ހިތް ހުއްޓިގެން އުމުރުން 75 އަހަރުގައި ނިޔާވި އިންޑިއާގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރުގެ ކުރީގެ އިންޓަވިއުތަކާއި ހަނދާންތައް ގިނަ ބައެއްގެ ސަމާލުކަމަށް އަނެއްކާވެސް މިވަނީ އައިސްފައެވެ. އެގޮތުން އާންމުވި އެއް ވީޑިއޯއެއްގައި، ޑައިރެކްޓަރު ވިޝާލް ބަރްދްވާޖާއެކު ވާހަކަދައްކަމުން ނާނާ ވަނީ، ކުޅަދާނަ އެކްޓަރު އިރްފާން ޚާންގެ ހިތްތިރިކަމާއި، ފަންނީ ދަތުރުގެ އިތުރުން އޭނާގެ އެންމެ ފަހު ދުވަސްތަކާ ގުޅޭ އަސަރުގަދަ ހަނދާންތަކެއް ހިއްސާކޮށްފައެވެ.
އިރްފާން ޚާންގެ ފަންނީ ހަޔާތާ ގުޅޭގޮތުން ނާނާ ހިއްސާކުރި ހަނދާންތައް
އެ ވީޑިއޯގައި ނާނާ ކިޔައިދީފައިވާ ގޮތުގައި، “ޚާމޯޝީ: ދަ މިއުޒިކަލް” ކުޅުނު ދުވަސްވަރު، އިރްފާންގެ އަނބިމީހާ ސުތަޕާ ސިކްދަރު ވަނީ ފިރިމީހާއަށް ފުރުސަތެއް ހޯދައިދިނުމަށް އެދި ރެކޮމެންޑް ކޮށްދިނުމަށް ނާނާގެ ކިބައިން އެދިފައެވެ. ނަމަވެސް ނާނާ އޭރުވެސް ޤަބޫލުކުރީ، އިރްފާންއަކީ އެހެން މީހުންނަށް މަސައްކަތް ހޯދައިދޭ ފެންވަރުގެ ކާމިޔާބު ތަރިއަކަށް ވާނެ ފަންނާނެއް ކަމަށެވެ.
“އޭނާއަކީ ނުހަނު ރަނގަޅު އިންސާނެއް. އޭނާގެ އަނބިމީހާ ޚާމޯޝީގެ މަސައްކަތުގައި އުޅުނުއިރު އަބަދުވެސް ބުނާނެ، ނާނާއޭ، އިރްފާންގެ ނަން ރެކޮމެންޑް ކޮށްދީބަލާށޭ. އެކަމަކު އަހަރެން އޭނާ ގާތު ބުނަމު އެއް ދުވަހަކުން އިރްފާން ވާނީ އަހަރެމެންގެ ނަންތައް ރެކޮމެންޑް ކުރާ ވަރުގެ މީހަކަށޭ. އޭނާއަކީ ވަރަށް މޮޅު އެކްޓަރަކަށް ވާނެ ކަމަށް އަހަރެން ބުނީމު. އަދި އޭނާ އެކަން ސާބިތުވެސް ކޮށްދިން. އެކަމަކު ހިތާމައަކީ، އޭނާ އަހަރެމެންނާ މާ އަވަހަށް ވަކިވެގެން ދިޔަކަން.” ނާނާ ބުންޏެވެ.
މީގެ އިތުރުން، ބޮޑު ކާމިޔާބީއަކަށް ފަހުވެސް އިރްފާންގެ ހިތްތިރިކަމަށް އެއްވެސް ބަދަލެއް ނާންނަކަން ފާހަގަކުރަމުން ނާނާ ބުނީ، ފިލްމީ ދާއިރާގައި މީހުން ކުޑަކޮށް މަޝްހޫރުވާއިރަށް ބޮޑާވެގަންނަ ކަމަށާއި، ނަމަވެސް އިރްފާންއަކީ ބޮޑު ތަރިއަކަށް ވުމަށްފަހުވެސް އެފަދަ އެއްވެސް އުނި ސިފައެއް ނެތް ނަމޫނާ ޝަޚުސިއްޔަތެއް ކަމަށެވެ. މި ވާހަކައަށް ވިޝާލް ބަރްދްވާޖް ވެސް ވަނީ ތާއީދުކޮށް، އިރްފާން ފަދަ މީހުންނަކީ ވަރަށް މަދުން ނޫނީ ނުފެންނާނެ ފަދަ އަގުހުރި މިސާލެއް ކަމަށް ބުނެފައެވެ.
ހުސްނުހީނާމަލަށް އިރްފާން ކުރި ޚާއްސަ ލޯބި
އިރްފާން ބަލިވެ އުޅުނު ދުވަސްވަރު، މަދު އައިލެންޑުގައި ހުންނަ އޭނާގެ ގޭގައި ހޭދަކުރި ވަގުތުތަކުގެ ހަނދާން އާކުރަމުން ނާނާ ބުނީ، އޭނާ ހުސްނުހީނާމަލަށް ކުރާ ލޯބީގެ ވާހަކަ އެ ދުވަހު ހިއްސާކުރި ކަމަށެވެ.
“އަހަރެން އޭނާ ދެކިލަން އެ ގެއަށް ދިޔައިރު އޮތީ ވަރަށް ބަލިވެފައި. އޭނާ އަހަރެން ގާތު ބުނި ‘އަހަރެން ހުސްނުހީނާމަލަށް ނުހަނު ލޯބިކުރަމޭ. އަހަރެންގެ މި ވާހަކަ އަބަދުވެސް ހަނދާނުގައި ބަހައްޓައްޗޭ.’ ބައެއް ފަހަރު އަހަރެންގެ ހިތަށްއަރާ އޭނާގެ އެ ގޭގައި ހުސްނުހީނާމާ ގަހެއް އިންދަންވީއޭ.” ނާނާ ހިއްސާކުރިއެވެ.
ދިގު މުއްދަތަކަށް ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު، ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ވިދާލި އިރްފާން ޚާން ދުނިޔެ ދޫކުރީ 29 އޭޕްރީލް 2020 ގައެވެ.
ނާނާ ޕަޓޭކަރަށް ސުތަޕާ ސިކްދަރުގެ އިޙުތިރާމް
ނާނާގެ ވަކިވުމާ ގުޅިގެން، އިރްފާންގެ އަނބިމީހާ ސުތަޕާ ސިކްދަރު ވަނީ “ޚާމޯޝީ” ގެ ހަނދާނީ ފޮޓޯއަކާއެކު އަސަރުގަދަ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
“އަހަރެންގެ ފުރަތަމަ ފިލްމު ޚާމޯޝީގެ މަސައްކަތް ކުރެވުނީ ނާނާއާއެކުގައެވެ. އޭނާއަކީ އަވަހަށް ރުޅިއަންނަ މީހެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. އެކަމަކު އޭނާ އަހަންނާމެދު ބެހެއްޓީ ނުހަނު އޯގާތެރި، ދީލަތި ގާތްކަމެކެވެ. އަހަރެމެން ދެމީހުންނަކީ ވެސް ތޮއްޖެހިފައިވާ ސިޓީގެ ދިރިއުޅުމަށްވުރެ އަވަށުގެ ހަމަހިމޭންކަމަށް ލޯބިކުރި ދެމީހުންނެވެ. އޭނާ އެފަދަ ހިސާބަކަށް ބަދަލުވިއިރު، އަހަރެންވެސް ދަނީ އެކަމަށް މަސައްކަތް ކުރަމުންނެވެ. އަހަރެމެން އަދި އަވަހަށް ބައްދަލުވާނެއެވެ. އަހަރެންނާއި އިރްފާން އަދި ތިބާ ސައިބޯން ތިބެ ދުނިޔޭގެ ކަންކަމާ މެދު ވާހަކަދައްކައި ހީނހަދާނަމެވެ. ތިބާގެ ފަހު މަންޒިލަކީ އަމާން، ހިތްހަމަޖެހޭ ތަނަކަށް ވުމަށް އެދެމެވެ.”
ނާނާ ޕަޓޭކަރުގެ ޖަނާޒާގެ ކަންކަން
ނާނާގެ ހަށިގަނޑު އަންދާލުމުގެ އެންމެ ފަހުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ، ދައުލަތުގެ ފުރިހަމަ އިއްޒަތުގައި، ޕޫނޭގެ ރަށްބޭރުގައި އޮންނަ ދޮންޖޭ އަވަށުގައި ހުންނަ އޭނާގެ ފާމްހައުސްގައެވެ. މި ރަސްމިއްޔާތުގައި އާއިލާގެ މެންބަރުންނާއި، ސިޔާސީ އިސް ވެރިންނާއި، ފިލްމީ ފަންނާނުންގެ އިތުރުން 1,000 އަށްވުރެ ގިނަ އާންމުން ބައިވެރިވިއެވެ.
ނާނާގެ ދަރިފުޅު މަލްހާރު އިސްވެ ހުރެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައިރު، ފުލުހުންގެ ފަރާތުން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އަދި ސަޕޯޓަރުން ވަނީ ނާނާގެ ޒިކުރާ އަބަދަށް ދެމިއޮންނާނެ ކަމަށް ބުނެ އަޑުއުފުލާފައެވެ. މި ރަސްމިއްޔާތުގައި މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދެވެންދުރަ ފަޑްނަވިސް އާއި ޑެޕިއުޓީ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭގެ އިތުރުން ޖެކީ ޝްރޮފް، އަނިލް ޝަރުމާ އަދި ސާޖިދު ނަދިއަޑުވާލާ ފަދަ ފަންނާނުން ބައިވެރިވެ، އެންމެ ފަހުގެ އިޙުތިރާމް އަދާކުރިއެވެ.
ނާނާ ޕަޓޭކަރު ނިޔާވުމުގެ ކުރިން އޭނާ ވަނީ އަނީތު ޕައްޑާގެ “ޝަކްތީ ޝާލިނީ” ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާފައެވެ. މީގެ އިތުރުން ކުރިއަށް ނުކުންނަން ހުރި “ދަ ކޮންފެޝަން އޮފް މޭރީ”، “ވެދާންތާ”، “އީތާ” އަދި “ކުކޫ ކީ ކުންޑަލީ” ފަދަ ފިލްމުތަކުން ވެސް އޭނާގެ މޮޅު ހުނަރު ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
