ބޭރު ޤައުމުތަކަށް ދަތުރުކުރުމަކީ ތަފާތު ސަބަބުތަކަށްޓަކައި ވަރަށް ފޯރިގަދަ ކަމެކެވެ. އައު މަންޒިލްތައް ބަލާލުމާއި، ތަފާތު ކާތަކެތީގެ ރަހަބެލުމާއި، އެހެން ސަގާފަތްތަކެއް ތަޖުރިބާކުރުމުގެ އިތުރުން، ވިޔަފާރިކުރުމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ މުހިންމު ބަޔެކެވެ.
ގިނަ އަންހެނުންނަށް މޭކަޕް ސާމާނު ގަތުމަކީ މި ފޯރީގެ ބޮޑު ބައެކެވެ. އަދި އަމިއްލަ އާއިލާގެ މެންބަރަކަށް ނުވަތަ ގާތް އެކުވެރިއަކަށް މިފަދަ އެއްޗެއް ގަންނަން އުޅޭއިރު، އެކަން އާއިލީ މަޖާ ހަރަކާތަކަށް ވަރަށް އަވަހަށް ބަދަލުވެގެންދެއެވެ.
ރޭގައި އަހަންނަށް ތަޖުރިބާކުރެވުނީ ހަމަ މިފަދަ ކަމެކެވެ. އާދައިގެ ގޮތަކަށް މަދު މޭކަޕް ސާމާނުކޮޅެއް ގަތުމަށް ފެށި މި މަސައްކަތް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވީޑިއޯ ކޯލްތަކާއި، ތަކެތި އަޅާކިޔުމާއި، ފޮޓޯ ފޮނުވުމާއި، ކުލަތަކާ ބެހޭގޮތުން ކުރެވުނު ބަހުސްތަކުން މުޅި އާއިލީ ވައިބާ ގްރޫޕް ފުރާލައިފިއެވެ.
އެއްވަގުތެއްގައި އަހަންނަށް އިޙުސާސްވީ، އަހަރެން މިކުރަނީ ހަމައެކަނި ވިޔަފާރިއެއް ނޫން ކަމެވެ. އަހަރެން މި ކުރިއަށްގެންދަނީ ދުރުގައި ތިބި ނިންމުންތައް ނިންމާ ކޮމިޓީއަކާއެކު ބައިނަލްއަޤުވާމީ ފެންވަރުގެ ބިއުޓީ ކޮންސަލްޓޭޝަނެކެވެ. އަވަހަށް ނިންމަންޖެހޭ ކަންކަން ވީޑިއޯ ކޯލުން ނިންމަމުންދިޔައިރު، ކަންކަން ފައިނަލްކުރުމުގައި އިސްކޮށް އޮތީ އާއިލާގެ ވައިބާ ގްރޫޕެވެ.
އެއް ލިޕްސްޓިކްގެ ފޮޓޯއެއް ފޮނުވާލުމާއެކު، ސުވާލު އާދެއެވެ. “މީގެ ތެރެއިން ކޮން އެއްޗެއް؟”
ދެން އަންނަނީ ތިން ޖަވާބެކެވެ. “މިއެއް ނޫން.”، “އަނެއް ކުލަ ދައްކާބަލަ.”، “މަޑުކޮށްބަލަ، ތިއީ އޭނާ އަތުގައި ކުރިންވެސް އޮތް އެތި ނޫންތަ؟”
ދެވަނަ ފޮޓޯއެއް ފޮނުވުމުން، މީހަކު އެ ޒޫމްކޮށްގެން ބަލާނެއެވެ. އަނެކަކު އޭގެ ނަން އަހާނެއެވެ. އަދި އެހެން މީހަކު މުޅިން ތަފާތު އުފެއްދުމެއްގެ ހަނދާން އާކޮށްލަފާނެއެވެ. ނިންމުމެއް ނިންމިއްޖެ ކަމަށް ހީކުރާ ވަގުތު، އައު މެސެޖެއް އާދެއެވެ. “އަސްލު، މިއެއްޗާމެދު ކޮބާ ޚިޔާލަކީ؟”
އަނެއްކާވެސް ފެށި ފެށުމަށް ރުޖޫއަވީއެވެ. މިއީ ވިޔަފާރި ދަތުރަކަށްވުރެ ބޮޑަށް، ރީތިވާ ސާމާނާ ބެހޭގޮތުން ބޭއްވޭ އާއިލީ ބޯޑު މީޓިންއަކާ އެއްފަދަ ކަމެކެވެ. ނަމަވެސް، މިއީ ވަރަށް މަޖާ ކަމެއް ވެސް މެއެވެ. ސަބަބަކީ އެ ހުރިހާ ޚިޔާލުތަކާއި ފޮޓޯތަކުގެ ފަހަތުގައި ވަނީ ލޯބި މަޤުސަދެކެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދިޔައީ އެމީހަކު ލޯބިވާ މީހަކަށް އެންމެ އެކަށޭނަ އެއްޗެއް ހޯދައިދިނުމަށެވެ.
މިކަމުގެ ސަބަބުން، މޭކަޕްގެ ދުނިޔެއަށް އައިސްފައިވާ ބޮޑު ބަދަލާމެދު އަހަންނަށް ވިސްނާލެވުނެވެ. އަހަރެން ހަނދާންވާ ގޮތުގައި މާމަގެ ރީތިވުމުގެ އާދަތައް ވަރަށް އާދައިގެއެވެ. ކުޑަ މޮއިސްޗަރައިޒަރަކާއި، ކާޖަލާއި، ލިޕްސްޓިކްގެ އިތުރުން ފުށެވެ. މަންމަގެ ލިސްޓަށް މަސްކަރާ އާއި، ބުމަ ކުރަހާ ފަންސުރަކާއި، ލިޕްގްލޮސް އިތުރުވިއެވެ. ނަމަވެސް މިއަދު މޭކަޕް ފިހާރައަކަށް ވަދެލުމުން ފެންނަނީ މުޅިން އައު އާލަމެކެވެ. ޕްރައިމާ، ފައުންޑޭޝަން، ކޮންސީލާ، ކަލަރ ކޮރެކްޓާ، ސެޓިންގ ޕައުޑާ، ބްލަޝް، ބްރޮންޒާ، ހައިލައިޓާ، ކޮންޓުއަރ، ލިޕްލައިނަރ، ޓިންޓް، އޮއިލް އަދި ބުމަ އާއި ލޮލުގައި ޖައްސާ އެކި ކުލަކުލައިގެ ސާމާނެވެ.
މި ބަދަލަކީ ހަމައެކަނި ތަކެތި ގިނަވުމެއް ނޫނެވެ. ރީތިވުމަށް ބޭނުންކުރާ އުކުޅުތަކާއި، ތަކެތި އުފައްދާ ގޮތާއި، ކަސްޓަމަރުންގެ ހޭލުންތެރިކަން ވެސް ވަނީ އިންތިހާއަށް ކުރިއަރާފައެވެ.
މިއަދު މޭކަޕް ސާމާނު އެކި ހަމުގެ ކުލަތަކާ ގުޅޭގޮތުންނާއި ތަފާތު ގޮތްގޮތަށް ލިބެން ހުރެއެވެ. ސޯޝަލް މީޑިއާ އާއި ބިއުޓީ އިންފްލުއެންސަރުންގެ ސަބަބުން ކޮންޓުއަރ ކުރުމާއި ލޮލުގެ މޭކަޕް ކުރާނެ ގޮތްތައް ވަނީ އާންމުވެފައެވެ.
މީގެ އިތުރުން، އެކި ބާވަތްތަކުގެ ހަމާއި، މީހާގެ ޚިޔާލާއި، މުނާސަބަތުތަކާ ގުޅޭގޮތުން ތަކެތި ހޯދުމަށް މީހުން ޝައުޤުވެރިވެއެވެ. ބައެއް މީހުން އާދައިގެ ގޮތްތަކަށް ލޯބިކުރާއިރު، އަނެއް ބަޔަކު ތަފާތު ގޮތްތައް ތަޖުރިބާކުރަން ބޭނުންވެއެވެ. ރީތިވުމުގައި މިއަދު އެންމެން އަމަލުކުރަންޖެހޭ ވަކި ޚާއްސަ އުސޫލެއް ނޯވެއެވެ.
ފަހަރުގައި މޭކަޕް ސާމާނު ގަތުމުގައި ކުޑައިރުގެ ހަނދާންތައް އާވަނީ މިހެންވެ ކަމަށް ވެދާނެއެވެ. ކުޑައިރު އަހަރެމެންގެ ތެރެއިން ގިނަ މީހުން ބުދާއެކު ކުޅެ، އެ އެއްޗެހި ރީތިކޮށް، ތަފާތު ކުލަތައް ޖައްސައި ހެދީމެވެ. މިއަދުވެސް އެ އުފެއްދުންތެރިކަން ދެމިއޮތީއެވެ. ތަފާތަކީ މިއަދު އަހަރެމެން ތަކެތި ހޮވަނީ އަމިއްލަ ނަފްސަށާއި، އާއިލާގެ މެންބަރުންނަށާއި އެކުވެރިންނަށް ކަމަށް ވުމެވެ.
އަދި އެހެން މީހަކަށް ވިޔަފާރިކޮށްދިނުމަކީ އޭގެ ޒާތުގައި ވަރަށް މަޖާ ކަމެކެވެ.
“މި ކުލަ ކަމުދޭތަ؟”
“ނޫން، ބޮޑަށް ބެލެވެނީ އަނެއް ކުލަ ރީތިވާނެހެން.”
“ފޮޓޯއެއް ފޮނުވާބަލަ.”
“މަޑުކޮށްބަލަ، ފެނުން ނުފޮހެވޭ ކަހަލަ (ވޯޓަރޕްރޫފް) އެއްޗެއް އެބަހުރިތަ؟”
“އަގު ބަލާލަބަލަ.”
“އަސްލު، ދެ އެއްޗެއްވެސް ނަގާ.”
މިއީ މުޅި ބަޖެޓަށް ބަދަލު ގެނުވާ ފަހު ޖުމްލައެވެ. ދެން އޮތީ ފައިސާ ދެއްކުމެވެ. ތަކެތި ހޮވުމުގެ ހުރިހާ ފޯރިއަކަށްފަހު، ޖުމްލަ އަދަދު ސްކްރީނަށް އެރުމުން އަހަރެން ހޭނެތުނު ކަހަލައެވެ. އެއީ މޭކަޕް ސާމާނަކީ އަގުހުރި އެއްޗަކަށް ނުވާތީއެއް ނޫނެވެ. ނަމަވެސް، ކުދިކުދި ފުޅިތަކާއި ޓިއުބުތަކުން މިހާ ބޮޑު އަދަދެއް އަރާފާނެ ކަމަށް ހީނުކުރެވޭތީއެވެ.
އެހެންނަމަވެސް، އަހަރެން އެތަނުން ނުކުތީ ހިނިތުންވުމަކާއެކުގައެވެ. މާމަގެ ކާޖަލާއި ލިޕްސްޓިކުން ފެށިގެން މިއަދުގެ މި ތަނަވަސް ބިއުޓީ ދުނިޔެއާ ހަމައަށް، މޭކަޕް ވަނީ ދިގު ދަތުރެއް ކޮށްފައެވެ. އަދި މިކަން ޝައުޤުވެރިވަނީ ވެސް މިހެންވެ ކަމަށް ވެދާނެއެވެ. ރީތިވުމަކީ ހަމައެކަނި ބޭނުންކޮށްލާ މަދު ސާމާނުކޮޅަކުން، އަމިއްލަ ނަފްސުގެ ފާޅުކުރުމާއި، އުފެއްދުންތެރިކަމާއި، އިޚުތިޔާރުގެ ބޮޑު މައިދާނަކަށް ވަނީ ބަދަލުވެފައެވެ.
މީހަކު ހަތަރު އެއްޗެއް ބޭނުންކުރިޔަސް ނުވަތަ ސާޅީސް އެއްޗެއް ބޭނުންކުރިޔަސް، އޭގެ އެންމެ މަޖާ ބަޔަކީ އެމީހަކާ އެންމެ ގުޅޭ އެއްޗެއް ހޯދުމެވެ. އަދި ބައެއް ފަހަރު، ދަތުރުމަތީގައި މިފަދަ ތަކެތި ހޯދުމަކީ ވެސް ލިބޭ ބޮޑު އުފަލެކެވެ. ޚާއްސަކޮށް، މުޅި އާއިލާ ވީޑިއޯ ކޯލުގައި ތިބެ، ވައިބާ ގްރޫޕުން ކޮލިޓީ ޗެކްކޮށް، ކޮންމެ މީހަކު އަމިއްލަ ޚިޔާލު ފާޅުކުރާއިރު އެ ލިބޭ ހިތްހަމަޖެހުން ވަކިން ބޮޑެވެ.
އެކަމަކު ހަނދާން ބަހައްޓާށެވެ. މީޓިން ނިންމާލުމުގެ ކުރިން ބިލު ބަލާލަންވާނެއެވެ. ސަބަބަކީ، ލިޕްސްޓިކްގެ ކުލައާ ޚިލާފަށް، ބިލުގެ އަދަދަކީ އާއިލީ ވޯޓަކުން ބަދަލުކުރެވޭނެ އެއްޗަކަށް ނުވާތީއެވެ.
