ބިހުގެ ރީނދޫބައި ކެއުމުގައި ސަމާލުވުމަށް އެތައް އަހަރެއްވަންދެން ދެމުން އައި އިންޒާރުތަކަށް، އެންމެ ފަހުގެ ދިރާސާތަކުން ވަނީ ބަދަލުތަކެއް ގެނެސްދީފައެވެ.
ބިހަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ އެއްޗެއްކަމަށް ބުނާ އަޑުތައް ތިޔަބޭފުޅުންނަށް ކުރިން އިވިފައި އޮވެދާނެއެވެ. ބައެއް ހާލަތްތަކުގައި ޑޮކްޓަރުން ބިހުގެ ހުދުބައި އެކަނި ބޭނުންކުރުމަށްވެސް އިރުޝާދު ދީފައި ހުރެދާނެއެވެ. ގިނަ އަހަރުތަކެއް ވަންދެން ބިހުގެ ރީނދޫބަޔަކީ ހެނދުނުގެ ނާސްތާގައި ކެއުމަށް ބިރުގަންނަންޖެހޭ އެއްޗެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
މިކަމާ ގުޅޭގޮތުން މިހާރުގެ ސައިންޓިފިކް ހޯދުންތަކުން ދައްކަނީ އާދައިގެ ސިއްހަތެއްގައި ހުރި ބޮޑު މީހަކު، ދުވާލަކު ބިހެއް ކެއުމަކީ ލޭގެ އެލް.ޑީ.އެލް (ގޯސް69+) ކޮލެސްޓްރޯލް ނުވަތަ ހިތުގެ ބަލީގެ ނުރައްކާ ބޮޑުވާ ކަމެއް ނޫން ކަމަށެވެ.
ހާވަޑް ޓީ.އެޗް. ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ނިއުޓްރިޝަން ސޯސްއިން ހާމަކުރާ ގޮތުގައި، ކާނާގައި ހުންނަ ކޮލެސްޓްރޯލަށްވުރެ ބޮޑަށް، ކެއުމުގައި ބޭނުންކުރާ ފެޓްސް ނުވަތަ ސަރުބީގެ ބާވަތްތަކުން ލޭގެ ކޮލެސްޓްރޯލަށް ކުރާ އަސަރު މާ ބޮޑެވެ.
ކުރިން ގަބޫލުކުރެވުނު ގޮތުގައި ދުވާލަކު ކާނާއިން ލިބޭ ކޮލެސްޓްރޯލް 300 މިލިގްރާމަށްވުރެ މަދުކުރަން ޖެހެއެވެ. އެއީ ކާނާގައި ހުންނަ ކޮލެސްޓްރޯލް މަދުކުރުމުން ލޭގެ ކޮލެސްޓްރޯލް ދަށްވެ، ހިތް ރައްކާތެރިކޮށްދޭނެ ކަމަށް ބެލެވުނުތީއެވެ. ނަމަވެސް، ފަހުގެ ހޯދުންތަކުން މިކަން އެހާ ސާދާކޮށް ސާބިތެއް ނުވެއެވެ.
ލޭގެ ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމުގައި ފުރަމޭގެ ދައުރު
ހަށިގަނޑަށް ބޭނުންވާ ގިނަ ކޮލެސްޓްރޯލަކީ ފުރަމޭއިން އުފައްދާ އެއްޗެކެވެ. ކާނާގެ ޒަރީއާއިން ކޮލެސްޓްރޯލް ލިބޭ މިންވަރު އިތުރުވުމުން، ފުރަމޭއިން ކޮލެސްޓްރޯލް އުފައްދާ މިންވަރު މަދުކޮށްދެއެވެ. މިކަމުގެ ސަބަބުން ލޭގެ ކޮލެސްޓްރޯލް މައްޗަށް ދިޔުން ހުއްޓުވައިދެއެވެ. ހާވަޑްގެ ދިރާސާތަކުން ދައްކާ ގޮތުގައި ކާނާގައި ހުންނަ ކޮލެސްޓްރޯލާއި ލޭގެ ކޮލެސްޓްރޯލާ ހުރީ ވަރަށް ކުޑަ ގުޅުމެކެވެ.
ލޭހޮޅިތައް ބެދުމަށް މަގުފަހިވާ އެލް.ޑީ.އެލް ކޮލެސްޓްރޯލް މަތިވުމަށް މާ ބޮޑަށް ބާރުފޯރުވަނީ ސެޗުރޭޓެޑް ފެޓް އަދި ޓްރާންސް ފެޓެވެ. ބޮޑު ބިހެއްގެ ރީނދޫބައިގައި ގާތްގަނޑަކަށް 200 މިލިގްރާމް ކޮލެސްޓްރޯލާއި 5 ގްރާމް ސަރުބީ ހުރެއެވެ. އޭގެ ތެރެއިން ގިނައީ ސިއްހަތަށް ފައިދާހުރި އަންސެޗުރޭޓެޑް ފެޓެވެ. ރަތް މަހާއި ބަޓަރާ އަޅާބަލާއިރު ބިހުގައި ހުންނަ ސެޗުރޭޓެޑް ފެޓްގެ މިންވަރު ނިސްބަތުން މަދެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަނުން 2019 ވަނަ އަހަރު ނެރުނު އިރުޝާދުތަކުގައިވެސް މި ބަދަލަށް ތާއީދުކޮށްފައިވެއެވެ. އެ އިދާރާއިން މިހާރު ދުވާލަކު ބޭނުންކުރަންވީ ކޮލެސްޓްރޯލްގެ ވަކި މިންވަރެއް ކަނޑައެޅުމުގެ ބަދަލުގައި، މުޅި ކެއުމުގެ ފެންވަރު ރަނގަޅުކުރުމަށް އިރުޝާދުދެއެވެ.
ބޮޑެތި ދިރާސާތަކުން ދައްކާ ނަތީޖާ
2020 ވަނަ އަހަރު ބީ.އެމް.ޖޭ ގައި ޝާއިއުކުރި ދިރާސާއެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.7 މިލިއަނަށްވުރެ ގިނަ މީހުންގެ މައުލޫމާތު ދިރާސާކުރެވުނެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ދުވާލަކު އިތުރު ބިހެއް ކެއުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއް ނޫނެވެ.
އެމެރިކާގެ 215,618 ސިއްހީ މާހިރުން އެތައް އަހަރެއްވަންދެން މޮނިޓަރކޮށްގެން ހެދި ތިން ބޮޑު ދިރާސާއަކުންވެސް ސިއްހަތު ރަނގަޅު މީހުންނަށް މިފަދަ ނުރައްކަލެއް ނެތްކަން ވަނީ ހާމަވެފައެވެ. މިއީ ހަކުރު ބަލި ނެތް މީހުން ދުވާލަކު ބިހެއް ކެއުމަކީ ހިތުގެ ބައްޔާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ހާވަޑްގެ ކުރީގެ ހޯދުންތަކުންވެސް ދައްކާފައިވާ ގޮތެވެ.
ޚާއްސަ ސަމާލުކަން ދޭންޖެހޭ މީހުން
ބިސް ކެއުމުގެ ހުއްދަ އެންމެންނަކަށް ނެތެވެ. ބީ.އެމް.ޖޭގެ ދިރާސާއިން ދެއްކި ގޮތުގައި ހަކުރު ބަލި ހުންނަ މީހުން ގިނައިން ބިސް ކެއުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 40 އިންސައްތަ އިތުރުވާ ކަމެކެވެ.
ހާވަޑްގެ ނިއުޓްރިޝަން ސޯސްއިންވެސް ބުނާ ގޮތުގައި ހަކުރު ބަލި ހުންނަ ފިރިހެނުންނާއި އަންހެނުން ދުވާލަކު ބިހެއް ނުވަތަ އެއަށްވުރެ ގިނައިން ކެއުމަކީ ހިތުގެ ބަލީގެ ނުރައްކާ ބޮޑުވާ ކަމެކެވެ. މީގެ އިތުރުން، އާއިލީ ގޮތުން ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ ހުންނަ މީހުންނާއި، ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމަށް ދަތިވާ މީހުން ބިސް ކެއުމުގައި ސަމާލުވާންޖެހެއެވެ. މިފަދަ މީހުން ބިހުގެ ރީނދޫބައި ކެއުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް ލަފާދެއެވެ.
ނިންމުން
ގިނަ މީހުންނަށް ދުވާލަކު ބިހެއް ކެއުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބިސް ކައްކާ ގޮތާއި އެއާއެކު ކާ ތަކެއްޗަށް ސަމާލުވާންޖެހެއެވެ. ބިހުގެ ރީނދޫބައިގައި ހުންނަ ކޮލެސްޓްރޯލަށްވުރެ ބޮޑަށް، ބިހާއެކު ކާ ބޭކަން ނުވަތަ ބަޓަރުގައި ހުންނަ ސެޗުރޭޓެޑް ފެޓުން ލޭގެ ކޮލެސްޓްރޯލަށް ކުރާ އަސަރު މާ ބޮޑެވެ.
ބިސް ކައްކާ ގޮތަކީވެސް މުހިންމު ކަމެކެވެ. ތެލުލުމުގެ ބަދަލުގައި ފެނުކައްކައިގެން ނުވަތަ މަދު ތެޔޮކޮޅެއްގައި ކައްކައިގެން ކެއުމަކީ ސިއްހަތަށް ފައިދާހުރި ގޮތެކެވެ.
ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ ނުވަތަ ހަކުރު ބަލި ހުންނަ މީހުން، ކެއުމުގައި ބިސް ހިމަނާނެ މިންވަރަކާ ގުޅޭގޮތުން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.
