ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – އަށާރަވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“މިހާރު ދެން ވަރަށް ލަސްވެއްޖެ. އަހަރެން ދެން މި ދަނީ އިނގޭ. ތިވާހަކަ ދެން މިރޭ ދައްކާނީ. ރިޔާޒް. ރާއިޒް ގެންނަން ހަނދާން ނައްތާނުލައްޗޭ.” އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން އަފްޒާ އަނެއްކާވެސް ހަނދާންކޮށްދިނެވެ.

“އާނއާނ. ދެން ދޭބަލަ.” ރިޔާޒް ބޯހޫރާލަމުން ބުނެލިއެވެ.

އަފްޒާ ހެމުންހެމުން ދޮރާއި ދިމާއަށް ދަނިކޮށް ދޮރުގެ ރަނގަބީލު ޖެހިއެވެ.

“މިހާރު މިގަޑީގައި ކާކުތަ އެ އައީ؟” އަފްޒާ ދޮރު ހުޅުވާލިއެވެ.

ދޮރުމަތީގައި ހުރީ އާފިޔާއެވެ. އަފްޒާއަށް ލިބުނު ސިހުމާއި ހައިރާންކަމުގައި ދެލޯ ބޮޑުވިއިރު އޭނާގެ ސިކުނޑިން ކަމުގެ ސީރިއަސްކަން އަންގައިދީފިއެވެ. އަފްޒާގެ އެއްވެސް އަޑެއް ނީވުމުން ބަލައިލި ރިޔާޒްވެސް އާފިޔާ ފެނުމުން ތެދުވިއެވެ. އަދި ދޮރާއި ދިމާއަށް ހިނގައިގަތެވެ.

“ތިހާ ނަލަހެދިގެން ކޮންތާކަށް ތި ދަނީ؟ އަޔާންގެ ގެލެރީއަށްތަ؟ އަދި އަހަންނަށް ޔަޤީން އެތަނަށް ދާއިރު ޒޯޔާގެ ކެފޭއިން ކޮފީ ތަށްޓެއްވެސް ބޯލަން ބޭނުންވާނެކަން.” އާފިޔާގެ އަޑު ބާރު ނޫން ނަމަވެސް އޭނާގެ އަޑުގައިވާ ޖެއްސުމުގެ ރާގު ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

“އަހަރެން ދަނީ ކޮންތާކަށްތޯ އެއީ ކަލެއާ ބެހޭކަމެއް ނޫން. އަދި ކަލެއަށް އެނގެން ޖެހޭ ކަމެއްވެސް ނޫން.” އާފިޔާ ވީ ފޫއްސާއި އައި ރުޅިން ހަމަ އެ ރާގުގައި ބުންޏެވެ. ބާރަކަށް ނޫނެވެ. ނަމަވެސް އޭނާ ހިތްހަމަނުޖެހުނުކަން އެނގޭ ވަރަށެވެ.

“އެނގެން ޖެހޭ. ވަރަށް ބޮޑަށް އެނގެން ޖެހޭ. އެއީ މިހާރު ކަލޭމެން ތިއުޅެނީ ކަލޭމެންގެ ފެންވަރަށްވުރެ މާ މައްޗަށް އަރައިގެން. މި ގެ ރަހުނުކޮށްފައި އިތުރަށް ދިހަ ހާސް ރުފިޔާ ދީގެން، ގަސްތުގައި ޒޯޔާގެ ކެފޭ ކުރިމަތިން އަޔާންއަށް ތަނެއް ކުއްޔަށް ހިފައިދިނީ ކީއްވެގެންކަން އަހަންނަށް ނޭނގޭނެ ކަމަށްތަ ކަލޭމެން ހީކުރަނީ؟” އާފިޔާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“އަހަރެމެންގެ ފައިސާ ޚަރަދުކުރާނެ ގޮތަކާ ބެހޭގޮތުން ކަލޭގެ ލަފައެއް ބޭނުމެއް ނުވޭ. އަދި އެހެންނޫނަސް މިއީ އަހަރެމެންގެ އާއިލީ ކަމެއް.” ރިޔާޒް ހިތްހަމަނުޖެހިފައި ބުންޏެވެ. މި އާފިޔާއެއްގެ ކަންތައް ހާދަހާ ބޮޑުވެއްޖެއެވެ.

“ތި ދޫ ހިމޭންކޮށްފައި ދެ ކަންފަތް ހުޅުވައިގެން ރަނގަޅަށް އަޑުއަހާ. ކަލޭމެން ކިތަންމެ މަސައްކަތެއް ކުރިޔަސް، އަހަރެން ދުވަހަކުވެސް ޒޯޔާއާ އަޔާން ގުޅުނަކަ ނުދޭނަން.” އާފިޔާ ބުންޏެވެ.

“މިއޮއް ހުރިހާ ދުވަހުވެސް ކަލޭ އެ ދެމީހުން ދުރުކުރަން މަސައްކަތްކުރީ. އެކަކަށް އަނެކަކު ފެނުނަވެސް ނުދިނީ. އެކަމަކު ކޮންކަމެއް ކުރެވުނީ؟ އެ ދެމީހުން އެތައް ފަހަރަކު ބައްދަލުވީއިރު ކަލެއަށް ރޭކާވެސް ނުލި. އަދި މިހާރު އެ ދެމީހުން އެތިބީ ކޮންމެ ދުވަހަކު އެތައް ފަހަރަކު ފެންނާނެހާ ކައިރީގައި. ތަޤުދީރުގައި އެ ދެމީހުން އެއްތަންވާން ހުރިއްޔާ ކަލޭ ތީ ކާކު އެ ދެމީހުން ދުރުކުރަން.” އަފްޒާ މަލާމާތުގެ ރާގުގައި ބުންޏެވެ.

“އަޔާން ކަހަލަ ގޮތެއްނެތް ޒިންމާދާރުކަން ކުޑަ ފިރިހެނެއް އަހަރެން ދުވަހަކުވެސް ނުދެކެން. އޭނަ އަހަރެންގެ ދަރިފުޅަށް ދިނީ ހަމައެކަނި ހިތާމަ. އޭނަގެ ލޯބީގެ ނާޖާއިޒު ފައިދާ ނެގީ. އެ ދަރިފުޅުގެ ފިރިއުޅުން ބަރުބާދުކޮށްލީ. އަދި އަބަދުވެސް އުޅުނީ އިމޯޝަނަލީ ބްލެކްމެއިލް ކޮށްގެން. އަޔާންގެ ސަބަބުން އަހަރެންގެ ދަރިފުޅަށް ކިހާ ކަންތައްތަކެއް ގެއްލިއްޖެ. އެވަރުންވެސް ކަލޭމެންނަށް ހިތްހަމަޖެހުމެއް ނުލިބުނުތަ؟ ކޯއްޗެއްތަ ބޭނުންވެގެން ތި އުޅެނީ؟ ކީއްވެގެންތަ އަހަރެންގެ ދަރިފުޅު ފަހަތުން ނުނެއްޓިގެން ތި އުޅެނީ؟ މީ އަހަރެން ދޭ ފަހު އިންޒާރު. ޒޯޔާއާ ދުރުގައި ތިބޭ. އަދި އަހަރެން ނުބައި މީހަކަށް ވާން މަޖުބޫރު ނުކުރޭ.” އާފިޔާ އަފްޒާގެ ކުރިމައްޗަށް ހުއްޓެމުން ރުޅިވެރިކަމާއެކު ބުނެލިއެވެ.

“ކަލޭ އަލަކުން ވާނެ ނުބައެއް ނޯންނާނެ. ކަލެއަކީ ކުރިންވެސް އަދި މިހާރުވެސް ނުބައި މީހެއް. އެހެންވީމަ އެހެން މީހުންނާ ދިމާލަށް އިނގިލި ދިއްކުރާނެ ކަމެއް ނެތް. އެހެރީ ވަތް ދޮރު. ތި އަނގަގަނޑު މައިތިރިކޮށްގެން ހަމަ މިހާރު މިތަނުން ނުކުމެގެން ދޭ!” އަފްޒާ ރުޅިވެރިކަމާއެކު އާފިޔާއަށް ގޭގެ ދޮރު ދައްކާލިއެވެ. އާފިޔާ ރުޅިއައިސްގެން ދަތްކުނޑި ވިކާލަމުން ނުކުމެގެން ދިޔައެވެ.

ރިޔާޒް އަފްޒާއަށް ބަލާލުމުން އަފްޒާ ބޯޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެޔޭ ބުނާފަދަ ގޮތަކަށެވެ. އަދި އޭނާވެސް ނުކުމެގެން ދިޔައީ އަޔާންގެ ގެލެރީއަށް ދިއުމަށެވެ.

**********

ޒޯޔާ އަދިވެސް ހުރީ މަތީގައެވެ. އޭނާ ހުރީ ބިރުގަނެ ރުޅިވެސް އައިސްފައެވެ. އަޔާން ހުރީ ތިރީގައި ޒޯޔާއަށް ބަލަހައްޓައިގެން މަލާމާތުގެ ގޮތަކަށް ހީނލައިގެންނެވެ.

“އޭތް ރަތް ޓީޝާޓާ. މި ދެން ކިހާ ބޮޑު ކަމެއް. ކަލޭގެ ކަންތައް މިހާރު މާ މައްޗަށް ތި ދަނީ. ތި ހަރުގަނޑު ގެނެސް މިތާ ބަހައްޓާ.” ޒޯޔާ ހަޅޭއްލަވައިގަތެވެ.

އަޔާން އޭނާ ލައިގެން ހުރި އެއްޗިއްސަށް ބަލައިލިއެވެ. އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި މުށި ކުލައިގެ ޓީޝާޓެކެވެ. އަދި ޒޯޔާއަށް ބަލާލާފައި ހީނލިއެވެ.

“އޭތް، ތި ރަތް ޓީޝާޓޭ ކިޔާފައި ގޮވުން ހުއްޓާލަބަލަ. މީހުންނަށް ހީވެދާނެ ތީ ކުލަ ވަކިކުރަން ނޭނގޭ މީހެކޭ.” އަޔާން ބުނެލިއެވެ.

ޒޯޔާގެ އަޑަށް ކެފޭއިން ނުކުތް ރާޔާއަށް ފުރާޅުމަތީ ހުރި ޒޯޔާ ފެނުމުން އަނގަމަތީ އަތް އަޅާލެވުނެވެ. ރާޔާ ފެނުމުން ޒޯޔާއަށް ކުޑަ އުންމީދެއް ލިބުނެވެ.

“އަޅެ ރާޔާ. ޕްލީޒް. އަހަރެން މިތަނުން ތިރިއަށް ބާލައިދީބަލަ.” ޒޯޔާ އާދޭހުގެ ރާގުގައި ބުންޏެވެ.

ޒޯޔާ ކިތަންމެ ގަދަވެލާފައި ޒުވާބު ކުރިޔަސް އޭނާ ހުރީ ވަރަށް ބިރުންނެވެ. ވެއްޓިދާނެތީ އޭނާ ހުރީ ދެ ފޫޓެއްހާ އެތެރެއަށް ޖެހިއެވެ.

“ސަރ ޕްލީޒް. މޭމްއަކީ އުސް ތަންތަން ދެކެ ވަރަށް ބިރުގަންނަ މީހެއް. ޕްލީޒް މޭމް ތިރިއަށް ބާލައިދީ. ހަމަ އަސްލުވެސްއޭ. މޭމް އަނބުރައިވެސް ގަނެދާނެ.” ރާޔާ އާދޭހުގެ ރާގުގައި ބުންޏެވެ.

އަޔާން ބަލާލިއެވެ. ޒޯޔާ ހުރީ ބިރުންކަން އޭނައަށް އެނގެއެވެ. ކޯއްޗެއް ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ހަރުގަނޑު ގެންގޮސް ފުރާޅު ކައިރީ ބެހެއްޓިއެވެ. އެ ދަގަނޑު ހަރުގަނޑު ބެހެއްޓިލެއް ބާރުކަމުން ސިހުނު ވަރުން ޒޯޔާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑު ނުކުތެވެ.

“ބަލަ، ބިރުނުގަނޭ. އެއްވެސް ކަމެއް ނުވާނެ. އަހަރެން މިހިރީނު. އާދޭ، މަޑުމަޑުން އާދޭ.” ޒޯޔާ ބިރުން ހުރުމުން އަޔާން އޭނާއަށް ހިތްވަރު ދިނެވެ.

ޒޯޔާ ވަރަށް ބިރުން ހުރެ އައިސް މަޑުމަޑުން ހަރުގަނޑަށް އެރިއެވެ. އޭނާއަށް ތިރިއަށް ބަލާލެވުނީ އެއްވެސް ގަސްތަކާ ނުލައެވެ. އެޔާއެކު އޭނާގެ ދެފައި ތުރުތުރުއަޅައިގަތެވެ. އަޔާން ހުރީ ވަރަށް ފަރުވާތެރިކަމާއެކު ބަލާށެވެ. ސަމާލުވެގެންނެވެ.

“ތިރިއަށް ނުބަލާ. ބިރުނުގަނޭ. އެއްވެސް ކަމެއް ނުވާނެ. މަޑުމަޑުން ފައިބަމުން އާދޭ.” އަޔާން ބުނަމުން ދިޔައެވެ.

ޒޯޔާ ވަރަށް ބާރަށް ހަރުގަނޑުގައި ހިފަހައްޓައިގެން ހުރި މަޑުމަޑުން ފައިބަމުން އައިސް ހަތަރު ވަރަކަށް ހަރު ހުއްޓާ ފައި ކަހާލައިގެން ވެއްޓެން ދިޔައެވެ. އެވަގުތު ސަމާލުވެގެން ހުރި އަޔާން ޒޯޔާ ވެއްޓުނަނުދީ އަތްދަނޑިމައްޗަށް ލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައި އިރުކޮޅެއް ވަންދެން ތިބެވުނެވެ. ދެމީހުންގެ ހިތުގެ ވިންދު އަވަސްވީ ކީއްވެ ކަމެއް ބުނާކަށް ދެމީހުންނަކަށްވެސް ނޭނގުނެވެ. ނަމަވެސް ތަފާތެއް އިޙުސާސް ކުރެވުނެވެ.

ދެމީހުންނަށްވެސް ހަމަބިމަށް އާދެވުނީ ކައިރީގައި ހުރި ރާޔާ ކަރުކެހިލުމުންނެވެ.

“އަހަރެން ތިރީގައި ބަހައްޓާ.” އަޔާން ޒޯޔާ ބިންމަތީގައި ބެހެއްޓިއެވެ. ޒޯޔާ އެއްވެސް އެއްޗެކޭ ނުބުނެ ކެފޭއަށް ވަންނަން ހިނގައިގަތެވެ.

“ކުޑަމިނުން ޝުކުރިއްޔާއޭ ބުނެލާފައި ދިޔަނަމަ.” އަޔާން ބުނެލިއެވެ. ޒޯޔާ މަޑުކޮށްލިއެވެ. އޭނާގެ ކޮނޑުމަތިން މަޑުމަޑުން ފަހަތް ބަލާލި ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ ކެފޭގެ ތެރެއަށް ވަދެގެން ދިޔައެވެ.

“ބޮޑާ އަންހެނެއް.” އަޔާން މަޑުމަޑުން ބުނެލިއެވެ.

**********

އާފިޔާ ޑްރެސިން ޓޭބަލް ކައިރީގައި އިނދެ އޭނާ ބޭރަށް ދާންވެގެން ގައިގައި އަޅާފައިވާ ގަހަނާތައް ނަގަން އިންއިރު ވެސް އޭނާގެ ރުޅި މަޑެއް ނުވެއެވެ. އެނދުމަތީގައި އާފިޔާގެ ހަރަކާތްތަކަށް ބަލަން އިރުގަނޑެއް ވަންދެން ނަސީރު އިނެވެ.

“އާފިޔާ! އަހަންނަކަށް ނުވިސްނޭ ތިހާ އަވަސް އަރުވާލައިގެން ތިއުޅެނީ ކީއްވެގެން ކަމެއް.” ނަސީރު ބުންޏެވެ.

“އަވަހެއް ނޫން، މިހާރުވެސް މާ ލަސްވެއްޖެ. އެދުވަހު ޒޯޔާ ކެފޭއަށް ދިޔަނުދީ ހުއްޓުވިނަމަ، މިއަދު މިހެނެއް ނުވީސް.” އާފިޔާ ހިތްހަމަނުޖެހިފައި ބުންޏެވެ.

“އާފިޔާ! ވިސްނޭތޯ މަސައްކަތް ކޮށްބަލަ. ޒޯޔާއަކީ އާދައިގެ އަންހެން ކުއްޖެއް ނޫން، އޭނަގެ މަންމައަށް ވީތީ ކަލޭ ގޮސް އޭނައަށް އިންނާނެ މީހަކު ހޯދައިދޭކަށް. އާފިޔާ! ޒޯޔާގެ މާޒީއެއް އެބައޮތް. މިއަދު އޭނަގެ ކެފޭ ކުރިމަތީގައި އެ މާޒީ އެހުރީ. ގަސްތުގައި ކަލޭ މިކަމަކަށް ފުރަގަސްދެނީ ކީއްވެ؟” ނަސީރު މަސައްކަތްކުރީ އާފިޔާއަށް ވިސްނައިދެވޭތޯއެވެ.

“އަހަރެން އެކަމާ ފުރަގަހެއް ނުދެން. އަހަރެން ބިރުގަންނަނީވެސް އެކަމާ. ޒޯޔާގެ މާޒީ އަލުން އައިސް އޭނަގެ މި އުފާވެރިކަން ބަރުބާދުކޮށްލަފާނެތީ. އަދި ބުނަންތަ ނަސީރު. އަހަންނަކަށް ނުވިސްނޭ ކަލޭ އަބަދު އެ އަޔާންގެ ކޮޅަށް ޖެހެނީ ކީއްވެގެން ކަމެއް. އޭނަ އަހަރެމެންގެ ދަރިފުޅަށް ދިނީ ކޯއްޗެއް؟ އޭނައަކީ ރަނގަޅު ފިރިއަކަށް ނުވާތާނގައި ރަނގަޅު އިންސާނެއްވެސް ނޫން. ކަލެއަށް ޒޯޔާއަށް ރަނގަޅު ގޮތެއް ހޯދައިނުދެވޭނަމަ، އޭނައަށް ދެރަގޮތް ނުހަދާ.” އާފިޔާގެ އަޑު ބާރުވިއެވެ.

“ކީކޭ؟ އަހަރެން ޒޯޔާއަށް ދެރަގޮތް..”

“ނަސީރު، ހެޔޮނުވާނެ. މިއަދަށްފަހު ޒޯޔާގެ ދިރިއުޅުމުގެ ނިންމުންތައް ނިންމާނީ އަހަރެން. ހަމައެކަނި އަހަރެން.” ނަސީރުގެ ވާހަކަ މެދުކަނޑާލަމުން ރުޅިވެރިކަމާއެކު އެހެން ބުނެލުމަށްފަހު އާފިޔާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ނަސީރަށް ފުން ނޭވައެއް ދޫކޮށްލަމުން ބޯ ހޫރާލެވުނީ އާފިޔާއަށް ވިސްނައިދޭން ހަދާނެ އިތުރު ގޮތެއް ނޭނގުމުންނެވެ.

އެރޭގެ ވަގުތެވެ. އާފިޔާ ގުޅައިގެން ފައިސަލް އިނީ ގޭގައެވެ. އޭނާ މިހާރު އޭނާގެ އަމިއްލަ ގެއަށް ބަދަލުވިތާ ދުވަސްކޮޅެއް ވެއްޖެއެވެ.

“ދައްތާ، ކިހިނެއްވީ؟ އަހަންނަށް އެނގޭ ހަމައެކަނި ކޮފީއެއް ބޯލާކަށް ދައްތަ އަހަންނަކަށް ނުގުޅާނެކަން. ބުނެބަލަ.” ފައިސަލް ބުންޏެވެ.

“ފައިސަލް. އަހަރެން ޒޯޔާއާމެދު ވަރަށް ކަންބޮޑުވޭ. އޭނާގެ ފިކުރު ވަރަށް ބޮޑަށް ކުރެވޭ. އަދި އަހަންނަށް ހީވަނީ މި ކަންބޮޑުވުން ފިލުވައިދެވޭނީ ހަމައެކަނި ފައިސަލްއަށްހެން. އެހެންވެ ޒޯޔާ އައުމުގެ ކުރިން ބައްދަލުކޮށްލަން ބޭނުންވީ.” އާފިޔާ ދުރުދުރުން ފެށިއެވެ.

“ދައްތަ ތި ދައްކާ ވާހަކައެއް އަހަންނަކަށް ނުވިސްނޭ.” ފައިސަލް ބުނެލިއެވެ.

“ފައިސަލްއަށް އަހަންނާ ނަސީރު އެނގޭނެ ވަރަށް ރަނގަޅަށް. އަހަރެމެން ދުވަހަކުވެސް ޒޯޔާގެ ނިންމުންތަކަކަށް ހުރަހެއް ނާޅަން. އެކަމުން އަހަރެމެންނަށް ކިތަންމެ އުނދަގޫތަކެއް ވިޔަސް. ބައެއް ފަހަރު ކުދިންނަށް ނުވިސްނިދާނެ އިޚްތިޔާރު ކުރަންވީ ކޮން މަގެއްކަން. އެކަހަލަ ހާލަތްތަކުގައި މައިންބަފައިންގެ ޒިންމާއެއް ދަރިންނަށް ރަނގަޅު މަގު ދައްކައިދިނުން.” އާފިޔާގެ ވާހަކަ ދާގޮތުން ފައިސަލްއަށް ކުޑަކޮށް ވާނުވާ ނަގައިގަނެވުނެވެ.

“ދައްތަ ބޭނުންވެގެން ތި އުޅެނީ ކޮންކަމެއް؟” ފައިސަލް ބޭކާރު ވާހަކަތަކެއް ނުދައްކާ ވަރަށް ސީދަލަށް އެހިއެވެ.

“ސާފުކޮށް ބުނާނަމަ އަހަރެން ބޭނުންވަނީ ފައިސަލް ޒޯޔާއާ ކައިވެނިކުރަން. އަދި މިކަން އަވަސްކުރި ވަރަކަށް ރަނގަޅުވާނީ.” އާފިޔާވެސް އިތުރަށް ވާހަކަ ދުރުދުރުން ގެންދަން ނޫޅެ އޭނާ އެދޭގޮތް ހާމަކުރިއެވެ.

ފައިސަލް ވިސްނާލިއެވެ. އޭނާ ޒޯޔާ ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު މިގޮތަކަށް ނޫނެވެ. ޒޯޔާގެ ހަމަހޭގައި ހުރެގެން ޒޯޔާ އަމިއްލައަށް އޭނާ ޤަބޫލުކޮށްގެންނެވެ. އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. އޭނާ އެތައް ފަހަރަކު ސާފުކޮށް އެވާހަކަ ބުނުމުންވެސް އާފިޔާ އެކަމެއް ނުހުއްޓިތާއެވެ. ދެން މިވާހަކަ އަދި އިތުރަށް ސާފުކޮށް ބުނަން ޖެހުނީއޭ ފައިސަލް ހިތަށް އެރިއެވެ.

“ދައްތާ! އަހަރެން ޒޯޔާދެކެ ލޯބިވާކަން ދައްތައަށް އެނގޭނެ. އަދި އެއީ އިއްޔެއަކު މިއަދަކު ވީކަމެއް ނޫން، މީގެ އެތައް އަހަރެއް ކުރީއްސުރެ ފެށިގެން. އެކަމަކު އޭގެ މާނައަކީ އަހަރެން އޭނައާ ކައިވެނި ކުރާނެއެކޭ ނޫން. އަދި އަމުދުން މިގޮތަކަށް ނޫން. ސޮރީ ދައްތާ. އަހަރެން ޒޯޔާއާ ކައިވެނިކުރަން ތައްޔާރެއް ނޫން.” ފައިސަލް ސާފު ބަހުން އިންކާރު ކުރުމުން އާފިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެން ހަދާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

“ފައިސަލް. މި ހާލަތުގެ ނާޒުކުކަން ވިސްނޭތޯ މަސައްކަތް ކޮށްބަލަ.” އާފިޔާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

“އޭރުގެ ހާލަތުވެސް ހަމަ މިހާރެކޭ އެއްހާ ނާޒުކު.” ފައިސަލް އާފިޔާއަށް ބަލައިލަމުން ބުނެލިއެވެ. އާފިޔާއަށް އިސްޖަހާލެވުނެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top