މި ލިޔުމަކީ މިޞްރުގެ ނޫސްވެރިއަކާއި އިބްނު ޚަންޖޫރް ނަމަކަށް ކިޔާ މުސްލިމް ޖިންނިއަކާ ދެމެދު ކުރެވުނު އިންޓަވިއުއެއްގެ ޚުލާޞާއެކެވެ. އިބްނު ޚަންޖޫރް ސިފަކޮށްދީފައިވާ ގޮތުގައި ޖިންނީންނަކީ އެތައް ހާސް އަހަރަކަށް ދިރިއުޅޭ، އެއްގަމާއި، ކަނޑާއި، ގެދޮރާއި އަދިވެސް އެކި ތަންތަނުގައި އުޅޭ މަޚްލޫޤުތަކެކެވެ. އޭނާ ކިޔައިދިން ގޮތުގައި އިބްލީހުގެ ފަސް ދަރިން ތިބެއެވެ. އެކި ގޮތްގޮތުން އިންސާނުންނަށް ވަސްވާސްދީ މަގުފުރެއްދުމަށް އެ ދަރިން މަސައްކަތް ކުރެއެވެ. ޖިންނީންގެ އަމިއްލަ އަޅުކަންކުރާ ތަންތަން ހުންނަ ކަމަށާއި، އިންސާނުންގެ ތެރޭގައި އެމީހުންގެ ދީނާ އެއްގޮތަށް ޖިންނީންވެސް އުޅޭ ކަމަށް އޭނާ ބުންޏެވެ. އަދި ބާމިއުޑާ ޓްރައިއެންގަލް ފަދަ ތަންތަނަކީ ޝައިޠާނުންގެ ބާރުގެ ދަށުގައިވާ ތަންތަން ކަމުގެ އިންޒާރު ދިނެވެ. މި ބައްދަލުވުމުގެ ވާހަކަތައް ނޫސްވެރިޔާ ފަހުން ވަނީ “ޑަޔަލޮގް ވިތު އަ މުސްލިމް ޖިނީ” (މުސްލިމް ޖިންނިއަކާއެކު ކުރެވުނު މުޢާމަލާތް) ގެ ނަމުގައި ފޮތެއްގެ ގޮތުގައި ޝާއިޢުކޮށްފައެވެ.
މި ލިޔުމަކީ 1992 ވަނަ އަހަރު އާއްމުވި ފޮތް، “ޑަޔަލޮގް ވިތު އަ މުސްލިމް ޖިނީ” (މުސްލިމް ޖިންނިއަކާއެކު ކުރެވުނު މުޢާމަލާތް) ފޮތުގައި ހުރި މަޢުލޫމާތުތަކުގެ ޚުލާޞާއެކެވެ. މިއީ ހަމަ ހަޤީޤަތުގައި ހިނގި ކަމެއްކަން ނުވަތަ ނޫންކަމާއި، މީގައި ހުރި ކަންކަމަކީ ޙަޤީޤަތެއްކަން އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ.
ފުރަތަމަ ބާބު: ފުރަތަމަ ބައްދަލުވުން
ނޫސްވެރިޔާ އީސާ ދާއޫދު ސުވާލުކުރިއެވެ. “ތިޔައީ ކާކު؟” ޖިންނި ޖަވާބު ދިނެވެ. “މިއީ އިބްނު ޚަންޖޫރް. އަހަރެން އައީ އިންޑިއާގެ ބޮމްބޭއިން.” ދެން އީސާ އޭނާގެ އުމުރާ ބެހޭގޮތުން ސުވާލުކުރުމުން، ކުޑަވަގުތުކޮޅަކަށް ހިމޭނުން ހުރުމަށްފަހު، އޭނާއަށް އަނިޔާއެއް ނުކުރާނެ ކަމަށް މާތްﷲ ގަންދީ ހުވާކުރުމަށް އެދުނެވެ. އީސާ އެކަމަށް އިޤްރާރުވުމުން އޭނާ ބުންޏެވެ. “އަހަރެން އަދި ވަރަށް ޒުވާން. އިންސާނުންގެ އުމުރާ އަޅާބަލާއިރު އަހަރެންނަކީ 15 ނުވަތަ 17 އަހަރުގެ ފުރާވަރުގެ ކުއްޖެއް ފަދަ މީހެއް. އެކަމަކު އަހަރެންގެ ހަގީގީ އުމުރަކީ 180 އަހަރު. ޖިންނީންގެ ދުނިޔޭގައި މިއީ ވަރަށް ހަގު އުމުރެއް.”
އިބްނު ޚަންޖޫރް އިތުރަށް ކިޔައިދިން ގޮތުގައި އޭނާގެ ބައްޕަ ހޫދާ މަރުވީ ބާރުވެރިކަމުގެ ހަނގުރާމައެއްގައެވެ. އޭނާ މަރުވިއިރު އުމުރަކީ 950 އަހަރެވެ. އަދި އޭނާގެ ކާފަ މަރުވީ އުޑުން އިވޭ ވާހަކަތައް އަޑުއަހަން އުޅުމުގެ ތެރޭގައި ގިނިހިލައަކުން ޖެހިގެންނެވެ. އޭރު އޭނާގެ އުމުރަކީ ގާތްގަނޑަކަށް 1،000 އަހަރެވެ. ބައެއް ޖިންނީން 3،000 އިން ފެށިގެން 7،000 އަހަރާ ދެމެދުގެ އުމުރުތަކުގައި އުޅޭއިރު، އިބްލީސް ފަދަ ޝައިޠާނުން އާދަމްގެފާނުގެ ކުރިން ފެށިގެން ދިރިތިބި ކަމަށް އޭނާ ބުންޏެވެ.
ކީރިތި ޤުރުއާނުގެ ސޫރަތުލް ޖިންނިގައިވެސް ޖިންނީން އުޑުގެ ޚަބަރުތައް ވަގަށް އަޑުއަހަން އުޅޭ ވާހަކައާއި، އެކަމަށް ހުރަސްއެޅި ގިނިހިލައިގެ ހަމަލާތައް އަންނަ ވާހަކަ ބަޔާންވެގެންވެއެވެ.
ދެވަނަ ބާބު: ޖިންނީންގެ ބުއްދިއާއި ސިފަ
އިބްނު ޚަންޖޫރް ބުނިގޮތުގައި އޭނާ ވަނީ މުޅި ޤުރުއާން އެންމެ 4 މަސްދުވަހުގެ ތެރޭގައި ހިތުދަސްކޮށްފައެވެ. އީސާ އޭނާއަށް ނަޞޭޙަތްތެރިވީ އެކަމާ ބޮޑާނުވުމަށާއި، އެއީ މާތްﷲ ދެއްވި ނިޢުމަތެއް ކަމަށް ގަބޫލުކުރުމަށެވެ. ބަހަވީ ގޮތުން ބަލާއިރު، އެންމެ ދުވަސްވީ ބަހަކީ ޢަރަބި ބަސް ކަމަށް ޖިންނީންގެ ދުނިޔޭގައި ގަބޫލުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
ޖިންނީންގެ ސިފައާ ބެހޭގޮތުން އޭނާ ބުނީ، އިންސާނުންގެ ޚިޔާލުގައި ހުންނަ ބިރުވެރި ސިފަތަކަކީ ޙަޤީޤަތެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް ޝައިޠާނުން އިންސާނުން ބިރުގަންނުވަން ގަސްދުގައި ބިރުވެރި ސިފަސިފައަށް ބަދަލުވާ ކަމަށް އޭނާ އެއްބަސްވިއެވެ. މުސްލިމް ޖިންނީންގެ ސިފަ އިންސާނުންނާ ދާދި އެއްގޮތެވެ. އެކަމަކު ބޯ ކުޑަކޮށް ބޮޑުވެފައި، ލޯ ހުންނަނީ ދިގަށެވެ. ބައެއް ޖިންނީންގެ ލޯ ކަތިކޮށް ނުވަތަ މައްޗަށް އޮލަނބުކޮށް ހުރެއެވެ. ލޮލުގެ ކުލަ ކަޅު، ރީނދޫ ނުވަތަ މުށި ކުލައިގައި ހުރެއެވެ. ކަންފަތް ހުންނަނީ އަހެއްގެ ނުވަތަ ބުޅަލެއްގެ ކަންފަތް ހުންނަ ގޮތަށް ކޮޅަށް އޫކޮށެވެ. މުސްލިމް ޖިންނީން ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އެއްގޮތަށް ތުނބުޅި ބަހައްޓައެވެ. އަންހެން ޖިންނީންގެ އިސްތަށިގަނޑު ވަރަށް ބޯވެފައި ދިގުވާނެއެވެ.
ތިންވަނަ ބާބު: ޖިންނީންގެ ހަށިގަނޑާއި ތަބީޢަތް
ޖިންނީންގެ ހަށިގަނޑުގައިވެސް ކަށިތަކާއި، ހިތާއި، ހަޖަމުކުރާ ނިޒާމާއި ނޭވާލާ ނިޒާމު ހުރެއެވެ. އެމީހުންގެ ކަށިތައް ބޮޑުވެފައި، ހަށިގަނޑު ވަރަށް ފްލެކްސިބަލް ނުވަތަ ލެނބޭ ގޮތްވެއެވެ. ނޭވާލުމަށް މަދު އޮކްސިޖަން ބޭނުންވާއިރު، ބޭރުކުރާ ނަޖިސް ހުންނަނީ އާތްވެއް ނުވަތަ ގޭހެއްގެ ގޮތުގައެވެ.
ޝައިޠާނުންގެ ބޮލުގައި ދެ ދަޅު ހުންނަ ކަމަށާއި، އިބްލީހުގެ ދަޅުތައް އޭނާގެ ހަށިގަނޑާ އަޅާބަލާއިރު ބޮޑު ކަމަށް އިބްނު ޚަންޖޫރް ބުންޏެވެ. އިރު އަރާއިރު އާއި އޮއްސޭއިރު ޝައިޠާނާގެ ދެ ދަޅު ދެމެދުން އިރު އަރާ އަދި އޮއްސޭ ކަމަށް ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައިވެއެވެ. ޖިންނީން އުފެދިފައިވަނީ އަލިފާނުން ކަމަށްވާތީ، އާންމު ހާލަތުގައި އެމީހުން އިންސާނުންނަށް ނުފެނުނު ކަމުގައިވިޔަސް، ބައެއް ޚާއްޞަ ހާލަތްތަކުގައި (ސިހުރު ފަދަ ކަންކަމުގައި) ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ހަތަރުވަނަ ބާބު: ޖިންނީން ދިރިއުޅޭ ތަންތަން
ޖިންނީންގެ ގިނަ ސިޓީތަކާއި ސަރުކާރުތައް ހުންނަނީ ކަނޑުތަކުގައެވެ. މީގެ އިތުރުން ސަހަރާތަކާއި، ފަރުބަދަތަކާއި، ހޮހަޅަތަކުގައިވެސް އެމީހުން އުޅެއެވެ. ބައެއް ޖިންނީން އިންސާނުން ދިރިއުޅޭ ގޭގޭގެ ފުރާޅުމަތީގައާއި ކޮޓަރިތަކުގައިވެސް އުޅެއެވެ. ޔަހޫދީ އަދި ނަޞާރާ ޖިންނީން އެ ދީންތަކުގެ މީހުންގެ ގޭގޭގައާއި ފައްޅިތަކުގައި އުޅޭއިރު، މުސްލިމް ޖިންނީން އުޅެނީ މާތްﷲ އަށް ކިޔަމަންތެރިވާ މުސްލިމުންގެ ގޭގޭގައެވެ. އިބްލީހާއި ޝައިޠާނުން އާންމުކޮށް އުޅެނީ ފާޚާނާތަކާއި، ކުނިގޮޑުތަކާއި، ނަޖިސް ހުންނަ ތަންތަނުގައެވެ. އެހެންކަމުން ފާޚާނާއަށް ވަންނައިރު ކިޔާ ދުޢާ ކިޔުމަށާއި، ނަޖިސް ވަޅުގަނޑުތަކަށް ހޫނުފެން ފަދަ ތަކެތި ނޭޅުމަށް އޭނާ އިރުޝާދު ދިނެވެ.
ފަސްވަނަ ބާބު: ޖިންނީން ގަޔާވާ ކަންތައްތައް
ބުދުތަކާއި ދިރޭ ތަކެތީގެ ސޫރަ ނުވަތަ ފޮޓޯ ހުންނަ ތަންތަނަކީ ޖިންނީންނާއި ޝައިޠާނުން ވަރަށް ގަޔާވާ ތަންތަނެވެ. އެފަދަ ތަކެތި ހުންނަ ގޭގެއަށް މަލާއިކަތުން ވަޑައިނުގަންނަވާނެ ކަމަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. އިބްނު ޚަންޖޫރް ބުނިގޮތުގައި މިފަދަ ތަކެތިން ނުކުންނަ ހަކަތައެއް ޖިންނީންނަށް ފެނެއެވެ. އަދި ގޭގޭގައި ބޭނުންނުކޮށް ހުންނަ ހުސް ކޮޓަރިތަކުގައި ޝައިޠާނުން ވަޒަންވެރިވާނެ ކަމުގެ އިންޒާރުވެސް ދިނެވެ.
ހަވަނަ ބާބު: ސިއްރުވެރި ކަންތައްތައް
ޖިންނީންގެ އާދަކާދަތަކާއި އިހުސާސްތައް އިންސާނުންނާ އެއްގޮތެވެ. އަންހެން ޖިންނީން ބަލިވެއިންނަ މުއްދަތަކީ 15 މަސްދުވަހެވެ. އަދި އެއްފަހަރާ 7 އާއި 9 އާ ދެމެދުގެ އަދަދަކަށް ދަރިން ވިހައެވެ. އިންސާނުންނާއި ޖިންނީންގެ ކައިވެންޏަކީ ޙަޤީޤަތުގައި ނާދިރު ކަމެކެވެ.
އިބްލީހާ ބެހޭގޮތުން އޭނާ ބުނީ، އިބްލީހުގެ ތަޚުތު ހުންނަނީ ކަނޑުގައެވެ. ބާމިއުޑާ ޓްރައިއެންގަލް އަކީ އޭނާގެ މަރުކަޒެކެވެ. އިންސާނުންނަށް ފެންނަ ކަމަށް ބުނާ “އޭލިއަން” ނުވަތަ އެހެން ގުރަހަތަކުގެ މަޚްލޫޤުންނަކީ ހަގީގަތުގައި ޖިންނީންނެވެ. އިބްލީހުގެ ފަސް ދަރިންނާއި އެމީހުންގެ މަސްއޫލިއްޔަތުތައް އޭނާ ތަފްޞީލުކޮށްދިނެވެ:
1- ޘަބުރު: މިއީ މީހުންނަށް މުޞީބާތެއް ނުވަތަ ދަތިކަމެއް ކުރިމަތިވާ ވަގުތު، މާތްﷲ އާ މެދު ނުރުހުންތެރިވެ، ރުޅިވެރިކަން އިތުރުކުރުވަން މަސައްކަތްކުރާ ދަރިއެވެ.
2- ދާސިމް: މިއީ ދެމަފިރިންގެ ދެމެދުގައި ފިތުނަ އުފައްދައި، ރުޅިވެރިކަން އާލާކޮށް، ކައިވެނި ރޫޅާލުމަށް (ވަރިކުރުވުމަށް) މަސައްކަތްކުރާ ދަރިއެވެ.
3- އަޢުވަރު: މިއީ އަންހެނުން މަގުމައްޗަށް ނުކުމެ އުޅޭއިރު، ފިރިހެނުންގެ ހިތްތަކުގައި ފިތުނަވެރިކަން އުފައްދައި، ޒިނޭއަށް މަގުފަހިކުރުވުމަށްޓަކައި އެ އަންހެނުންގެ ސިފަ ރީތިކޮށް ދައްކުވައިދޭ ދަރިއެވެ.
4- މަސްވަޠު: މިއީ ދޮގު ވާހަކަތައް އުފައްދައި، މީސްތަކުންގެ ތެރޭގައި ފާސިދު ޚަބަރުތައް ފެތުރުމަށް މަސައްކަތްކުރާ ދަރިއެވެ.
5- ޒަންނަބޫރު: މިއީ ބާޒާރުތަކާއި މާރުކޭޓުތަކުގައި މީހުންގެ ދެމެދުގައި ޚިލާފު އުފައްދައި، ޒުވާބުކުރުމާއި ތަޅާފޮޅުމަށް ހިތްވަރުދޭ ދަރިއެވެ.
ނިންމާލަމުން އިބްނު ޚަންޖޫރް ބުނީ، ބާމިއުޑާ ޓްރައިއެންގަލް ފަދަ ތަންތަނުން ދަތުރުކުރާއިރު ކީރިތި ޤުރުއާން ކިޔަވާނަމަ، އިބްލީހާއި އޭނާގެ ލަޝްކަރަށް އެ އިންސާނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމަށެވެ.
