ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ ކުޅި – 4
މުނިއަވަސް ގްރެފިކްސް

“ކޮންމެ ސިކުންތަކު ހިތްވަރުގަދަވާކަށް ނުޖެހޭނެ.” ސަމާ ސިއްރުސިއްރުން ބުންޏެވެ. “އަހަރެންގެ ކުރިމަތީގައި އެކަން ކުރާކަށް ނުޖެހޭނެ.”

ލީޒާ އޭނާގެ އެކުވެރިޔާގެ ކޮނޑުގައި ބޯއަޅާލިއެވެ. “ކަލޭ ނެތްނަމަ އަހަރެން ހަދާނެގޮތެއްވެސް ނޭނގޭ.”

ސަމާ އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ. “ކަލޭ ތި ހާލަތުން އަރައިގަންނާނެ. މީގެ ކުރިންވެސް ކަލޭ ވަނީ މާ ބޮޑެތި ކަންކަމާ ކުރިމަތިލާފައި. އެކަމަކު ހުރިހާ ކަމެއް އެކަނި ކުރާކަށް ނުޖެހޭނެ.”

ތިން ދުވަސް ވަންދެން އެމީހުން އުޅުނީ ހޮސްޕިޓަލުން ލިބޭ ސަޔާއި، އަވަސްއަވަހަށް ކައިލާ ކެއުންތަކާއި، ވަރަށް މަދު ވަގުތުކޮޅެއްގެ ނިދިން ފުއްދާލައިގެންނެވެ.

ހަތަރުވަނަ ދުވަހުގެ ހެނދުނު، ލީޒާގެ މަންމަ ރަނގަޅަށް ލޯ ހުޅުވާލައި، އޭނާގެ ދަރިފުޅުގެ އިނގިލިތަކުގައި ބާރަށް ހިފާލިއެވެ. ޑޮކްޓަރުން އަދިވެސް ތިބީ ވަރަށް ފަރުވާތެރިކަމާއެކު ބަލާށެވެ. ނަމަވެސް، ކުރިމަތިވެފައި އޮތް ނުރައްކާތެރި ދަނޑިވަޅު މިހާރު ވަނީ ފާއިތުވެފައެވެ.

ލިބުނު ހިތްހަމަޖެހުމާއެކު ލީޒާއަށް ރޮވުނެވެ. ސަމާ ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރީ ހިތާހިތުން މާތް ﷲ އަށް ޝުކުރު ދަންނަވާށެވެ.

އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، ލީޒާ ޑޮކްޓަރާ ވާހަކަދައްކަން ހުއްޓާ، ފޯނެއް އައުމުން ސަމާ ކޮރިޑޯއަށް ނުކުތެވެ.

އެއީ ތިނަދޫގައި ހުރި އޭނާގެ ކޮއްކޮގެ ފޯނެކެވެ.

“ދައްތާ.” އޭނާ ބުންޏެވެ. “ކޮންތާކު ތިހުރީ؟”

“ހޮސްޕިޓަލުގައި. ކީއްވީ؟”

ކުޑަ ވަގުތުކޮޅަކަށް ހަމަހިމޭންވެގެން ދިޔައެވެ.

“ބައެއް މީހުން އެބަ ކިޔާ ލީޒާ ގުޅީމައޭ ދައްތަ މާލެ ދިޔައީ. އަނެއްކާވެސް ދައްތައާ ބެހޭގޮތުން މަލާމާތުގެ ވާހަކަތައް އެބަ ދައްކާ.”

ސަމާ ލޯ މަރާލިއެވެ. އެވަގުތު އޭނާއަށް ކުރެވުނު ވަރުބަލިކަން، ހޮސްޕިޓަލުގައި ހޭދަކުރި ވަގުތުތަކަށްވުރެ މާ ބޮޑެވެ.

މީސްމީހުން ދައްކާ ފިތުނަވެރި ވާހަކަތަކަށް ނުބަލައި އުޅެން ދަސްކުރުމުގައާއި، އެހެން މީހުންގެ ބަހަކީ އޭނާގެ ޝަޚުސިއްޔަތު ނިންމާ އެއްޗެއް ނޫންކަން އަމިއްލަ ނަފްސަށް ވިސްނައިދިނުމުގައި އޭނާ އެތައް އަހަރެއް ހޭދަކޮށްފިއެވެ. އަދި ދުވަސްކޮޅަކުން އެމީހުންގެ އެކުވެރިކަމުގެ ތެދުވެރިކަން އެންމެނަށް އިޙުސާސްވާނެކަމަށް އޭނާ އަބަދުވެސް އުއްމީދު ކުރެއެވެ. ނަމަވެސް، މިފަދަ ހިތްދަތި ދަނޑިވަޅެއްގައި، އެންމެ ގާތް އެކުވެރިޔާއަށް އެހީތެރިވުމަށް ހޮސްޕިޓަލެއްގެ ކޮޓަރިއެއްގެ ބޭރުގައި އޭނާ ހުއްޓާވެސް، ބަޔަކު އެކަން މަލާމާތަކަށް ހަދަން މަސައްކަތް ކުރަނީއެވެ.

މިވެސް ކިޔާލަން:  އެ ކުޅި - 1

“އެމީހުން ބޭނުން އެއްޗެއް ކިޔަން ދޫކޮށްލާ.” މަޑުމައިތިރިކަމާއެކު އޭނާ ބުންޏެވެ.

“އެކަމަކު ދައްތާ..”

“މިދައްކާ ވާހަކަ އަޑުއަހާ. ލީޒާއަށް އަހަރެންގެ އެހީތެރިކަން ބޭނުންވޭ. އޭނާގެ މަންމައަށް ލީޒާ ބޭނުންވޭ. މިއަދު މުހިންމީ އެކަން. އެހެން ބައެއްގެ ބަލިކަށި ވިސްނުމަކަށްޓަކައި، އަހަރެން ލޯބިވާ މީހަކު މިފަދަ އުނދަގޫ ހާލަތެއްގައި ދޫކޮށްލާފައި ނުދާނަން.”

އޭނާ ފޯނު ކަނޑާލުމަށްފަހު އިރުކޮޅަކު ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ.

ބޭރުން ވާރޭ ހުއްޓާލައިފިއެވެ. މަގުތައް އޮތީ ތެމިފައެވެ. ވިލާތައް މަޑުމަޑުން ކަހައިލަމުން ދިޔައިރު، އިމާރާތްތަކުގެ ދެމެދުން ފަނޑު އިރުގެ އަލިކަމެއް ފެންނަން ހުއްޓެވެ.

ސަމާ އޭނާގެ ބައްޕަގެ މަތިން ހަނދާންކުރިއެވެ. ބައްޕަ ނެތުމުގެ ފުން ހިތާމައިގައި އުޅުނު އެތައް އަހަރެއްގައި، އެއްވެސް ބަދަލަކަށް އެދުމެއްނެތި ލީޒާ އޭނާއަށް ވެދިން އެހީތެރިކަން ހިތަށް އެރިއެވެ.

އެކަނިވެރިކަމުން މީހުން ސަލާމަތްކޮށްދޭ ތެދުވެރި އެކުވެރިކަމާއި، ދިރިއުޅުން ދަތިވާ ހިނދު ދިއްކޮށްލާ އޯގާތެރި އަތްތަކާއި، އެހެން މީހުންގެ ސަމާލުކަން ހޯދުމުގެ ބަދަލުގައި ހަމައެކަނި އިންސާނިއްޔަތަށްޓަކައި ކުރެވޭ ހެޔޮ އަމަލުތަކާމެދު އޭނާ ފުންކޮށް ވިސްނާލިއެވެ.

ދެން އޭނާ އެނބުރި ލީޒާގެ ގާތަށް ދިޔައެވެ.

*****

ދުވަސްތަކަކަށްފަހު އެ ދެމީހުން ތިނަދޫއަށް އެނބުރި ދިޔައިރު، ސަމާ ލީޒާއާއެކު ހޮސްޕިޓަލަށް ދިޔަ ޚަބަރު މުޅި ރަށަށް އޮތީ ފެތުރިފައެވެ. ބައެއް މީހުން އޭނާގެ ވަފާތެރިކަމަށް ތައުރީފު ކުރިއެވެ. އަނެއް ބަޔަކު ބުނީ ގާތް އެކުވެރިން އެކަކު އަނެކަކަށް އެހީވުމަކީ އާދައިގެ ކަމެއް ކަމަށެވެ. ނަމަވެސް މަދު ބަޔަކު އަދިވެސް ދިޔައީ ސިއްރުސިއްރުން ވާހަކަދައްކަމުންނެވެ. އެއީ އެމީހުން އަމިއްލައަށް ހަދައިގެން އުޅޭ ފިތުނަވެރި ވާހަކަތައް ދޫކޮށްލަން ބޭނުން ނުވާތީއެވެ.

ލީޒާގެ މަންމަގެ ހާލު މަޑުމަޑުން ރަނގަޅުވަމުން ގޮސް، އާއިލާގެ އެހީތެރިކަމާއެކު ރަށަށް ބަދަލުވިއެވެ.

އެއްދުވަހެއްގެ މެންދުރުފަހު، ސަމާގެ ގާތުން އޭނާގެ ގެއަށް އައުމަށް މަންމަ އެދުނެވެ. ސަމާ އެގެއަށް ވަންއިރު، ލީޒާގެ މަންމަ އިނީ ކުޑަދޮރު ކައިރީގައި ފައިމަތީގައި ފޮތިގަނޑެއް އަޅައިގެންނެވެ.

“އާދޭ އަހަރެންގެ ކައިރީގައި އިށީނދޭ.” އޭނާ ބުންޏެވެ.

މިވެސް ކިޔާލަން:  އެ ކުޅި - 3

ސަމާ އެކަން ޤަބޫލުކޮށް އިށީނދެލިއެވެ. އެ ދުވަސްވީ އަންހެންމީހާ ސަމާގެ އަތުގައި ހިފާލިއެވެ.

“ލީޒާ އަހަރެން ގާތު ބުނި ސަމާ ކޮށްދިން ކަންތައްތަކުގެ ވާހަކަ.”

“އެއީ އެއްވެސް ކަމެއް ނޫން ބޮޑުދައިތާ.” ސަމާ ބުންޏެވެ.

ލީޒާގެ މަންމަ ބޯ ހޫރުވާލިއެވެ. “އެހެން މީހަކަށްޓަކައި މުހިންމު ކަމެއް ކޮށްދިނުމުން އަބަދުވެސް މީހުން ބުނާނީ ތިޔަހެން.”

ސަމާ ހިނިތުންވެލިއެވެ. “އަހަރެން އުއްމީދު ކުރަނީ އަހަންނަށް އެފަދަ ހާލަތެއް މެދުވެރިވިޔަސް މީހަކު އެހީތެރިވާނެ ކަމަށް.”

“ފަހަރެއްގައި ވެދާނެ. އެކަމަކު މުހިންމީ އެއެއް ނޫން.”

ލީޒާގެ މަންމަ ދޮރާ ދިމާއަށް ބަލާލިއެވެ. އެތަނުގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ލީޒާ ބޭސްތައް އަތުރަމުން ދިޔައެވެ.

“މީސްމީހުން ތިޔަ ދެކުދިންނާ ބެހޭގޮތުން ވާހަކަދައްކާތާ އެތައް އަހަރެއް ވެއްޖެ، އެހެންނު؟”

ސަމާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“އަހަރެން ވަރަށް ދެރަވޭ.” ލީޒާގެ މަންމަ ބުންޏެވެ.

“ބޮޑުދައިތަ މާފަށް އެދޭވަރުގެ އެއްވެސް ކަމެއް ނެތް.” އޭނާ ޖަވާބު ދިނެވެ.

“އެފަދަ ބައެއް ވާހަކަތައް އަޑުއިވުމުންވެސް، އެކަންކަމާ ދެކޮޅަށް އަބަދު އަޑުއުފުލިފައި ނުވާތީ އަހަންނަށް މަޢާފުކުރޭ. ބައެއް ފަހަރު އެންމެން ހޭތީ އަހަރެންވެސް ހީނލަން. އަނެއްބައި ފަހަރު ޒުވާބަކަށް ދާން ބޭނުން ނުވާތީ ހަނު ހުންނަނީ. އެއީ ހަމައެކަނި މަޖާ ވާހަކަތަކެއް ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމު.”

އޭނާ ސަމާގެ އަތަށް ބާރުކޮށްލިއެވެ.

“ނަމަވެސް، އެހީތެރިކަމަށް ބޭނުންވެފައިވާ ހާލުގައި، ބިރުގަނެފައި އޮތް ދުވަހު އަހަރެންގެ ހޮސްޕިޓަލު އެނދުގައި އޮތްއިރު، ތިބާއަށް މަލާމާތްކުރި މީހުންގެ މަތިން އަހަރެން ހަނދާނެއް ނެތް. އަހަރެން ވިސްނަމުން ދިޔައީ އަހަރެންގެ ދަރިފުޅަށް އެހީތެރިވި މީހުންނާ މެދުގައި. އޭގެ ތެރެއިން އެކަކީ ތީ.”

ސަމާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ލީޒާގެ މަންމަ އަންހެން  އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“މީހުން ދައްކާފައިވާ ވާހަކަތައް ބަދަލެއް ނުކުރެވޭނެ. ނަމަވެސް އަހަރެން ބުނެލަން އޮތީ މި. އުފާވެރި ވަގުތުތަކުގައި އެކުގައި ތިބޭ ސަތޭކަ މީހުންނަށްވުރެ، ދިރިއުޅުމުގެ އުނދަގޫ ހާލަތްތަކުގައި އެކުގައި ހުންނަ އެންމެ އެކުވެރިއެއްގެ އަގު މާ ބޮޑު ވާހަކަ.”

މިވެސް ކިޔާލަން:  އެ ކުޅި - 2

ވާހަކަދައްކަން ނޭނގިފައި ހުރި ސަމާ އިސްޖަހާލިއެވެ. އަހަރުތަކެއް ވަންދެން ސަމާ އެމީހުންގެ އެކުވެރިކަން ދިފާޢުކުރީ ކެތްތެރިކަމާއި، މަޖާ މިޒާޖާއި، އަދި ބައެއް ފަހަރު ދޭ ހަރުކަށި ރައްދުތަކުންނެވެ. އެފަދަ ފާޑުކިޔުންތަކަށް އަޅާނުލައި ދޫކޮށްލުމުން އެކަމުގެ އަސަރު ކުޑަވާނެކަމަށް އުންމީދުކޮށް، އެއީ މާ މުހިންމު ކަންތައްތަކެއް ނޫންކަމަށް ދައްކަން އޭނާ މަސައްކަތް ކުރިއެވެ.

ނަމަވެސް ލީޒާގެ މަންމަގެ އާދައިގެ ބަސްތަކުން، ސަމާގެ ހިތުގެ އެންމެ ފުންމިނުގައި ފޮރުވިފައިވާ ރިހުމަކަށް ތަސައްލީއެއް ލިބުނެވެ.

އޭނާގެ ހިތަށް އަސަރުކުރީ ހަމައެކަނި ތަޢުރީފުގެ ބަސްތަކަކުން ނޫނެވެ. އެހެން މީހުން ބަލަން ބޭނުން ނުވި ނަމަވެސް، އެމީހުންގެ އެކުވެރިކަމުގެ ހަޤީޤީ އަގު މުހިންމު ވަގުތުތަކުގައި ފެނިގެންދިޔަކަން ޤަބޫލުކުރި ކުރުމުންނެވެ.

*****

މަސްތަކެއް ފާއިތުވެގެން ދިޔައެވެ. ރަށުގެ ދިރިއުޅުން އޭގެ އާދައިގެ ދުވެލީގައި ކުރިއަށް ދެއެވެ. އިރުއެރުމުގެ ކުރިން މަހަށް ފުރާ ދޯނިފަހަރާއި، މަގުތަކުން ފެންނަ ސްކޫލް ކުދިންނާއި، ފިހާރަތަކުގެ ދޮރުތައް ހުޅުވުމާއި، އަދި އަވަށްތެރިކަމުގެ ތެރެއިން އިވޭ ބަންގީގެ އަޑެވެ.

ސަމާގެ ފެހުމުގެ މަސައްކަތާއި، ލީޒާ އޭނާގެ ދަރިން ބެލުމުގެ ކަންކަން ކުރިއަށް ދެއެވެ. އެމީހުންގެ އެކުވެރިކަން އަބަދުވެސް އޮންނަ ފަދަ ގާތް އަދި ހިތްހަމަޖެހޭ ގުޅުމަކަށް ބަދަލުވިއެވެ.

އެމީހުން އަދިވެސް އެކުގައި ސައިބޮއެ، އެންމެ މީރު ގަރުދިޔަ ކައްކަނީ ކޮން ރެސްޓޯރެންޓަކުންތޯ ބަހުސްކޮށް، އަދި އެހެން މީހުންނަށް ނޭނގޭ މަޖާ ވާހަކަތަކަށް އެކުގައި ހީނ ހަދައެވެ.

ނަމަވެސް، ބަދަލުތަކެއް އަތުވެއްޖެއެވެ. ލީޒާ އެމީހުންގެ ފޮޓޯތައް ފޮހެލުން ހުއްޓާލައިފިއެވެ. ސަމާއަށްވެސް ކޮންމެ ފާޑުކިޔުމަކަށް ރައްދު ދޭން ނުޖެހޭކަމުގެ އިޙުސާސް ކުރެވެން ފަށައިފިއެވެ.

އެއްދުވަހެއްގެ ހަވީރު ޝިފާން ސްކޫލުން އައިސް، އަބަދު އެކުގައި އުޅޭ ދެ މުސްކުޅިއަކަށް އޭނާގެ ކުލާސް ކުއްޖަކު މަލާމާތްކުރި ވާހަކަ ބުނުމުން، ލީޒާ އޭނާގެ ކައިރީގައި އިށީނދެ އެކަމާ ބެހޭގޮތުން ބުނީ ކީކޭތޯ އެހިއެވެ.

“އަހަރެން ބުނިން އެއީ ހަމައެކަނި އެކުވެރިންނަށް ވެދާނެއޭ.” ޝިފާން ޖަވާބުދިނެވެ. “އަދި މީހަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގި ހުރެ އެމީހަކަށް މަލާމާތްކޮށްގެން ނުވާނެ ކަމަށްވެސް ބުނިން.”

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top