1993 ވަނަ އަހަރު ނުކުތް މަޝްހޫރު ހިންދީ ފިލްމު “ބާޒީގަރު” ގައި ޝާހްރުކް ޚާންގެ ކެރެކްޓަރ ކަމަށްވާ އަޖޭ މަލްހޯތުރާގެ ކުޑައިރުގެ ރޯލު ކުޅެ، ގިނަ ބައެއްގެ ސަމާލުކަން ހޯދި ސުމީތު ޕަތަކްގެ ނަން ފަހަރުގައި ހަނދާން ނެތުނަސް، އޭނާގެ މޫނަކީ އިންޑިއާ ސިނަމާގެ ބެލުންތެރިންނަށް ވަރަށް ފަރިތަ މޫނެކެވެ. ކުޑަކުއްޖެއްގެ ގޮތުގައި “ބާޒީގަރު” ގައި ދެއްކި މޮޅު ހުނަރާއެކު، އޭނާއަށް އެ އަހަރުގެ އެންމެ މޮޅު ޗައިލްޑް އެކްޓަރުގެ ފިލްމްފެއާ އެވޯޑުވެސް ލިބުނެވެ.
އޭގެ ފަހުން 1990 ގެ އަހަރުތަކުގައި އެކި ފިލްމުތަކުން ފެނުމަށްފަހު، ސުމީތު ބޮޑުވެގެން އެންމެ މަޤްބޫލުކަމެއް ހޯދީ ޓީވީ ސްކްރީނުންނެވެ. އެގޮތުން 2005 އިން 2007 އަށް ހަންގާމާ ޓީވީން ދެއްކި މަގުބޫލު ސުޕަހީރޯ ޝޯ “ހީރޯ: ބަކްތީ ހީ ޝަކްތީ ހޭ” ގައި ‘ޖޯއީ ސެހެގަލް’ ގެ މައި ރޯލު ކުޅެ، އޭނާ ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދިއެވެ. މީގެއިތުރުން ވޮއިސް އާޓިސްޓެއްގެ ގޮތުގައި “އޮސްވަލްޑް”، “ޕަވާ ރޭންޖާސް”، “ރިޗީ ރިޗް” އަދި “ބޭބްލޭޑް” ފަދަ މަޝްހޫރު ކާޓޫންތަކަށާއި، ދެކުނު އިންޑިއާގެ ގިނަ ފިލްމުތަކެއްގެ ހިންދީ ޑަބިންގްތަކަށްވެސް އޭނާ ވަނީ އަޑު އަޅައިދީފައެވެ.
އެކްޓިން ދޫކޮށް މުޅިން އައު ދާއިރާއަކަށް
ނަމަވެސް، ފަހުން އެކްޓިންގެ ދާއިރާއާ ދުރަށް ޖެހިލުމަށްފަހު ސުމީތު މިހާރު މަސައްކަތް ކުރަމުންދަނީ މީޑިއާ އަދި ޓެކްނޮލޮޖީގެ ވިޔަފާރީގައެވެ. އޭނާ ވަނީ އޭނާގެ އަންހެނުން ޝްވެތާ ޕަތަކްއާ ގުޅިގެން “ގުލްމޮހަރު މީޑިއާ” ގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. ބަސްބަހަށް ތަރުޖަމާކުރުމާއި ޑަބިންގް މަސައްކަތުން ފެށި މި ކުންފުނި މިހާރު ވަނީ އިންޑިއާގެ މުމްބާއީ، ބެންގަލޫރު އަދި ޗެންނާއީ ހިމެނޭހެން 6 ސިޓީއެއްގައި ސްޓޫޑިއޯތައް ހިންގާ ބޮޑު ޕޯސްޓް-ޕްރޮޑަކްޝަން ކުންފުންޏަކަށް ބަދަލުވެފައެވެ.
ޒަމާނީ ކްލައުޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރިމޯޓްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ މި ކުންފުނިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސައިން ލެންގުއޭޖް އަދި އޯޑިއޯ ޑިސްކްރިޕްޝަންގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. އާމިރު ޚާން ޕްރޮޑަކްޝަންސްގެ އިޖުތިމާއީ ޝޯ “ސަތިޔަމޭވް ޖަޔަތޭ” އެކި ބަސްބަހަށް ޑަބްކޮށް ލޯކަލައިޒް ކުރުމުގެ ބޮޑު މަޝްރޫޢަކީ މި ކުންފުންޏަށް ބޮޑު ކުރިއެރުމެއް ހޯދައިދިން މަސައްކަތެކެވެ.
މިހާރު “ގުލްމޮހަރު މީޑިއާ” އިން ދަނީ އަމިއްލަ ކޮންޓެންޓް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ދެ އެނިމޭ މަޝްރޫޢަކާއި، ޔޫރަޕްގެ ޤައުމުތަކުގެ ކޮންޓެންޓް ސައުތު އީސްޓް އޭޝިއާގެ ބެލުންތެރިންނަށް ގެނެސްދިނުން ހިމެނެއެވެ. މީގެއިތުރުން ޑިޒްނީ ޕްލަސް ހޮޓްސްޓާ، ސޮނީ ލިވް އަދި ޕްރައިމް ވީޑިއޯ ފަދަ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމްތަކާއެކުވެސް އެ ކުންފުނިން ދަނީ ޕާޓްނާޝިޕް ހަދައިގެން މަސައްކަތް ކުރަމުންނެވެ.
މީސްމީޑިއާގެ ހަރަކާތްތައް
މީސްމީޑިއާގައި ހަރަކާތްތެރިވާ ސުމީތު މިހާރު އަންހެން ކުއްޖެއްގެ ބައްޕައަކަށް ވެފައިވާއިރު، އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ ޚަބަރުތައް ހިއްސާކުރެއެވެ. މީގެއިތުރުން އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައިވެސް އޭނާ އަޑުއުފުލައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހު އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން ވަކިކުރުމަށް ގޮވާލައި ދިއްލީ އާއި މުމްބާއީގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން، ސޮނަމް ވާންގްޗުކް އަދި ރިޔާ އަހީރާ ގުޅޭ ޕޯސްޓުތައްވެސް ސުމީތު ވަނީ ހިއްސާކޮށްފައެވެ.
