ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޖެއްސިތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ބޯޓު ގޮވުން: އެމިރޭޓްސް 521 ގެ ބިރުވެރި ވަގުތުކޮޅު

ތާރީޚަކީ 3 އޮގަސްޓް 2016 އެވެ. އިންޑިއާގެ ދެކުނުގައިވާ ތިރުވަނަންތަޕޫރަމް އިންޓަނޭޝަނަލް އެއާޕޯޓަށް ވެރިވެފައިވަނީ ތެތްފިނި ހޫނު ހެނދުނެކެވެ. އެމިރޭޓްސްގެ ފްލައިޓް 521 އަށް އަރަން 282 ފަސިންޖަރުން ހިނގަމުން ދިޔައެވެ. މީގެ ތެރޭގައި ގިނައީ ޗުއްޓީއަށްފަހު ދުބާއީއަށް އެނބުރިދާ އިންޑިއާގެ މަސައްކަތްތެރިންނެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ 24 މީހުންނާއި، ޔޫއޭއީގެ 11 މީހުންނާއި އަދި އެހެން 20 ޤައުމެއްގެ މީހުންވެސް ހިމެނެއެވެ.

މި އެންމެން ގޮނޑިތަކުގައި ހަމަޖެހިލީ ދުބާއީއަށް ކުރެވޭ އާދައިގެ ތިން ގަޑިއިރާއި ބައިގެ ދަތުރަކަށް އުންމީދުކޮށެވެ. އޭގެ ތެރޭގައި ސީޓު 45ބީ ގައި އިން 62 އަހަރުގެ މުޙައްމަދު ޤާދިރު ހިމެނެއެވެ. އޭނާގެ ގަމީހުގެ ޖީބުގައި ދެފަށް ޖަހާފައި އޮތީ ދުބާއީ ޑިއުޓީ ފްރީގެ ލޮޓަރީ ޓިކެޓެކެވެ. ކުރިއަށް އޮތް 6 ދުވަހުގެ ތެރޭގައި އެ ނަންބަރަށް އެއް މިލިއަން ޑޮލަރު ލިބެން އޮތް ނަމަވެސް، އެ ފައިސާ ނަގަން އޭނާ ދުނިޔޭގައި ހުންނާނެތޯ އެއީ މުޅިން އެހެން ސުވާލެކެވެ.

މިއަދުގެ ބޯޓަކީ ބޮއިންގް 777-300 އެކެވެ. މިއީ 2003 ވަނަ އަހަރުން ފެށިގެން 13 އަހަރު ތެރޭގައި 58،000 ގަޑިއިރު ދުއްވާފައިވާ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައިވާ ބޯޓެކެވެ. ނަމަވެސް މިއަދަކީ މި ބޯޓުގެ އެންމެ ފަހު ދަތުރެވެ. ހެނދުނު 10:30 ގައި ބޯޓު ފަހަތަށް ޖައްސައި، އޭގެ 4 މިނެޓު ފަހުން ރަންވޭއިން ނައްޓާލިއެވެ. ކުރިމަތީގައި އޮތީ ދުބާއީއަށް އޮތް ދަތުރެވެ. ނަމަވެސް، 1،900 މޭލު ދުރުގައިވާ ދުބާއީގެ ވައިގެ ޙާލަތު އޮތީ ބިރުވެރި މަޅިއެއްގެ ގޮތުގައެވެ.

މިވެސް ކިޔާލަން:  މިއަދަކީ ބައިނަލްއަގުވާމީ އެއާރ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް

ކޮކްޕިޓުގައި ތިބީ އުމުރުން 34 އަހަރުގެ ކެޕްޓަނަކާއި، 37 އަހަރުގެ އޮސްޓްރޭލިއާގެ ފަސްޓް އޮފިސަރު ޖެރެމީ ވެބް އެވެ. ކެޕްޓަނަކީ ޒުވާން އުމުރުގައި ކެޕްޓަންކަން ހޯދި މޮޅު ޕައިލެޓެއް ނަމަވެސް، ތަމްރީނުތަކުގައި އޭނާ މާ އަވަހަށް “ފްލެއާ” (ޖައްސަން އުޅޭ ވަގުތު ބޯޓުގެ ނިގޫތިރިކޮށް ނޭފަތް މައްޗަށް ނެގުން) ކުރާކަމާއި، ޕްރެޝަރު ބޮޑުވާ ހާލަތްތަކުގައި އެއް ކަމަކަށް މާބޮޑަށް ސަމާލުކަން ދެވި އެހެން ކަންކަމަށް ސަމާލުކަން ގެއްލޭ ކަމަށް ފާހަގަކުރެވިފައިވެއެވެ. މިއަދު މި ދެ ޕައިލެޓުން އެކުގައި އުދުހޭ މިއީ ފުރަތަމަ ފަހަރެވެ.

ދުބާއީއަށް ޖައްސަން ގާތްގަނޑަކަށް އެއްގަޑިއިރު އޮއްވައި، މޫސުމުގެ މަޢުލޫމާތު ލިބުނެވެ. ފިނިހޫނުމިން ހުރީ 48 ޑިގްރީގައެވެ. ރަންވޭގެ ހޫނުމިން ހުރީ 67 ޑިގްރީގައެވެ. އަދި ވިންޑްޝިއާ (ކުއްލިއަކަށް ވައިގެ މިސްރާބާއި ބާރުމިން ބަދަލުވުން) ގެ އިންޒާރު އޮތެވެ. ނަމަވެސް، ދުބާއީގެ ހޫނު މޫސުމުގައި މިފަދަ އިންޒާރުތަކަކީ ޢާންމު ކަމަކަށް ވާތީ، ޕައިލެޓުންނަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. ހަޤީޤަތުގައި ދުބާއީގެ ދެކުނުގައި އުފެދިފައިވާ ދެ ލޯ-ޕްރެޝަރ ސިސްޓަމްގެ ސަބަބުން، ރަންވޭ 12އެލް މަތީގައި އޮތީ ބިރުވެރި ވައިގެ ސަރަޙައްދެކެވެ.

ބޯޓު ޖައްސަން ތިރިވަމުން ދިޔައިރު، ބޯޓުގެ ރާޑަރުން ވިންޑްޝިއާ ދެނެގަނެވޭ ގޮތެއް ނުވިއެވެ. ސަބަބަކީ ޖައްވުގައި އެއްވެސް ތެއްކަމެއް ނެތުމެވެ. ކުރިން ޖެއްސި ދެ ބޯޓަކަށް ނުޖެއްސިގެން އަލުން މައްޗަށް އެރި (ގޯ-އެރައުންޑް ހެދި) ނަމަވެސް، އެ މަޢުލޫމާތު ފްލައިޓް 521 އަކަށް ނުލިބުނެވެ.

ރަންވޭއާ ކައިރިވަމުން ދިޔައިރު، ކެޕްޓަން ބޯޓު އަތުން ދުއްވަން ފެށިއެވެ. 40 ފޫޓު މަތީގައި ހުއްޓައި، ކެޕްޓަން އާދަޔާ ޚިލާފަށް އަވަހަށް ފްލެއާ ކުރަން ފެށިއެވެ. އޮޓޯ-ތްރޮޓްލް އިން އިންޖީނުގެ ބާރު ކަނޑާލިއެވެ. ހޫނު ވައިގެ ސަބަބުންނާއި ގްރައުންޑް އިފެކްޓްގެ ސަބަބުން ބޯޓު ތިރިއެއް ނުވިއެވެ. ކުއްލިއަކަށް ކުރިމަތިން ޖެހުނު ބާރު ވަޔާއެކު ބޯޓުގެ ސްޕީޑް މައްޗަށް ގޮސް، ޖައްސަން ކަނޑައެޅިފައިވާ ސަރަޙައްދު ފަހަނައަޅައި ދިޔައެވެ. ބޯޓުގެ ފުރޮޅު ރަންވޭގައި ކުޑަކޮށް ޖެހިފައި އަނެއްކާވެސް ވިއްސައިގެން ދިޔައެވެ.

މިވެސް ކިޔާލަން:  ޗައިނާގެ އައު އެއަރޕޯޓް – ދުނިޔޭގެ އެންމެ ބޮޑު ޓަރމިނަލް އާއެކު!

މި ހިސާބުން ކެޕްޓަން “ގޯ-އެރައުންޑް” ހަދަން ނިންމައި ޓޭކްއޯޔް-ގޯއެރައުން (ޓީއޯޓީއޯ) ސްވިޗަށް ފިއްތާލިއެވެ. އަދި ބޯޓުގެ ނިގޫ ބިމުގައި ޖެހިދާނެތީ އެކަމަށް މާބޮޑަށް ވިސްނަން ހުރުމުން، އިންޖީނުގެ ތްރަސްޓް ލީވަރުތައް އަމިއްލައަށް ކުރިއަށް ނުދާކަން އޭނާއަށް ފާހަގައެއް ނުކުރެވުނެވެ. ބޯޓުގެ ފުރޮޅު ބިމުގައި ޖެހުމުން، ސިސްޓަމް ވަނީ އޮޓޮމެޓިކުން އިންޖީނުގެ ބާރު އިތުރުކުރާ ބައި ނިއްވާލާފައެވެ. އެހެންކަމުން އިންޖީނު ހުރީ އެއްވެސް ބާރެއް ނެތި ހުސް ދުވެލީގައެވެ.

އިންޖީނުގެ ބާރެއް ނެތި، 85 ފޫޓަށް އެރުމަށްފަހު ބޯޓުގެ ދުވެލި މަޑުވެ، ބޯޓު އަޑިއަޅަން ފެށިއެވެ. ސްޓޯލް ވާން އުޅޭކަމުގެ އިންޒާރު ލިބުމުން، ކެޕްޓަން އަމިއްލަ އަތުން ތްރޮޓްލް ކުރިއަށް ޖައްސައިލިއެވެ. ނަމަވެސް އިންޖީނު ފުރިހަމަ ބާރަށް އަރަން ބޭނުންވާ 6 ސިކުންތުގެ ވަގުތު އޭރަކު ނެތެވެ.

ގޯ-އެރައުންޑް ހެދިތާ 18 ސިކުންތު ފަހުން، ގަޑިއަކު 124 ނޮޓުގެ ބާރުމިނުގައި ބޯޓުގެ ބަނޑުފިލާ، ރަންވޭ 12އެލް ގައި ޖެހި ވެއްޓުނެވެ. ކަނާތްފަޅީގެ އިންޖީނު ނެއްޓިގެން ގޮސް އަލިފާން ރޯވިއެވެ. ބޯޓު ބަނޑުޖަހައިގެން 800 މީޓަރަށް ދެމިގެން ގޮސް ހުއްޓުނެވެ.

ކޮކްޕިޓުން މޭޑޭ ގޮވައި، ފަސިންޖަރުން ބާލަން އެންގިއެވެ. ބޯޓުގައި އަލިފާން ހިފާފައިވާއިރު، އިމަޖެންސީ ސްލައިޑްތަކުގެ ތެރެއިން ގިނަ ސްލައިޑްތައް ހުރީ ހަލާކުވެފައެވެ. ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައިވެސް، 6 މިނެޓާއި 40 ސިކުންތުގެ ތެރޭގައި 300 މީހުން ބޯޓުން ބޭލުނެވެ. ބޯޓު ހުއްޓުނުތާ 9 މިނެޓާއި 40 ސިކުންތު ފަހުން މައި ތެޔޮ ޓޭންކު ގޮވައި، ބޯޓު އެއްކޮށް އަނދައި އަޅިއަށް ވިއެވެ.

މިވެސް ކިޔާލަން:  ކުރިމަގުގެ ވައިގެ ބަނދަރުގައި ވަށް ރަންވޭ

މި ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެންގެ ފުރާނަ ސަލާމަތްވި ނަމަވެސް، އަލިފާން ނިއްވަން ހަރަކާތްތެރިވި ޖާސިމް އަލް ބަލޫޝީ ނަމަކަށް ކިޔާ ހިތްވަރުގަދަ ފަޔަރފައިޓަރު ވަނީ ޓޭންކު ގޮވި ވަގުތު ނިޔާވެފައެވެ.

މިއީ އެމިރޭޓްސްގެ ތާރީޚުގައި ބޯޓެއް އެއްކޮށް ހަލާކުވި ހަމައެކަނި ހާދިސާއެވެ. މި ހާދިސާއިން ދަސްވި ފިލާވަޅުތަކާއެކު، އޭވިއޭޝަން ދާއިރާގެ ގަވާއިދުތަކާއި ތަމްރީނުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަދި ބޯޓުން ސަލާމަތްވި މުޙައްމަދު ޤާދިރު، ހާދިސާއަށް 6 ދުވަސް ފަހުން އެއް މިލިއަން ޑޮލަރުގެ ވެރިއަކަށް ވެގެން ދިޔައެވެ.

ނޯޓް
އެމިރޭޓްސް ފްލައިޓް 521 އަކީ 3 އޮގަސްޓް 2016 ގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ކްރޭޝް-ލޭންޑް ކުރި، ތާވަލުކުރެވިފައިވާ ފަސިންޖަރު ފްލައިޓެކެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top