ފުޓްބޯޅަ ދަނޑުން ފިލްމީ ސެޓްތަކަށް، ކެމެރާގެ ފުރަގަހުގެ މަސައްކަތްތަކުން ފެށިގެން ގޮސް މިއަދުގެ އެންމެ މަޤުބޫލު އެއް އެކްޓަރަކަށް ވުމާ ހަމައަށް، މުޙައްމަދު ޖުމައްޔިލް ނިމާލް (ޖުމަލް)ގެ ދަތުރަކީ އާދައިގެ ދަތުރެއް ނޫނެވެ. އޭނާގެ މަރުޙޫމް ބައްޕަ އަޙްމަދު ނިމާލްގެ ފިޔަވަޅުމަތިން ހިނގައި، ދިވެހި ފިލްމީ ދާއިރާއަށް ޖުމައްޔިލް ވަނީ އެކްޓަރަކަށް ވުމުގެ ފޮނި ހުވަފެނުގައެވެ. މިއަދު، އެތައް ފިލްމުތަކަކާއި، އެވޯޑުތަކެއްގެ އިތުރުން ބެލުންތެރިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދައި، އޭނާ ވެފައިވަނީ ދިވެހި ސިނަމާގެ އެންމެ މަޤުބޫލު އެއް މޫނަށެވެ.
ނަމަވެސް، މި އެކްޓަރުގެ ފުރަގަހުގައިވަނީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޓެކްނިކަލް ކްރޫ މެންބަރެކެވެ. ބައްޕަގެ ހަނދާންތަކާއެކު ކުރިއަށްދާ ދަރިއެކެވެ. އަދިވެސް އާ ކެރެކްޓާތައް ތަޖުރިބާކުރުމުގެ އުންމީދުގައި ހުރި ފަންނާނެކެވެ.
މުނިއަވަސް “ތަރި” ގެ މި އަދަދުގައި، އަހަރެމެން މި ބައްދަލުކޮށްލީ މުޙައްމަދު ޖުމައްޔިލް ނިމާލާއެވެ. އޭނާގެ ކުޑައިރުގެ ދުވަސްވަރާއި، ފުޓްބޯޅައާއި، ސިނަމާއާއި، އާއިލާއާއި، އެވޯޑުތަކުގެ އިތުރުން ކުރިމަގުގެ އުންމީދުތަކާ ބެހޭގޮތުން ވާހަކަދައްކާލުމަށެވެ. އެންމެ ފުރަތަމަވެސް މުނިއަވަސްއަށް މި ފުރުސަތު ދިނީތީ ޖުމަލްއަށް ޝުކުރު އަދާކުރަމެވެ.
*****
“އަހަރެންގެ ކުޑައިރުގެ ދުވަސްވަރަކީ ވަރަށް ހަރަކާތްތެރި ދުވަސްވަރެއް”
އެންމެ ކުރިން ފަށަމާ. ޖުމަލްއަކީ ކުޑައިރު ކޮންކަހަލަ ކުއްޖެއް؟
އަހަންނަކީ ވަރަށް ހަރަކާތްތެރި ކުއްޖެއް. ތަފާތު އެކި ކުޅިވަރުތައް ކުޅެ، އަބަދުވެސް ކޮންމެވެސް ކަމެއްގައި އުޅޭ ކުއްޖެއް. އެހެންވީމާ، އަހަރެންގެ ކުޑައިރުގެ ދުވަސްތައް ސިފަކުރާނީ ވަރަށް “ހެޕެނިން” ދުވަސްތަކެއްގެ ގޮތުގައި.
ކިޔެވުމުގެ ކަންތައްތައް ދިޔައީ ކިހިނެއް؟ ކިޔެވުމަށްވެސް އެހާ ސަމާލުކަން ދިނިންތަ؟
ގްރޭޑް 8 އާ ހަމައަށް ކިޔެވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނިން. އެކަމަކު ގްރޭޑް 8 އަށްފަހު، ކިޔެވުމާ ކޮންމެވެސް ވަރަކަށް ދުރުވެވުނޭ ޖެހޭނީ.
ގޯލްޕޯސްޓުން ފެށިގެން ފަސްޓް ޑިވިޝަނާ ހަމައަށް
ފިލްމީ ދާއިރާއަކީ ޕްރޮފެޝަނަކަށް ވުމުގެ ކުރިން، ފުޓްބޯޅައަކީ ޖުމަލްގެ ދިރިއުޅުމުގެ ބޮޑު ބައެއް. އެ ޝައުޤުވެރިކަން އުފެދުނީ ކިހިނެއް؟
އަހަރެން ވަރަށް ކުޑައިރުއްސުރެ ފުޓްބޯޅަ ބަލަން. ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 5 އެއްގައި އުޅުނުއިރު ގޯލްކީޕަރެއްގެ ގޮތުގައި ކުޅެން ފެށީ.
ފަހުން ފުޓްބޯޅަ ކުރިއަށް ގެންދަން ބޭނުންވި ނަމަވެސް، ސްކޫލުން ބޮޑަށް ބާރުއެޅީ ބާސްކެޓްބޯޅަ ކުޅުމަށް. އަހަރެމެންގެ ތެރެއިން ބައެއް ކުދިން ބޭނުންވީ ދެ ކުޅިވަރުވެސް ކުޅެން. އެކަމަކު ދެ ކުޅިވަރުވެސް ކުޅެން އެއް ކުދިންތަކެއް އުޅޭތީ އޭރު އޮންނަނީ ކޮންމެވެސް އެއް ކުޅިވަރެއް އިޚްތިޔާރު ކުރަން ޖެހޭ ގޮތަށް. އެހެންވެ، އެންމެން ވާހަކަދައްކާފައި އަހަރެން ނިންމީ ބާސްކެޓްބޯޅަ ނަގަން.
ނަމަވެސް ގްރޭޑް 8، 9 އަދި 10 ގެ އިންޓަ-ސްކޫލް މުބާރާތްތަކުގައި އަނެއްކާވެސް ފުޓްބޯޅައަށް އެނބުރި އައިން.
ސްކޫލް ނިމުމަށްފަހު، ތާޑް ޑިވިޝަނާއި ސެކަންޑް ޑިވިޝަންގައި ކުޅެ، އެންމެ ފަހުން ފަސްޓް ޑިވިޝަނާ ހަމައަށް ދަތުރުކުރެވުނު.
ފަސްޓް ޑިވިޝަންގައި ކުޅުމުގެ ފުރުސަތު ލިބުނީ ކިހިނެއް؟
އެ ފުރުސަތު ލިބުނީ ބީޖީ ސްޕޯޓްސް ކްލަބު ފަސްޓް ޑިވިޝަނަށް ކޮލިފައިވި އަހަރު. އަހަރެން އެމީހުންގެ ޕްރެކްޓިސްތަކަށް ދަނިކޮށް، ބައެއް ކުޅުންތެރިން ސަސްޕެންޑްވުމާ ގުޅިގެން ފަސްޓް ޑިވިޝަންގެ ދެ މެޗެއް ކުޅުމުގެ ފުރުސަތު ލިބުނީ.
އެއީ އަހަންނަށް ވަރަށް މުހިންމު ވަގުތުކޮޅެއް. އެއީ ވަރަށް ގިނަ ދުވަހު ފުޓްބޯޅަ ކުޅުމަށްފަހު ލިބުނު ފުރުސަތަކަށް ވާތީ.

މުޅިން ތަފާތު ދާއިރާއެއް
އެއަށްފަހު، ދެން އައީ އެކްޓިންގް. ޖުމަލްއަށް ފިލްމީ ދާއިރާއަށް ވަދެވުނީ ކިހިނެއް؟

ހަމަ ކުޑައިރުއްސުރެ ފިލްމީ ދާއިރާއަށް އިންޓްރެސްޓް އުފެދިއްޖެ ބައްޕަ ޓީވީންނާ ތަންތަނުން ފެންނާތީ. ދެން ފިލްމު ކުޅޭހިތް ވެގެން، ސްކޫލް ނިންމާފަ އެކަމް ވަނީ ފިލްމީ ދާއިރާއަށް.
ބައްޕަ ބޭނުމެއް ނުވި ފުރަތަމަ ހަމަ ސީދާ އެކްޓިންއަށް ނުކުންނާކަށް. ބައްޕަ ބޭނުންވީ ހަމަ ކެމެރާގެ ފަހަތުގައި މަސައްކަތް ކޮށްގެން، މީ ކިހިނެއް ވާކަމެއްކަން ދަސްކޮށްގެން ކެމެރާ ކުރިމައްޗަށް ނުކުންނަން.
ދެން އެހެންވެގެން ރަވީ ޑައިރެކްޓްކުރި އިނގިލި ފިލްމުގެ ޓެކްނިކަލް އެސިސްޓެންޓަކަށް ފުރަތަމަ ދިޔައީ. އެއީ 2009 ގަ. ދެން އެހިސާބުން ދެތިން ފިލްމެއްގަ ކެމެރާ ފަހަތުގަ މަސައްކަތް ކޮށްލާފަ ދެން 2014 ގަ ފުރަތަމަ ފިލްމު، އަނިޔާ ނުކުތީ. އެއީ އެކްޓިންނުން.
ދެ ޝައުޤުވެރިކަމެއްގެ މެދުގައި ނިންމި ނިންމުން
ފުޓްބޯޅައިގައި އޭރު އޮތީ ފަސްޓް ޑިވިޝަނާ ހަމައަށް ދެވިފައި. ފުޓްބޯޅައާ ދުރަށް ދިޔައީ ކީއްވެ؟ އަނިޔާއެއްގެ ސަބަބުންތަ؟
ސްކޫލުން ފެށިގެން ސެކަންޑް ޑިވިޝަނާ ހަމައަށް ކުޅެ، ފަސްޓް ޑިވިޝަންގައި ކުޅުމުގެ ފުރުސަތު ލިބުނު. އެކަމަކު އެކްޓްކުރުމަކީ އަބަދުވެސް އަހަރެން ދެކެމުން އައި ހުވަފެނެއް.
ފިލްމީ ދާއިރާއަށް ވަނުމުގެ ފުރުސަތު ލިބުނީ ފަސްޓް ޑިވިޝަންގައި ކުޅުނު އަހަރުގެ ޖެހިގެން އައި އަހަރު. ފިލްމުގެ މަސައްކަތް ފެށުމުން، ޤަވާއިދުން ފުޓްބޯޅަ ޕްރެކްޓިސްތަކަށް ދެވޭގޮތެއް ނުވި. އެންމެ ފަހުން ޖެހުނީ ކޮންމެވެސް އެއް ކަމެއް އިޚްތިޔާރު ކުރަން.
އެކްޓްކުރުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނަކަށް ވާތީ، އަހަރެން އިޚްތިޔާރު ކުރީ ފިލްމީ ދާއިރާ.
އެކަމަކު އަދިވެސް ހުސް ވަގުތުތަކުގައި ފުޓްބޯޅަ ކުޅެން. ހަމައެކަނި ޕްރޮފެޝަނަލީ ފުޓްބޯޅައާ ދުރުވެލީ.
ގާތްގަނޑަކަށް ދެ ދަހަރު، ވިއްސަކަށް ފިލްމު
މިހާތަނަށް ޖުމަލްއަށް ކިތައް ފިލްމުގައި މަސައްކަތް ކުރެވިއްޖެ؟
މިހާތަނަށް 18 ނޫނީ 19 ފީޗާ ފިލްމެއްގައި އެކްޓް ކުރެވިއްޖެ.
އެ ހުރިހާ ކެރެކްޓާތަކުގެ ތެރެއިން، ޖުމަލްގެ އެންމެ ފޭވަރިޓް ކެރެކްޓާއަކީ ކޮބާ؟
“ގޮށްރާޅު” ގައި އަހަރެން ކުޅުނު ކެރެކްޓާއަކީ އަހަރެން އެންމެ ހިތްހަމަޖެހޭ މަސައްކަތް. އަމިއްލައަށް އެންމެ ފޭވަރިޓް ކެރެކްޓާއެއް ނަގަންޏާ، ނަގާނީ އެ ކެރެކްޓާ.
“އެއް މަންޒަރެއް ގާތްގަނޑަކަށް 20 ފަހަރު ނަގަން ޖެހުނު!”
ޝޫޓިންތަކުގައި ހުންނާނެ ތަފާތު އެކި ކަހަލަ ކަންތައްތައް ދިމާވެފައި. އެގޮތަށް ހަނދާނުން ފޮހެލަން އުނދަގޫ ކަމެއް ހިނގާފައި އެބައޮތްތަ؟
ޝޫޓިން ތެރޭގައި އެބަހުރި ވަރަށް މަޖާ ކަންތައްތަކާއި، ބިރުވެރި އަދި ހީނުކުރާ ކަހަލަ ކަންތައްތައްވެސް ހިނގާފައި.
އެހެން ފާހަގަކޮށްލަންޏާ މިފަހުން ވަރަށް ހިނި އައި އަހަރެންގެ ފުރަތަމަ ފިލްމު “އަނިޔާ” ގެ މަންޒަރަކުން. އެއީ ވަރަށް އާދައިގެ މަންޒަރެއް. އަހަރެން ޖެހެނީ އެނދުން ތެދުވެގެން ގޮސް، ފާޚާނާގެ ބޮކި ދިއްލާފައި، ދޮރު ހުޅުވާފައި އެތެރެއަށް ވަންނަން.
އެކަމަކު އެ މަންޒަރު 20 ވަރަކަށް ފަހަރު ނަގަން ޖެހުނު. އެއީ ކޮންމެ ފަހަރަކުވެސް ބައްޕަ ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް އަހަންނަށް އެކަން ކުރެވެނީ. އެއީ ދެން ވަރަށް ހަނދާން ހުންނަ ކަމެއް.
މަސައްކަތް ކޮށްލަން ފަސޭހަ ފަންނާނުން
ވަރަށް ގިނަ އެކްޓަރުންނާއެކު ސްކްރީން ހިއްސާކުރެވިއްޖެ. ޖުމަލްއަށް އެކުގައި މަސައްކަތްކޮށްލަން އެންމެ ފަސޭހައީ ކޮން ބަޔަކާއެކު؟
ތެދަށް ބުނަންޏާ ހުރިހާ އެކްޓަރުންނާއެކުވެސް މަސައްކަތް ކުރަން ފަސޭހަ. އެކަމަކު ޚާއްސަކޮށް ފާހަގަކޮށްލެވޭ ބައެއް ފަރާތްތައް އެބަތިބި. އެއީ ކޮޕީ އިއްސެ، ނިއުމާ އަދި މަޖޫ.
މި ފަހަކަށް އައިސް މަސައްކަތްކުރެވުނު ތަރިންގެ ތެރެއިން ޔޫއްޕެ، ސީޒަން އަދި ރިޝްމީއާއެކު މަސައްކަތް ކުރަންވެސް ވަރަށް ފަސޭހަ.
ދިވެހި ފިލްމީ ދާއިރާގައި ޖުމަލްއަށް އެންމެ ކަމުދާ އެކްޓަރުންނާއި އެކްޓްރެސްއިންނަކީ ކޮބާ؟
އަބަދުވެސް އަހަރެންގެ ފޭވަރިޓުންނަކީ ޔޫއްޕެ، ކޮޕީ އިއްސެ އަދި ބައްޕަ.
މިހާރުގެ ޖެނެރޭޝަނަށް ބަލާއިރު ޝާރިފް އަދި ޝަރަފްގެ މަސައްކަތް ވަރަށް ކަމުދޭ.
އަންހެން ފަންނާނުންގެ ތެރެއިން ސީނިއާ ތަރިންގެ ތެރެއިން ނިއުމާއަކީ އަބަދުވެސް ފޭވަރިޓް. އޭގެ އިތުރުން ޝީލާވެސް ހިމެނޭ. އާ ފަންނާނުންގެ ތެރޭގައިވެސް ވަރަށް ހުނަރުވެރި ކުދިން އެބަތިބި. އޭގެ ތެރޭގައި އާޝާ، ޝިފާ، ވާޝިޔާ އަދި އައިޝާ ވަރަށް ކަމުދޭ.
ހަމައެކަނި އެކްޓަރެއް ނޫން
ދާއިރާއަށް ވަނީ ކެމެރާގެ ފުރަގަހުގެ މަސައްކަތުން. އަދިވެސް ޓެކްނިކަލް މަސައްކަތްތަކުގައި އުޅެންތަ؟
އާނ. ދާއިރާއަށް ވަނީވެސް އެ މަސައްކަތުން ކަމަށްވާތީ، މަދުމަދުން އަދިވެސް ޓެކްނިކަލް މަސައްކަތްތަކުގައި ބައިވެރިވަން.
މިސާލަކަށް ސީޒަންގެ ފިލްމު “ޕަރީ” ގައި އެކްޓް ކުރުމަށްވުރެ ބޮޑަށް އަހަރެން އުޅުނީ ޓެކްނިކަލް މަސައްކަތްތަކުގައި.

ރުޅިއައުމަށްވުރެ ރޯން އުނދަގޫ
ކޮންމެ އެކްޓަރަކަށްވެސް ފަސޭހައިން ގެނެސްދެވޭ އިޙުސާސްތަކާއި، ގޮންޖެހުމަކަށްވާ ކަންތައްތަކެއް ހުންނާނެ. ބައެއް ތަރިން ބުނޭ ރޯން އުނދަގުލޭ، ނުބައިބައި ރޯލް ފަސޭހައޭ ނުވަތަ އުނދަގުލޭ. ޖުމަލްއަށް އެންމެ ފަސޭހައީ އަދި އެންމެ އުނދަގުލީ ކޮން ކަހަލަ ރޯލެއް؟
ރޯން ހަމަ ގައިމުވެސް ފަސޭހައެއް ނޫން މިހާތަނަށް ކުޅެން ލިބުނު ކެރެކްޓާތަކުގަ.
އެއީ އުނދަގޫ އުނދަގޫ ކަމެއް ނޫން. އެކަމަކު އެހެން މަންޒަރުތަކާ އަޅާބަލާއިރު، ރުއިމުގެ މަންޒަރަކަށް ވަންނަން އަހަންނަށް ކޮންމެވެސް ވަރެއްގެ ވަގުތެއް ނަގާ.
ފަސޭހައީ ހަމަ ސީރިއަސް ކެރެކްޓާތައް ކުޅެން. ރުޅިގަދަ، ތަންކޮޅެއް ބަސްމަދު، އެކަހަލަ ކެރެކްޓާތައް ފަސޭހައީ ބޮޑަށް.
ކުޅެލަން ބޭނުންވެފައި، ނަމަވެސް އަދި ފުރުސަތު ނުލިބޭ ކަހަލަ ރޯލެއް އެބައޮތްތަ؟
އާނ، އަހަރެން ވަރަށް ބޭނުން މިހާތަނަށް ނުކުޅޭ ކަހަލަ ތަފާތު ރޯލުތަކެއް ކުޅެން. މިސާލަކަށް ބަލި މީހެއްގެ ކެރެކްޓާ، ސިކުނޑި ހަމަނުޖެހޭ މީހެއްގެ ކެރެކްޓާ ނޫނީ ވަރަށް ނުބައި ނުލަފާ “ވިލަން” އެއްގެ ރޯލު.
މިހާތަނަށް ކުޅެވުނު ގިނަ ރޯލުތަކަކީ “ރަނގަޅު” ކެރެކްޓާތައް. އެހެންވެ، ވަރުގަދަ ނެގަޓިވް ރޯލެއް ކުޅެލަން ވަރަށް ބޭނުންވޭ.
ސިނަމާއާ ހަތް އަހަރު ދުރުގައި
ޖުމަލް އެނބުރި ފިލްމީ މަސައްކަތްތަކަށް ތި އައީ ގާތްގަނޑަކަށް ހަތް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު. އެހާ ގިނަ ދުވަސް ފަހުން އެނބުރި އައުމުގައި ދިމާވި ގޮންޖެހުންތަކަކީ ކޮބާ؟
މާ ބޮޑު އުނދަގޫތަކެއް ނެތް. ގިނަ ދުވަސްތަކަކަށްފަހު އެނބުރި އަންނަ ކޮންމެ މީހަކަށްވެސް ދިމާވާނެ ކަންތައްތައް ދިމާވީ.
ބްރޭކް ތެރޭ އަންނާނެ އޮފާތައްވެސް، އެއަށް ނޯ ޖަހާފަ މި ހުންނަން ޖެހެނީ. ދެން އެ ދުވަސްކޮޅު އަންނާނެ އާ ތަރިންވެސް، ދެން އެމީހުންނަށް ޗާންސް ވެސް ލިބޭނެ. ދެން އެނބުރި އައިސް ފަށައިގަންނައިރު އުނދަގޫތަކެއް ހުންނާނެ ފިލްމުތަކެއް ލިބެން. ފުރަތަމަކޮޅު އެޕްރޯޗްވެސް ނުކޮށްފާނެ، އެކަމު ވަދެވުނީމަ ހަމަ ފިލްމުތަކާ އެއްޗެހިވެސް ލިބޭ އެބަ. އެއީ ހަމައެކަނި ކުރިމަތިވި ގޮންޖެހުމަކީ.
“އަހަރެންގެ މައިގަނޑު ހުވަފެންތައް މިހާރު ހުރީ ހާސިލުވެފައި”
އަދިވެސް އެކުގައި މަސައްކަތް ކޮށްލަން ބޭނުންވާ ފަންނާނަކު އެބަހުރިތަ؟
އަދިވެސް ނިއުމާ، ކޮޕީ އިއްސެ އަދި މަޖޫއާއެކު މަސައްކަތް ކުރަން ބޭނުން. އަދި ނުޒޫ، ސީޒަން އަދި ޔޫއްޕެއާއެކުވެސް މަސައްކަތް ކުރަން ބޭނުންވޭ.
ދެން ފަހުން ނުކުތް ކުދިންގެ ތެރެއިން ޝިފާއާއެކު މަސައްކަތް ކުރެވިއްޖެ. ވާޝިޔާ އަދި ޝާރިފާއެކުވެސް މަސައްކަތް ކޮށްލަން ވަރަށް ބޭނުންވޭ.
ފިލްމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ ބޮޑު ހުވަފެނަކީ ކޮބާ؟
މި ދާއިރާއިން ހާސިލްކުރަން ބޭނުންވާ ހުވަފެންތައް އިރާދަކުރެއްވީތީ ހާސިލްވެއްޖެ.
ފުރަތަމަ ބޭނުންވީ ބެލުންތެރިން ބަލައިގަންނަ އެކްޓަރަކަށް ވާން. ދެން ބޭނުންވީ ކޮންމެވެސް ދުވަހަކުން އެވޯޑެއް ލިބެން. ދެން ބޭނުންވީ ރާއްޖެއިން ބޭރުން އެވޯޑެއް ހޯދަން.
އިރާދަކުރެއްވީތީ މި ތިން ކަންތައްވެސް ވަނީ ހާސިލުވެއްޖެ. އަލްޙަމްދުލިﷲ. ދެން އިތުރަށް މި ދާއިރާއިން ހިއެއްނުވޭ ޑްރީމެއް އޮތްހެނެއް އަދިއެއް.
ކުރިއަށް ހުރި މަސައްކަތްތައް
ޖުމަލްގެ ކުރިއަށް ހުރި މަސައްކަތްތަކަކީ ކޮބާ؟ އަދި ދެން އެންމެ އަވަހަށް ފެންނާނީ ކޮން އުފެއްދުމަކުން؟
ބައްޕަ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު އެބައޮތް. އަދި ނަން ފައިނަލް ނުވޭ. އެއީ ޔޫއްޕެގެ ޕްރޮޑަކްޝަނެއް.
އެ ފިލްމުގައި އުޅޭނީ ޝިފާ، ޖިމީ، އަހަރެން އަދި އާ ކުއްޖެއް. އެ ފިލްމު އޮތީ އެއްކޮށް ނިމިފަ އެންމެ ސީންއެއް ނޫނީ.
އިރާދަކުރެއްވިއްޔާ އަންނަ އަހަރު އެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ. ދެން އަންނަ އަހަރު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ތިން ވަރަކަށް ޕްރޮޖެކްޓް އެބައޮތް. އަދި އެ އޭގެ ނަމާއި ތާރީޚުތައް ފައިނަލެއް ނުވޭ.
އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކާކުގެ ފަރާތުން؟
ކޮންމެ ކާމިޔާބު އެކްޓަރެއްގެ ފަހަތުގައި ވަރުގަދަ އެހީތެރިކަމެއްވާނެ. ޖުމަލްގެ ކެރިއަރުގައި އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ކޮން ބައެއްގެ ފަރާތުން؟
މި ހުރިހާ ދުވަހަކުވެސް އެންމެ ބޮޑު ސަޕޯޓެއް ލިބެމުން އައީ ބައްޕަގެ ފަރާތުން.
ދެން މިހާރު ބައްޕަ ނެތަސް އެންމެ ކުރިންވެސް މަންމައާ ދައްތަ. ފެމިލީއިން ފުލް ސަޕޯޓް ލިބޭ ބަރާބަރަށް. އެއްވެސް ކަމަކަށް ދަތިވާކަށް ނުޖެހޭ. ދެން އެންމެ ކައިރީގަ އުޅޭ ރައްޓެހިންވެސް ވަރަށް ސަޕޯޓިވް ވާނެ.
ދެން މި ދާއިރާއިން ކުރިއަށް ދާން އެންމެ ބޮޑު ހިތްވަރެއް ދޭ ބަޔަކީ ބެލުންތެރިން. އެއީ އެ ބެލުންތެރިންނާ ނުލާ ކުރިއަކަށް ނުދާނެޔޭ ބުންޏަސް ހަމަ ރަނގަޅުވާނެ.
ޖުމައްޔިލް ޑައިރެކްޓަރަކަށް ވެދާނެތަ؟
މިހާރު ވަރަށް ގިނަ އެކްޓަރުން ވަކި ހިސާބަކުން ޕްރޮޑަކްޝަނާ ދިމާލަށް ދާތަން އެބަފެނޭ. ޖުމަލްގެ އެބަހުރިތަ ޑައިރެކްޓް ކުރުމުގެ ނުވަތަ ޕްރޮޑިއުސް ކުރުމުގެ ވިސްނުމެއް؟
ފިލްމެއް ޑައިރެކްޓްކުރަން ވަރަށް ކުރީއްސުރެވެސް ބޭނުންވޭ. އެކަމު ބޭނުމެއް ނުވޭ ހަމަ ހުރެފަ ފިލްމެއް ޑައިރެކްޓް ކުރާކަށްވެސް.
މީ ކޮވިޑްގެ ކުރިން އުޅުނިން ފިލްމެއް ޑައިރެކްޓްކުރަން. ކާސްޓުން ފައިނަލް ކޮށްފަ ވަރަށް ރިހާސަލްތައްވެސް ހެދިން. ލަވަތައްވެސް ހެދިން.
ދެން ކޮވިޑް އައިސްގެން އޭތި ހުއްޓުނު ގޮތަށް ހުއްޓިފަ އޮތީ. ދެން ހިއެއްނުވޭ އޭތި ކުރިއަށް ދާނެހެނެއް. އެކަމު ކޮންމެވެސް ދުވަހަކުން ޑައިރެކްޝަނުން ފެނުން އެކަށީގެންވޭ.
އެވޯޑުތައް: އަގުވަޒަންކުރުމެއްތަ ނުވަތަ ޒިންމާއެއްތަ؟
ކުޅުނު ފިލްމުތަކުން ޖުމަލްއަށް އެބަހުރި ފުދޭވަރަކަށް އެވޯޑްތައްވެސް ލިބިފައި. އޭގެ ތެރެއިން އެންމެ ޚާއްސައީ ނޫނީ އެންމެ އުފާވީ ކޮން އެވޯޑެއް ލިބިގެން؟
ލިބުނު ކޮންމެ އެވޯޑެއްވެސް ވަރަށް ޚާއްސަ.
އެވޯޑެއް ހޯދާކަށް ނޫން އެއްވެސް ފިލްމެއް ކުޅެނީ. އެކަމު އެވޯޑެއް ލިބުމަކީ އުފާވެރި ކަމެއް. އޭގެ ތެރެއިންވެސް ކަރްނާޓަކާ ފިލްމު ފެސްޓިވަލުން ލިބުނު “ބެސްޓް އެކްޓަރ” އެވޯޑް ދެން އެންމެ ފާހަގަކުރެވެނީ.

ފިލްމީ ދާއިރާއަށް ނުވަންނަމަ…
ފިލްމީ ދާއިރާއިން ނުފެނުނުނަމަ ފެންނާނީ ކޮން ދާއިރާއަކުން؟
ފުޓްބޯޅައިން. ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން، އަހަރެންގެ މުޅި ފޯކަސް އޮތީ ފުޓްބޯޅައަށް.
އެކްޓަރުގެ ފުރަގަހުން
އަހަރެމެން ފުޓްބޯޅައާއި، ސިނަމާއާއި، ކެރެކްޓާތަކާއި، އެވޯޑުތަކުގެ ވާހަކަ ދައްކައިފީމު. ނަމަވެސް، މި ދާއިރާއާ ކުޑަކޮށް ދުރަށް ޖެހިލައި، ޕާސަނަލް ސުވާލެއް ކޮށްލަން ބޭނުން. މިހާރުގެ ޕާސަނަލް ލައިފް ކުޑަކޮށް ކިޔާލަދެވިދާނެތަ؟
ތެދުތެދަށް ބުނަންޏާ ރަނގަޅެކޭ ނުބުނެވޭނެ. ބޮޑެތި ކަންތައްތަކެއް ދިމާވެއްޖެ ދިރިއުޅުމުގަ.
ދެން މިފަހުން ބައްޕަގެ ވަކިވުން އެއީ ދެން ވަރަށް މެޓާރ ވާކަމެއް. ވަރަށް ސްޓްރަގްލިން އެކަމަށް. ދެން ދާއިރާއަށް ނުކުމެވުނީވެސް ބައްޕަ އުޅޭތަން ފެނިގެން. އަބަދުހެން ބައްޕަ ފައިބުޑުންނޭ މި އުޅުނީ ބުންޏަސް ދޮގަކަށް ނުވާނެ. އެހެންވީމަ ބައްޕަ ނެތުން އެއީ ވަރަށް އުނދަގޫވާ ކަމެއް މިހާރު. އެއީ ދެން މިހާރުގެ ޕާސަނަލް ލައިފް އޮތް ހާލަތަކީ.
ސަޕޯޓަރުންނަށް މެސެޖެއް
ނިންމާލަމުން، ޖުމަލްގެ ސަޕޯޓަރުންނަށް ބުނެލާނީ ކީކޭ؟
ހަމަ ތަފާތު ކަންތައްތައް ދިމާވާނެޔޭ ކޮންމެ މީހަކަށްވެސް. ދެން ގާތްތިމާގެ މީހަކު ދުނިޔެ ދޫކޮށް ދިޔުން ކަހަލަ ކަންތައްތަކަކީ ވަރަށް އުނދަގޫތަކެއް ވާނެ ކަންތައްތަކޭ ކޮންމެ މީހަކަށްވެސް.
ދެން ފިލްމީ ދާއިރާއާ ބެހޭގޮތުން ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު ފިލްމުތަކެއް މިހާރު އެންމެން ކަހަލަ ގޮތަކަށް އެބަ ހަދައޭ. ވަރަށް ބޮޑު އިމްޕްރޫވްމެންޓެއް ފިލްމުތަކުން ފެންނަން ފަށައިފިއޭ. އެހެންވީމަ މިހާރުވެސް ބެލުންތެރިން ތިދޭ އިތުބާރު ކުރިއަށް އޮތްތާވެސް ތިގޮތަށް ދޭށޭ، އަދިވެސް ހަމަ ރަނގަޅުވަމުންނޭ ދާނީ.
ޖުމައްޔިލް އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ކުރީކޮޅު ރިލީޒްކުރި ފިލްމު “ޕަރީ: ޕާޓް 1” އަދި “ޕަރީ: ޕާޓް 2” އިންނެވެ. މުނިއަވަސްގެ ފަރާތުން ޖުމައްޔިލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކާއި އަމިއްލަ ދިރިއުޅުމުގައި އިތުރު ކާމިޔާބިއަށް އެދެމެވެ.
