މަޝްހޫރު ޓީވީ ބަތަލާ ހެލީ ޝާހް ލީޑް ރޯލުން ފެނިގެންދާ އާ ރޮމޭންޓިކް ތުރިލާ ސީރީޒް “އިޝްޤާ އިޝްޤާ” ގެ ރަސްމީ ޓްރެއިލާ އާންމުކޮށް، މި ސީރީޒް ދައްކަން ފަށާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.
ރާޖޭޝް ބައްޗަނީގެ ވާހަކައަކަށް އަމިތު ކުމާރު ޖާ ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ ލީޑް ރޯލުތަކުން ހެލީ ޝާހްގެ އިތުރުން ފެނިގެންދާނީ ސަތިޔަޖީތު ދުބޭ އަދި އަނުޝްކާ ކޯޝިކެވެ. މޫވިންގ އިމޭޖަސް ސްޓޫޑިއޯސްއިން ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒް މި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯ އަދި އެމް.އެކްސް ޕްލޭޔާރ މެދުވެރިކޮށް ސްޓްރީމް ކުރަން ފަށާނެއެވެ.
މި ސީރީޒްގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ލިޔުންތެރިއެއް ކަމަށްވާ ކަބީރު (ސަތިޔަޖީތު) ގެ ދިރިއުޅުމުގެ މައްޗަށެވެ. އޭނާގެ ދިރިއުޅުމަށް އަންނަ ތަފާތު ދެ މިޒާޖެއްގެ ދެ އަންހެން ކުދިން ކަމަށްވާ ސުހާނީ (އަނުޝްކާ) އާއި އާރޯހީ (ހެލީ) ގެ ސަބަބުން، ލޯތްބާއި އޮބްސެޝަން ނުވަތަ މޮޔަ ލޯބީގެ ތެރޭގައި އޭނާ ހާސްވެ، ގޮތް ހުސްވާ މަންޒަރުތައް މި ސީރީޒުން ފެނިގެންދާނެއެވެ.
ސީރީޒްގެ ކެރެކްޓާތަކާ ބެހޭގޮތުން ވާހަކަދައްކަމުން ހެލީ ޝާހް ބުނީ، އޭނާގެ ކެރެކްޓާ އާރޯހީއަކީ ކަބީރުދެކެ އިންތިހާއަށް ލޯބިވާ މީހެއް ކަމަށެވެ. އަދި އާރޯހީއަށް ލޯތްބަކީ ހަމައެކަނި އިޙުސާސެއް ނޫން ކަމަށާއި، އެއީ އެމީހަކު އެއްކޮށް މިލްކުކުރުން ކަމަށްވެސް އޭނާ ބުންޏެވެ.
ކަބީރުގެ ރޯލު ކުޅޭ ސަތިޔަޖީތު ބުނި ގޮތުގައި، އޭނާގެ ކެރެކްޓާއަކީ ވަރަށް ނާޒުކު، ނަމަވެސް ސަލާމަތްވާން އުނދަގޫ މަޅިއެއްގައި ތާށިވެފައިވާ މީހެކެވެ. “ސުހާނީގެ ފަރާތުން އޭނާގެ ދިރިއުޅުމަށް ހަމަޖެހުމާއި ސާފުކަން ގެނެސްދިން ނަމަވެސް، އާރޯހީގެ ގަދަފަދަ ލޯބީގެ ސަބަބުން ދިރިއުޅުމުގައި ކުރިއަށްދާން އޭނާއަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވޭ.” ސަތިޔަޖީތު ބުންޏެވެ.
ސުހާނީގެ ބައި ކުޅޭ އަނުޝްކާ ފާހަގަކުރި ގޮތުގައި، އޭނާގެ ކެރެކްޓާއަކީ ދިރިއުޅުމުގެ ހަޤީޤަތް ދަންނަ އަދި ގުޅުމަކުން އޭނާ ބޭނުންވަނީ ކޮން ކަމެއްކަން ވަރަށް ރަނގަޅަށް އެނގޭ، ވިސްނުންތޫނު ކެރެކްޓާއެކެވެ.
ލޯތްބާއި އޮބްސެޝަންގެ ހިމޭން އިމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާނެ ސީރީޒެއް ކަމަށް ބެލެވެއެވެ.
