ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޔުނައިޓެޑް އެއާލައިންސް ފްލައިޓް 232: ހައިޑްރޯލިކް ނިޒާމު މުޅިން ފެއިލްވެ ހިނގި ބިރުވެރި ހާދިސާ

އެމެރިކާގެ އަޔޯވާގެ ދަނޑުބިންތަކުގެ އެތައް ހާސް ފޫޓެއް މަތިން އުދުހެމުންދިޔަ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 232 ވަނީ ކުއްލި ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ. ޑެންވަރުން ފުރައިގެން ޝިކާގޯއަށް ދަތުރުކުރަމުންދިޔަ ޑީސީ-10 މަރުކާގެ މި ބޯޓު 37،000 ފޫޓު މަތީގައި ދަތުރުކުރަމުން ދިޔައީ ވަރަށް އަމާން، ސާފު މޫސުމެއްގައެވެ. ބޯޓުގައި 285 ފަސިންޖަރުންނާއި ފަޅުވެރިން ތިބިއިރު، އެއީ ޔުނައިޓެޑް އެއާލައިންސްގެ ކުޑަކުދިންގެ ދުވަސް ކަމަށްވާތީ 52 ކުޑަކުދިންވެސް ބޯޓުގައި ތިއްބެވެ.

ހުރިހާ ކަމެއް އާދައިގެ މަތިން ދަނިކޮށް، ކުއްލިއަކަށް ބާރުގަދަ އަޑުފައްގަނޑަކާ އެކު މުޅި ބޯޓު ތަޅުވައިގަތެވެ. އެއްވެސް އިންޒާރެއް ނެތި، ބޯޓުގެ ނިގުލުގައި ހުރި ނަންބަރު 2 އިންޖީނު ގޮވީއެވެ. ބާރުގަދަ އަޑާއެކު ބޯޓުގެ ކެބިން ތެރޭގައި ތިބި މީހުން ހީކުރީ ބޮމެއް ގޮވީ ކަމަށެވެ. އެންމެންގެ ހިތްތަކަށް ބިރުވެރިކަން ވަދެގެންދިޔައިރު، ކޮކްޕިޓުގައި ތިބި ކެޕްޓަން އަލް ހޭންސް އަދި ފަސްޓް އޮފިސަރު ބިލް ރެކޯޑްސްއަށް މުޅި ބޯޓުގެ ކޮންޓްރޯލް ގެއްލެން ފެށިއެވެ.

ބޯޓު އެއްފަރާތަކަށް އަރިއަޅާލައި، ތިރިއަށް ވެއްޓެން ފެށުމުން ފަސްޓް އޮފިސަރު ކޮންޓްރޯލް ދަނޑީގައި ހިފި ނަމަވެސް އެއްވެސް އިޖާބައެއް ނުލިބުނެވެ. ބޯޓުގެ ހައިޑްރޮލިކް ގޭޖުތައް ބެލިއިރު، ހުރިހާ ހައިޑްރޮލިކް ދިޔައެއް ހުސްވެ، ތިން ސިސްޓަމް އެއްކޮށް ވަނީ ފެއިލްވެފައެވެ. ބޯޓުގެ ފިޔަގަނޑުތަކާއި ކޮންޓްރޯލް ސާފަސްތައް ހިންގާ ހައިޑްރޮލިކް ނިޒާމު އެއްކޮށް ހުއްޓުމަކީ އޭވިއޭޝަން ތާރީޚުގައި ވާނެ ކަމަށް ދުވަހަކުވެސް އުއްމީދުކުރި ކަމެއް ނޫނެވެ. ވުމާއެކު، ބޯޓު ކޮންޓްރޯލް ކުރާނެ އެއްވެސް މެކޭނިކަލް ގޮތެއް ދެން ނެތެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި، ބޯޓުގެ ފަސިންޖަރެއްގެ ގޮތުގައި އިން ޑެނީ ފިޗް ކިޔާ ޑީސީ-10 ގެ ތަޖުރިބާކާރު އިންސްޓްރަކްޓަރު ޕައިލެޓަށް އެހީތެރިވުމަށް ކޮކްޕިޓަށް ވަނެވެ. ހާލަތު ފެނުމުން، މިއަދަކީ މަރުވާނެ ދުވަސްކަން އޭނާއަށް ވިސްނުނެވެ. ނަމަވެސް އުއްމީދު ކަނޑާނުލައި، ބާކީ ހުރި ދެ އިންޖީނުގެ ބާރު (ތްރޮޓްލް) އެކިވަރަށް ބަދަލުކޮށްގެން ބޯޓު ސީދާކޮށް، ދުއްވޭތޯ އޭނާ މަސައްކަތް ފެށިއެވެ.

ބޯޓު ވާތަށް އަނބުރަން އުނދަގޫވުމުން، އެތައް ބުރެއް ކަނާތަށް ޖަހަމުން، އެމީހުން ދިޔައީ އެންމެ ކައިރީގައިވާ ސިއޫ ސިޓީގެ އެއާޕޯޓަށް ޖައްސަން ދަތުރުކުރަމުންނެވެ. ކެޕްޓަން ހޭންސް ފަސިންޖަރުންނަށް ހަގީގަތް ހާމަކޮށް، މިއީ ވަރަށް ނުރައްކާތެރި ކްރޭޝް-ލޭންޑިންގ އަކަށް ވާނެކަމުގެ އިންޒާރު ދިނެވެ. ބޯޓުގެ ލޭންޑިންގ ގިއަރު މެނުއަލްކޮށް ތިރިކުރި ނަމަވެސް، ފިޔަގަނޑުގެ ފްލެޕްސްތައް މަސައްކަތް ނުކުރާތީ ބޯޓު އައީ އާދައިގެ ސްޕީޑަށްވުރެ އެތައް ގުނައެއް ބާރުމިނުގައެވެ.

މިވެސް ކިޔާލަން:  އެއާރ ކެނެޑާ ބޯޓެއް އުޅަނދެއްގައި ޖެހި ދެ ޕައިލެޓުން މަރުވެއްޖެ

އެއާޕޯޓުގެ ރަންވޭއާ ހަމައަށް ވާސިލްވެވުނު ނަމަވެސް، ބިމުގައި ޖެހެން ކުޑަތަންވެފައި ވަނިކޮށް ކަނާތު ފިޔަގަނޑު އަރިއަޅާލައި، ބޯޓު ވަރަށް ބާރަށް ރަންވޭގައި ޖެހި، އަލިފާން ރޯވެ، ބުރިބުރިވެގެން ދިޔައެވެ. ބޯޓުގެ ބައިތައް ދަނޑުތަކުގެ ތެރެއަށް ބުރައިގެން ދިޔައެވެ. ޖެރީ ޝެމެލް ފަދަ ސަލާމަތްވި ފަސިންޖަރުން އަލިފާނުގެ ތެރެއިން ނުކުމެ، ކުޑަކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވިއެވެ. މި ހިތާމަވެރި ހާދިސާގައި 111 މީހުން މަރުވި ނަމަވެސް، ޕައިލެޓުންގެ ހިތްވަރާއި މަސައްކަތުން 185 މީހުންގެ ފުރާނަ ސަލާމަތްވިއެވެ. ކޮކްޕިޓްގައި ތިބި ހަތަރު ޕައިލެޓުންވެސް، ލިބުނު ބޮޑެތި އަނިޔާތަކާއެކު ދިރިތިއްބާ ފެނުނެވެ.

ހާދިސާގެ ތަހުގީގު ޓީމުތަކުން ބެލިބެލުމުން އެނގުނީ، ނަންބަރު 2 އިންޖީނުގެ މައި ފަންކާގެ ބައެއް (ފޭން ޑިސްކް) ފަޅައިގެން ގޮސް، އޭގެ އެތިކޮޅުތައް ބުރައިގެން ގޮސް ބޯޓުގެ ތިން ހައިޑްރޮލިކް ހޮޅިތައް އެއްފަހަރާ ބުރިކޮށްލީ ކަމެވެ. މި ހޯދުމާއެކު، މަތިންދާބޯޓު އުފެއްދުމުގެ ދާއިރާއަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނެވުނެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުގެ ޙަޤީޤަތް ތަޙުޤީޤީ ޓީމަށް މަޑުމަޑުން ސާފުވާން ފެށިއެވެ. މަތިންދާބޯޓުގެ ތިން ހައިޑްރޮލިކް ސިސްޓަމްގެ ހޮޅިތައް އެއްތަނަކުން ބައްދަލުވާ ހަމައެކަނި ދިމާލަކީ، ބޯޓު މައްޗަށާއި ތިރިއަށް ކޮންޓްރޯލްކުރާ ‘އެލިވޭޓާރސް’ ހިންގުމަށްޓަކައި ހޮރައިޒޮންޓަލް ސްޓެބިލައިޒާގައި ހުންނަ ބައެވެ. މި ހުރިހާ ހޮޅިތަކެއް ޖަމާވެފައި ހުރީ ބޯޓުގެ ފަހަތު އިންޖީނުގެ ތިރީގައެވެ. ދެވަނަ ނަންބަރު އިންޖީނުގެ ފޭން ޑިސްކް ފަޅައިގެން ދިޔަ ވަގުތު، އޭގެ ސަބަބުން ދެވަނަ ހައިޑްރޮލިކް ސިސްޓަމް މުޅިން ހަލާކުވިއެވެ. އަދި ބުރައިގެންދިޔަ ދަގަނޑު އެތިކޮޅުތަކުގެ ސަބަބުން އަނެއް ދެ ސިސްޓަމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ހުރިހާ ހައިޑްރޮލިކް ހޮޅިތަކެއް ފޫގޮސް ނުވަތަ ބުރިބުރިވެގެން ދިޔައެވެ. ބޯޓުގެ ހުރިހާ ހައިޑްރޮލިކް ފްލުއިޑެއް ބޭރުވެ، މުޅި ނިޒާމު އެއްކޮށް ހުއްޓުނީއެވެ.

އިންޖީނު ނަންބަރު 2 ފެއިލްވުމަކުން، ނަންބަރު 1 އަދި 3ގެ ހައިޑްރޮލިކް ސިސްޓަމް ހުއްޓެން މެދުވެރިވި ސަބަބު މިހާރު ތަޙުޤީޤަށް ސާފުވެއްޖެއެވެ. ޕައިލެޓުން ބޯޓު ކޮންޓްރޯލް ކުރަން އުޅުނު ވަގުތު ކޮކްޕިޓްގައި ތަކުރާރުކޮށް ގޮވަމުންދިޔައީ “ވާތަށް! ވާތަށް، ވާތަށް، ވާތަށް!” މިހެންނެވެ.

މިވެސް ކިޔާލަން:  ނުރައްކާތެރި ދަތުރު: ކަނޑުމައްޗަށް ތިރިކުރި ފްލައިޓް 961

ބިނދައިގެން ދިޔަ ފޭން ޑިސްކުގެ ސަބަބުން ލިބުނު ބޮޑު ގެއްލުން އެނގުމުން، އެ ޑިސްކް ފަޅައިގެން ދިޔަ ސަބަބު ހޯދުން ކޮންމެހެން މުހިންމުވިއެވެ. އެހެންކަމުން އެ ޑިސްކުގެ ބައި ހޯދި ފަރާތަކަށް 50،000 ޑޮލަރުގެ އިނާމެއް އިޢުލާނު ކުރެވުނެވެ. ޔުނައިޓެޑް ފްލައިޓް 232 ސިއޫ ސިޓީއަށް ވެއްޓުނުތާ ތިން މަސް ފަހުން، އެއާޕޯޓާ 100 ކިލޯމީޓަރު ދުރުގައި އޮތް ދަނޑުވެރިކަން ކުރާ ދަނޑަކުން އަންހެނަކަށް މި މުހިންމު ހެކި ފެނުނެވެ. އޭނާ ބުންޏެވެ. “އަހަރެންގެ ކޮމްބައިން މެޝިނުގައި އެތިގަނޑު އަޅައިގަތީ. ފަހަތަށް ޖެހިލާފައި ބަލައިލި އިރު ހިތަށްއެރި މިއީ ހަމަ އެ އެތިގަނޑޭ.” އެ އަންހެން މީހާ ވެގެންދިޔައީ އެ ދުވަހުގެ ބަޠަލާއަށެވެ. އެއީ ތަޙުޤީޤަށް ނުހަނު އަގުހުރި ހެއްކެކެވެ.

ބޮޑު ޑިސްކު އޮތީ ދެފަޅިވެފައެވެ. މިފަދަ ވަރުގަދަ ޓައިޓޭނިއަމް އެލޯއި އަކުން ހަދާފައިވާ ބައެއް މިގޮތަށް ދެބުރިވުމަކީ ޙައިރާންވާންޖެހޭ ކަމެކެވެ. އެކަން އެގޮތަށް ވީ އެންމެ ރެޔަކުން ނޫނެވެ. ޑިސްކު ތަޙުލީލު ކުރުމުން އެނގުނީ އެއީ ދިގު މުއްދަތަކަށް ދެމިގެންދިޔަ “މެޓަލް ފެޓީގް” ނުވަތަ ދަގަނޑު ބަލިކަށިވުމުގެ ސަބަބުން ފެޅުނު ރެނދެއް ކަމެވެ. ތަޙުޤީޤީ ޓީމުން އެ ރެނދު ފެށުނު ހިސާބު ކަނޑައިގެން ނަގައިގެން ޓެސްޓުކުރިއެވެ. އަދި އެ ޓައިޓޭނިއަމްގެ ތެރޭގައި ހުރެގެން ނުވާނެ މާއްދާތަކެއް ކަމަށްވާ ނައިޓްރޮޖެން އަދި އޮކްސިޖަން އެކުލެވިފައިވާކަން ފާހަގަކުރެވުނެވެ. މި މާއްދާތަކުގެ ސަބަބުން ދަގަނޑު ފަސޭހައިން ރެނދުލާ ގޮތް މެދުވެރިވިއެވެ. މިއީ މީގެ 17 އަހަރު ކުރިން، އެ ބައި އުފެއްދުމުގައި ދިމާވި ވަރަށް ކުޑަކުޑަ އުނިކަމެކެވެ. އިންޖީނު ސްޓާޓްކޮށް ނިއްވާލާ ކޮންމެ ފަހަރަކު އެ ރެނދު ދިޔައީ މަޑުމަޑުން ބޮޑުވަމުންނެވެ. އަދި ފަހުން އެއްކޮށް ފަޅައިގެން ގޮސް މި ބޮޑު ކާރިސާ ކުރިމަތިވީއެވެ. މި ބައި ގަވާއިދުން ޗެކްކުރި ނަމަވެސް، ރެނދު ހުރި ތަނުގެ ގޮތުން އެކަން ދެނެގަތުން އޮތީ އިންތިހާއަށް އުނދަގޫ ކަމަކަށް ވެފައެވެ.

މިވެސް ކިޔާލަން:  އެއާރ ކެނެޑާ ބޯޓެއް އުޅަނދެއްގައި ޖެހި ދެ ޕައިލެޓުން މަރުވެއްޖެ

މި ހާދިސާއަށްފަހު، އެން.ޓީ.އެސް.ބީ އިން ވަގުތުން ފިޔަވަޅު އަޅައި، ފޭން ޑިސްކުތައް ވަރަށް ފުރިހަމައަށް ބަލައި ފާސްކުރުމަށް އެންގިއެވެ. އަދި ޓައިޓޭނިއަމް އުފެއްދުމުގައި އޭގައި ހުންނަ ގޭސްތައް ބޭރުކުރުމަށްޓަކައި ވެކިއުމް ތެރޭގައި ތިން ފަހަރު ވިރުވާ ގޮތަށް ހަމަޖެހުނެވެ. މީގެ އިތުރުން، ޑީސީ-10 މަރުކާގެ ބޯޓުތަކުގެ ހައިޑްރޮލިކް ނިޒާމަށް ވޭލްވްތައް އިތުރުކުރެވުނެވެ. އެއީ އެއް ހޮޅި ފަޅައިގެން ދިޔަޔަސް އަނެއް ހޮޅިތަކުން ފްލުއިޑް ބޭރުނުވެ ބަންދުވާނެ ގޮތަށެވެ. ކޮންމެ އެކްސިޑެންޓަކީ ވެސް ޢިބުރަތެކެވެ. ސިއޫ ސިޓީގެ ހާދިސާއަކީ ޒަމާންތަކަކަށް ދެމިގެންދާ ފިލާވަޅެކެވެ.

މީހުންގެ ފުރާނަ ގެއްލިގެން ދިޔަ ނަމަވެސް، އެ ނުރައްކާތެރި ވަގުތުގައި ޕައިލެޓުން ކުރި މަސައްކަތަކީ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ލިޔެވިގެންދިޔަ ލާމަސީލު މިސާލެކެވެ. “ހުރިހާ ހައިޑްރޮލިކް ސިސްޓަމެއް ޒީރޯއަށް ގޮސްފި، އެއްވެސް ފްލުއިޑެއް ނެތް،” މިއީ ޤަބޫލުކުރަން ވެސް ދަތި ޙާލަތެކެވެ. އެއްވެސް ގައިޑްލައިނެއް ނެތް އެ ދަނޑިވަޅުގައި، އެމީހުން ބޯޓު ދުއްވީ އިންޖީނުގެ ބާރު އެކި މިންވަރަށް ބޭނުންކޮށްގެންނެވެ. ފަސިންޖަރެއްގެ ގޮތުގައި ދަތުރުކުރި ޑެނީ ފިޗް ކޮކްޕިޓަށް ވަދެ އެހީވާން އެދުނު ހިނދު، ކެޕްޓަން އަލް ހޭންސް އޭނާއަށް ތްރޮޓަލްސް ހިންގަން ދިނުމަކީ 185 މީހުންގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިވި މުހިންމު ސަބަބެކެވެ.

އެ ހަތަރު ޕައިލެޓުންނަށް ވައިގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ‘ޕޮލާރިސް އެވޯޑު’ އެރުވުނެވެ. ނަމަވެސް ކެޕްޓަން ހޭންސް ވިދާޅުވީ، “އަހަރެމެންނަކީ ބަޠަލުންނެއް ނޫން. އަހަރެމެން ކުރި މަސައްކަތް ކާމިޔާބުވީތީ ނަސީބު ގަދައީ. އެއީ ފަސިންޖަރުންގެ އިތުބާރު ހިފެހެއްޓުމަށް އަހަރެން ވާންޖެހޭ ޤުރުބާނީއެއް.”

ހާދިސާއަށްފަހު އެއް އަހަރު ތެރޭގައި އަލް ހޭންސް އަދި ބިލް ރެކޯޑްސް އަލުން އުދުހެން ފެށިއެވެ. ޑެނީ ފިޗްއަށް އެކަމަށް 18 މަސް ނެގިއެވެ. ޑޮކްޓަރުން އޭނާއަށް ދެން ދުވަހަކުވެސް ނުދުއްވޭނެ ކަމަށް ބުނި ނަމަވެސް، އޭނާ ހިތްވަރު ދުލެއް ނުކުރެއެވެ. 18 މަސް ފަހުން ހޮނޮލުލޫއަށް ދަތުރުކުރި ފްލައިޓް 187 ގައި އިވުނީ އޭނާގެ އަޑެވެ. “މިއަދު މި ފްލައިޓްގެ ކޮމާންޑުގައި ހުރީ ކެޕްޓަން ޑެނީ ފިޗް.” އެއީ ދުވަހަކުވެސް އުންމީދު ކަނޑާނުލުމުގެ ފުރިހަމަ މިސާލެކެވެ.

ނޯޓް
1989 ވަނަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު، ޔުނައިޓެޑް އެއަރލައިންސްގެ ފްލައިޓް 232 ގެ އިންޖީނަށް ދިމާވި ނުރައްކާތެރި މައްސަލައެއްގެ ސަބަބުން ބޯޓުގެ ތިން ހައިޑްރޯލިކް ސިސްޓަމް އެކުގައި މައްސަލަޖެހި، ބޭނުންނުކުރެވޭވަރުވިއެވެ. މީގެ ސަބަބުން ބޯޓު ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ނެތި، މިސްރާބު ބަދަލުކުރުމާއި ފްލެޕްސް ފަދަ އުދުހުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މުޅިން ހުއްޓުމަކަށް އައެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top