިބާ ބޭނުންވާ، އެމީހެއްގެ ފޯނު ކޯލުތަކަށް އަވަހަށް ޖަވާބުދޭ، އަދި އެމީހަކު ނެތްކަން މާ ބޮޑަށް އިޙުސާސްކުރެވޭ މީހާއެވެ. ހުރިހާ އެންމެންދެކެ އެއްވަރަކަށް ލޯބިވާކަމަށް ތިބާ ޤަބޫލުކުރި ނަމަވެސް، އިންސާނީ އިޙުސާސްތަކަކީ ތާވަަލަކާ އެއްގޮތަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫނެވެ.
ތިބާއަށް ވަގުތު ބެހިދާނެއެވެ. ފައިސާވެސް ބެހިދާނެއެވެ. ނަމަވެސް، ކުރިން ލިބިފައިވާ މަޤާމަކަށްޓަކައި އަނބިމީހާ ކުރާ ހިތާމަޔާއި ވާދަވެރިކަން ހުއްޓުވޭނެ ހެއްޔެވެ؟ މިއީ ދެވަނަ ކައިވެންޏަކަށް ތައްޔާރުވުމުގެ ކުރިން ވިސްނާލުން މުހިންމު ސުވާލެކެވެ. ސަބަބަކީ، ޢަދުލުވެރިކަމަކީ ހަމައެކަނި ބޭރަށް ފެންނަން އޮންނަ ކަމެއް ނޫނެވެ. ބައެއް ފަހަރު، އެންމެ ބޮޑު ބޭއިންސާފަކީ އެންމެންނަށް އިޙުސާސްކުރެވުނަސް، އެކަކުވެސް ދުލުން ބޭރުނުކުރާ އިޙުސާސްތަކެވެ.
