ޑަޗް ސައިންސްވެރިޔާ ހެންކް ހެސެލިންކްގެ “ނިމުމެއްނުވާ ރަންވޭ” ކޮންސެޕްޓަކީ ޓަރމިނަލް ބިލްޑިންގެއް ވަށައިގެން 3.5 ކިލޯމީޓަރުގެ ޑައިމީޓަރެއްގައި ހަދާލެވޭގޮތަށް ފަރުމާ ކޮށްފައިވާ ރަންވޭ ކޮންސެޕްޓެކެވެ. މި ރަންވޭގައި އެއްފަހަރާ 3 ބޯޓު ޖައްސާށާއި ނައްޓާލާކަށް އެއްވެސް އުނދަގުލެއް ނުވާނެއެވެ. ސީދާ ރަންވޭ ހުންނަ އެއަރޕޯޓް ތަކުގެ ތިންބައިކުޅަ އެއްބައި ހުންނަވަރުގެ ބިމެއްގައި މިފަދަ ރަންވޭއެއް ހެދިދާނެއެވެ. ވައިގެ މިސްރާބު ހުންނަ ގޮތުން ޖައްސަން ދަތި ވަގުތު ތަކުގައިވެސް މިފަދަ ރަންވޭގެ ކޮންމެވެސް އެއްދިމާއަކުން ބޯޓު ޖެއްސޭނެއެވެ. މިގޮތަށް ރަންވޭ ފަރުމާކުރުމުގެ އެންމެބޮޑު ބޭނުމަކީވެސް މިއެވެ. ހުރަސް ވައި (ކްރޮސް ވިންޑް)ގެ މައްސަލަ ދިމާނުވާނެ ކޮންމެވެސް ހިސާބެއް މިފަދަ ރަންވޭތަކުގައި އަބަދުވެސް އޮންނާނެއެވެ.

ހެސެލިންކް އަށް “ނިމުމެއްނުވާ ރަންވޭ” އެއް ހެދުމުގެ ޚިޔާލު އައީ ދިމާ ކުރިމަތިން ޖެހޭ ވައިގެ ސަބަބުން ނުޖެއްސުނު ބޯޓުތަކެއްގެ ބިރުވެރި ވީޑިއޯ ތަކެއް ޔޫޓިއުބުން ބެލުމަށްފަހު އެކަން ހައްލުކުރެވޭނޭ ގޮތެއް ވިސްނުމުގެ ތެރޭގައެވެ.

ވަށްކޮށް ހަދާފައިވާ މިފަދަ ރަންވޭތަކުގައި ކޮންމެ ދިމާއަކުން ވައިޖެހުނު ނަމަވެސް ފަހިކޮށް ބޯޓު ޖެއްސޭނެ ކޮންމެވެސް ދިމާއެއް އޮންނާނެއެވެ. ބޯޓު ޖައްސާށާއި ނައްޓާލާކަށް ކަނޑައެޅިފައިވާ ވަކި ދިމާއެއް ނޯންނާނެއެވެ. ވައި ގަދައިރު ވައި އެންމެ މަޑު ދިމާއެއް ބަލާފައި ބޯޓު ޖައްސަންވީއެވެ.

އެނބުރޭ ވައިރޯޅި ހުންނަ ތަންތަނުގައިވެސް ވައިރޯޅިއާ އެއްކޮށް ބޯޓު އުދުހިފައިގޮސް ޖައްސާކަށް އުނދަގުލެއް ނުވާނެއެވެ. ސީދާ ރަންވޭ ހުންނަ އެއަރޕޯޓް ތަކުގައި، ވައި ހުންނަ ގޮތަކުން ބޯޓު ޖައްސާކޮޅު ބަދަލުކުރަން ޖެހިއްޖެނަމަ ކުރަންޖެހޭ ބޮޑު ޚަރަދު މިފަދަ ވަށް ރަންވޭ ތަކުގައި ކުރާކަށް ނުޖެހޭނެއެވެ.

ފަސިންޖަރުންނަށް އޮމާންކޮށް އުދުހިލުމުގެ ތަޖުރިބާގެ އިތުރުން، ހެސެލިންކް ދެކޭގޮތުގައި މިފަދަ ވަށް ރަންވޭ ތަކުގެ ސަބަބުން ތިމާވެއްޓަށް ފައިދާތަކެއް ކުރާނެއެވެ. އެއީ ބޯޓުތައް ގަދަވަޔާ އިދިކޮޅަށް ދަތުރުކުރަން ނުޖެހޭނެތީ ބޯޓަށް ބޭނުންވާ ތެޔޮ މަދުކުރެވޭނެތީއެވެ.

ބޭނުން ދިމާއަކުން ބޯޓު ނައްޓާލުމުގެ ފުރުސަތު އޮންނާތީ ޕައިލެޓަށްވާ ފަސޭހަތަކުގެ ތެރޭގައި ބޯޓު ކޮންޓްރޯލު ކުރަން ފަސޭހަވުމާއި ދާންވީ ދިމާއާއި ދާންނުވާ ދިމާ ކަނޑައަޅަން ފަސޭހަވެއެވެ.

އެއަރ ޓްރެފިކް ސެކްޓަރ މިދަނީ ކޮންމެ 15 އަހަރަކުން ޑަބަލް ވަމުންނެވެ. ވީމާ ބައިބޯވަމުންދާ ޓްރެފިކް ބެލެހެއްޓޭނެ އައު ގޮތްތަކެއް މިވަނީ ހޯދަން ޖެހިފައެވެ.

ވަށް ރަންވޭތަކުގެ ވަށަމިނުގައި، ސީދަލަށް ހުންނަ ރަންވޭގެ ތިންގުނަ ހުރެއެވެ. ނަމަވެސް ހެސެލިންކްގެ ޓީމުން ހިސާބުކުރާ ގޮތުގައި ސީދާ ހަތަރު ރަންވޭގެ ޚިދްމަތް މީގެ ވަށް ރަންވޭތަކުން ދެވޭނެއެވެ. މީގެ ސަބަބުން ކުޑަ ޖާގައެއްގައި އެއަރޕޯޓެއް ހިންގޭނެއެވެ.

“ނިމުމެއްނުވާ ރަންވޭ” ޕްރޮޖެކްޓްގެ ބައިވެރިންގެ ތެރޭގައި ނެދަލެންޑްގެ ކުންފުންޏަކާއި ޖަރުމަނުގެ ކުންފުންޏަކާއި ފަރަންސޭސި ވިލާތުގެ ކުންފުންޏެއް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.