ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ނޯތު ޒޯން އެކެއްގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައިފި އެވެ.
ހދ. ނައިވާދޫގައި ކުރިޔަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދީ ފައިނަލްގައި އިހަވަންދޫ ބަލިކޮށެވެ. ފަސް ޓީމުގެ މެދުގައި ކުރިޔަށް ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ނައިވާދޫ އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު ނައިވާދޫން ވަނީ ރަނގަޅު ކުޅުމެއް ދައްކައި އިހަވަންދޫގެ ގޯލަށް ބާރު ބޮޑުކޮށްފަ އެވެ. އަދި މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި ލީޑު ނަގާފަ އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ނައިވާދޫން ޖަހާފައިވަނީ އެ ޓީމަށް ލިބުނު ފްރީކިކެއްގެ ބޭނުންކޮށް އުފެއްދި ހަމަލާއެއްގަ އެވެ. އިހަވަންދޫ އޭރިޔާ ބޭރުން ލިބުނު ފްރީކިކް ގޯލް ކުރިމައްޗަށް ޖައްސާލުމާއިއެކު ނައިވާދޫ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި ނަމަވެސް ދެވަނަ ފަހަރަށް ބޯޅަ ހޯދައި ގޯލް ކުރިމައްޗަށް ޖައްސާލުމާއިއެކު، ގޯލް ލައިން ކައިރީ ހުސްކޮށް ހުރި ނައިވާދޫ ކުޅުންތެރިޔާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާދީފައިވަނީ ޓީމުގެ ކެޕްޓަން މުޙައްމަދު އަސްލަމް އެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި އިހަވަންދޫއަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ. ފުޓްސަލްގެ ގިނަ ތަރިންތަކެއް ފެނުނު މި މެޗުގައި ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް ވަނީ ނައިވާދޫއަށް ވެސް ލިބި ބޭނުން ނުކުރެވިފަ އެވެ.
މި މެޗުގައި ނައިވާދޫން ޖެހި ދެވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ކައުންޓަރ އެޓޭކެއްގައި އަބްދުﷲ ޝާފިއު އާއި އަހްމަދު ހަމީދު ގުޅިގެން އުފެއްދި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޝާއިން އެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަކުރުމަށް އިހަވަންދޫން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ނައިވާދޫން ވަނީ ބޮޑު އިސްކަމެއް ދީފަ އެވެ. މި މެޗުގައި އިހަވަންދޫން ޖެހި ލަނޑު ޖަހާފައިވަނީ މެޗުގެ 39 ވަނަ މިނިޓްގައި އަހްމަދު އެލްސައިދު އަލީ ހަމީދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ނައިވާދޫ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލައި ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން ނެވެ.

މުބާރާތުގެ ރަނަރަޕް އިހަވަންދޫ ޓީމު / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ
2-1 އިން މެޗު ކާމިޔާބުކޮށް ނޯތު ޒޯން އެކެއްގެ ޗެމްޕިއަންކަން ނައިވާދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫ ޓީމުގެ ގޯލް ކީޕަރު އިބްރާހިމް ނާޖިހް އެވެ.
މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، ފެއާރޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދީ ކަނޑިތީމު ޓީމުގެ އިބްރާހިމް ނަދާދް އެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމްގެ މަގާމް ހޯދީ ކަނޑިތީމެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ހަނިމާދޫ ޓީމުގެ މުޙައްމަދު ސަމްހާން އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިވާދޫ ޓީމުގެ މުޙައްމަދު ޝާއިން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ނައިވާދޫ ޓީމުގެ ކޯޗު އަހްމަދު ޝިނާން އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ނައިވާދޫ ޓީމުގެ އަހްމަދު ހަމީދު، ނައިވާދޫ ޓީމުގެ މުޙައްމަދު ޝާއިން، އިހަވަންދޫ ޓީމުގެ އިބްރާހިމް ހާމިދު، އިހަވަންދޫ ޓީމުގެ އަހްމަދު އެލްސައިދު އަލީ ހަމީދު އަދި ނައިވާދޫ ޓީމުގެ އިބްރާހިމް ނާޖިހް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިވާދޫ ޓީމުގެ މުހައްމަދު ސާއިން އެވެ.
