ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެދުއުޑުމަތީގައި ދިން ހަމަލާއެއްގައި ދެއްކެވި ހިތްވަރަށްޓަކައި ފްލައިދުބާއީގެ ޕައިލެޓް ސްމިތު މަޗާރަށް ޝާހްރުކް ޚާން ތައުރީފުކޮށްފި

ފްލައިޓް FZ1073 ގައި ދިމާވި ކުއްލި ނުރައްކަލުގެ ހާލަތުގައި ފްލައިދުބާއީގެ ކެޕްޓަން ސްމިތު މަޗާރު ދެއްކެވި ހިތްވަރަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ތަޢުރީފުކޮށްފިއެވެ.

އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ހިއްސާކުރި މެސެޖެއްގައި، ނުރައްކާތެރި ވަގުތެއްގައި ސާބިތުކަމާއެކު ހުރެ، ފަސިންޖަރުންނާއި ފްލައިޓްގެ ކުރޫއިންގެ ސަލާމަތަށް އިސްކަންދިނުމުން ޝާހްރުކް ވަނީ ކެޕްޓަން މަޗާރަށް ތަޢުރީފުކޮށްފައެވެ. އޭނާ ސިފަކުރި ގޮތުގައި ޕައިލެޓްގެ އަމަލުތަކަކީ “ހިތްވަރާއި ވާޖިބު އަދާކުރުމުގެ ނަމޫނާއެއް” ކަމަށެވެ.

ޝާހްރުކްގެ މެސެޖުގައި ލިޔެފައިވެއެވެ. “ކެޕްޓަން ސްމިތު މަޗާރު، އެންމެ ބޭނުންވި ވަގުތު ތިޔަ ދެއްކެވީ ވަރުގަދަ ސާބިތުކަމެކެވެ. ނުރައްކަލާ ކުރިމަތިލައި އަމިއްލަ ނަފްސަށްވުރެ އެހެން މީހުންގެ ސަލާމަތް އިސްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ތިޔަ ކުރެއްވީ ކެޕްޓަނެއްގެ ޒިންމާއަކީ ކޮބައިކަން ދައްކުވައިދިން ވަރުގަދަ މަސައްކަތެކެވެ. އެއީ ހިތްވަރާއި ޒިންމާދާރުކަމުގެ ހަޤީޤީ މިސާލެކެވެ. ތިޔަބޭފުޅާއަށް އަވަސް ޝިފާއަކަށް އެދެމެވެ. މުޅި ޤައުމު ތިޔަބޭފުޅާއާމެދު ފަޚުރުވެރިވެއެވެ.”

މީގެ ކުރިން، ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ވެސް ވަނީ އެ ހާދިސާގައި ޕައިލެޓް ކަންތައް ކުރެއްވި ގޮތަށް ތަޢުރީފުކޮށްފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ސަލްމާން ވަނީ ކެޕްޓަން މަޗާރަކީ “ކަމާލް” ނުވަތަ އާދަޔާ ޚިލާފު މީހެއްގެ ގޮތުގައި ސިފަކޮށް، އޭނާއާއެކު ދަތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

ކެޕްޓަން މަޗާރުގެ އާއިލާއިން ވަނީ އޭނާ ދެއްކެވި ހިތްވަރަށްޓަކައި ފަޚުރުވެރިވާކަން ހާމަކޮށް، މުޅި ޤައުމުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އޭނާގެ ކަޒިން ޕުލްކިތު މަޗާރު މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ، އޭނާގެ އަމަލުތަކުން ސަލާމަތްވި ފުރާނަތަކަށްޓަކައި މުޅި އާއިލާއާއި މުޖުތަމައު އަދި ޤައުމުވެސް ފަޚުރުވެރިވާ ކަމަށެވެ.

މިވެސް ކިޔާލަން:  ޝާހްރުކް ޚާންގެ އަމިއްލަ ދިރިއުޅުމާ ބެހޭ ހައިރާންކުރުވަނިި ސިއްރުތަކެއް އޭނާގެ ބޮޑީގާޑު ހާމަކޮށްފި

މި ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ދުބާއީން ތަލް އަވީވަށް ދަތުރުކުރި ފްލައިޓެއްގައެވެ. ބޯޓުގެ ކޯ-ޕައިލެޓް، ކޮކްޕިޓް ތެރޭގައި ކެޕްޓަން މަޗާރަށް ހަމަލާދީ، ބޯޓު ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވެއެވެ. މި ކުރިމަތިލުމުގެ ސަބަބުން އެންމެ ދެ މިނެޓް ތެރޭގައި ބޯޓު 16,000 ފޫޓަށް ތިރިވެ، ހައިޖެކް ކުރިކަމުގެ ސިގްނަލް ފޮނުވަން ޖެހުނެވެ.

ލިބުނު ސީރިއަސް އަނިޔާތަކާއެކުވެސް، ކެޕްޓަން މަޗާރު ވަނީ ހަމަލާދިން މީހާއާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. ފްލައިޓްގެ ކުރޫއިންނާއި ފަސިންޖަރުންގެ އެހީތެރިކަމާއެކު ބޯޓުގެ ކޮންޓްރޯލް އަލުން ހޯދައި، ސައުދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ބޯޓު ވަނީ ކުއްލި ހާލަތުގައި ޖައްސާފައެވެ. މި ހާދިސާގައި ބޯޓުގައި ތިބި 180 މީހުންވެސް ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top