ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްދޫއާ އެއްވަރުވެ އީގަލްސްގެ ދުވެލި މަޑުޖެހިއްޖެ  
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ގައި އެ ޓީމު ކުޅުނު ކޮންމެ މެޗެއް ކާމިޔާބުކުރަމުން އައި ކުލަބް އީގަލްސް އާއި ދިއްދޫ ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެ އީގަލްސް މޮޅުވުމުގެ ސިލްސިލާ މަޑު ޖެހިއްޖެ އެވެ.

ދިއްދޫ ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު މި މެޗު އެއްވަރުވީ 2-2 އިން ނެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދިއްދުއަށެވެ. މެޗުގެ ނަތީޖާ އަނބުރާލަން ލިބުނު ރަނުގެ ފުރުސަތުގައި އެ ޓީމުގެ ޓެއްޓެހް ގިޑެއޮން ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ކީޕަރު ސާގިބު ހަނީފް ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އީގަލްސްއިން ނެވެ. 42 ވަނަ މިނެޓުގައި އީގަލްސްއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޖައިލަމް އެވެ. ޖައިލަމް މި ލަނޑު ޖަހާފައިވަނީ އީގަލްސްގެ ހާފު ތެރެއިން މެދުރޮނގު ކައިރިން އެ ޓީމުގެ އާމިރު ސޮއެއިބް ފޮނުވާލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ދިއްދޫ ޑިފެންޑަރުގެ ފައިދަށުން ދިޔަ ވަގުތު، ބޯޅަ ހޯދައި ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ދިއްދުއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ފުރަތަމަ ހާފުގައި ކުރެވޭވަރެއް ނުވި އެވެ.

ދެވަނަ ހާފުގައި ދިއްދޫއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. 53 ވަނަ މިނެޓުގައި ދިއްދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޗިއާ ފެލިކްސް ގްވައިން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ.

މިވެސް ކިޔާލަން:  ދަގަނޑޭ ޤައުމީ ޓީމަށް 100 ވަނަ މެޗު ކުޅެފި

މެޗުން މޮޅުވުމަށްޓަކައި ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި ދެން ވެސް ފެނުނީ ދިއްދޫގެ ލަނޑެކެވެ. ދިއްދޫއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 74 ވަނަ މިނެޓުގައި ޓެއްޓެހް ގިޑެއޮން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އީގަލްސްގެ ގޯލް ކުރިމައްޗަށް މުޙައްމަދު ސަނާއު ނަސީރު ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ގިނަ ރީނދޫ ކާޑްތަކެއް ފެނުނު މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ދެ ކުޅުންތެރިންނަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑް ވެސް ދައްކާފައިވެ އެވެ.

އީގަލްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 89 ވަނަ މިނެޓުގައި ވެން ޑޭވް ޖަހައިދިން ލަނޑުން ނެވެ. ވެން ޑޭވް މި ލަނޑު ޖަހާފައިވަނީ މުޙައްމަދު ސަމްހާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު އީގަލްސް އާއި ވިކްޓަރީ ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ދެ ޓީމަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީއަށް އެއްވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުން ނެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ރޭ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަން ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top