“ދެން އިތުރަށް އަހަރެން ކީކޭ ބުނަންތަ ބޭނުންވަނީ؟”
ސަނަމް ހައިރާންވެފައި އޭނާއަށް ބަލަހައްޓައިގެން އިނެވެ. އެ ސުވާލަކީ ހަޅޭއްލަވައިގަނެފައި ކުރި ސުވާލެއް ނޫނެވެ. އާހިލްގެ ހިތްހަރުކަމެއް ވެސް ނޫނެވެ. އޭނާއަށް އެ ސުވާލު ކުރެވުނީ އޭނައަށް ނުވިސްނޭ ހިތާމައަކާ ކުރިމަތިލާން ޖެހުމުން އުނދަގޫވެގެން އުޅޭ ކަހަލަ ގޮތަކަށެވެ.
ސަނަމް ތެދުވެ، ތަށިތައް ނަގަން ފެށިއެވެ. “އެއްވެސް އެއްޗެކޭ ބުނާނެކަމެއް ނެތް، އާހިލް.”
އާހިލް މަޑުމަޑުން ސަނަމްގެ އަތުގެ ކުޑަހުޅުގައި ހިފަހައްޓައި، އިތުރު ތަށްޓެއް ނެގިޔަނުދީ ހުއްޓުވިއެވެ. “ތިހެން ނޫޅެބަލަ.”
ސަނަމް އާހިލްގެ އަތަށް ބަލައިލިއެވެ. އެއާއެކު އޭނާ ސަނަމްގެ އަތުން ދޫކޮށްލިއެވެ.
“އަހަރެން ޒުވާބުކުރާކަށް ބޭނުމެއް ނޫން.” އާހިލް ބުންޏެވެ.
“އަހަރެންވެސް ބޭނުމެއް ނޫން.”
“ދެން މިކަން ހަނދާން ނައްތާލާފައި ކުރިއަށް ދެވިދާނެތަ؟”
ސަނަމް ބޯޖަހާލިއެވެ. “އާނ، މައްސަލައެއް ނެތް.”
އޭނާ ތަށިތައް ހިފައިގެން ބަދިގެއަށް ދިޔައެވެ. ސަނަމްގެ ފަހަތުން އާހިލް ޓީވީ ހުޅުވާލި އަޑު އިވުނެވެ. އިރުކޮޅެއް ފަހުން ޓީވީން ދެއްކި އެއްޗަކަށް އާހިލް ހޭންފެށި އަޑު ސަނަމްއަށް އިވުނެވެ.
ސަނަމް ކައުންޓަރު ކައިރީގައި ހުރި އެނިވަރސަރީ ކޭކު ކައިރީގައި، ސިންކު ދޮށުގައި ހުއްޓިލައިގެން ހުއްޓެވެ. މުޅި ރޭގަނޑު އޭނާ ހޭދަކުރީ ފިރިމީހާގެ ހިތުގައި ހަރުލާފައިވާ ހަނދާނަކަށް ވުމުގެ އުއްމީދުގައެވެ. ނަމަވެސް އޭގެ ބަދަލުގައި، އޭނާ މިހާރު ވެގެން މިދަނީ ކޮންމެ ކަމަކަށް މަޢާފުކޮށްދޭނެ ކަމަށް އާހިލް އުއްމީދުކުރާ މީހަކަށެވެ.
*****
އެނިވަރސަރީއަށްފަހު، ސަނަމްގެ ކިބައިން ކޮންމެވެސް ބަދަލެއް ފެންނަން ފެށިއެވެ. އެއީ ކުއްލިއަކަށް އައި ބަދަލެއް ނޫނެވެ. އެއްދުވަހަކު ހެނދުނު ހޭލައިގެން، އާހިލްދެކެ ލޯބިވުން ހުއްޓާލަން ސީދާ ނިންމީކީ ނޫނެވެ. ދެމީހުންގެ ފޮޓޯތައް އުކާލައި، ކައިވެނީގެ އަނގޮޓި ނަގައި، ނުވަތަ މި ކައިވެނީގައި ދެން އިތުރަށް އުޅެވެން ނެތްކަމަށް އިޢުލާނު ކުރީކީވެސް ނޫނެވެ.
އޭނާ ހަމައެކަނި ވަރުބަލިވީއެވެ. ގެއަށް އަންނަނީ ކޮން އިރަކުންތޯ އަހައިއަހައި ވަރުބަލިވީއެވެ. ފޯނަށް މެސެޖެއް އާދޭތޯ ބަލައިބަލައި ވަރުބަލިވީއެވެ. އަތްނުލައި ބަހައްޓަން ޖެހޭ ކާނާ ތައްޔާރުކޮށްކޮށް ވަރުބަލިވީއެވެ. އާހިލްގެ ޒިންމާތައް ދެނެގަނެ، އޭނާ ނެތުމުން ހިތަށްކުރާ އަސަރުތައް ފޮރުވަން ދެއްކުންތެރިކަން އިސްކޮށްކޮށް އޭނާ ލޮޑުވީއެވެ.
ލަސްވާނެތޯ އަހައި މެސެޖުކުރުން ސަނަމް ހުއްޓާލިއެވެ. ރޭގަނޑުގެ ކެއުމުގެ ފަހުން އާހިލް ގެއަށް އަތުވެއްޖެނަމަ، އޭނާ ކާއެއްޗެހި ނަގައި ރައްކާކުރުމަށްފަހު ނިދަން ދެއެވެ. އެކުގައި ފިލްމެއް ބަލަން ދަޢުވަތު ދިނުންވެސް ހުއްޓާލިއެވެ. އާހިލް ފޯނާ ކުޅެން އިނދެ ރޭގަނޑު ހޭދަކުރާނަމަ، ސަނަމް ފޮތެއް ކިޔަނީއެވެ. ނުވަތަ ވެހޭ ވާރޭގެ އަޑު އަހަން އޮންނަނީއެވެ. ދުވަހުގެ ކުދިކުދި ހުރިހާ ވާހަކައެއް އާހިލްއަށް ކިޔައިދިނުންވެސް އޭނާ ހުއްޓާލިއެވެ.
“މަސައްކަތް ކިހިނެއް؟” ހޭ އާހިލް އަހައިފިނަމަ، އޭނާ ޖަވާބުދެނީ “ރަނގަޅު” ކަމަށް އެކަންޏެވެ.
ފުރަތަމަކޮޅު އާހިލްއަށް މިކަމެއް މާ ބޮޑަކަށް ފާހަގައެއް ނުކުރެވެއެވެ. އޭނާ އާދަވެފައި ހުރީ ސަނަމް ހުރިހާ ކަމަކަށް ދޫދީގެން އުޅޭތަން ދުށުމަށެވެ. ސަނަމްގެ އެ ހިމޭންކަމަކީ ކަންކަން ޤަބޫލުކޮށްގެން ހުރުން ކަމަށް އޭނާއަށް ހީކުރެވުނެވެ.
އެއްރެއަކު އާހިލް ގެއަށް އައިއިރު، ސޯފާ ކައިރީގައި ހުރި ލޭމްޕު ފިޔަވައި މުޅި ސިޓިންގރޫމް އޮތީ އަނދިރިކޮށެވެ. ސަނަމް އިނީ ފޮތެއް ހިފައިގެން އެތަނުގައި އިށީނދެގެންނެވެ.
“ބޮކިތައް ނުދިއްލައި ތި އިނީ ކީއްވެ؟”
“އަހަރެން އެ އަލި ބޭނުމެއް ނުވޭ.”
އާހިލް ކާ މޭޒާ ދިމާއަށް ބަލައިލިއެވެ. “ކާއެއްޗެއް އެބަހުރިތަ؟”
“އާނ، ބަދިގޭގަ ހުންނާނެ.”
“ކީއްވެ އަހަންނަށް ގުޅާނުލީ؟ އޭރުން ގެއަށް އައުމުގެ ކުރިން ކައިގެންވެސް އާދެވިދާނެއްނު.”
ސަނަމް ފޮތުގެ ގަނޑެއް އުކާލިއެވެ. “އަންނާނެ ވަގުތެއް އާހިލް ނުބުނަމެއްނު.”
އާހިލް އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “އަހާލެވުނީހެއްނު.”
ސަނަމް އިސްއުފުލައި ބަލައިލިއެވެ. “ކުރިން އެހިން.”
އާހިލް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ފުރަތަމަ ފަހަރަށް ސަނަމްގެ އެ ބަސްތަކުގެ ފަހަތުގައި ފޮރުވިފައިވާ މާނަ އާހިލްއަށް އިޙުސާސްވި ކަހަލައެވެ. އޭނާ އެއްޗެހި ބަދަލުކޮށްގެން އެނބުރި ސިޓިންގރޫމަށް އައެވެ.
“އަހަރެންދެކެ ރުޅިއައިސްފަތަ ތިހުރީ؟”
“ނޫން.”
“ވަރަށް ތަފާތު ގޮތަކަށް ތިއުޅެނީ.”
ސަނަމް ފޮތް ލައްޕާލިއެވެ. “އެހެންތަ؟”
“އާނ. މިދުވަސްކޮޅު މާ ހިމޭން.”
ސަނަމްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކުރީގައިނަމަ އޭނާ ހިމޭންވުމުން އާހިލް ކަންބޮޑުވެއެވެ. އޭނާގެ ކައިރީގައި އިށީނދެ، ވިސްނަނީ ކޮންކަމަކާ މެދުތޯ އަހައެވެ. ނަމަވެސް މިހާރު އެ ހިމޭންކަން އޭނާއަށް ފާހަގަ މިވީ، އެކަމުގެ ސަބަބުން އާހިލްއަށް އުނދަގޫތަކެއް ވާން ފެށުމުންނެވެ.
“އަހަރެން ހަމަ ވަރުބަލިވީ، އާހިލް.”
“ކޮން ކަމަކާ ވަރުބަލިވީ؟”
ސަނަމް ވަރަށް ގިނައިރު ވަންދެން އާހިލްގެ މޫނަށް ބަލަން އިނެވެ. “ހުރިހާ ކަމަކާ.”
އާހިލް ނިތްކުރިއަށް ރޫއަރުވާލިއެވެ. “އޭގެ މާނައަކީ ކޮބާ؟”
“އޭގެ މާނައަކީ އަހަރެން ވަރުބަލިވެއްޖެޔޭ.”
އާހިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. “ސަނަމް، ކަމެއް ގޯސްވެގެން އުޅޭނަމަ އަހަރެން ގާތު ބުނަންވާނެ. އަހަންނަކަށް ތި ހިތުގައި އޮންނަ އެއްޗެއް ނޭނގޭނެ.”
ސަނަމްގެ ހިތުގައި ދަންނަ ރިހުމެއް އުފެދިގެން ދިޔައެވެ. “ތިބުނީ ތެދެއް.”
“ދެން ބުނެބަލަ.”
“އަހަރެން ބުނެފިން.”
“ކޮން އިރަކު؟”
“ވަރަށް ގިނަ ފަހަރު.”
އާހިލް އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމަށްފަހު ހުއްޓާލިއެވެ.
ސަނަމް މަޑުމައިތިރި އަޑަކުން ކުރިއަށް ގެންދިޔައެވެ. “އާހިލް މަތިން ހަނދާންވާ ވާހަކަ އަހަރެން ބުނިން. އެކަނިވެރިވާ ވާހަކަ ބުނިން. ދެމީހުން އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާ ވާހަކަ ބުނިން. އަހަރެމެންގެ އެނިވަރސަރީއަކީ އަހަންނަށް މުހިންމު ދުވަހެއް ކަމަށްވެސް ބުނިން.”
އާހިލް އެހެން ދިމާއަކަށް މޫނު އަނބުރާލިއެވެ. “އެކަމަށް އަހަރެން މަޢާފަށް އެދުނިން.”
“އާނ.”
“ދެން ކީއްވެ އަދިވެސް ތި ވާހަކަ ދައްކަނީ؟”
“ސަބަބަކީ މަޢާފަށް އެދުނު ފަހުންވެސް އެއްވެސް ކަމެއް ބަދަލުނުވާތީ.”
އެ ބަސްތައް ދެމީހުންގެ ދެމެދުގައި ހުއްޓިގެން ދިޔައެވެ. އާހިލް އޭނާގެ މޫނުގައި އަތް އުނގުޅާލިއެވެ. “އަހަރެން ކީއްކުރަންތަ ތި އެދެނީ؟ ވަޒީފާ ދޫކޮށްލަންވީތަ؟ އާއިލާއަށް އެހީވުން ހުއްޓާލަންވީތަ؟ ޒިންމާތަކަށް ފުރަގަސްދޭންވީތަ؟”
“ނޫން.”
“ދެން ކޮން ކަމެއް؟”
“އާހިލްގެ ދިރިއުޅުމުން އަހަންނަށް ޖާގައެއް ދޭން.”
“އަހަރެން ޖާގަ ދެމެއްނު.”
“ކޮންތާކުން އާހިލް؟”
އާހިލް ސަނަމްއަށް ބަލައިލިއެވެ. ސަނަމް އެ އެޕާޓްމަންޓުގެ އެކި ދިމަދިމާއަށް އިޝާރާތް ކުރިއެވެ.
“މި ގޭގެ ތެރެއިންތަ؟ އާހިލްއަށް އަންނަ ފޯނު ކޯލްތަކުގެ ދެމެދުންތަ؟ ނިދުމުގެ ކުރިން ލިބޭ ދިހަ މިނެޓުގެ ތެރެއިންތަ؟ އަހަރެން ފެތެންވީ ކޮންތާކަށް؟”
އާހިލްގެ މޫނުމަތި ބަނަވިއެވެ. “ތިއީ ބޭއިންސާފެއް.”
“ވެދާނެ.”
“އަހަރެން މި ހުރިހާ މަސައްކަތެއް ކުރަނީ އަހަރެމެންގެ މުސްތަޤުބަލު އުޖާލާކުރުމަށް.”
“އެކަމަށް އަހަރެން ޝުކުރުވެރިވަން. އެކަމަކު މިހާރު މި ހޭދަކުރާ ދިރިއުޅުމަށް ވާނީ ކިހިނެއް؟”
އާހިލް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ސަނަމް ތެދުވިއެވެ.
“ކޮންމެ މިނެޓަކު އަހަރެންގެ ކައިރީގައި ހުންނާކަށް އަހަރެން ނުބުނަން. އަގުބޮޑެތި ހަދިޔާތަކެއް ބޭނުމެއް ނޫން. ކޮންމެ ދުވަހަކީ އުފާވެރި ދުވަހަކަށް ހަދައިދޭނެކަމުގެ ވަޢުދެއްވެސް ބޭނުމެއް ނޫން.”
ސަނަމްގެ އަޑު ތުރުތުރުއަޅަމުން ދިޔަ ނަމަވެސް، އޭނާ ހުއްޓައެއް ނުލައެވެ.
“އަހަރެން ބޭނުންވަނީ، އަހަންނަށް ދަތި އުނދަގޫ ދުވަހެއް ކުރިމަތިވެއްޖެނަމަ، އަހިލްއަށް އުނދަގޫވެދާނެކަމުގެ ބިރަކާނުލައި އެ ވާހަކަ ހިއްސާކޮށްލެވޭނެކަން ޔަޤީންކުރަން. އަހަރެން ރޮއެފިއްޔާ، ކީއްވެގެންތޯ އަހާނެ މީހަކު ހުރިކަން އެނގެން. އަދި އާހިލް ކައިވެނިކުރި އަންހެނާއާމެދު އަދިވެސް ޝައުޤުވެރިކަމެއް އެބަހުރިކަން އިޙުސާސްވާން.”
އާހިލް ތަޅުންގަނޑާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. “އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް.”
“މައްސަލައަކީވެސް އެއީ.”
ސަނަމް އޭނާގެ ފޮތް ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އާހިލް ސިޓިންގރޫމުގައި އެ އިން ގޮތަށް އިނެވެ. ފުރަތަމަ ފަހަރަށް، ސަނަމްގެ މި ވާހަކަތަކަކީ ވަގުތީ ރުޅިއެއްގެ ގޮތުގައި ދޫކޮށްލާކަށް އާހިލްއަކަށް ފަސޭހައެއް ނުވިއެވެ. އެހެން ނަމަވެސް، އޭނާ ސަނަމްގެ ފަހަތަކުން ނުދިޔައެވެ. އަދި އެއްޒަމާނެއްގައި އާހިލްގެ ފިޔަވަޅުގެ އަޑަށް ކެތްމަދުވެފައި އިންތިޒާރުކުރި ސަނަމް، ފަހަތެއް ނުބަލައެވެ.
*****
ހަފުތާއެއް ފަހުން، ސަނަމްއަށް އޭނާގެ ކޮއްކޮގެ ފޯނު ކޯލެއް އައެވެ. ބައްޕަގެ ހާލު ރަނގަޅު ނޫން ކަމަށާއި، ޖެހިގެން އައި ދުވަހުގެ ހެނދުނު އެގެއަށް އައުމަށް މަންމަ އެދުނު ވާހަކަ ބުންޏެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ނަމަވެސް، ސަނަމްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.
އޭނާ ވަޒީފާގައި ހުރި އާހިލްއަށް ގުޅިއެވެ. އާހިލް ފޯނު ނެގީ އަވަސްއަރުވާލާފައެވެ.
“ކީކޭ؟”
“އާހިލް، ބައްޕަ ބަލިވެގެން މަންމަ ބުނެފި މާދަމާ އަންނާށޭ.”
“ދެން ދޭ.”
“އަހަރެން ހިތަށްއެރީ އާހިލްއަށްވެސް ދެވިދާނެޔޭ އަހަންނާއެކު.”
“ސަނަމް، މާދަމާ ހެނދުނު އަހަރެންގެ ވަރަށް މުހިންމު މީޓިންއެއް އެބައޮތް.”
“މެންދުރުފަހުން ދެވިދާނެތަ؟”
“ނޭނގެ. ބަލާނަން ވާގޮތެއް.”
ސަނަމް ފަސްޖެހުނެވެ. “މިދުވަސްކޮޅު ބައްޕަ ވަރަށް ބޮޑަށް ވަރުބަލިވޭ. އަހަރެން ހަމަ ބައްޕަ ދެކިލަން ބޭނުންވަނީ.”
“އަހަންނަށް ވިސްނޭ.”
އާހިލް އިތުރު އެއްޗެކޭ ބުނޭތޯ ސަނަމް އިންތިޒާރު ކުރިއެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.
“އެންމެ ރަނގަޅު.” ސަނަމް ބުންޏެވެ. “އަހަރެން އެކަނި ގޮސްދާނަން.”
“އޯކޭ. އަހަރެން މަސައްކަތަށް ދާންވެއްޖެ.”
ފޯނު ކަނޑާލުމަށްފަހު، ސަނަމް އެނދުގެ ކަނުގައި މަޑުމަޑުން އިށީނެވެ. އާހިލްގެ ޒިންމާތައް ހުންނާނެކަން އޭނާއަށް އެނގެއެވެ. ކަމެއް ވާއިރަށް ވަޒީފާ ދޫކޮށްލާފައި ނާދެވޭނެކަންވެސް އެނގެއެވެ. އެކަމަކު އޭނާ ބޭނުންވީ އާހިލްގެ އަޑުން ކަންބޮޑުވުމުގެ އަސަރެއް އިޙުސާސްވާށެވެ. ބައްޕައަށް އެއްވެސް އެއްޗެއް ބޭނުންވޭތޯ، ނުވަތަ ސަނަމް ބިރުގަނެފައި ހުރިތޯ އަހާލާށެވެ. ދިރިއުޅުން ދަތިވާ ވަގުތުތަކުގައި ކައިރީގައި ހުންނާނެކަމަށް އެއްދުވަހަކު ވަޢުދުވި ފިރިހެނާގެ އަޑު އަހާލާށެވެ.
ޖެހިގެން އައި ދުވަހު، ސަނަމް އޭނާގެ މައިންބަފައިންގެ ގެއަށް ދިޔައީ އެކަންޏެވެ. މާތް ﷲގެ ރަޙްމަތުން، ބައްޕަގެ ހާލު އައީ ރަނގަޅުވަމުންނެވެ. ޑޮކްޓަރު ލަފާދެއްވާފައިވަނީ އަރާމުކުރުމަށެވެ. އަދި މަންމަ ވަނީ ބޭސްތައް ހަމަޖައްސައިދީފައެވެ. ސަނަމް މުޅި ދުވަސް ހޭދަކުރީ ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމުގައެވެ. ބަދިގެ ސާފުކޮށް، މެންދުރުގެ ކެއުން ތައްޔާރުކޮށް، އަދި ބައްޕަ ކައިރީގައި އިނދެ ޑޮކްޓަރަށް ދެއްކި ވާހަކަތައް އަޑުއެހިއެވެ.
“މާ ބޮޑަށް ކަންބޮޑުނުވޭ.” ބައްޕަ އޭނާއަށް ބުންޏެވެ. “ބައްޕަ މިހާރު ކުރިން އުޅުނުހާ ޒުވާނެއް ނޫން. އެކަމަކު އަދި ދަރިފުޅުމެން ދޫކޮށްފައި ދާކަށް ނޫޅެން.”
ސަނަމްގެ ލޮލުން ކަރުނަ ފާއްދާލި ނަމަވެސް ހިނިތުންވެލިއެވެ. “ބައްޕާ، ތިކަހަލަ ސަމާސާ ނުކޮށްބަލަ.”
“އެހެންވިއްޔާ މުޅި ދުނިޔެ ނިމިގެން އުޅޭ ކަހަލަ މޫނެއް ހަދައިގެން ނީނދެބަލަ.” ބައްޕަ ސަނަމްގެ އަތުގައި ހިފާލިއެވެ. “އާހިލް ކޮބާ؟ ހާލު ކިހިނެއް؟”
އެ ސުވާލުން ސަނަމް ކުއްލިއަކަށް ހާސްވިއެވެ. “ރަނގަޅު.”
“ބައްޕަ ބަލިވި ވާހަކަ އޭނާއަށް އެނގޭތަ؟”
“އާނ.”
“އޭނާ އަންނަން ބޭނުންވިތަ؟”
ސަނަމް އިސްޖަހާލިއެވެ. “ވަޒީފާގެ ކަމެއް އޮތީ.”
ބައްޕަ އިރުކޮޅަކަށް ހިމޭންވިއެވެ.
(ނުނިމޭ)
