ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ކުވައިތުގެ ޖިންނި ކައިވެނި: ނޫރާގެ ބިރުވެރި ތަޖުރިބާ

އެއީ 1997 ވަނަ އަހަރުގެ ހޫނު މޫސުމުގެ މެންދުރުފަހުގެ ވަގުތެކެވެ. ކުވައިތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޫރާ، ބާޒާރުކޮށްގެން ދެ ކޮތަޅު ހިފައިގެން ގެއަށް ވަން ވަގުތު ގޭގެ ލޭންޑްލައިން ފޯނު ވިދިވިދިގެން ރިންގުވާ އަޑު އިވުނެވެ. ކޮތަޅުތައް އެއްފަރާތެއްގައި ބެހެއްޓުމަށްފަހު އޭނާ ފޯނު ނެގިއެވެ. ފޯނުން ވާހަކަދެއްކި މީހާގެ އަޑު އިވުމުން ނޫރާއަށް ވަރަށް އާދަޔާޚިލާފު ގޮތެއް އިހުސާސްވިއެވެ. އެ މީހާ ވާހަކަދައްކަމުން ދިޔައީ އާދައިގެ މީހުން ވާހަކަދައްކާ ގޮތަކަށް ނޫނެވެ. ދުވަސްވީ ޝައިޚުން ބޭނުންކުރާ ފަދަ ރަސްމީ އަދި ސާފު ފަސޭހަ ޢަރަބި ބަހުރުވައިންނެވެ.

އެ ފިރިހެންމީހާ ބުނީ ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި އޭނާގެ ދަރިފުޅުގެ ކައިވެނި އޮންނާނެ ކަމަށާއި، އެ ޕާޓީގައި ނޫރާގެ ބޭންޑާއެކު ލަވަކިޔައިދިނުމަށް އެދޭ ކަމަށެވެ. ކައިވެނި އޮންނަ ތަނުގެ އެޑްރެސް އެހުމުން ނޫރާ ހައިރާންވިއެވެ. އެއީ ކުވައިތު ސިޓީއާ 20 ކިލޯމީޓަރު ދުރުގައިވާ ސަހަރާގެ ތެރޭގައި އޮތް ތަނެކެވެ. ނޫރާ އޭނާގެ އަގު ބުނުމުން، އެ މީހާ އެއްވެސް ޖެހިލުމެއް ނެތި އާދައިގެ ފީއަށްވުރެ ހަތަރު ގުނަ ބޮޑު އަގެއް ދޭން އެއްބަސްވިއެވެ. ހަތަރު ޕާޓީން ލިބޭވަރުގެ ބޮޑު އާމްދަނީއެއް އެންމެ ރެއަކުން ލިބޭތީ ނޫރާ ވަރަށް އުފާވިއެވެ. ނަމަވެސް، އަގު ބޮޑުކަމުން އެޑްވާންސްގެ ގޮތުގައި އެއްބައި ދިނުމަށް ނޫރާ އެދުނެވެ. ފޯނުން ވާހަކަދެއްކި މީހާ ބުނީ ސިޓީން ބޭރަށް ނުކުމެ އުތުރަށް 20 ކިލޯމީޓަރަށް ދިއުމުން ފެންނަ ވޯޓާ ޓަވަރު ކައިރިން އޭނާގެ މީހަކު އެމީހުން ބަލައި އަންނާނެ ކަމަށެވެ. އެހެން ބުނެ ފޯނު ކަނޑާލިއެވެ.

ޖެހިގެން އައި ދުވަހު ނޫރާ އޭނާގެ ބޭންޑުގެ މެންބަރުން ގެއަށް ގެނެސް މި ވާހަކަތައް ކިޔައިދިނެވެ. އޭގެ ދެ ދުވަސް ފަހުން، ގޭގެ ބެލް ޖެހުމުން ބެލިއިރު ޑެލިވަރީ މީހަކު ޕާރުސަލެއް ހިފައިގެން ހުއްޓެވެ. އެއްވެސް އެއްޗެކޭ ނުބުނެ ޕާރުސަލް ދީފައި އޭނާ ހިނގައްޖެއެވެ. އެ ޕާރުސަލުގައި ފޮނުވި މީހާގެ ނަމެއް ނެތެވެ. ޕާރުސަލް ކަނޑައި ބެލިއިރު އޭގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. ނޫރާ ވަގުތުން ބޭންޑް މެންބަރުން އެއްކޮށް، ސަގާފީ ޚަލީޖީ ލަވަތައް ފަރިތަކުރަން ފެށިއެވެ.

ކަނޑައެޅުނު ދުވަހުގެ ހަވީރު 5:30 ހާއިރު، ދެ ކާރުގައި ނޫރާއާއި އޭނާގެ ބޭންޑް އުތުރަށް ދަތުރުފެށިއެވެ. 20 ކިލޯމީޓަރު ކަޑައްތުކުރުމަށްފަހު އެ ބުނި ޓަވަރު ފެނުނެވެ. އެތަނުގައި ކާރެއްގައި މީހަކު އިންތިޒާރުގައި އިނެވެ. އެ މީހާއާ ވާހަކަދެއްކުމަށްފަހު، އެ ކާރުގެ ފަހަތުން ނޫރާމެން ދުއްވަން ފެށިއެވެ. ނޫރާގެ ކާރުގައި އިން ލައިލާއަށް އާދަޔާޚިލާފު ބިރުވެރިކަމެއް އިހުސާސްވާން ފެށިއެވެ. މަގެއް ނެތް ފަޅު ސަހަރާއެއްގެ ތެރެއަށް މިހާ ފުންމިނަށް ދާތީ ލައިލާ ކަންބޮޑުވުން ފާޅުކުރިއެވެ. ނޫރާވެސް ހިތުގައި ސުވާލު އުފެދުނު ނަމަވެސް، ލައިލާއަށް ހިތްވަރު ދެމުން ދަތުރު ކުރިއަށް ގެންދިޔައެވެ.

މިވެސް ކިޔާލަން:  ސީމޫރު ގަބީލާ

ގާތްގަނޑަކަށް ބައިގަޑިއިރު ދުއްވި ފަހުން، ސަހަރާގެ މެދުގައި ހުރި އާދަޔާޚިލާފު ބޮޑު ގަނޑުވަރެއް ފަދަ ގެއެއްގެ ކުރިމައްޗަށް ކާރުތައް ހުއްޓިއެވެ. މަގުދެއްކި މީހާ ވަގުތުން ޔޫޓާނެއް ނަގައި އަނބުރާލައި ސަހަރާގެ ތެރެއަށް ގެއްލުނެވެ. ނޫރާގެ އެންގުމަށް ހަސަން އަދި އެހެން މެންބަރުން ސާމާނުތައް ބޭލިއެވެ. ގަނޑުވަރުގެ ބޮޑު ދޮރާއްޓާ ކައިރިވިތަނާހެން، އަމިއްލައަށް ދޮރު ހުޅުވުނެވެ. ދޮރުމަތިން އެމީހުންނާ އިސްތިގުބާލުކުރީ ރަން ރޮދިން ޖަރީކޮށްފައިވާ ދުވަސްވީ ބުރުގާއެއް އަޅައިގެން ހުރި އަންހެނެކެވެ.

އެތެރެއަށް ވަދެވުމުން ނޫރާ އަންތަރީސްވިއެވެ. މުޅި ތަން ވަނީ އިންތިހާއަށް ފުރިހަމަ އަދި ޝާހީ ސަގާފީ ގޮތަކަށް ޒީނަތްތެރިކޮށްފައެވެ. ގަދަ ޢޫދާއި ބަޚޫރުގެ މީރުވަސް މުޅި ތަނުގައި ހިފާފައި ހުއްޓެވެ. މޭޒުތަކުގެ މަތީގައި ޢަރަބި ކޮފީއާއި ކަދުރު އަދި މީރު ކާބޯތަކެތި އަތުރާފައި ހުއްޓެވެ. އެ އަންހެންމީހާ އެމީހުން ގެންދިޔައީ މަތި ހުޅުވާލެވިފައިވާ ސްޓޭޖެއް ހުރި ހޯލަކަށެވެ. އެއަށްފަހު އޭނާ އެތެރެއަށް ގޮސް ގެއްލުނެވެ. އެހާ ބޮޑު ކައިވެނި ޕާޓީއެއްގައި އެއްވެސް މެހެމާނަކު ފެންނަން ނެތުމުން ނޫރާއަށް ވަރަށް ޢަޖާއިބުވިއެވެ. ސްޓޭޖުގައި ތިބެގެން މަޑުމަޑުން ލަވަކިޔަން ފެށިއެވެ.

ރޭގަނޑު 10:30 ހާއިރު، ކައިވެނިކުރާ އަންހެންކުއްޖާ އޭނާގެ ހަތަރު ރަހުމަތްތެރިންނާއެކު ބޭރަށް ދާތަން ފެނުނެވެ. އޭރުވެސް ނޫރާ ލަވަކިޔަމުން ދިޔައެވެ. އަދި 11:00 ޖެހިތަނާހެން، ކުއްލިއަކަށް ހޯލުގެ ދޮރުތައް ހުޅުވި، އެއްފަހަރާ 250 އާއި 300 އާ ދެމެދުގެ އަދަދަކަށް މީހުން އެތެރެއަށް ވަދެ މުޅި ހޯލު ފުރާލިއެވެ. މެހެމާނުން ފެނުމުން ނޫރާ ލަވައިގެ އަޑު ބާރުކޮށް، ފޯރި އަރުވަން ފެށިއެވެ. އިރުކޮޅަކުން މެހެމާނުން ގްރޫޕް ގްރޫޕަށް ބެހިގެން ނަށަން ފެށިއެވެ.

11:30 ވީއިރު، އެމީހުންގެ ނެށުން ވަރަށް އާދަޔާޚިލާފު ގޮތަކަށް ބަދަލުވިއެވެ. އާދައިގެ އިންސާނުން ފައި ކުރިއަށް ލަނބައިގެން ނަށާއިރު، އެމީހުން ފައި ފަހަތަށް ލަނބައި، ފައި ހަރަކާތްނުކޮށް މުޅި ހަށިގަނޑު އެއްވަރަކަށް ތަޅުވަމުން ދިޔައެވެ. އަދި އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ބަލައެއްވެސް ނުލައެވެ. އެވަގުތު ބުރުގާއެއް އަޅައިގެން ހުރި އަންހެނަކު އައިސް ނޫރާއަށް ފައިސާ ދިނެވެ. ނޫރާގެ އަތް އެ އަންހެންމީހާގެ އަތުގައި ބީހުނު ވަގުތު، ހީވީ އަނދައަނދާ ހުރި ތަންދޫރެއްގައި އަތްލެވުނު ހެންނެވެ. އެހާވެސް އޭނާގެ ހަށިގަނޑު ހޫނެވެ. ދެން އައި އަންހެނަކު ބޭންޑުގެ ކުއްޖަކަށް ފައިސާ ދިންއިރު، އެ ކުއްޖާއަށް އެ އަންހެންމީހާގެ ލޮލަށް ބަލައިލެވުނެވެ. އެއީ އިންސާނެއްގެ ލޮލެއް ނޫނެވެ. ބިރުން ގޮސް މުޅި މީހާ ގަނޑުވި ނަމަވެސް ނޫރާ އިޝާރާތުން އެންގީ ލަވަ ހުއްޓާނުލުމަށެވެ.

ދަންވަރު 2:00 ވީއިރު، ނޫރާގެ އަޑު ބެދި، ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނަމަވެސް ހުއްޓާލެވޭކަށް ނެތެވެ. އާ ލަވައެއް ފެށުމާއެކު އެމީހުން މާ ބޮޑަށް ފޯރިނަގަން ފެށިއެވެ. ކުއްލިއަކަށް މުޅި ހޯލަށް ގަދަ ވަހަކާއެކު ދުން ފެތުރިގެން ދިޔައެވެ. ދުންތައް ފިލައިގެން ދިޔައިރު ފެނުނު މަންޒަރުން އެންމެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަށަން ތިބި އަންހެނުން ހެދުން ކުޑަކޮށް އުފުލައިލި ވަގުތު ފެނުނީ އެމީހުންގެ ފައެވެ. އެއީ އިންސާނުންގެ ފައެއް ނޫނެވެ. ނިގޫފަޅާފައިވާ، ނުވަތަ ޖަނަވާރެއްގެ ފައި ފަދަ ބިރުވެރި ފައެކެވެ. ހަސަންގެ އަނގަ ހުޅުވި، ލައިލާއާއި މަރިޔަމް ބިރުން ތުރުތުރުއަޅަމުން ދިޔައެވެ.

މިވެސް ކިޔާލަން:  ހުރިހައި ކަމެއް ޖިންނީންގެ ބޮލުގައި އެޅުވީމާ ކަމަކުނުދާނެ - ޝާޒް (ތަޖޫ)

ގަޑިން ސީދާ 3:00 ޖެހުމާއެކު، މުޅި ގަނޑުވަރުގެ ކަރަންޓު ކެނޑި، އަނދިރިވިއެވެ. ހަތަރު މިނެޓެއްހާއިރު ފަހުން އަލި އެޅުނުއިރު، މުޅި ހޯލުގައި ނޫރާއާއި އޭނާގެ ބޭންޑް ފިޔަވައި އެކަކުވެސް ނެތެވެ! ގަދަ ހޫނުކަން ކެނޑި، ތަން އޮތީ ގަނޑުފެން ފަދައިން ފިނިވެފައެވެ. ނޫރާ ވަގުތުން “ޔައްލާ! ޔައްލާ!” (އަވަހަށް ދުވަމާ!) އޭ ބުނެ ހަޅޭއްލަވައިގަތެވެ. ބޫޓު ކަނޑައިގެން ދިއުމުން ހުސްފައިގައި ދުވެފައި ގޮސް އެންމެން ކާރުތަކަށް އެރިއެވެ. އެއްވެސް މިއުޒިކު ސާމާނަކަށް ނުބަލައި، ފުރާނަ ސަލާމަތްކުރުމަށްޓަކައި ދެ ކާރުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔައެވެ. ބިރުން ގޮސް އެއްވެސް މީހަކު ފަހަތުން އާދޭތޯ ބެލުމަށް ކާރުގެ ހެޑްލައިޓުތައް ވެސް ނުދިއްލައި ކުޑައިރުކޮޅަކު ދުއްވިއެވެ.

ސަހަރާގެ ތެރޭގައި ބައިގަޑިއިރެއްހާއިރު ދުއްވި ފަހުން، ކުވައިތު ސިޓީގެ އަލިތައް ފެންނަން ފެށިއެވެ. ސިޓީއަށް ވަދެވުމާއެކު އެންމެން ޕެޓްރޯލް ޝެޑަކަށް މަޑުކުރިއެވެ. އެންމެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު، އެކަކު އަނެކަކާ ދައްކާނެ ވާހަކައެއް ނޭނގި ބަސްހުއްޓިފައި ތިއްބެވެ. އެތަނުން ފެން ބޮއެގެން ކޮންމެ މީހަކުވެސް އެމީހެއްގެ ގެއަށް ދިޔައެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ނޫރާ ސީދާ ދިޔައީ ފުލުހުންގެ މަރުކަޒަށެވެ. އަދި ރޭގަނޑު ހިނގައިދިޔަ ހުރިހާ ވާހަކައެއް ކިޔައިދީ، އެތަނުގައި ދޫކޮށްފައި އައި އަގުބޮޑު މިއުޒިކު ސާމާނުތައް ހޯދުމަށް އެހީތެރިކަމަށް އެދުނެވެ. ފުލުހުންގެ އިންސްޕެކްޓަރާއެކު އެ ބުނި ޓަވަރު ކައިރިއަށް ގޮސް، ރޭގައި ދިޔަ މަގުން ގޮސް އެތަނަށް ވާސިލުވިއެވެ. ނަމަވެސް އެތަނަށް ދެވުމުން ފެނުނު މަންޒަރުން ނޫރާ އަންތަރީސްވިއެވެ. ރޭގައި ފެނުނު ޝާހީ ބޮޑު ގަނޑުވަރުގެ އެއްވެސް ނިޝާނެއް އެތަނަކު ނެތެވެ. ފެންނަން އޮތީ ހަމައެކަނި ފަޅު ސަހަރާއެވެ. މިއުޒިކު ސާމާނެއްގެ ކުޑަވެސް ކުނޑިފޮދެއް ފެންނާކަށް ނެތެވެ. ފުލުހުން ހީކުރީ ނޫރާ ސަމާސާކުރަނީ ކަމަށެވެ. ލަދުވެތިކަމާއެކު ނޫރާ އެދުނީ އޭނާ ގެއަށް ގެންގޮސްދިނުމަށެވެ.

ގެއަށް ދިއުމަށްފަހު ނޫރާ އަވަސްވެގަތީ ކައިރީގައި ހުރި ލައިބްރަރީއަށް ދިއުމަށެވެ. އަދި ކުވައިތުގެ ތާރީޚީ ފޮތްތައް ބަލަން ފެށިއެވެ. ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު ފެނުނު ފޮތަކުން އެނގުނު ގޮތުގައި، މީގެ އެތައް އަހަރެއް ކުރިން އެ ސަރަހައްދުގައި އެފަދަ ގަނޑުވަރެއް ހުއްޓެވެ. ނަމަވެސް ސަރުކާރުން އެތަން ނަގައި، ފަޅުވެ ވީރާނާވުމުން ވަނީ މުޅިން ތަޅާލައި ބިމާ ހަމަކޮށްފައެވެ. އަދި އެޑްވާންސް ފައިސާ ލިބުނު މަނީ އޯޑަރުގެ މައުލޫމާތު ހޯދަން ދިޔުމުން އެނގުނީ އެފަދަ އެއްވެސް ރެކޯޑެއް ނެތް ކަމެވެ. ގުޅި ނަންބަރަކީ ވެސް ޚިދުމަތުގައި ނެތް ނަންބަރެކެވެ.

މިވެސް ކިޔާލަން:  ސަހަރާގެ ރޫޙީ ލޯބި – ނަހާސްކީރާއްޖެ

އިސްލާމީ އަގީދާގައި ބަޔާންވެގެންވާ ފަދައިން ޖިންނީންނަކީ ލޮލަށް ނުފެންނަ މަޚްލޫޤުންނެވެ. އެމީހުންގެ އަމިއްލަ ދުނިޔެއެއް އޮވެއެވެ. ނޫރާއަށް ވިސްނުނީ އެރޭ އޭނާ ލަވަކިޔައިދިނީ ޖިންނީންގެ ކައިވެނި ހަފުލާއެއްގައި ކަމެވެ.

މި ބިރުވެރި ހާދިސާއަށްފަހު، އުމުރުން 35 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޫރާ އަބަދުގެ އަބަދަށް ލަވަކިޔުން ހުއްޓާލިއެވެ. ގިނަ ބަޔަކު ސުވާލުކުރުމުން އޭނާ ބުނަމުން ދިޔައީ އާއިލާއަށް ވަގުތު ދޭން ބޭނުންވަނީ ކަމަށެވެ. ނަމަވެސް އޭނާގެ ލޮލުގައި ކުރިން ހުންނަ އުފާވެރިކަމުގެ ބަދަލުގައި ފެންނަން ހުރީ ފުން ބިރުވެރިކަމެކެވެ. މިއަދު އޭނާއަކީ މާމައަކަށް ވެފައިވާ އުމުރުން ދުވަސްވީ އަންހެނެކެވެ. އެކަމަކު އަދިވެސް އިރުއޮއްސުމާއެކު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ތަޅުލައެވެ. އަދި ނުދަންނަ ނަންބަރުތަކުން އަންނަ ފޯނުކޯލުތަކަކަށް ދުވަހަކުވެސް ޖަވާބެއް ނުދެއެވެ. އެ ރޭގެ ބިރުވެރި ހަނދާންތައް މިއަދުވެސް އޭނާގެ ހިތުން ފިލައިގެން ނުދެއެވެ.

ނިމުނީ

ނޫރާ އަލް-ތަގާގާ އަކީ ކާކު؟

ނޫރާ އަލް-ތަގާގާ އަކީ 1980 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1990 ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް ކުވައިތުގައި ކައިވެނި ހަފުލާތަކާއި، އާއިލީ އެއްވުންތަކުގެ އިތުރުން އަމިއްލަ ޕާޓީތަކުގައި ލަވަކިޔައި، ތާރަޖަހައި އުޅުނު މަޝްހޫރު ފަންނާނެކެވެ. އަންހެން ފަންނާނުންނަށް ހާއްސަކޮށްގެން ބާއްވާ ކައިވެނި ހަފުލާތަކުގައި އޭނާ އަކީ އެ ދުވަސްވަރު އެންމެ ޑިމާންޑް ބޮޑު އެއް ނަމެވެ.

ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު، ކުވައިތުން ބޭރުގައި އޭނާއަކީ އެހާ މަޝްހޫރު މީހެއް ނޫނެވެ. އޭނާގެ ރަސްމީ އަލްބަމެއް ނުވަތަ ފާހަގަކޮށްލެވޭ ފަދަ ބްރޯޑްކާސްޓް ރެކޯޑިންއެއް ނުވަތަ ޓީވީ ޕްރޮގްރާމަކުން ފެނިފައެއް ނުވެއެވެ. އޭނާގެ މަޝްހޫރުކަން ބިނާވެފައި އޮތީ ހަމައެކަނި ފޯނު ކޯލްތަކާއި، މީހުން ދައްކާ ވާހަކަތަކުގެ މައްޗަށެވެ. އެއީ އެއްފަހަރު އޭނާ ގެންދާ އާއިލާތަކުން، އޭނާގެ ހުނަރުވެރިކަން ފާހަގަކޮށް ދެވަނަ ފަހަރަށްވެސް އޭނާއަށް ދައުވަތު ދިނުމުގެ ސަބަބުން އުފެދުނު މަގުބޫލުކަމެކެވެ.

ނޫރާގެ މަސައްކަތްތައް އަމިއްލަ ހަފުލާތަކަށް އެކަނި ހާއްސަވެފައި އޮތުމަކީ، މިއަދު އޭނާގެ ވާހަކަތަކުގެ ތެދުދޮގު ކަށަވަރުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އޭނާ ބައިވެރިވި ހަފުލާތަކުގެ އެއްވެސް ރަސްމީ ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. އަދި އޭނާ މިއުޒިކީ ދާއިރާއާ ވަކިވިއިރު، އެކަން އިއުލާންކޮށް ނޫސްބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި ވަދާއީ އެއްވެސް ހަރަކާތެއްވެސް ބާއްވާފައެއް ނުވެއެވެ. އޭނާ ފެންނަން ހުރެފައި ކުއްލިއަކަށް ކައިވެނި ހަފުލާތަކުން ގެއްލުނީއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top