މެންދުރުފަހު ފެށުނު ވާރޭ އަދިވެސް ހުއްޓުމެއް ނެތި މާލޭގެ މަގުތަކަށް ވެހެމުން ދިޔައެވެ. އެޕާޓްމަންޓުގެ ހަނި ބެލްކަނީގައި ހުރެ، ރެއިލިންގުގައި ވިދަމުންދިޔަ ފެންތިކިތައް ތިރީގެ އަނދިރިގަނޑުގެ ތެރެއަށް ގެއްލެމުން ދިޔަ މަންޒަރަށް ސަނަމް ބަލަހައްޓައިގެން ހުއްޓެވެ. މަގުމަތީގެ މަގުބައްތިތަކުގެ ރީނދޫ އަލީގައި ތެމިފައިވާ ތާރުގަނޑު ވިދަމުން ދިޔައިރު، ދޭތެރެއަކުން ދުއްވާފައިދާ ސައިކަލެއްގެ އަޑު ފިޔަވައި އެހެން އަޑެއް މާ ބޮޑަކަށް ނީވެއެވެ. ކައިރި އެޕާޓްމަންޓަކުން ކުޑަކުއްޖަކު ރޯލި އަޑާއި، އަންހެނަކު ގޭތެރެއިން މީހަކަށް ގޮވާލި އަޑު އިވުނެވެ. ދޮރެއް ލެއްޕުނު އަޑެވެ.
އާދައިގެ އަޑުތަކެވެ. އާދައިގެ ދިރިއުޅުންތަކެވެ. ނަމަވެސް، މަޑުމަޑުން ފަނޑުވަމުންދިޔަ އަލިކަމުގެ ތެރޭގައި ހުރި ސަނަމަށް އިޙުސާސްކުރެވެމުން ދިޔައީ އޭނާގެ އަމިއްލަ ދުނިޔޭގައިވެސް އޭނާއަކީ ބީރައްޓެއްސެއް ކަމުގައެވެ.
ސިޓިންގރޫމުގެ ފާރުގައި ހުރި ގަޑިއަށް އޭނާ ބަލައިލިއެވެ. ރޭގަނޑު 9:17 އެވެ. އާހިލް ވަޢުދުވީ ހަތެއް ޖަހާއިރު ގެއަށް އަންނާނެ ކަމަށެވެ. އަދި ގުޅާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް، އެއިން އެއްވެސް ވަޢުދެއް ނުފުއްދުނެވެ.
އަތުގައި އޮތް ފޯނަށް ސަނަމް ނަޒަރު ހިންގައިލިއެވެ. އެންމެ ފަހުން އޭނާ ކުރި މެސެޖަށް އަދިވެސް ޖަވާބެއް ނުލިބެއެވެ.
“އާހިލް، ކައިފިންތަ؟ ކާން ބަހައްޓަންވީތަ؟”
އެ މެސެޖު ފޮނުވީ 7:42 ގައެވެ. މިހާރު ދެ ގަޑިއިރު ވޭތުވެއްޖެއެވެ. އަނެއްކާވެސް ގުޅައިލެވިދާނެއެވެ. ނުވަތަ އޮފީހުގައި މަސައްކަތްކުރާ މީހަކަށް ގުޅައި އާހިލް އަދިވެސް އޮފީހުގައި އުޅޭތޯ އަހައިލެވިދާނެއެވެ. ގޭގައި އޭނާއަށް އިންތިޒާރުކުރާ މީހަކު އެބަހުރިކަން ހަނދާންވެ، ކުށްވެރިކަމުގެ އިޙުސާސް ކުރެވޭ ފަދަ މެސެޖެއް ފޮނުވިދާނެއެވެ. އެކަމަކު އެ ހުރިހާ ކަމެއް އޭނާ މީގެ ކުރިންވެސް ކޮށްފިއެވެ. އަދި މިފަހަކަށް އައިސް، އާހިލްގެ ސަމާލުކަން ހޯދަން ކުރާ ކޮންމެ މަސައްކަތަކީ، އެތެރޭގައި ހުރި މީހަކު ޖަވާބުދޭން ބޭނުންނުވާ ދޮރެއްގައި ތަޅަމުންދާ ފަދަ އިޙުސާސެކެވެ.
އޭނާ ބެލްކަނި ދޫކޮށް އެތެރެއަށް ވަނެވެ. ކާ މޭޒުމަތީގައި މަސްރިހަ ތަށްޓަކާއި، ބަތާއި، ލުނބޯ ލޮނުމިރުސް ތަށްޓެއްގެ ކައިރީގައި ދެ ތަށި ރީތިކޮށް އަތުރާލާފައި ހުއްޓެވެ. ކާއެއްޗެހި ވަނީ ހޫނުކަން ކެނޑި ފިނިވެފައެވެ. ރިހަ ތަށީގެ މަތީގައި ތުނި ފަށަލައެއް ބެދިފައިވާއިރު، ބަތް ތަށިން ކުރިން އަރަމުންދިޔަ މީރު ވަހެއް މިހާރަކު ނެތެވެ. ސަނަމް ތަށީގެ މަތިނަގައި ކާތަކެއްޗަށް ބަލަހައްޓައިގެން ހުއްޓެވެ. މިއީ އާހިލް އެންމެ ގަޔާވާ ކެއުމެވެ.
ލޯބީގެ ދުވަސްވަރު، ސަނަމް އޭނާއަށް ކާއެއްޗެއް ތައްޔާރުކޮށްދޭ ކޮންމެ ފަހަރަކު އާހިލް ހިނިތުންވެލާ ގޮތް ސަނަމްގެ ހަނދާނަށް އައެވެ.
“އެއްދުވަހަކުން، ސަނަމް، ކޮންމެ ރެޔަކު މިފަދަ ކެއުމަކަށް ގެއަށް އަންނަން އަހަރެން ބޭނުން.”
އެ ބަސްތައް އާހިލް ބުނީ އާޓިފިޝަލް ބީޗުގެ ބެންޗެއްގައި، ލޮނުވަހާއި ރާޅުގެ އަޑު އިވޭ ހިސާބުގައި ސަނަމްގެ ގާތުގައި އިނދެގެންނެވެ.
“ކާއެއްޗެހީގެ ވާހަކަތަ ތި ބުނަނީ؟” ސަނަމް ސަމާސާކޮށްލިއެވެ.
“ނޫން. ސަނަމްގެ ވާހަކަ.”
އާހިލް އޭނާއަށް ބަލައިލީ ސަނަމްގެ ހިނިތުންވުން މަޑުޖައްސުވައިލި ފަދަ ސީރިއަސްކަމަކާ އެކުގައެވެ.
“ގެއަށް އަންނައިރު ސަނަމް ހުންނަން އަހަރެން ބޭނުން. ދުވަހުގެ ވާހަކަތައް ކިޔައިދީ، ސަނަމްގެ ޝަކުވާތައް އަޑުއަހައި، ކުދިކުދި ކަންކަމުގައި ޒުވާބުކޮށްލަން ބޭނުން. އަހަރެން ބޭނުމީ ސަނަމްއާއެކު އާދައިގެ ދިރިއުޅުމެއް. މާ ބޮޑު ކަންތައްތަކެއް ނޫން. ހަމައެކަނި އަހަރެމެން ދެމީހުން.”
ސަނަމް އެ ބަސްތައް ޤަބޫލުކުރިއެވެ. އެންމެ ހިތްދަތި ކަމަކީވެސް އެއީއެވެ. އޭނާ ލޯބިވީ މުއްސަނދި މީހަކު ދެކެއެއް ނޫނެވެ. އަދި އަރާމު ދިރިއުޅުމެއްގެ ވަޢުދުވި މީހަކު ދެކެއެއްވެސް ނޫނެވެ. އާހިލްއަކީ އަގުބޮޑެތި ހަދިޔާތަކުން ސަނަމްގެ ހިތް އަތުލަން އުޅުނު މީހެއް ނޫނެވެ. ނަމަވެސް އޭނާ ސަމާލުކަން ދިނީ އެއަށްވުރެ މާ މުހިންމު ކަންކަމަށެވެ. ސަނަމް ރޯގާ ޖެހިއްޖެނަމަ ފެން ބުއިމަށާއި ބޭސް ކެއުމަށް ހަނދާންކޮށްދެއެވެ. އޮފީހުން ލަސްވެގެން ގެއަށް ދާއިރު ދޮރާ ހަމައަށް ފޯރަންދެން ފޯނުގައި ހުރެއެވެ. ވަރުބަލިވެފައި ހުރިކަން އެނގިއްޖެނަމަ އެހީތެރިވެދޭން އަހައެވެ.
އޭނާ ކުދިކުދި ކަންކަން ހަނދާން ބަހައްޓައެވެ. ސަނަމް ސައި ބޯން ބޭނުންވާ ގޮތެވެ. ދެރަވުމުން އަޑުއަހާ ލަވަތަކެވެ. ހިތުގައި ޖެހުމުން ރުޅިއައުމުގެ ބަދަލުގައި ސަނަމް ހިމޭންވާކަމެވެ. އެންމެ މުހިންމު ކަމަކީ، އޭނާގެ ލޯބި ހޯދުމަކީ މަސައްކަތުން ހޯދަންޖެހޭ އަގެއް ކަމުގައި ދުވަހަކުވެސް އިޙުސާސް ކޮށްނުދޭކަމެވެ.
ކައިވެނީގެ ކުރިން، އެތައް ދުވަހަކު ހިތުގައި ފޮރުވައިގެން ގެންގުޅުނު ސުވާލެއް ސަނަމް އާހިލްއާ ކުރިއެވެ. އެއީ މާލޭގެ ކުޑަ ކެފޭއެއްގައި ތިއްބައެވެ.
“އާހިލް، ކައިވެންޏަށްފަހު ކަންކަން ބަދަލުވެއްޖެއްޔާ ވާނީ ކިހިނެއް؟”
އާހިލް އަތުގައި ހުރި ތަށި ބެހެއްޓިއެވެ. “ކޮން ކަންކަމެއް؟”
“އަހަރެމެން އެކަކު އަނެކަކާ ދޭތެރޭ އޮންނަ ގޮތް. މީހުން ބުނާ އަޑުއިވޭ، ފިރިހެނަކަށް އޭނާ ބޭނުންވާ އަންހެންކުއްޖާ ލިބުމުން، އޭނާގެ އަޅާލުން ކުޑަވާނެއޭ.”
އާހިލް ކުރިއަށް ޖެހިލިއެވެ. “އެހެންވީއިރު އެމީހުންނަކަށް ފުރަތަމަވެސް ނޭނގެ އެ އެދުނީ ކޮން އެއްޗަކަށް ކަމެއް.”
ސަނަމް ފަނޑު ހިނިތުންވުމަކާއެކު ބުންޏެވެ. “އާހިލް ހުރިހާ ވާހަކައެއްވެސް ދައްކަނީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި.”
“ނޫން، ސަނަމް. އަހަންނަށް އެނގޭ ކައިވެންޏަކީ ފަސޭހަ ކަމެއް ނޫންކަން. ބިލްތަކާއި، ޒިންމާތަކާއި، އާއިލީ ކަންކަން ހުންނާނެ. އަދި ދެމީހުންކުރެ އެކަކުވެސް ލޯބީގެ މޫޑެއްގައި ނުހުންނަ ދުވަސްތައްވެސް އަންނާނެ. އަހަންނަކީ އަބަދު ފުރިހަމަ މީހަކަށް ވެވޭނެކަމުގެ ވަޢުދެއް ނުވަން.” އޭނާ މޭޒުމަތިން ސަނަމްގެ އަތުގައި ހިފާލިއެވެ. “އެކަމަކު އަހަރެން ވަޢުދުވަން، ސަނަމްއަކީ އަހަރެންގެ އަނބިމީހާކަން ހަނދާންކޮށްދޭން ދުވަހަކުވެސް އާދޭސްކުރާކަށް ނުޖެހޭނެ.”
ސަނަމްގެ ދެލޯ މަޑުމޮޅިވިއެވެ. “އަހަރެން ބޭނުންވާ ހަމައެކަނި އެއްޗަކީ އެއީ.”
“އެނގޭ.”
“ދެން، ދުވަހަކުވެސް ލޯބިނުވާ ހިސާބަށް ހިނގައްޖެއްޔާ؟”
އެ ޚިޔާލުންވެސް އުނދަގޫވި ފަދައިން އާހިލް ނިތްކުރި އަރުވައިލިއެވެ. “އެހެން ވެއްޖިއްޔާ، ސަނަމްގެ ހިތް ހަލާކުކޮށްލުމުގެ ކުރިން އެވާހަކަ ބުނެދޭނެވަރުގެ ތެދުވެރިކަމެއް އަހަރެންގެ ކިބައިގައި ހުންނާނެ ކަމަށް އުންމީދުކުރަން.”
ސަނަމް ޖެހިލުންވެފައި ހީނލިއެވެ. “ތިކަހަލަ ވާހަކަ ނުދައްކަބަލަ.”
“އެންމެ ރަނގަޅު.” އާހިލް ހިނިތުންވެލިއެވެ. “އެކަމަކު މިކަން ހަނދާން ބަހައްޓާތި. މުޅި ދުނިޔެ ސަނަމް ބޭނުންނުވި ކަމުގައި ވިޔަސް، އަހަރެންގެ ގާތުގައި އަބަދުވެސް ސަނަމްއަށް ޖާގައެއް އޮންނާނެ.”
އެ ބަސްތައް ސަނަމް އޭނާގެ ކައިވެނީގެ ތެރެއަށް ގެނައީ އަގުބޮޑު ޖަވާހިރެއް ފަދައިންނެވެ. އެކަމަކު މިހާރު، ގާތްގަނޑަކަށް ތިން އަހަރު ފަހުން، އެ ޖާގައަށް ވީ ކީއްތޯ ހިތާހިތުން ސުވާލުކުރަމުން އޭނާ އެ ހުރީ އެމީހުންގެ އެޕާޓްމަންޓުގައެވެ.
ރޭގަނޑު 10:06 ގައި، އެންމެ ފަހުން ގޭގެ ބޭރު ދޮރު ހުޅުވުނެވެ. އާހިލް އެތެރެއަށް ވަނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. އަތްދިގު ގަމީހުގެ އަތުކުރި އޮޅާލާފައި ހުރިއިރު، މޫނުމަތިން ފެންނަނީ ދިގު ދުވަހެއްގެ ވަރުބަލިކަމާއި ރުޅިވެރިކަމެވެ.
“އާނ، މާދަމާ ހެނދުނު އަހަރެން ރިޕޯޓް ފޮނުވާނަން.” އޭނާ ބުންޏެވެ. “ނޫން، އެއީ މައްސަލައަކަށް ނުވާނެ.”
އޭނާ ކޯލު ކަނޑާލުމަށްފަހު، ދޮރު ކައިރީގައި ހުރި ތަށީގެ ތެރެއަށް ތަޅުދަނޑިފަތި ވައްޓާލިއެވެ. ސަނަމް ހުރިކަން އާހިލަށް ފާހަގަވީ ދެނެވެ.
“އޯހް، އަދިވެސް ނުނިދަނީތަ؟”
ސަނަމް އޭނާއަށް ބަލައިލިއެވެ. “އަހަރެން މިހުރީ އާހިލްގެ އިންތިޒާރުގަ.”
“ކީއްކުރަން؟ އަހަރެން ބުނީމެއްނު މަސައްކަތް އެބައޮތޭ.”
“ހަތެއް ޖަހާއިރު އަންނާނަމޭ ބުނީމެއްނު.”
“އެނގޭ. ކަންތައްތައް ދިމާވީ.”
“ގުޅާލި ނަމަވެސް ރަނގަޅުވީސް.”
އާހިލް އޭނާގެ ގަމީހުގެ މަތީ ގޮށްތަށް ނައްޓާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ސަނަމް، ޕްލީޒް. މިއަދަކީ ވަރަށް ގޯސް ދުވަހެއް. އަހަރެން ގެއަށް ވަންނަ ތަނުން ކުށްވެރިކުރަން ނުފަށާބަލަ.”
އެ ބަސްތައް ސަނަމްގެ ހިތުގައި ޖެހުނީ ހީވެސް ނުކުރާ ފަދަ ބާރުމިނެއްގައެވެ. އޭނާ އަޑެއް ނުއުފުލައެވެ. އެއްވެސް ކަމެއްގެ ތުހުމަތެއް ނާޅުވައެވެ. އޭނާ ހަމައެކަނި ހަނދާންކޮށްދިނީ ވީ ވަޢުދެކެވެ. އެކަމަކު ކޮންމެވެސް ގޮތަކުން، މިހާރު މައްސަލައަކަށް ވެފައި މިވަނީ ސަނަމްއެވެ.
“އަހަރެން އެއްވެސް ކަމެއް ނުފަށަން.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ.
“ރަނގަޅު. އެހެންވިއްޔާ ތި ވާހަކަ މިހިސާބުން ބާއްވާ.”
އޭނާ ސަނަމް ކައިރިން ލާފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ސަނަމް އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު، އޭނާގެ ފަހަތުން ދިޔައެވެ.
“އާހިލް، ކައިފިންތަ؟”
“ނޫން.”
“އަހަރެން ކާން ބެހެއްޓިން.”
“މިހާރަކު ބަނޑުހައެއް ނޫން.”
“މެންދުރު ކެއި ގޮތަށް އެއްވެސް އެއްޗެއް ނުކަމެއްނު؟”
އާހިލް އޭނާއާ ދިމާއަށް އެނބުރުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލަމުންދާކަން މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ.
“ސަނަމް ޕްލީޒް. ތި ސުވާލުތައް ނުކޮށް ހުރެދީފާނަންތަ؟ އަހަރެން ހަމަޖެހިލައިގެން އިރުކޮޅަކު ހުއްޓަދީފާނަންތަ؟”
ސަނަމް އިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން ބޯޖަހައިލިއެވެ. “އެންމެ ރަނގަޅު.”
އާހިލް ކޮޓަރިއަށް ވަނެވެ. ސަނަމް އެނބުރި ކާ މޭޒު ދޮށަށް ގޮސް، އަތްނުލައި ހުރި ކާނާތައް ތަށިތަކާއެކު ބަދިގެއަށް ގެންދިޔައެވެ. އޭނާ އެތަކެތި އައިސްއަލަމާރިއަށް ލިއެވެ. ދެން، ސިންކު ކައިރީގައި ހުރެ، އަނދިރިވެފައިވާ ބަދިގޭގެ ކުޑަދޮރުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުއްޓެވެ.
ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް، އަމިއްލަ ފިރިމީހާއަށް އިންތިޒާރުކުރެވުނު ކަމަށްޓަކައި އޭނާ ލަދުވެތިވިއެވެ. އިންތިޒާރުކުރުމަކީ ގޯހަކަށް ވެގެންނެއް ނޫނެވެ. އެކަމަކު، ކޮންމެވެސް ހިސާބަކުން، އޭނާގެ އިންތިޒާރަކީ އަހިލްއަށް އެއްވެސް މާނައެއް ނެތް އެއްޗަކަށް ވެފައިވާތީއެވެ.
(ނުނިމޭ)
