ބައެއް ވަކިވުންތަކަކީ ޒަމާންތައް ފާއިތުވެދިޔަ ނަމަވެސް، އެ ފަޅުކަން ފިލައިގެން ނުދާނެ ފަދަ ފުން އަސަރުތަކެއް ކުރުވާ ކަންކަމެވެ. ދުނިޔެ އޭގެ ހަލުވިމިނުގައި ކުރިއަށް ދެއެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެ، އަހަރެއް ފާއިތުވެދާއިރުވެސް، ދޫކޮށްފައި ދިޔަ ލޮބުވެތި ފަރާތްތަކުގެ ހަނދާންތައް ހިތުގައި ބިންވަޅު ނެގިފައި ހުންނަނީ އިއްޔެވީ ކަމެއް ފަދައިންނެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ފަރާތްތައް ހަނދާންވަނީ ވަރަށް ކުދިކުދި ކަންކަމުންނެވެ. އެއީ ފެންނަ ފޮޓޯއަކުން، ރައްކާކުރެވިފައިވާ އަޑަކުން، އެމީހަކު އެންމެ ގަޔާވި ކެއުމަކުން، ނުވަތަ އެކުގައި ހީނސަމާސާކޮށް އުޅުނު ތަންތަނުންނެވެ. ބައެއް ފަހަރު އެމީހުންގެ ބަސްތައް ހަނދާންވާއިރު، އަނެއްބައި ފަހަރު އެމީހުންގެ ހާޒިރުވުމާއި، އެ ގާތްކަމާއި، އެމީހުން އަޅުގަނޑުމެންގެ ގާތުގައި ތިބިކަން އެނގުމުން ލިބޭ ހިތްހަމަޖެހުމަށް ހިތް އެދެއެވެ.
މީގެ އިތުރުން، އެމީހުންނާ ނުލައި ފާހަގަކުރަންޖެހޭ އުފާވެރި މުނާސަބަތުތަކާއި، އާއިލީ ބައްދަލުވުންތަކާއި، ހޯދޭ ކާމިޔާބީތަކުގެ ވަގުތުތަކުގައި އެމީހުންގެ އުނިކަން އިޙުސާސް ކުރެވި، އެކަމުގެ ހިތާމަ އަބަދުވެސް ދެމިހުރެއެވެ.
ކަންތައްތައް ބަދަލުކޮށްލި އެ ހިތްދަތި ދުވަސް އަހަރަކަށް ފަހު އެނބުރި އައުމަކީ، ހިތާމައިގައިވާ އާއިލާތަކަށް ހަމައެކަނި ތާރީޚެއް ނޫނެވެ.
ނިޔާވިތާ އަހަރު ފުރޭ ދުވަސް ގާތްވަމުން އަންނައިރު، ކުރީގެ ހަނދާންތައް އާވެ، ހިތަށް ބާރުބޮޑުވެއެވެ. އެންމެ ފަހުގެ ވަކިވުމުގެ ވަގުތުތަކާއި، އޭގެ ފަހުން އައި ހަމަހިމޭންކަމާއި، ދިރިއުޅުން ދެން ދުވަހަކުވެސް ކުރިން އޮތް ގޮތަށް އިއާދަނުވާނެކަން އިޙުސާސްވުމުން، ހިތާމައިގެ އަސަރު ވަރުގަދަވެގެންދެއެވެ. ބޭރުފުށުން ހިނިތުންވެ ހުންނަ މީހާވެސް، ހިތުގެ އަޑީގައި ބަޔާންކުރަން ނޭނގޭ ފަދަ ވޭނެއް ތަހައްމަލު ކުރަމުންދާނެއެވެ.
ނަމަވެސް، ގިނަ ފަހަރަށް މީހުން ބުނެ އުޅެނީ އެކަން ހަނދާން ނައްތާލާފައި ކުރިއަށް ދިއުމަށެވެ. ބާރަ މަސް ދުވަހަކީ ހިތުގެ ޒަޚަމްތައް ފަސޭހަވާން ފުދޭ މުއްދަތެއް ކަމަށް ބައެއް މީހުން ދެކެއެވެ. އެހެނަސް، މިފަދަ ބަސްތަކުގެ ސަބަބުން، ލޮބުވެތި ފަރާތެއް ވަކިވުމުގެ ފުން ހިތާމައިގައިވާ މީހާގެ އެކަނިވެރިކަން އިތުރުވެގެން ދެއެވެ.
ހިތާމައިން އަރައިގަތުމަކީ ވަކި މުއްދަތަކަށް އޮންނަ ކަމެއް ނޫނެވެ. ބައެއް މީހުން ފާޅުގައި ކަރުނައަޅާއިރު، އަނެއްބައި މީހުން ހިތާމަކުރަނީ ހިމޭންކަމާއެކުގައެވެ. ބައެއް މީހުން މަސްއޫލިއްޔަތުތަކުގެ ސަބަބުން އަވަހަށް އާންމު ދިރިއުޅުމަށް ރުޖޫއަވާއިރު، އަނެއްބައި މީހުންނަށް ދިރިއުޅުމުގެ އާދައިގެ ކަންކަން ކުރުމަކީވެސް ބުރަ ކަމަކަށް ވެއެވެ. މިކަންކަމުން އެމީހަކު ދެކެވި ލޯބީގެ މިންވަރެއް ބަލައެއް ނުގަނެވޭނެއެވެ.
ދިރިއުޅުމުގައި ކުރިއަށް ދިއުމަކީ އެމީހަކު ހަނދާން ނައްތާލުމެއް ނޫނެވެ. އަދި ހިތާމައިން އަރައިގަތުމަކީ އެމީހަކު ދޫކޮށްލުމެއްވެސް ނޫނެވެ.
މީހަކަށް އަލުން ހީނސަމާސާކޮށް އުޅެވެނީ، އެމީހަކުދެކެ ވާ ލޯތްބަށް އެއްވެސް އުނިކަމެއް އައިސްގެންނެއް ނޫނެވެ. ދިރިއުޅުން ކުރިއަށް ދިއުމަކީ ލޯބި ނެތިގެން ދިއުމުގެ ނިޝާނެއް ނޫނެވެ. އެއީ އެ ހިތާމަ ހިތުގެ ކޮންމެވެސް ކަނެއްގައި ފޮރުވައިގެން، ދިރިހުރުމުގެ އުންމީދުގައި ކުރިއަށް ދާން ދަސްކުރުމެވެ.
މަރަކީ ކޮންމެ ދިރޭ ފުރާނައަކާވެސް ބައްދަލުކުރާނެ ހަޤީޤަތެކެވެ. ކޮންމެ ފުރާނައެއްވެސް އެނބުރި ދާނީ މާތް ﷲގެ ހަޟްރަތަށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ މިކަން ހަނދާންކޮށްދެއްވާފައެވެ. “ހަމަކަށަވަރުން، ތިމަންމެންނީ ﷲ އަށް މިލްކުވެގެންވާ ބަޔަކީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނީ އެކަލާނގެ ހަޟްރަތަށް އެނބުރިދާނޭ ބަޔަކީމުއެވެ.” (ސޫރަތުލް ބަގަރާ: 156).
އީމާންތެރިވުމަކީ ލޮބުވެތި ފަރާތެއް ވަކިވުމުން ހިތާމަ ނުކުރުމެއް ނޫނެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދިރިއުޅުއްވުމުން ފެންނަން އޮތީ، ލޮބުވެތި ފަރާތްތައް ވަކިވުމުން ހިތާމަކުރުމާއި ކަރުނައެޅުމަކީ އިންސާނީ ތަބީއަތެއް ކަމެވެ. އިސްލާމްދީން ބާރުއަޅަނީ ހިތާމައަށް ދެކޮޅު ނުހަދައި، ކެތްތެރިކަމާއެކު މާތް ﷲ އަށް ވަކީލުކުރުމަށެވެ.
ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ކަމަކީ ހެޔޮ ދުޢާ ކުރުމެވެ. އެމީހުންގެ ފާފަ ފުއްސެވުމަށާއި، ކަށްވަޅުގެ އަޒާބުން ސަލާމަތްކުރައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރުމެވެ.
އެމީހުންގެ ނަމުގައި ޞަދަޤާތް ކުރުމަކީވެސް އިސްލާމީ ތަޢުލީމުތަކުން އެނގޭ ފަދައިން މަރުވެފައިވާ މީހާއަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ފަގީރުންނަށް ކާބޯތަކެތި ދިނުމާއި، ދަތި ހާލުގައި އުޅޭ އާއިލާތަކަށް އެހީވުމާއި، މިސްކިތް ބިނާކުރުން ފަދަ ކަންކަމަކީ މަރުވެފައިވާ މީހާއަށްޓަކައި ކޮށްދެވޭނެ ހެޔޮ އަމަލުތަކެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ގޮތުގައި، އިންސާނާ މަރުވުމުން ތިން ކަމަކުން މެނުވީ އޭނާގެ އަމަލުތައް މެދުކެނޑިގެންދެއެވެ. އެއީ ދެމިގެންދާ ފަދަ ޞަދަޤާތެއް، ފައިދާހުރި ޢިލްމެއް، ނުވަތަ އެމީހަކަށްޓަކައި ދުޢާކުރާނެ ސާލިހު ދަރިއެކެވެ.
ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، ލޯބި ސާބިތުކޮށްދިނުމަށްޓަކައި ބޮޑެތި ޖާފަތްތަކާއި ހަފުލާތައް ބޭއްވުމަކީ އިސްލާމްދީން ލާޒިމްކުރާ ކަމެއް ނޫންކަމެވެ. ވަކި ތާރީޚެއްގައި އަހަރީ ރަސްމިއްޔާތުތައް ބޭއްވުމުގެ ބަދަލުގައި، އަހަރުގެ ކޮންމެ ދުވަހަކުވެސް އިޚުލާޞްތެރިކަމާއެކު ކުރާ ދުޢާ އާއި ހެޔޮ އަމަލުތަކުގެ ފައިދާ މަރުވެފައިވާ ފަރާތަށް ކުރާނެއެވެ.
އަޅުގަނޑުމެންނަށް އާދައިގެ ދުވަހެއްގައިވެސް އެމީހުންގެ މަތިން ހަނދާންކޮށް ދުޢާކުރެވިދާނެއެވެ. އަދި އެއްވެސް މީހަކަށް ނޭނގޭ ގޮތަށް ޞަދަޤާތެއް ދީ، އެމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދެންނެވިދާނެއެވެ.
މީހަކު ވަކިވުމުން، އެމީހެއްގެ ފަޅުކަމާއެކު ދިރިއުޅެން ދަސްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އާއިލީ ބައްދަލުވުންތައް ކުރިއާ ތަފާތުވެ، އާދަކޮށް ކުރާ ކަންކަން ބަދަލުވެ، އުފާވެރި ވަގުތުތަކުގައިވެސް އެމީހެއްގެ ހަނދާންތަކުން ހިތަށް އަސަރުކުރުވައެވެ.
އެހެނަސް، ވަކިވެދިޔަ ފަރާތްތަކުގެ އަސަރު އަޅުގަނޑުމެންގެ ދިރިއުޅުމުން ފިލައިގެން ނުދެއެވެ. އެމީހުންގެ ހިތްހެޔޮކަން އަޅުގަނޑުމެންގެ އަމަލުތަކުން ފެނެއެވެ. އެމީހުން ދިން ނަސޭހަތްތައް އަޅުގަނޑުމެންގެ ނިންމުންތަކުގައި ބޭނުންކުރެވެއެވެ. އަދި އެމީހުންގެ ހަނދާންތައް، އެމީހުންނާ ބައްދަލުނުވާ މީހުންނަށް ކިޔައިދޭ ވާހަކަތަކުން ދިރިހުރެއެވެ.
މުއުމިނުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސުވަރުގޭގައި އަލުން ބައްދަލުވާނެކަމުގެ އުންމީދެވެ. ކުރިމަގުގައި ވާނެ ގޮތް އަޅުގަނޑުމެންނަށް ނޭނގުނަސް، މާތް ﷲގެ ރަޙުމަތަށް އުންމީދުކޮށް، އަޅުގަނޑުމެންގެ ލޮބުވެތި ފަރާތްތަކަށްޓަކައި ދުޢާކުރުންމަތީގައި ދެމިތިބެވޭނެއެވެ.
އަވަހަށް ވަކިވެދިޔަ ލޮބުވެތި ފަރާތްތަކުގެ ހަނދާން އާކުރާއިރު، ގިނަގިނައިން ދުޢާކޮށް، ކުޅަދާނަވީ މިންވަރަކުން ޞަދަޤާތް ދީ، އެމީހުން ދޫކޮށްފައިދިޔަ ރީތި ހަނދާންތަކުގެ އަގުވަޒަންކޮށް، ލޯތްބާއެކު އެމީހުންގެ ނަންތައް ހަނދާންކުރަމާ ހިނގާށެވެ. އަދި އަޅުގަނޑުމެންގެ ވަށައިގެން ހިތާމައިގައި ތިބި މީހުންނަށް، އެކަމުން އަވަހަށް އަރައިގަތުމަށް ބާރު އެޅުމުގެ ބަދަލުގައި، އޯގާތެރިކަން އިސްކުރަމާ ހިނގާށެވެ. ބައެއް ފަހަރު، އެމީހުންގެ ވާހަކަ އަޑުއަހާލުމާއި، އެކުގައި ހަނދާންތައް އާކުރުމާއި، ގާތުގައި ހުރުމަކީ ދެވޭ ކޮންމެ ނަސޭހަތަކަށްވުރެ މާ އަގުހުރި ކަމެކެވެ.
ބައެއް މީހުން މި ދުނިޔެއާ ވަރަށް އަވަހަށް ވަކިވެދެއެވެ. ނަމަވެސް އެމީހުން ދިން ލޯތްބަކީ ދުވަހަކުވެސް ފިލައިގެންދާނެ އެއްޗެއް ނޫނެވެ.
އެ ލޯބި އަޅުގަނޑުމެންގެ ހަނދާންތަކާއި، ކުރާ ދުޢާތަކާއި، އަޅުގަނޑުމެން އާރާސްތުކުރާ ދިރިއުޅުމުގައި އަބަދުމެ ދެމިއޮންނާނެއެވެ. އެމީހުންނާނުލައި ދިރިއުޅެން އަޅުގަނޑުމެން ދަސްކުރަނީ އެމީހުން މަތިން ހަނދާން ނެތުމަކުން ނޫނެވެ. އެކަމަކު އަޅުގަނޑުމެންގެ ހިތުގެ އެންމެ ޚާއްސަ މަގާމުގައި އެމީހުންގެ ހަނދާންތައް އަބަދުވެސް ރައްކާކުރެވިފައިވާތީއެވެ.
މާތް ﷲ، އަޅުގަނޑުމެންނާ ވަކިވެ އެކަލާނގެ ހަޟްރަތަށް ރުޖޫއަވި ލޮބުވެތި އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވައި، ރަޙުމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އަދި ހިތާމައިގައިވާ ކޮންމެ ހިތަކަށް ކެތްތެރިކަމާއި ހިތްހަމަޖެހުން ދެއްވާށިއެވެ. އާމީން. ❤️🕊🤍
