ނިފާރުގެ ލޯބީގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހުނީ ކުއްލިއަކަށެވެ. އެފަދަ ދުވަހެއް އަތުވެދާނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިޔެއް ނުކުރެއެވެ. އެފަދަ ކަމަކާއި ވިސްނާލާފައެއް ވެސް ނެތެވެ.
އަލަތު ކައިވެންޏާއިއެކު ނިފާރުގެ ލޯ ކުރިމަތިން ސުނޭހާ ގެއްލުނެވެ. އިވުނު އަޑުތަކުން އެނގުނުގޮތުގައި ސުނޭހާގެ ދެމަފިރިން ދިޔައީ މާމުއިހަނދަށެވެ. މެދުއިރުމައްޗާއި ޔޫރަޕަށެވެ. ދުނިޔޭގެ މަޝްހޫރު ތަންތަން ބަލާލައި ހިތްއުފާކޮށްލާށެވެ. ދެމަފިރިން އެކުގައި ވަގުތުތައް ހޭދަކޮށްލާ މަޖާ ކޮށްލާށެވެ.
އޮފީހުގެ ފަރާތުން ލިބުނު ތަމްރީނު ޕްރޮގްރާމްގައި ނިފާރު ފުރައިގެން ދާން ޖެހުނީ އެ ދުވަސްވަރުއެވެ. ކުރިމަތިވި ހިތާމަ އާއި ހިތްދަތިކަމުން ސަލާމަތް ނުވެވިފައި ހުރި ނިފާރު ގަސްދުކުރީ ފުރުސަތު ދޫކޮށްލާށެވެ. ތަމްރީނަށް ދިޔަޔަސް އޭނާއަކަށް އެކަމެއް ނުވާނެއެވެ. އެ ހިތާމަތަކާއި ހިތްދަތިކަމުން އޭނާއަކަށް އަރައެއް ނުގަނެވޭނެއެވެ.
ނިފާރާއިއެކު ތަމްރީނަށް ދިއުމަށް ހަމަޖެހިފައިވާ އަނެއް ބައިވެރިއަކީ ސަމާޢިލްއެވެ. ނިފާރުގެ އެ ވާހަކަތައް ސަމާޢިލްއަކަށް ކަމަކު ނުދިޔައެވެ. ދެވަނަ ވިސްނުމަކަށް ދާން ސަމާޢިލް ލަފާދިނެވެ. އެ ތަމްރީނުގެ ސަބަބުން ނިފާރަށް ލިބޭނެ ފައިދާތައް ކިޔައިދިނެވެ. ތަމްރީނުގެ ސަބަބުން ވަޒީފާގެ ކުރިއެރުން ލިބޭއިރު މުސާރަޔަށް ހެޔޮ ބަދަލެއް އަންނާނެއެވެ. މަސައްކަތުގައި މައިދާނުގައި ކުރިޔަށް ދިއުމަށް ބޭނުންވާ މުހިންމު އެތައް ކަމެއް ދަސްވާނެއެވެ.
މާޔޫސްވެ ކަރު އެލުވާލަން އަދި ގާތް ނުވެއެވެ. ދުނިޔެއިން އަންހެނުން ހުހެއް ނުވެއެވެ. އެކަހަލަ ކިތަންމެ އަންހެން ކުއްޖެއް ލިބިދާނެއެވެ. އެއަށްވުރެ ރަނގަޅު އެއަށްވުރެ ފުރިހަމަ އަންހެން ކުއްޖަކު ވެސް ލިބިދާނެއެވެ. އޮތީ މަސައްކަތް ކުރުމެވެ.
ޢާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިންގެ ފަރާތުން ލިބުނު ހިތްވަރާއި ހެޔޮ ނަސޭހަތްތަކުގެ ސަބަބުން ނިފާރު އޭނާގެ ވިސްނުން ބަދަލުކުރިއެވެ. ފުރުސަތުގެ ބޭނުން ހިފުމަށް ނިންމިއެވެ. ނިފާރު ފުރައިގެން ދިޔައީ ރަނގަޅު ކާމިޔާބެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
އެއް އަހަރުގެ ދުވަހުގެ ތަމްރީނުތައް ނިންމާލުމަށްފަހު މާލެ އާދެވުމާއިއެކު ނިފާރު ވަޒީފާއަށް ނުކުންނަން ފެށިއެވެ. އޭނާއަށް ލިބުނު މަޢުލޫމާތުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި އެހެން މުއައްޒަފުންނަށް ބުނެދޭން ޖެހޭ ކަންތައްތައް ބުނެދިނުމަށް އިސްކަން ދިނެވެ.
ރޭގަނޑުގެ ދިހައެއް ޖަހާކަން ހާއިރެވެ. އޮފީސްތަކުގެ ފުޓްސެލް މުބާރާތުގެ ޕްރެކްޓިސް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ ނިފާރު ނުކުތީ ބޫޓެއް ގަންނާށެވެ. އޮފީހުން ހިންގާ އެފަދަ ކޮންމެ ހަރަކާތެއްގައި އިސްކޮށްއުޅޭ މީހުންގެ ތެރެއިން އެކަކީ ނިފާރެވެ. މިފަހަރު ވެސް އެކަމުގައި އޭނާއަށް އުފުލަން ޖެހިފައިވާ ޒިންމާ ކުޑައެއް ނޫނެވެ.
މަޖީދުމަގުގެ ހުޅަނގުން އިރަށް ސައިކަލް ދުއްވަމުން އައި ނިފާރު ސައިކަލް މަޑުކޮށްލީ ކުޅިވަރު ސާމާނު ވިއްކާ ފިހާރައެއް ފެނުމުންނެވެ. ތަނުގެ ބޭރުން ފެންނަމުންދާ މަންޒަރަށް ބަލާލުމުން، ނިފާރު ބޭނުންވާ ކަހަލަ ބޫޓެއް ލިބިދާނެހެން ހީވިއެވެ.
“އޭތް! މި ބޫޓް ވިއްކަނީ ކިހާވަރަކަށް؟” ނިފާރާއި ތަންކޮޅެއް ދުރުގައި އޭނާއަށް ފުރަގަސް ވާގޮތަށް ހުރި ސޭލްސްގާލަށް ގޮވާލަމުން ނިފާރު އަހާލިއެވެ.
ކަންފަތުގައި އަޑު ޖެހުމާއިއެކު ސުނޭހާ ދިޔައީ ސިއްސައިގެންނެވެ. އަޑާއިމެދު އުފެދުނު ސުވާލާއިއެކު އިޙްތިޔާރަކާއި ނުލައި އަވަސްއަވަހަށް އެދިމާއަށް ބަލައިލެވުނެވެ.
ނިފާރު ފެނުމާއިއެކު ސުނޭހާގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ. ހިތުގެ ތެޅުމާއިއެކު ވިންދު އަވަސްވިއެވެ. ހިނިތުންވެލެވުނެވެ. މަޑުމަޑުން ނިފާރާއި ކައިރިއަށް ޖެހިލެވުނެވެ.
ނިފާރު ހުރީ ބޫޓަށް ބަލަހައްޓައިގެން ކަމަށްވާތީ އެތަނުގައި ހުރީ ސުނޭހާ ކަމެއް އޭނާއަކަށް ނޭނގެއެވެ.
ނިފާރާއި ވާހަކަ ދައްކާލަން ނުހަނު ބޭނުންވެފައި ހުރި ސުނޭހާ މަޑުމަޑުން ނިފާރާއި ކައިރިއަށް ޖެހިލީ އޭނާ ބޭނުންވި ފުރުސަތު ލިބުނީކަމަށް ޔަގީންކޮށްގެނެވެ. އޭނާގެ ކައިވެނީގެ ސަބަބުން ނިފާރު ހުންނާނީ އޭނާދެކެ ރުޅިއައިސްފައިކަން ސުނޭހާއަށް އެނގެއެވެ. އެކަން ވީގޮތް ނިފާރަށް އޮޅުން ފިލުވައިދޭން ސުނޭހާ ބޭނުންވެއެވެ.
އޭނާގެ ކައިވެނީގެ ފުރަގަހުގައި ފޮރުވިފައިވާ ސިއްރުތައް ނިފާރަށް ކިޔައިދީ އޭނާގެ ކުށެއް ނެތްކަން އަންގައިދިނުން ސުނޭހާއަށް ވަރަށް މުހިންމެވެ. ކަންތައް ހިނގާދިޔަ ގޮތް ކިޔައިދިނުމުން އޭނާ ބޭނުން ކަންތައް ވީއެވެ. އެކަން ޤަބޫލުކުރުމާއި ނުކުރުން އެއީ ނިފާރުގެ ކަމެކެވެ.
“ނިފާރު!” ސުނޭހާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ނިފާރު ދިޔައީ ސިއްސައިގެންނެވެ. އަޑުއައި ދިމާއަށް އަވަސްއަވަހަށް ބަލާލެވުނެވެ.
އެތަނުގެ ޔުނީފޯމްގައި ހުރި ސުނޭހާ ފެނުމުން ނިފާރަށް ލިބުނީ ހައިރާންކަމެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. އިވުނު އަޑުތަކާއި ފެނުނު މަންޒަރު ތަފާތެވެ. އެފަދަ މުއްސަނދި ފިރިއެއްގެ އަނބިމީހާ މިފަދަ ތަނެއްގައި މަސައްކަތްކުރުން އެއީ އެންމެ ބޮޑު ސުވާލެވެ.
ސުނޭހާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ނިފާރުގެ ހަނދާންތައް އޭނާގެ މާޒީއާ ހަމައަށް ދަތުރު ކުރިއެވެ. އެއީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިއެވެ.
އުމުރުން ވިއްސަކަށް އަހަރުގެ ސުނޭހާއަކީ ރީތި ޒުވާނެކެވެ. އޭނާގެ ރީތިކަމާއި ފުރިހަމަކަމުގެ ވާހަކަ ދައްކާނަމަ އެތައް ވާހަކައެއް ދެއްކިދާނެއެވެ. ހަމުގެކުލަ އަލި ލޫޅާފަތި ހަށިގަނޑެކެވެ. ރާޅުބާނިކަން އެކުލެވިފައިވާ އިސްތަށިގަނޑު ދިގުވެފައި ކަޅެވެ. އިހިކަނދުރާފަދަ ރީތި ފުރިހަމަ ކަރެކެވެ. ހިތިފަތު ބުމައެކެވެ. ހިނިތުންވެލާ ވަގުތު ދެ ތުންފަތް ހަރަކާތް ވެލާއިރު ރަތްފިނިފެންމަލެއް ފަތިހަށް ފޮޅޭ ފަދައެވެ. ހަށިގަނޑުގެ ބައްޓަމާއި ވަނާތައް ގުޅިލާމެހިފައިވާލެއް ފުރިހަމަކަމީ އޭނާގެ ރީތިކަމާއި ފުރިހަމަކަމުގެ އަސްލެވެ. އިސްތަށިގަނޑުގެ ތެރެއިން އެ ލޯބިލޯބި މޫނު ފެނިލާއިރު ކަޅު ވިލާގަނޑެއްގެ ތެރެއިން ސާދަވިލޭރޭގެ ހަނދު ދައްކާލާ ފަދައެވެ.
ސުނޭހާގެ ލޯތްބަށް އެދި އާދޭސް ކުރަމުންދާ ޒުވާނުން ގިނައެވެ. ރެއަކާ ދުވާލު އެފަދަ އެތައް ހުށަހެޅުމެއް އޭނާއަށް ލިބެމުން ދިޔައެވެ. ގާތް ރައްޓެހިންނާއި ދެކެފަރިތަ މީހުނެވެ. ދުވަހަކު ވެސް ބައްދަލުވިކަން ނޭނގޭ މީހުނެވެ. ފުލުފުލުގައި ލިބެމުންދިޔަ ލޯބީގެ ހުށަހެޅުންތަކަށް ބީރު ކަންފަތެއް ދީގެން ސުނޭހާ ހުރީ ސަބަބެއް އޮތުމުންނެވެ.
ސުނޭހާ ޤަބޫލުކުރާ ގޮތުގައި ލޯތްބަކީ ވާއެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. ސުނޭހާ އިންތިޒާރު ކުރަމުންދިޔައީ އެފަދަ މީހަކަށެވެ. އެ މީހަކު ފެނުމުން އޭނާއަށް އެމީހަކުދެކެ ލޯބިވެވޭފަދަ މީހަކާއި ބައްދަލުވާނެ ދުވަހަކަށެވެ.
ސުނޭހާއި ނިފާރު ބައްދަލުވީ ސުނޭހާ ވަޒީފާއަށް ނުކުތް ދުވަހު އޮފީހުންނެވެ. ނިފާރު ފެނުމާއިއެކު ސުނޭހާއަށް ގޮތްތަކެއް ވިއެވެ. ހިތުގައި ތަފާތު ވިންދެއް ޖަހާލިއިރު އޭނާއަށް ޚާއްސަ ސަމާލުކަމެއް ދެވުނެވެ. ވާހަކަ ދައްކާލަން ބޭނުންވިއެވެ.
ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ ބުނަނީ ސަބަބުތަކެއް އޮތުމުންކަން ޔަގީނެވެ. އެދިއެދި ހުރި ފުރުސަތު ހީނުކުރާ ފަދަ ގޮތަކަށް ވެސް ލިބިދާނެއެވެ. ނިފާރާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ސުނޭހާއަށް ލިބުންވީ އެކަހަލަ ކަމަކަށެވެ.
ފުރަތަމަ ބައްދަލުވުމުން ވެސް ނިފާރާއި ސުނޭހާގެ މެދުގައި ޚާއްސަ ރަހުމަތްތެރިކަމެއް އުފެދުނެވެ. އެއްގޮތް ގިނަ ކަންތައްތަކެއް ފެނުނެވެ. އެކަކު އަނެކަށް ޝަޢުޤުވެރި ވިއެވެ.
ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. ނިފާރާއި ސުނޭހާގެ މެދުގައި އުފެދުނު ރަހުމަތްތެރިކަން ބަދަހިވެ ކުރިއަރައިގެން ދިޔައީ ހީކުރި ވަރަށްވުރެ އަވަހަށެވެ. އެކުގައި މަސައްކަތް ކުރަމުން ދިޔަ ބައެއް މީހުންގެ ފަރާތުން ކުރިމަތިވަމުން ދިޔަ ދިމާކުރުންތަކަށް އެކަކު ވެސް ސަމާލުކަމެއް ނުދެއެވެ. ހިނިތުންވުމަކުން ފުއްދާލުން ނޫން އެއްވެސް ކަމެއް ނުކުރެއެވެ.
ރޭގަނޑުގެ ނުވައެއް ޖަހާކަން ހާއިރެވެ. މަސައްކަތްތައް ނިންމާލުމަށްފަހު ނިފާރު މަގަށް ނުކުތްއިރު، ބޭރުގައި ސުނޭހާ ހުއްޓެވެ. ހަރަކާތްތައް ހުރިގޮތުން ހީވަނީ ކާރެއް ނުލިބިގެން އުޅޭހެންނެވެ.
“އަހަރެން ގެންގޮސްދީފާނަން.” ސުނޭހާ ކައިރިއަށް ސައިކަލް މަޑުކޮށްލަމުން ނިފާރު ބުނެލިއެވެ.
“ޝުކުރިއްޔާ!” ނިފާރަށް ޝުކުރު އަދާކުރަމުން އޭނާއާ ދިމާއަށް ބަލާލިއިރު ސުނޭހާގެ ކިބައިން ފެނުނީ ލަދުވެތިކަމެވެ. ވަށައިގެން ހޯދާލި ގޮތުން ހީވަނީ ދަންނަ މީހަކު ނުވަތަ އެކަމާއިމެދު އެއްޗެކޭ ބުނެފާނެ މީހަކު ހުރިތޯ ބަލާލިހެންނެވެ.
ހުވަފެން ޙަޤީޤަތަކަށް ހަދަން ބޭނުންނަމަ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭނެކަމަށް ސުނޭހާގެ ހިތް ބުންޏެވެ. ލަދަކާއިހުރެ ތަދެއް ނުފިލާނެއެވެ. ކޮންމެ ކަމެއް ވެސް ފުރަތަމަ ކުރާނީ އަލަށެވެ. ފުރުސަތަކީ އަބަދަކު ލިބޭނެ އެއްޗެއް ނޫނެވެ.
ލިބުނު ފުރުސަތު ދޫކޮށްލާކަށް ސުނޭހާގެ ހިތެއް ނޭދުނެވެ. އެ ސައިކަލެއްގެ ފަހަތަށް އަރާލަން ހިތް އެދިއެދި ހުރި ސައިކަލުގެ ފަހަތަށް އަރަން ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ނިންމިއެވެ.
ނިފާރަކީ އެއްވެސް އިރެއްގައި ސައިކަލަށް އަރާ އިރަށް ދުނިޔެ ރަންވާ ޒާތުގެ ޒުވާނެއް ނޫނެވެ. އެފަދަ އުޅަނދުތަކަށް އޭނާ އަރަނީ އަވަހަށް ތަނަކަށް ދާންވީމަ ނަމަވެސް ރޭސް ޖެހުމަކީ އޭނާ ގަޔާވާ ކަމެއް ނޫނެވެ. ސުނޭހާ ގޮވައިގެން ވެސް އޭނާ ސައިކަލު ދުއްވަމުން ދިޔައީ އޭނާ އާންމުކޮށް ސައިކަލު ދުއްވާ މަޑު ދުވެލީގައެވެ.
“ވާއޮ.. ވަރަށް ގުޅޭ. ހީވަނީ ހަމަ ހަޤީޤަތެއްހެން.” ސައިކަލްގެ ފަހަތުން އަންހެން ކުއްޖަކު ވާހަކަ ދެއްކި އަޑު އިވިފައި ސުނޭހާ ދިޔައީ ސިއްސައިގެންނެވެ. ކޮންމެވެސް ވަރަކަށް ލަދުވެސް ގަތެވެ. އަވަސްއަވަހަށް ފަހަތަށް ބަލާލެވުނީ ކާކުތޯ ޔަގީން ކުރާށެވެ. މައުރިފާ އާއި އޭނާގެ ފިރިމީހާ އަސީލް ދުއްވަމުން ދިޔަ ސައިކަލް އޭރު އައިސް އެމީހުނާއި ހަމަވަނީއެވެ.
“އަސްލު ވެސް ވަރަށް ގުޅޭ. ކޮފީއެއް ބޯލަން ދާންވީނު.” މައުރިފާގެ ވާހަކައިގައި ބައިވެރިވަމުން އަސީލް ދަޢުވަތު ދިނެވެ.
“ސުނޭހާއަށް ކަމުދަންޏާއި އަހަންނަށް އޯކޭވާނެ.” ނިފާރު ބަލާލީ ސުނޭހާއަށެވެ.
“އަހަންނަށް ކަމުދާ ހުރިހާކަމެއް ކަމުދަންޏާ ހާދަ ރަނގަޅޭ.” ހިތުގައި އޮތްގޮތް ހާމަކުރެވުނީ އިޙްތިޔާރުން ބޭރުގައި ނަމަވެސް ނިފާރަށް އެ މެސެޖް ދެވުނީތީ ސުނޭހާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސިއްރުސިއްރުން ނިފާރަށް ބަލައި ވެސް ލެވުނެވެ.
(ނުނިމޭ)
