ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ހަވަނަ ބައި
މުނިއަވަސް ގްރެޕިކްސް

“ވަރަށް ބޮޑަށް ޝުކުރިއްޔާ.. ގެއަށް ގެންގޮސްދޭން އަންނަންވީމަ އަހަރެން ބުނެލާނަން. އިހަށް ކެތްކޮށްލާ.” އަތުގައި އޮތް ޕާރުސަލް ނިފާރާއި ހަވާލުކުރަމުން ސުނޭހާ ހިނިތުންވެލި އެވެ. ސުނޭހާގެ ކިބައިން ފެނުނު އުފަލާއި ހިތްހަމަޖެހުން ނިފާރުގެ ހިތަށް ހަމަޖެހުން ގެނުވި އެވެ.

ޔަޒީދާ އިންޓަވިއުއަށް ދާއިރު އޭނާއާއެކު އޮފީހަށް ގޮސްލަން ބޭނުންވި ނަމަވެސް ސުނޭހާއަކަށް އެ ފުރުސަތެއް ނުލިބުނެވެ. ރާނިޔާއާއެކު ބާޒަރަށް ދާން ޖެހުނީ އެ ވަގުތު އެވެ.

ފަހިވި ފުރުސަތާއިއެކު އެތައް ކަމެއް ބަދަލު ވެގެންދިޔަ އެވެ. ސުނޭހާ އާއި ނިފާރުގެ ގުޅުން އާވެ އާލާވާން ހޭދަވީ މަދު ދުވަސްކޮޅެކެވެ.

ސުނޭހާ އާއި ނިފާރުގެ މެދުގައި އާވެ އާލާވަމުން ދިޔަ ގުޅުމުގެ އެއްވެސް މަޢުލޫމާތެއް އެ ދެ މީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭނގެ އެވެ. އަންގާކަށް އެ މީހުން ބޭނުމެއް ވެސް ނުވެ އެވެ.

އެތައް ދުވަހެއްގެ މަސައްކަތުން ލިބުނު ވަޒީފާއާއެކު ޔަޒީދާގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. ވަޒީފާއަށް ދެމުންދިޔަ ސަމާލުކަން އިތުރުވެގެން ދިޔައިރު އޮފީސް ނިންމާފައި ގެއަށް އަންނަ ގަޑި ލަސްވާން ފެށި އެވެ.

ޑިއުޓީއަށް ދާން ތައްޔާރުވެގެން ނާއިމް އައިސް ކާގެއަށް ވަތްއިރު ޔަޒީދާ ހުރީ ރޮށި ފިހާށެވެ.

“ހާދަ ރަނގަޅު އޮފީހަކުންނޭ ދޯ ކޮއްކޮއަށް ވަޒީފާ މި ލިބުނީ.” ނާއިމްގެ މޫނުމަތިން ފާޅުވީ ހިތްހަމަޖެހުމެވެ.

“ކިހިނެއްވީ؟ ކަމަކު ނުދޭތަ؟ ދޮންބެދައްތައަށް ކަމެއް ދައްކާލަނީ މި.” ޔަޒީދާ ބަލާލީ ނާއިމްގެ ފަހަތުން އައިސް ކާގެއަށް ވަތް ސުނޭހާއަށެވެ.

“ސަޅި. އަހަރެންގެ ސަބަބުން ވެސް ކަމެއް ރަނގަޅު ވެއްޖެތާ.” ސުނޭ ހިނިތުންވެލި އެވެ.

ނާއިމާއި ސިޔާހްގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމަކީ މަދްރަސީ ދައުރުއްސުރެ ފެށިގެން އޮންނަ ގުޅުމެކެވެ. ނިފާރާއި ސިޔާހް ބައްދަލުވީ ވަޒީފާގެ މާހައުލުން ލިބުނު ފުރުސަތުގައި އެއް އޮފީހެއްގައި މަސައްކަތްކުރަން އުޅުނު އުޅުމުގެ ތެރެއިން ނެވެ. ނާއިމަކީ ސުނޭހާގެ ފިރިމީހާކަން ނިފާރަށް އެނގުނީ ސިޔާހްގެ ކިބައިން ނެވެ.

މަދަރުސާތަކުގެ ބަންދު ދުވަސްވަރާއި ދިމާކޮށް ސަރުކާރު އޮފީސްތައް ބަންދުވެއްޖެނަމަ އެއް ބަޔަކަށް އީދެއް އަންނަ ކަހަލަ އެވެ. އެފަދަ ދުވަސްވަރެއް ދިމާވެއްޖެނަމަ، މާލޭގައި ދިރިއުޅޭ މީހުން އަތޮޅު ތެރެއަށް ދިއުމާއި އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތައް މާލެ އައުމަކީ އާންމު ކަމެކެވެ.

މިވެސް ކިޔާލަން:  ވީރާނާގެ ތެރެއިން ލޯބި - ތިންވަނަ ބައި

ސިޔާހްމެންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އެތައް އަހަރަކަށް ދެމިގެންދިޔަ ނަމަވެސް، ސީދާސީދާކޮށް އެންމެން ދިމާނުވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެންމެން ވެސް އުޅެނީ ވަޒީފާގަ އެވެ. ޢާއިލާގެ ކަންކަމުގަ އެވެ. ދިރިއުޅުން އާރާސްތުކޮށް މުސްތަޤުބަލު އުޖާލާ ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމާއިގެން ނެވެ.

ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކުރިޔަށްދިޔަ އެ ގުޅުން ސީދާސީދާ ބައްދަލުވުމަކަށް ބަދަލުކޮށްލަން އެންމެ ފުރަތަމަ ހުށަހެޅި މީހަކީ ސިޔާހެވެ.

ނިފާރާއި ސިޔާހް ތިބީ އޮފީހުގަ އެވެ. މަސައްކަތާއިގެން މަޝްޣޫލްވެ ތިބި ނަމަވެސް އެ ދެމެދުގައި ކޮންމެވެސް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުން ކަމަށްވާތީ އެހެން މީހަކަށް އެ ވާހަކަތައް އަޑުއިވޭވަރެއް ނުވެ އެވެ.

“އަހަރުމެން މިއުޅެނީ އަންނަ ވީކެންޑުގަ އަތޮޅުތެރެއަށް ޖައްސާލަން. ބަންދު ހަތަރު ދުވަސް ލިބެއެއްނު. ދާނަންތަ؟” ނިފާރަށް ބަލާލަމުން ސިޔާހް އެހި އެވެ.

“އެހެންތަ؟ ކޮން ހިސާބަކަށް ދަނީ؟ މަވެސް ބޭނުން ޖައްސާލަން.” އެ ދަތުރުގައި ބައިވެރިވާން ނިފާރު ބޭނުންކަން ހާމަކުރި އެވެ.

“އ.ދ އަށް މި ބަލަނީ. އަހަރުމެން ގުރޫޕް ދާނީ. ނާއިމްގެ ދެމަފިރިންނާއި ސާނިހްގެ ދެމަފިރިން. ދެން އަހަރެންނާއި ގިޔާސް އަދި ޒުލޭހާ އާއި ނިޔާސާ ވެސް ދާނެ. ނިފާރު ބޭނުމިއްޔާ ނިފާރާއި ނިފާރުގެ ބިޓު ވެސް ގެންދެވިދާނެ.. ސަޅި ކަމެއްނު.” ދަތުރާއި ބެހޭގޮތުން ސިޔާހް އިތުރަށް އޮޅުންފިލުވައިދިނެވެ. އޭނާއަށް ހުޅުވިފައިވާ ފުރުސަތުގެ ވާހަކަ ވެސް ބުންޏެވެ.

ސިޔާހް އެ ބުނާފަދައިން ނާއިމާއިއެކު ސުނޭހާ ގޮސްފިނަމަ ސުނޭހާއާ ބައްދަލުކޮށްލާނެ ރަނގަޅު ފުރުސަތެއް ލިބިދާނެ ކަމުގައި ނިފާރުގެ ހިތް ބުންޏެވެ. އެ ދަތުރުގައި ބައިވެރި ވެވިއްޖެނަމަ ނާއިމާއި ގުޅުން ބަދަހި ވެސް ކޮށްލެވިދާނެ އެވެ. އެކަމުގެ ސަބަބުން ހުޅުވޭ މަގުތައް ރަނގަޅު ފާލަކަށް ވެސް ވެދާނެ އެވެ.

“އާނ.. މަ ވެސް ދާނަން. ސިޔާހްމެން ލޯބިވެރިން ތިބި މީހުން އެ މީހުން ގޮވައިގެން ދޭ. އަހަރެން އެކޮޅުން ގޮތެއް ހަމަޖައްސާނީ. އެގޮތް ރަނގަޅުވާނެއެއްނު.” ނިފާރުގެ ވާހަކަތަކުގެ ސަބަބުން ސިޔާހް ގާތަށް ވެސް ހިނިއައެވެ.

އަންނަ ހަފުތާގެ ބަންދާއި ދިމާކޮށް ރައްޓެހިންތަކަކާއިއެކު ރާއްޖެތެރެއަށް ގޮސްލަން ހަމަޖެހިފައިވާ ވާހަކަ ސުނޭހާ ގާތު ނާއިމް ބުންޏެވެ. ދަތުރާއިބެހޭ މުހިންމު ވާހަކަތައް ކިޔައިދީ އެހެން ވެސް ބައެއް މަޢުލޫމާތު ހިއްސާކުރި އެވެ.

މިވެސް ކިޔާލަން:  ދެހިތެއްގެ ދެމެދުގައި - ހަތަރުވަނަ ބައި

“ނާއިމަށް ޗުއްޓީ ލިބުނަސް އަހަރެންނަކަށް ޗުއްޓީއެއް ނުލިބޭނެ. ވަޒީފާއަށް ދާން ފެށިފަހުން މިވީ އަދި ދެ މަހެއްހާ ދުވަސް.” ވިސްނާލަމުން ކަހަލަ ގޮތަކަށް ސުނޭހާ ބުންޏެވެ.

“ޗުއްޓީ ނުދިނަސް ނޯޕޭ ދޭނެ. ހަތަރު ވަރަކަށް ދުވަހު މުސާރަ ނުލިބުނަސް އޯކޭވާނެ.” ނާއިމް ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް އެ ދަތުރުގައި ސުނޭހާ ބައިވެރިކުރާށެވެ. މާމުއިހަނދުގެ ދުވަސްތައް ހޭދަކޮށްލަން ރާއްޖޭން ބޭރަށް ދިޔަ ފަދައިން ސުނޭހާ ގޮވައިގެން އަތޮޅުތެރެއަށް ވެސް ގޮސްލާށެވެ. ދެމަފިރިން އެކުގައި ވަގުތު ހޭދަކޮށްލާ މަޖާކޮށްލަން އަތޮޅުތެރޭގެ ހިތްގައިމު ދޮންވެލި ތުނޑިތަކާއި މޫދުތަކުގެ ފުރިހަމަކަން ހިއްސާކުރާށެވެ.

“ބާސިރުއާ ވާހަކަ ދައްކާލަން ޖެހޭނީ. އެގޮތަށް އޯކޭ ނުވެއްޖެއްޔާ ކިހިނެއް ހަދަނީ؟” ސުނޭހާގެ ކިބައިން ފެނުނީ ކަންބޮޑުވުމެވެ.

“ގޮތެއް ހުހެއް ނުވާނެ. ވަޒީފާ ދޫކޮށްލާފަ ދާނީ.” ނާއިމް ހާމަކުރީ އޭނާގެ ހިތުގައިވާ ގޮތެވެ.

“އޭރުން..” ވަޒީފާއިން ވަކިވާ ވާހަކަ ބުނާއިރަށް ސުނޭހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަ އެވެ.

“އަހަރެން ތިކަން ހަމަޖައްސާނަން.” އެ ހިސާބުން އެ ވާހަކަތައް ނިމުނީ އެވެ.

ކަންތައް ދިމާވި ގޮތުން ކޮންމެހެން ވެސް ނިފާރާއި ބައްދަލުކުރަން ސުނޭހާ ބޭނުންވި އެވެ.

ޔަޒީދާގެ ފަރާތުން ނިފާރަށް ފެނުނީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. އެހެން މީހުންގެ އިޙުސާސްތަކަށް އިޙުތިރާމް ކުރުމާއި ބަލައިގަތުމެވެ. ކުރެވޭ ކުށަށް މަޢާފްކޮށް އެކަންކަން ރަނގަޅުކުރުމަށް ބުނެދީ އެހީތެރިކަމާއި އެއްބާރުލުން ދެމުންދާ ދިއުމެވެ. އެހެން މީހުންގެ ޚިޔާލާއި މަޝްވަރާއަށް އިސްކަންދީ އަޣުލަބިއްޔަތަށް ތަބާވުމުގެ ރިވެތި އުސޫލެވެ.

ސެކްސަންގެ ވެރިއަކަށް ހުރި ނަމަވެސް ނިފާރާއިއެކު މަސައްކަތްކުރަން ޖެހުމަކީ ޔަޒީދާއަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމަކަށްވި އެވެ. ފަހި މަގުތަކެއް ހުޅުވިގެން ދިޔަ އެވެ. ވަޒީފާއާއިގެން ކުރިޔަށް ދިއުމަށް ލިބުނު އިތުރު ހިތްވަރަކަށްވި އެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ފެތުރެމުންދިޔަ ތެތްފިނިކަމާއިއެކު މަގުތަކަށް ބާރުބޮޑުވާން ފެށި އެވެ. އާއިލާތައް އެކުގައި މަގުތަކަށް ޖަމާވަމުން ދިޔައިރު ދަރިން ގޮވައިގެން ހިނގާލަން ނުވަތަ ސައިކަލް ދުއްވާލަން ނުކުމެއުޅޭ ބައްޕައިން ވެސް މަދެއް ނޫނެވެ. ލޯބިވެރިންގެ ޖޯޑުތަކާއި އެކުވެރިންގެ ބައިގަނޑުތައް ވެސް ގިނަ އެވެ. އެއްދަރި ކިހިލި ޖަހާލައިގެން އަނެއް ދަރި އަތުގައި ހިފާލައިގެން ޕާކުތަކާއި ދިމާއަށް މިސްރާބު ޖަހާފައިވާ މައިން ވެސް ފެނެ އެވެ.

މިވެސް ކިޔާލަން:  ގުނަވަންތަ - ދެވަނަ ބައި

ރީތިވެލައިގެން ގެއިން ނުކުތް ސުނޭހާ މިސްރާބުޖެހީ ރަސްފަންނާއި ދިމާއަށެވެ. އަވަސްއަވަހަށް ފޯނު ނަގަމުން ކޮންމެ ވެސް މީހަކަށް ގުޅާލި އެވެ.

“އަހަރެން މިދަނީ ހޮސްޕިޓަލަށް. ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ވެފަ އެބައޮތް. އާދެވިދާނެތަ؟” ވާހަކަ ދައްކަމުންދިޔަ ނަމަވެސް ސުނޭހާ ހިނގަމުން ދިޔައީ މަގަށް ސަމާލުކަން ދީގެން ނެވެ.

އިރުއޮއްސޭ ވަގުތު ގާތްވަމުންދިޔަ ވަރަކަށް ހޮސްޕިޓަލުތެރެއިން މީހުން ފެނުން ވެސް މަދުވަމުން ދިޔަ އެވެ.

ހޮސްޕިޓަލަށް ވަދެގެން ދިޔަ ނިފާރަށް ސުނޭހާ ފެނުނީ އެނދުމަތި ކޮށްފައިވާ މީހުން ތިބޭ ސަރަހައްދުން ނުކުންނަނިކޮށެވެ.

ބޭނުންވި ފުރުސަތު ލިބުމާއިއެކު ސުނޭހާގެ ކިބައިން އުފަލާއި ހިތްހަމަޖެހުން ފާޅުވި އެވެ. އަވަސްއަވަހަށް ނިފާރު ކައިރިއަށް ޖެހިލަމުން ވާހަކަ ދައްކަން ފެށި އެވެ. ސުނޭހާ އާއި ނިފާރު ވާހަކަ ދައްކަމުން ދައްކަމުން ގޮސް ވަނީ އެތަނުގައި ހުރި ކުޑަވަރެއްގެ ކޮފީހަޓެއް ކަހަލަ ތަނަކަށެވެ.

“އަހަރުމެން މިއުޅެނީ ރާއްޖެތެރެއަށް ޖައްސާލަން. ނިފާރު ވެސް ދާންވީނު.” ގޮނޑީގައި ހަމަޖެހިލަމުން ނިފާރާއި ދިމާއަށް ސުނޭހާ ބަލާލި އެވެ.

“ރަނގަޅު ފުރުސަތެއް ލިބޭނެތަ؟” ނިފާރު އޮޅުންފިލުވަން ބޭނުންވީ އޭނާ ބޭނުންވާ ކަންތަކެވެ.

“ތިއެއް އެނގޭނީ ދިޔައިމައެއްނު. ސިޔާހް އެ ވާހަކަ ނުދައްކާތަ؟” ނިފާރު ގާތު ސިޔާހް އެވާހަކަ ދައްކާނެހެން ހީވާވަރުން ސުނޭހާއަށް އަހާލެވުނެވެ.

“ނޫން. އެ ވާހަކަ ދެއްކި.. ފޮޓޯއެއް އެއްޗެއް ނަގާ ކަހަލަ މުހިންމު ތަނެއް ހުރި ރަށަކަށް ދާނެތަ؟” ކޮފީއަށް އޯޑަރު ދެމުން ނިފާރު ވާހަކަ ދެއްކި އެވެ.

“އދ. އަށް ދާގޮތަށް އޮތީ. އެ އަތޮޅު ރަށްތަކުގައި ހުންނާނެ އާސާރީ މިސްކިތްތަކާއި ޒިޔާރަތް ކަހަލަ ދިވެހިންގެ ތާރީޚާއި ގުޅިފައިވާ މުހިންމު ތަންތަން. އަހަރެމެންގެ ކާބަފައިންގެ އަތްތެރިކަމާއި މަސައްކަތްތެރިކަން ދައްކައިދޭ މުހިންމު އިމާރަތްތައް. ހަންޏާމީދޫގަ ހުންނާނެ އިބްރާހީމް ކަލާފާނު ޒިޔާރަތާއި އާސާރީ މިސްކިތެއް. އެތައް ސަތޭކަ އަހަރެއްވީ ނިކަގަހަކާއި އުމުރުން ދުވަސްވީ ގުލްޗަންޕާ ގަސްތަކެއް ވެސް.” ސުނޭހާ ބުނީ އޭނާއަށް އެނގިފައިވާވަރެވެ.

“އެހެން ކަމެއް ނެތް؟” ސުނޭހާއާ ދިމާއަށް ނިފާރު ހީނލިގޮތުން އޭނާގެ މަޤުޞަދު ސުނޭހާއަށް ވިސްނުނެވެ.

“ނިފާރު އެންމެ ލޯބިވާ.. އަހަރެން ވެސް.. ހުންނާނެ.”

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top