ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސޯޝަލް މީޑިޔާގެ ސަބަބުން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތަކާއި އެކަންކަން ހައްލުކުރުން
ފޮޓޯ: މުނިއަވަސް ގްރެޕިކްސް

ދުނިޔެ މިއަދު މިވަނީ ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުން އަންނަ ޓެކްނޮލޮޖީގެ އިންގިލާބެއްގެ ތެރޭގައެވެ. އިންސާނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، ކެއިންބުއިމަށާއި، ދަތުރުފަތުރަށާއި، މުވާސަލާތީ ނިޒާމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއް ޒަމާނެއްގައި ސިޓީއަކުން ނުވަތަ މަންދޫބަކު ފޮނުވައިގެން ކުރަމުން އައި މުޢާމަލާތްތައް މިއަދު މިވަނީ އިނގިލީގެ ކުރިއަށް ތިލަވެފައެވެ. ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް މައުލޫމާތު ބަދަލުކުރުމަށް ސިކުންތުކޮޅެއްވެސް ނުނަގައެވެ. ނަމަވެސް، މި ޒަމާނީ ކުރިއެރުމުގެ ތެރެއިން އުފެދިގެން އައި “ސޯޝަލް މީޑިޔާ” ނުވަތަ މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގެ ސަބަބުން އިންސާނީ މުޖުތަމަޢަށް، ވަކިން ޚާއްސަކޮށް ޅަދަރިވަރުންނަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައިވާ ކަމެކެވެ.

މިއަދުގެ ދަރިވަރުންގެ ދިރިއުޅުން ވަށައިޖެހިފައިވަނީ ސްމާޓްފޯނުތަކާއި ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް އިންތިހާއަށް ގިނައެވެ. އެންމެ ފުރަތަމަ ކަމަކަށް، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، ވަގުތު ބޭކާރުވުމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ. ފޮތްތަކާއި ފިލާވަޅުތަކަށްވުރެ ބޮޑަށް ޓިކްޓޮކާއި އިންސްޓަގްރާމް ފަދަ ވަސީލަތްތަކުގައި ގިނަ ވަގުތު ހޭދަކުރުމުން ތަޢުލީމީ ފެންވަރު ދަށަށްދެއެވެ. މީގެ އިތުރުން، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ނިދި މަދުވުމާއި، ލޮލުގެ ފެނުމަށް އަސަރުކުރުމުގެ އިތުރުން، އެހެން މީހުންގެ ދިރިއުޅުމާ އަމިއްލަ ނަފްސު އަޅާކިޔުމުގެ ސަބަބުން ހާސްކަމާއި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. ހަމައެއާއެކު، ސައިބަރ ބުލީއިންގ އަދި ނުރައްކާތެރި ފަރާތްތަކުގެ މަޅީގައި ޖެހުމުގެ ބިރުވެސް ދަރިވަރުންނަށް އަބަދުވެސް އޮވެއެވެ.

މި ނުރައްކާތެރި އަސަރުތަކުން ދަރިވަރުން ސަލާމަތްކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ އިސް ދައުރެއް އަދާކުރެވޭނީ ބެލެނިވެރިންނަށެވެ. ދަރިވަރުން ސްކްރީން ބޭނުންކުރާ ވަގުތު (ސްކްރީން ޓައިމް) ކަނޑައަޅައި، އެކަން މޮނިޓަރ ކުރަންޖެހެއެވެ. އަދި ދަރިވަރުން ސޯޝަލް މީޑިޔާގައި ހޭދަކުރާ ވަގުތު ބަލައި، އެކުދިން ބަލާ ކޮންޓެންޓަކީ އިސްލާމީ އަދަބުތަކާއި އުމުރާ ގުޅޭ އެއްޗެއްކަން ކަށަވަރުކުރުން މުހިންމެވެ.

ދެވަނަ ކަމަކަށް، ސްކޫލުތަކުންނާއި ތަޢުލީމީ މުއައްސަސާތަކުން ދަރިވަރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގިދާނެއެވެ. ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތާއި، އޭގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވާނެ ގޮތް އުނގަންނައިދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން، ކުޅިވަރާއި، އިޖުތިމާޢީ ޙަރަކާތްތަކާއި، ފޮތްކިޔުން ފަދަ ބިނާކުރަނިވި ކަންކަމުގައި ދަރިވަރުން ބައިވެރިކޮށް، ވަގުތު ހޭދަކުރާނެ ރަނގަޅު މާޙައުލެއް ފަހިކޮށްދިނުމަކީވެސް މުހިންމު ހައްލެކެވެ.

ސޯޝަލް މީޑިޔާއަކީ އޭގެ ފައިދާތަކެއް ހުރި ވަސީލަތެއް ނަމަވެސް، އޭގެ ނޭދެވޭ ބޭނުން ހިފުމުން ދަރިވަރުންގެ މުސްތަޤުބަލު ބަނަކޮށްލައެވެ. އެހެންކަމުން، ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ، ސޯޝަލް މީޑިޔާގެ ނޭދެވޭ އަސަރުތަކުން މިއަދުގެ ޖީލު ސަލާމަތެއް ނުކުރެވޭނެއެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ޓެކްނޮލޮޖީގެ އަޅުންނަށް ވުމުގެ ބަދަލުގައި، އޭގެ ހެޔޮ މަންފާ ލިބިގަންނަ ޒިންމާދާރު ދަރިވަރުންތަކެއް ބިނާކުރުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top