ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިކްޓަރީ އަލުން އެއްވަނައަށް ޖެހިލައިފި
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީ ސްޕޯރޓްސް ކުލަބް ކުޅުނު ހަތަރުވަނަ މެޗުން މޮޅުވެ ލީގުގެ އެއްވަނައަށް އަލުން ޖެހިލައިފި އެވެ. މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބިސްބުރު ސްޕޯރޓްސް ކުލަބާއި ބައްދަލުކޮށް ވިކްޓަރީ މެޗު ކާމިޔާބުކުރީ 3-0 އިން ނެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވިކްޓަރީ ވަނީ އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްފަ އެވެ. ބިސްބުރު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރިއިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. ލީގު ޗެމްޕިއަންކަމަށް ވާދަކުރާއިރު ލީގުގެ އެއްވަނައަށް ޖެހިލުމަށް ދެ ޓީމަށް ވެސް މި މެޗު ވެފައިވަނީ ވަރަށް މުހިންމު މެޗަކަށެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ވިކްޓަރީން ޖެހީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. އަލްހާޖީ ގެރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ރިޒްވާން އެވެ. ބިސްބުރުގެ ޑިފެންޑަރުންގެ ފަހަތަށް އަލްހާޖީ ގެރޯ ޖައްސާލި ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ރިޒުވާން ފޮނުވާލީ މުޅިން ހުސްކޮށް ހުރެ އެވެ.

ނަތީޖާ ހަމަހަމަކުރުމަށް ބިސްބުރަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ފުރަތަމަ ހާފުގައި ކުރެވިފައި ނުވާއިރު، ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ވިކްޓަރީއަށް ވެސް ފުރަތަމަ ހާފުގައި ކުރެވިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި ވިކްޓަރީން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހާފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާ ގިނައިރެއް ނުވެ ވިކްޓަރީން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޝޮޚްރުޚަބެކް ކޮލްމަޓޮވް ރަވްޝަންބެކް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މިރްޖަލޮވް ކަސިމޮވް ބިސްބުރުގެ ޑިފެންޑަރުންގެ ބޯމަތިން އޭރިޔާތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ

ވިކްޓަރީން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 55 ވަނަ މިނިޓްގައި، ޙަސަން ނަޒީމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލްހާޖީ ގެރޯ އެވެ. ބިސްބުރުގެ އޭރިޔާތެރެއަށް ވަދެ ޙަސަން ނަޒީމް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރަށް ވެސް ނުލިބި އަލްހާޖީ ގެރޯއަށް ލިބުނުއިރު އޭނާ ހުރީ ހުސްކޮށެވެ. އަލްހާޖީ ގެރޯ ބޯޅަ ފޮނުވާލީ މުޅިން ހުސްކޮށް އޮތް ގޯލްގެ ތެރެއަށެވެ.

މެޗުގެ 58 ވަނަ މިނިޓްގައި ވިކްޓަރީގެ ހިސާން ސަލީމަށް ދެއްކި ރަތް ކާޑާއި ގުޅިގެން ވިކްޓަރީން މެޗު ނިންމީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

3-0 އިން ވިކްޓަރީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓަރީގެ އަލްހާޖީ ގެރޯ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ވިކްޓަރީ ލީގުގެ އެއްވަނައަށް ޖެހިލީ 10 ޕޮއިންޓް ހަމަކޮށްގެން ނެވެ.

ލީގުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯރޓްސް ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top