ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެންމެ ފަހުގެ ރަނަރަޕް ހޯކްސް ފައިނަލަށް ދަތުރުކޮށްފި
ސެކްޓާ ލީގު - އެފްބީ

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ރަނަރަޕް ހޯކްސް ދަތުރުކޮށްފި އެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ހޯކްސް އާއި ވެލިގާ ބައްދަލުކުރިއިރު ދެވަނަ މެޗުގައި ބައްދަލުކުރީ އާރުސީސީ އާއި އެމްއައިބީ އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޯކްސް އާއި ކުލަބް ވެލިގާ އެވެ. މި ދެ ޓީމު ސެމީފައިނަލާއި ހަމައަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، ހޯކްސްއިން މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފަ އެވެ. ވެލިގާއަކީ ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ރައުންޑް އޮފް ސިކްސްޓީން އިން ލިބުނު ޖާގަތަކުން ޖާގައެއްގައި، ރަނގަޅު ކުޅުމެއް ދައްކައި ސެމީ ފައިނަލާއި ހަމައަށް އައިސްފައިވާ ޓީމެކެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ މޮޅު ޓީމުގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ އަދި އެކަން ދައްކަމުންދާ ހޯކްސްއިން މި މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ނެވެ.

މެޗުގެ ކުރީކޮޅު ވެލިގާއިން ހޯކްސްއަށް ވަރުގަދަ ރައްދެއް ދިން ނަމަވެސް، އެއްވަރެއްގައި ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ މިނިޓްގައި ވެލިގާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ހޯކްސްއަށް ލީޑު ލިބުނު ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ވެލިގާއިން ނަތީޖާ ހަމަހަމަކުރިއެވެ. 5 ވަނަ މިނިޓްގައި ވެލިގާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އައްޒާމް ނިޔާޒް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ހޯކްސްގެ އޭރިޔާ ކައިރިން ލިބުނު ބޯޅައެއް ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2 ގެ އިޝްތިހާރު ލަވައެއް!

ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ހޯކްސްއިން ދެވަނަ ފަހަރަށް ލީޑު ނެގީ 11 ވަނަ މިނިޓްގައި މުޙައްމަދު ނާއިމް ކާމިޔާބުކޮށްދިން ލަނޑުން ނެވެ. ދެވަނަ ފަހަރަށް ވެސް ވެލިގާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އައްޒާމް ނިޔާޒް އެވެ. ފިރާޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި އައްޒާމް މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅައަކުން ނެވެ. ތިންވަނަ ފަހަރަށް ހޯކްސްއިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވާދަކުރާ މުޙައްމަދު ނާއިމް އާއި އަޙްމަދު އައިހަމް ޖަހާފައިވާ ލަނޑުގެ އަދަދު މި ލަނޑާއިއެކު ވަނީ 11 އިން ހަމަހަމަވެފަ އެވެ. ތިންވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރެވޭތޯ ވެލިގާއިން މަސައްކަތްކުރަމުން ދަނިކޮށް، މުޙައްމަދު ނާއިމް މި މުބާރާތުގައި ޖެހި 12 ވަނަ ލަނޑާއިއެކު ހޯކްސްއިން ނަތީޖާގެ ފަރަގު ބޮޑުކޮށްލިއެވެ. ހާފުގެ ފަހު ވަގުތުކޮޅު އުލާން ނަގައިދިން ކޯނަރުން ހުސައިން ޝުހާދު ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑާއިއެކު ވެލިގާ ޓީމު މާޔޫސްކޮށްލި އެވެ.

ދެވަނަ ހާފުގައި ވެސް ހޯކްސްއިން ވަނީ ތަފާތު ބޮޑު މޮޅު ކުޅުމެއް ދައްކާފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހޯކްސްގެ ހަވަނަ ލަނޑު ޖަހައިދިނީ ހުސައިން ޝުހާދު އެވެ. ޝުހާދު އޭނާގެ ދެވަނަ ލަނޑު ވެސް ޖަހާފައިވަނީ ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މެޗު ފަށައިގެން މޮޅު ކުޅުމެއް ދެއްކި ވެލިގާއަށް ފުރަތަމަ ހާފުގެ މެދަކާއި ހިސާބުން ގެއްލުނު ކޮންޓްރޯލް ދެވަނަ ހާފުގައި ވެސް ފެނުނީ އެކަހަލަ ގޮތަކަށެވެ. މި ހާފުގައި ވެސް ވެލިގާއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

މިވެސް ކިޔާލަން:  އާރުސީސީ އާއި މީޑިއާނެޓް ދެވަނަ ބުރަށް

އޭރިޔާ ބޭރުން ބޯޅައިގައި އަތް ޖެއްސުމުގެ ސަބަބުން، ދެވަނަ ހާފުގެ ކުރީކޮޅު ވެލިގާގެ ކީޕަރަށް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ. ހުސައިން ޝުހާދު ފުރިހަމަކުރި އޭނާގެ ހެޓްރިކާއިއެކު ހޯކްސްއިން އެ ޓީމުގެ ހަތްވަނަ ލަނޑު ކާމިޔާބުކުރިއިރު، އެ ޓީމުގެ 8 ވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު ނާއިމް އެވެ. މި ލަނޑާއިއެކު ނާއިމް ވެސް ވަނީ ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ. ހޯކްސްގެ ކުޅުންތެރިއެއް ޖައްސާލި ބޯޅައެއް ވެލިގާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެ 9-2 އަށް ނަތީޖާ ބަދަލުވި އެވެ. މައިޝާން ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޙައްމަދު ތޯހިރު ހޯކްސްގެ 10 ވަނަ ލަނޑު ކާމިޔާބުކޮށްދިން ފަހުން، ވެލިގާގެ ތިންވަނަ ލަނޑު ޖަހައި މެޗުގެ ތިންވަނަ ހެޓްރިކް އައްޒާމް ނިޔާޒް ފުރިހަމަކުރި އެވެ. މެޗުގެ ފަހު މިނިޓްގައި ހޯކްސްގެ 11 ވަނަ ލަނޑު ޖަހައިދިނީ ހަސަން ރަޝީދު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯކްސްގެ މުޙައްމަދު ނާއިމް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top