ދިވްޔަންކާ ތުރިޕާތީ އާއި ވިވެކް ދަހިޔާ އެމީހުންގެ އެއްމާބަނޑު ދެ ފިރިހެން ކުދިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާއިރު، އަލުން އެނބުރި ޓީވީ ސްކްރީންތަކަށް އަންނަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އައި.ޑަބްލިއު.އެމް.ބަޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެމަފިރިން “ޕަތީ ޕަތުނީ އޯރް ޕަންގާ” ގެ ދެވަނަ ސީޒަނުން ފެނިގެންދާނެއެވެ. މިއީ އެއްމާބަނޑު ދެ ކުދިން ލިބުނު ފަހުން މި ދެމަފިރިން އެކުގައި ރިއަލިޓީ ޝޯވއަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ޝޯވގެ އާ ސީޒަނުގައި ޓީވީގެ މަޝްހޫރު އެހެން ދެމަފިރިން ކަމަށްވާ ދީޕިކާ ސިންގް އާއި ރޯހިތު ރާޖް ގޯޔަލްގެ އިތުރުން ޕަރްމީތު ސޭތީ އާއި އަރްޗަނާ ޕުރާން ސިންގް ވެސް ބައިވެރިވާނެ ކަމަށް ވަނީ ކަށަވަރުވެފައެވެ.
2016 ވަނަ އަހަރު ކައިވެނިކުރި ދިވްޔަންކާ އާއި ވިވެކަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނީ މިއަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. މި އުފާވެރި ޚަބަރު ފޭނުންނާ ހިއްސާކުރަމުން އެމީހުން ބުނެފައިވަނީ، އުފާވެރިކަމަށް އެދުމުން ލިބިގެންދިޔައީ އޭގެ ދެގުނަ ކަމަށެވެ.
ކުދިންގެ ރަސްމީ ނަން އަދި ހާމަކޮށްފައި ނުވާއިރު، މިވަގުތު އެކުދިންނަށް މުޚާތަބު ކުރަނީ “ޓީ1” އަދި “ޓީ2” ގެ ނަމުންނެވެ. ދިވްޔަންކާ ހާމަކޮށްފައިވާ ގޮތުގައި މި ދެކުދިންގެ މިޒާޖު ވަރަށް ތަފާތެވެ. އަދި ވިވެކް ލޯތްބާއެކު އެކުދިންނަށް ނިސްބަތްކޮށްފައިވަނީ އޭނާގެ “ކަރަން އަރުޖުން” ގެ ނަމުންނެވެ.
“ޕަތީ ޕަތުނީ އޯރް ޕަންގާ” ސީޒަން 2 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ. މި ޝޯވ ދެއްކުމަށް ހަމަޖެހިފައިވަނީ ކަލާޒް ޓީވީ އާއި ޖިއޯ ހޮޓްސްޓާ މެދުވެރިކޮށެވެ.
މި ރިއަލިޓީ ޝޯވއަކީ މަޝްހޫރު ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމާއި، އެކަކު އަނެކަކަށް ހުންނަ އިތުބާރާއި ދެނެގަތުން އިމްތިހާންކުރެވޭ ތަފާތު މަސައްކަތްތަކެއް ހިމެނޭ ޝޯވއެކެވެ. މީގެ އިތުރުން، އެމީހުންގެ ކައިވެނީގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު ވެސް މި ޝޯވއިން ލިބިގެންދެއެވެ.
މި ޝޯވގެ ފުރަތަމަ ސީޒަން ކާމިޔާބުކުރީ ރުބީނާ ދިލައިކް އާއި އަބިނަވް ޝުކްލާއެވެ.
