ގޭތެރޭގައި އުޅެމުންދިޔަ ނަމަވެސް ސުނޭހާގެ ވިސްނުމާއި ފިކުރާއި ޚިޔާލު އުޅުނީ މުޅިން އެހެން ދިމާއެއްގަ އެވެ. ކޮންމެ ފަސްދޮޅަސް ސިކުންތަކުން މިނިޓެއް ހަމަކުރަމުން ކޮންމެ ފަސްދޮޅަސް މިނިޓަކުން ގަޑިއެއް ހަމަކުރަމުން ގަޑި އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދިޔަ އެވެ. އެހެން ދުވަސްތަކަށްވުރެ މިއަދު ގަޑީގެ ހިނގުން ލަސްކަމުގައި ސުނޭހާއަށް ހީކުރެވުނު އެތައް ފަހަރެއް އައެވެ.
އަބަދުހެން ސުނޭހާގެ ލޯ ގަޑިއަށް އަމާޒުވެފައި ހުރި ނަމަވެސް އެހެން މީހަކަށް އެކަމެއް ނޭނގެ އެވެ. އެފަދަ ކަމެއް ފާހަގައެއް ވެސް ނުކުރެވެ އެވެ.
މެންދުރެއްކަން ހާއިރެވެ. ޔަޒީދާގެ ކޮޓަރިއަށް ސުނޭހާ ދިޔައިރު އޭނާ އޮތީ ނިދާފަ އެވެ. ސުނޭހާ ބޭނުންވީ ޔަޒީދާ ހޭލައްވާލާށެވެ.
ކުއްލިއަކަށް ކަންފަތްކައިރިން އިވުނު ބާރު އަޑާއިއެކު ޔަޒީދާ ދިޔައީ ސިއްސައިގެން ނެވެ. ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވަމުން ވަށައިގެން ހޯދާލިއިރު އެތަނުގައި ހުރީ ސުނޭހާ އެވެ. ހިނިތުންވުމާއިއެކު ޔަޒީދާއަށް ބަލަހައްޓައިގެން ހުރި ސުނޭހާ ފެނުމުން ޔަޒީދާ ގާތަށް ވެސް ހިނި އައެވެ.
“ހޫން.. ދައްތަ ކުރާ ކަންތައް. އެކަހަލަ ލަނޑެއް ނޫނީ ނުދޭނެ.” ތެދުވާކަށް ޔަޒީދާ ނޫޅެ އެވެ.
“މެންދުރުވާންދެން ނިދަންޏާ ވާނީ އެހެން. ތިހެން އަބަދު ނިދާފައި ތިބޭ މީހުނަށް ސަރުކާރުން ވަޒީފާ ދީގެން ކިހިނެއް ޤައުމު ހިންގާނީ؟ އަބަދު ނިދާ މީހުން ބޭނުންވާ އޮފީހެއް ސަރުކާރަކު ނުހުންނާނެ.” އެނދުގައި އިށީންނަމުން ސުނޭހާ ވާހަކަ ދެއްކި އެވެ. އޭނާގެ ބޭނުމަކީ ކޮބައިކަން ޔަޒީދާއަށް ވިސްނުނެވެ.
“ހުހް.. ދައްތަ ދައްކާ ވާހަކަ. ސަރުކާރު ވަޒީފާއެއް ލިބިއްޖެއްޔާ އަހަރެން ވެސް މިހެން އަބަދަކު ނިދާކަށް ނޯންނާނެ ދޯ؟ ނެޝަނަލް ބިއުރޯ އޮފް ކުލެސިފިކޭޝަންއިން ވަޒީފާއެއް ލިބޭތޯ މިބަލަނީ. މާދަމާ ޖެހޭ އިންޓަވިއުއަށް ދާން.” ފޯނާއި ކުޅެލަމުން ޔަޒީދާ ވާހަކަ ދެއްކި އެވެ.
ނެޝަނަލް ބިއުރޯ އޮފް ކުލެސިފިކޭޝަންގެ ނަން ބުނުމާއިއެކު ސުނޭހާ ދިޔައީ ސިއްސައިގެން ނެވެ. ކުއްލިއަކަށް މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ. ހާސްކަމާއި ނުތަނަވަސްކަން ފާޅުވިއިރު ކޮންމެވެސް ވަރަކަށް މާޔޫސްކަން ވެސް ފެނުނެވެ.
“ކިހިނެއްވީ؟ އެތަން ކަމަކު ނުދޭތަ؟” ސުނޭހާއަށް ވީގޮތް ފެނިފައި ޔަޒީދާގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ.
“އުނހު. ރަނގަޅަށް އުޅެންޏާ އެތަން ވެސް ހަމަ ރަނގަޅުވާނެ.” އެތަނާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް ސުނޭހާ ބޭނުމެއް ނުވި އެވެ.
“ކޮންއިރަކު ދާންޖެހެނީ؟” ސުނޭހާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.
“ހަތަރެއް ޖަހަން ވިއްސަކަށް މިނިޓަށްވީމަ ދާނީ.” ސިޓިންރޫމްގައި އިން ނާއިމް ވާހަކަ ދައްކަމުންދިޔައީ އޭނާގެ މަންމައާ އެވެ.
ވަޒީފާ އަދާކުރުމަކީ ނާއިމް އެންމެ ކުރާހިތްވާ އެއް ކަންތަކެވެ. ދުވަހަކު ވެސް ގަޑި ނުޖެހުމާއި ވެރިންގެ ހުށަހެޅުމަކަށް ނޫނެކޭ ބުނުމަކީ ނާއިމް ކުރިކަމެއް ނޫނެވެ. މިއަދު އޭނާ ހުރި ހިސާބަށް އާދެވުމުގެ އަސްލަކީ އޭނާގެ އަޚްލާޤުކަން އެންމެނަށް ވެސް އެނގެ އެވެ. ނާއިމްގެ ޑިއުޓީ ހަމަޖެހިފައިވާގޮތުން މިރެއަކީ ވެސް އިރާކޮޅު ޑިއުޓީ އޮންނަ ރެއެކެވެ. ތިންގަޑިބައި ކަންހާއިރު އެއާރޕޯޓަށް ދާގޮތަށް މެންދަމުން އަލިވެ އެކެއް ޖަހާކަންހާއިރު ނޫނީ އޭނާ ދެން ގެއަކަށް ނާންނާނެ އެވެ.
ބޭރަށް ދިއުމަށް ތައްޔާރުވަމުންދިޔަ ސުނޭހާގެ ކިބައިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. މިހާރާއިގުޅޭ ޒަމާނީ ހެދުމެއްލައި މޭކަޕުން މޫނުމަތި ޒީނަތްތެރިކޮށްލި އެވެ. ތައްޔާރުވަމުން ދަނީ ކީއްކުރަންކަން އެނގޭތީ ސުނޭހާ ހުރީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ނެވެ. ކޮށްފައިވާ ފުރިހަމަ މޭކަޕާއި ލައިގެންހުރި ޒަމާނީ ހެދުމުގެ ސަބަބުން ސުނޭހާގެ ރީތިކަން އިތުރުވެފައިވެ އެވެ.
“ވާއޮ.. ދޮންބެގެ ޕަރީ ހާދަ ޗާލޭ މިރޭ.” ކޮޓަރިން ނުކުތް ސުނޭހާއަށް އެރުނީ ޔަޒީދާގެ ކުރިމައްޗަށެވެ.
“ދޮންބެގެ ޕަރީތޯ ދޮންބެގެ ކޮއްކޮ ޕަރީތޯ ޗާލީ އެނގޭނެ ތިޔަބުނާ އޮފީހަކަށް ދެވުނީމަ.” ޔަޒީދާއަށް ދޫކުރާކަށް ސުނޭހާ ބޭނުމެއް ނުވި އެވެ. އޭނާ ހުރީ ޚާއްސަ ކަމަކަށް ތައްޔާރުވެގެންކަން އެނގުމުގެ ކުރިން މަޢުލޫ ބަދަލުކޮށްލަން އޭނާ ކުރި މަސައްކަތް ކާމިޔާބުވި އެވެ.
ފިހާރައަށް ވަދެގެން ދިޔަގޮތަށް ގޮސް ސުނޭހާ ނެގީ ރޭގައި ނިފާރު ނަގައިގެން އުޅުނު ބޫޓެވެ. ބޫޓު ހިފައިގެން އައިސް ވަރަށް ރީތިކޮށް ޕާރުސަލް ކޮށްލި އެވެ.
“ފިރިމީހާއަށް ވެސް އެއްޗެތި ގެންދަނީ ޕާރުސަލް ކޮށްގެންތަ؟” ފެނުނު މަންޒަރުން ލިބުނު ހައިރާންކަމުގައި ރައިހާއަށް އަހައިލެވުނެވެ.
“ރައިހާ ދައްކާ ވާހަކަ ދޯ؟ ފިރިމީހާއަށް ވިޔަސް ހަދިޔާ ގެންދަންވާނީ ފާރުސަލް ކޮށްގެނެއްނު.” ސުނޭހާގެ ރޭވުން ކިތަންމެ ރަނގަޅަކަށް ވެސް ކާމިޔާބުވި އެވެ. ސުނޭހާގެ ވާހަކަތަކަށް އެއްބަސްވެ އާނއެކޭ ބުނާފަދައަކުން ރައިހާ ބޯ ޖަހާލި އެވެ.
ނިފާރު ގޮސް ފިހާރަ ކައިރިއަށް ސައިކަލު މަޑުކޮށްލިއިރު ސުނޭހާ ފިހާރައިން ނުކުންނަނީ އެވެ. ސުނޭހާ ފެނިފައި ނިފާރު ދިޔައީ ސިއްސައިގެން ނެވެ. ލިބުނު ހައިރާންކަމާއިއެކު ކަޅި ހުއްޓުނު ކަހަލަ އެވެ. އޭނާގެ ރީތިކަމާއި ފުރިހަމަކަން ކުރިޔަށްވުރެ އިތުރު ކަމުގައި ހިތާހިތުން ބުނެވުނެވެ.
ކޮތަޅެއް ހިފައިގެން ހުރި ސުނޭހާއަށް ނިފާރު ފެނުމާއިއެކު އައިސް ވާހަކަ ދައްކަން ފެށި އެވެ. އެ ދިމާއަށް ބަލަހައްޓައިގެން އެއްވެސް މީހަކު ހުރިތޯ ޔަގީންކޮށްލާ ފަދައަކުން ވަށައިގެން ހޯދާލަމުން ސައިކަލުގެ ފަތަހަށް ސުނޭހާ އެރި އެވެ.
ސައިކަލުގައި ހަމަޖެހިލަމުން ނިފާރުގެ އުނަގަނޑުގައި ސުނޭހާ ހިފަހައްޓާލި ވަގުތު ނިފާރުގެ ހުރިހާ ހިއްސެއް އެއްފަހަރާ ހޭލައްވާލި ކަހަލަ އެވެ. ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް ހިތަށް ލިބިގެން ދިޔައިރު އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުގައި ހިނިތުންވެލެވުނެވެ.
“ހުޅުމާލެއަށް ދޯ ދާނީ؟” ނިފާރު ބޭނުންވީ ވީހާވެސް ސިއްރުން އެ ބައްދަލުވުން ކުރިޔަށް ގެންދާށެވެ. ލިބިފައިވާ ފުރުސަތަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ދިމާވާކަށް އޭނާ ބޭނުމެއް ނޫނެވެ.
“އޯކޭ. ހެލްމެޓު ކޮބާ؟” ނިފާރުގެ ހުށަހެޅުން ސުނޭހާ ބަލައިގަތީ އުފަލުން ނެވެ. ނިފާރެކޭ އެއްފަދައިން ސުނޭހާ ވެސް ބޭނުންވަނީ އެގޮތެވެ. އަމާން އޮމާން ހަމަހިމޭން މިނިވަން މާހައުލެކެވެ.
ހުޅުމާލޭގެ އަތިރިމައްޗާއި މާދުރުނޫން ހިސާބެއްގައި ހުރި ވަކަރު ރެސްޓޯރެންޓް ކައިރިއަށް ސައިކަލު މަޑުކޮށްލިއިރު ދެމީހުންގެ ވެސް ތިބީ ނުހަނު ހިތްހަމަޖެހިފަ އެވެ.
ލޯބިވެރިއެއް ފަދައިން ނިފާރުގެ އަތުގައި ހިފާލައިގެންހުރެ ރެސްޓޯރެންޓަށް ވަދެގެން ދިޔައިރު އެ ދެމެދުގައި ބޮޑު ހުރަހެއް ވާކަން ސުނޭހާ ހަނދާން ވެސް ނެތް ކަހަލަ އެވެ.
ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ. މާ ދުރުނޫން ހިސާބަކުން އިވެމުންދިޔަ ރާޅު ބީއްސާލާ މަޑުމަޑު އަޑު ހިތްގައިމު މިއުޒިކެއް ފަދަ އެވެ. ހިތްގައިމު ވަރަކަށް ވައިޖެހެމުން ދިޔައިރު ތަނުގައި ރަސްކަން ކުރަމުންދިޔައީ ބޮކިފަތީގެ ފަނޑު އަލިކަމެވެ. ލޯބިވެރިންގެ ޖޯޑުތަކާއި ރައްޓެހިންގެ ގުރޫޕްތައް ކޮންމެވެސް ވަރަކަށް ތިބި ނަމަވެސް މީހުން އެހާ ގިނައެއް ނޫނެވެ.
ހާލު އަހާލަމުން ފެށުނު ވާހަކަތައް ހަޔާތުގެ އެންމެ ފުންމިނާއި ހަމައަށް ދަތުރު ކުރި އެވެ. އިއާދަކުރެވެން ނެތަސް މާޒީ ތަކުރާރުކުރަން ދެހިތުން ވެސް އެދެމުން ދިޔަކަން ހާމަވި އެވެ. ރޮވިފައި އިނދެގެން ސުނޭހާ ކިޔައިދެމުން ދިޔައީ ނިފާރާއި އޭނާ ވަކިވާން މަޖުބޫރުވި ސަބަބެވެ. އެކަން ނިފާރަށް އަންގަން އޭނާ ކުރި މަސައްކަތާއި އެކަމުގައި ކުރިމަތިވި ހުރަސްތަކެވެ. އޭނާއަށް މަޖުބޫރުވި ކައިވެންޏާއި އޭނާ ހޭދަކުރަމުންދާ ހިތްދަތި ދުވަސްތަކުގެ ވާހަކަ އެވެ. ނާއިމާއި އޭނާގެ ޢާއިލާ މީހުން ކިތަންމެ ރަނގަޅު ނަމަވެސް ނިފާރުގެ ސޫރަ އޭނާގެ ހިތުން ފިލައިގެން ނުދިޔަ ވާހަކަ އެވެ. އެ ހަނދާންތަކާއި ދުވަހަކު ވެސް ދުރުނުވެވޭނެ ވާހަކަ އާއި ދުރުވާން ބޭނުން ވެސް ނުވާ ވާހަކަ އެވެ.
ތަކުރާރުކޮށް މަޢާފަށް އެދެމުން ސުނޭހާ ވާހަކަ ދައްކަމުންދިޔަ އެވެ. ދައްކަން ޖެހުނު ހިތާމަވެރިކަން ބޮޑު ވާހަކަތަކާއި އެ ވާހަކަތަކުގެ ސަބަބުން ހިތަށް ކުރަމުންދިޔަ އަސަރެއްގެ ބޮޑުކަމުން ސުނޭހާއަށް ރަނގަޅަށް ނުވެސް ކެވުނެވެ.
ސުނޭހާގެ ވާހަކަތައް ނިފާރު ޤަބޫލުކުރި އެވެ. އެކަމުގައި ސުނޭހާގެ ކުށެއް ނެތްކަމަށް ބުންޏެވެ. ސުނޭހާއަށް މަޢާފް ވެސް ކުރި އެވެ. އެކަމުގެ ސަބަބުން ނިފާރުގެ ހިތުގައި ސުނޭހާއާމެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. އޭނާގެ ހިތުން ސުނޭހާއަށް ދެވިފައިވާ ޖާގައަށް ބަދަލެއް ވެސް ނާދެ އެވެ. ވިސްނުން ބަދަލެއް ނުވެ އެވެ. އަދިވެސް އެދިއެދި ހުރީ ސުނޭހާއަށެވެ.
ނިފާރުގެ ފަރާތުން މަޢާފް ލިބުން ވެގެންދިޔައީ ސުނޭހާއަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. ހިތަށާއި ސިކުނޑިއަށް ލިބުނު ލުޔަކަށެވެ. މީހާ ހަމައަކަށް އެޅުމަށް ލިބުނު ހިތްވަރަކަށެވެ. އުންމީދުތަކަށް ދިރުން ގެނެސްދިން އުންމީދަކަށެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ.” ސުނޭހާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ.
ސުނޭހާ ގޮވައިގެން ފިހާރަ ކައިރިއަށް ނިފާރު ދިޔައިރު އެގާރަ ޖަހަން ގާތްވެއްޖެ އެވެ.
“ފިހާރަ ބަންދުކުރާ ގަޑީ ގެއަށް ވައްޓާލަދޭން އަހަރެން އަންނަންތަ؟” ސައިކަލުން ފޭބި ވަގުތު ސުނޭހާއަށް ބަލާލަމުން ނިފާރު އެހި އެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ.. ގެއަށް ގެންގޮސްދޭން އަންނަންވީމަ އަހަރެން ބުނެލާނަން. އިހަށް ކެތްކޮށްލާ.” އަތުގައި އޮތް ޕާރުސަލް ނިފާރާއި ހަވާލުކުރަމުން ސުނޭހާ ހިނިތުންވެލި އެވެ. ސުނޭހާގެ ކިބައިން ފެނުނު އުފަލާއި ހިތްހަމަޖެހުން ނިފާރުގެ ހިތަށް ހަމަޖެހުން ގެނުވި އެވެ.
(ނުނިމޭ)
