ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ ނުވަވަނަ މެޗުން ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް މޮޅުވެ، މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންގެ ތާރީޚީ ރެކޯޑަށް ނިމުން ގެނެސްފި އެވެ. އެއްވެސް މެޗަކުން ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދުމުގައި މާޒިޔާއިން ވަނީ ކާމިޔާބު ހަތަރު އަހަރު ހޭދަކޮށްފަ އެވެ.
ފުރަތަމަ މެޗުން މޮޅުވެފައިވާ މި ދެ ޓީމުގެ ކުރިމަތިލުން ފޯރިގަދަވެފައި ވާދަވެރިކަން، ނިއު އެނބުރި އައިސް ވާދަކުރި ފުރަތަމަ އަހަރު ވެސް ވަނީ ދައްކާފައެވެ. މިއަހަރުގެ ލީގުގައި ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. މާޒިޔާއިން އޮޑި ބަލިކުރިއިރު، ނިއުއިން ވަނީ ގައްދޫ ބަލިކޮށްފަ އެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ކުރީކޮޅު މާޒިޔާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. 16 ވަނަ މިނިޓްގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް އައިސަމް އެވެ. އައިސަމް މި ލަނޑު ޖަހާފައިވަނީ މާޒިޔާއިން އުފެއްދި ހަމަލާއެއް ދިފާއުކުރަން މަސައްކަތްކުރި ނިއުރޭޑިއަންޓް ކުޅުންތެރިންނަށް ކާމިޔާބު ނުލިބި، އޭނާއަށް ލިބުނު ބޯޅަ ގޯލު ކުރިމަތީ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ ނިއުއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ކުރެވޭވަރުވީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. މެޗުގެ 40 ވަނަ މިނިޓްގައި ނިއުރޭޑިއަންޓަށް ނަތީޖާ ހަމަހަމަކޮށްދިނީ ހަސަން ރާއިފް އެވެ. ރާއިފް މި ލަނޑު ޖަހާފައިވަނީ ޑްރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް (ޑޯރީ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިޔާތެރެއިން ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް ޖެހި ކީޕަރުގެ ދުރުކަނަށް ތިރިތިރިން ވައްދާލައިގެން ނެވެ.
ދެވަނަ ހާފު ފެށުމާއިއެކު ލީޑު ހޯދުމަށް ދެ ޓީމުން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި ހާފުގައި ވެސް ފުރަތަމަ ލަނޑު ޖެހީ މާޒިޔާއިން ނެވެ. 62 ވަނަ މިނިޓްގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އިބްރާހިމް އައިސަމް އެވެ. އައިސަމް މި ލަނޑު ޖަހާފައިވަނީ ލޫތު ތަނަވަސްކޮށްދިން ފުރުސަތެއްގައި ހުސްކޮށް އަރައި އަރިމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
މާޒިޔާގެ ލީޑަށް މާގިނައިރެއް ނުވެ ނިއުއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު މާޒިޔާއަށް ޖަހައިދިނީ ބަދަލަކަށް ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) އެވެ. އަލީ ފާސިރު މި ލަނޑު ޖަހާފައިވަނީ ނަޝިމެންޓޯސް ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ މާޒިޔާ ކީޕަރު ހުސައިން ޝަރީފް ދިފާއުކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
މެޗުގެ ފަހުކޮޅު ހިނގާދިޔަ ހަމަނުޖެހުމަކާއި ގުޅިގެން ގިނަ ރީނދޫ ކާޑުތަކަކާއި ރަތް ކާޑުތަކެއް ދައްކާފައިވެ އެވެ. ނިއުރޭޑިއަންޓްގެ ބިލިޓީ އާއި އީތަން އަދި މާޒިޔާގެ އިޔާންއަށް ރީނދޫ ކާޑް ދެއްކިއިރު، މާޒިޔާއިން ހަސަން ޝިފާޒް އާއި ނިއުރޭޑިއަންޓްގެ ޢަބްދުﷲ މައިޝާންއަށް ރަތް ކާޑް ދެއްކި އެވެ. އަދި ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަށް ހަމަލާ ދިނުމާއި ގުޅިގެން މާޒިޔާ އެސިސްޓެންޓް ކޯޗު ސުޒެއިރުއަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ.
2-2 އިން އެއްވަރުވެގެން ނިމިދާނެކަމަށް ބެލެވުނު މި މެޗުގައި ނިއުއިން ލީޑު ނެގީ އިތުރު ވަގުތުގެ ފަހު މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑްރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް (ޑޯރީ) އެވެ. މި ލަނޑަކީ ބަދަލަކަށް ނިއުރޭޑިއަންޓުން ކުޅެން ނުކުތް މުޙައްމަދު ޔަޒްދާން ހުސައިން ވަރަށް މަސައްކަތުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑްރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް (ޑޯރީ) ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނިއުރޭޑިއަންޓް ވަނީ ހަ ޕޮއިންޓް ހަމަކޮށް، އެއްވަނައިގައި އޮތް ވިކްޓަރީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ.
