“ނިޔާސާ އާދޭ އަހަރެންނާއިއެކު ސައިކްގަ ދާން. ދެން ތިބި އެންމެނަށް އެރޭނެއެއްނު ބަގީއަށް.” ނިޔާސާއަށް ގޮވާލަމުން ނިފާރު އެހެން ބުނުމާއިއެކު ސުނޭހާ ބަލާލި އެވެ. ނިފާރުގެ އެހެން ބުނުމުން ސުނޭހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަ ނަމަވެސް ނިފާރު އެކަމަކަށް ސަމާލުކަމެއް ނުދިނެވެ.
ރަށުގެ އަތިރިމައްޗަށް ވާގޮތަށް ހުރި ފަސްބުރީގެ ބޮޑު ގެސްޓްހައުސް ފެނުމާއިއެކު ނިފާރު ދިޔައީ ސިއްސައިގެން ނެވެ. ތަނުގެ ރީތިކަމާއި ފުރިހަމަކަން ބޭރުން ވެސް ފެންނަން ހުއްޓެވެ. އެމީހުނާއި ދިމާއަށް އައި ހައިފާ ފެނުނުއިރު ނިފާރުގެ ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ. އެންމެނަށް ސިއްރުން ކަރުނަ ފޮހެލަން ނިފާރު މަސައްކަތްކުރި ނަމަވެސް ހައިފާއަށް ފެނުނެވެ.
“ވާއޮ.. ސަޅި ތަނެއް.” ގެސްޓްހައުސްއާ ދިމާއަށް ބަލަހައްޓައިގެން ހުރި ސުނޭހާއަށް ބުނެލެވުނެވެ.
“އަހަރުމެން ބޭނުން މިތަން ބަލާލަން. އެކަން ވާނެތަ؟” ނިފާރަށް ބަލާލަމުން ޒުލޭޚާ އަހާލި އެވެ. ޒުލޭޚާގެ ވާހަކައިގައި ބައިވެރިވަމުން އެހެން ދެމީހަކު ވެސް އެކަމަށް އެދުނެވެ.
“ސައިބޯން ފަށަންވީނު. ބުފޭގަ ހުންނާނެ ހެނދުނު ސަޔަށް ބޭނުންވާ ސާމާނު. އިތުރު އެއްޗެއް ބޭނުން ވެއްޖެއްޔާ އެތަނުން މީހެއް ކައިރީ ބުނެލީމަ ގެނެސްދޭނެ.” ނިފާރުމެނާއި ދިމާއަށް އައި ހައިފާ ވާހަކަ ދެއްކި އެވެ.
މުޅި ސަރަހައްދުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ހިތްގައިމު ވަރަކަށް ވައި ޖެހެމުންދިޔަ އެވެ. ކުނިކަހާ ސާފުކޮށްލާފައިވާ އަތިރިމައްޗާއި ގޮނޑުދޮށުން ފެންނަމުންދިޔަ ހިތްގައިމުކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މާ ދުރުނޫން ހިސާބަކުން ފެންނަން އޮތް ސާފުތާހިރު މޫދާއި ކަނޑެވެ. ސައި ތައްޔާރުކޮށްފައި ހުރީ ގެސްޓްހައުސްއާ ދިމާއިން ހައްދާފައި ހުރި ބިޔަ ދިއްގާ ގަސްތައް ދަށުގަ އެވެ.
“ނިފާރަށް ސައި ނުދީގެން ބައްޕަ ހީވަނީ އެހެންފަދަ ކަމެއްހެން. އެހެންވެ އެހާ އަވަހަށް ގުޅީ ވެސް. ހިނގާ ސައިބޯން. އަހަރެން ވެސް ބައިވެރިވާނަން. ކަންތައްތައް ކިހިނެއް؟ މި ރަށް ކަމުދޭތަ؟” ނިފާރަށް ބަލާލަމުން ވާހަކަ ދެއްކި ހައިފާ މަޑުކޮށްލީ ނިޔާސާ ކައިރިއަށެވެ.
“ރަށް ކަމުދޭ. އެކަމު ތިހެދި އެއްޗަކުން މުޅި ދަތުރު ފަނިވެއްޖެ. ހަހަހާ.” ނިޔާސާ ހީނގަތުމާއިއެކު ދެން ތިބި މީހުން ވެސް ހީނގަތެވެ. އެ ސަރަކާތް ނިޔާސާ އާއި ދެންތިބި މީހުނަށް ކިތަންމެ މަޖާވި ނަމަވެސް ސުނޭހާއަކަށް ކަމަކު ނުދިޔަ އެވެ.
ހައިރާންވެފައި އިން ހައިފާއަށް ބަލާލަމުން ނިޔާސާ ވާހަކަ ދެއްކި އެވެ. ނިޔާސާ އެހެން ބުނީ މަޖަލަކަށްކަން އެނގުމުން ހައިފާ ހަމައަކަށް އެޅުނެވެ.
ސައިގެ ކަންތައް ނިންމާލުމަށްފަހު އެންމެން ވެސް ބޭނުންވީ ގެސްޓްހައުސް ބަލާލާށެވެ.
ފަސްވަނަ ފަންގިފިލާގައި ހުރި ކޮފީޝޮޕާއި ސްވިމިންޕޫލް ފެނުމުން އެތަނަށް އެރިލަން ބައެއް މީހުން ބޭނުންވި އެވެ. ރީތިކަމާއި ފުރިހަމަކަމަށް ބަލާނަމަ އެތަނުގެ ވާހަކަ ނުދައްކައެއް ނުވާނެ އެވެ. ވަށައިގެން ސަންބެޑު އަތުރާފައި ހުރިއިރު ކޮންމެ ދެ ސަންބެޑެއްގެ ދެމެދުގައި ކުޑައެއް ޖަހާފައި ހުއްޓެވެ. ކޮފީޝޮޕްގެ ކައުންޓަރު ކައިރީ އިށީނދެގެން ތިބެވޭހެން ހުރިއިރު ކޮންމެ ކުޑައެއް ކައިރީ ވެސް ކުޑަމޭޒެއް ހުއްޓެވެ. ސްވިމިންޕޫލުން އަރައި ފެންވަރާލަން ބޭނުންވެއްޖެނަމަ ފެންވެރޭނެހެން ދެ ޝަވަރު ވެސް ހުއްޓެވެ.
“ގެސްޓުން އަންނާނީ މާދަމާ. މިއަދު މެންދުރުފަހުން އަންނަންވީނު ސްވިމިންގްޕޫލަށް އެރިލަން.” އެމީހުންގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި ހުރި ހައިފާ އެމީހުން ބޭނުންވި ފުރުސަތު ދިނެވެ.
ވަލީދު ބުނި ފަދައިން ނިފާރު ބޭނުން ކޮންމެ ކަމެއް ކޮށްދިނުމަށް ހައިފާ ހުރީ ތައްޔާރަށެވެ. އޭނާގެ ރައްޓެހިން ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ ވެސް ނިފާރަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމުގައި ހައިފާ ދެކެ އެވެ.
ރަށުތެރެ ބަލާލުމަށް ނިފާރުމެން ނުކުތީ ހައިފާއާއެކު ބަގީގަ އެވެ. ހައިފާގެ ޢަމަލުތައް ހުންނަގޮތުންނާއި ބަސްމަގު ގެންގުޅޭ ގޮތުން ސުނޭހާ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ހައިފާއާ ދުރަށް ދިއުމަށް ސުނޭހާ ސިއްރުސިއްރުން ނިފާރަށް އަންގަމުންދިޔަ އެވެ.
ސުނޭހާ ދެމުންދިޔަ ސިގްނަލްތައް ނުފެންނަކަމަށް ހަދައިގެން ނިފާރު ހުރީ ގަސްދުގަ އެވެ. ސުނޭހާއާމެދު އޭނާގެ ވިސްނުން ބަދަލުވާން ފަށައިފި އެވެ.
ނިފާރުމެނަށް ގެއާ ހަމައަށް ދެވުނުއިރު މެންދުރުވުމާއި ގާތްވެއްޖެ އެވެ. ރަށުތެރެ ބަލާލާ މުހިންމު ތަންތަނުގެ ފޮޓޯ ނަގައި ބޭނުންވި މަޢުލޫމާތުތައް ލިބުމުން އެންމެން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.
“އެކެއް ޖަހާލާކަންހާއިރު ބަގީ ފޮނުވާނަން މީހުން ބަލާ. އެންމެން ވެސް ދާންވާނެ މެންދުރަށް ކާން.. ނިފާރު! ބައްޕަ ކައިރިއަށް ޖައްސައެއް ނުލާނަންތަ؟” ހައިފާ ބަލާލީ ނިފާރަށެވެ.
ހިތްހަމަނުޖެހުމާއިއެކު އެއްފަހަރު ހައިފާއަށް އަނެއް ފަހަރު ނިފާރަށް ބަލާލަ ބަލާލާ ހުރި ސުނޭހާގެ މޫނު ކިތަންމެ ރަނގަޅަކަށް ވެސް ނިފާރަށް ފެނުނެވެ. ނިފާރު ވިސްނުން ބަދަލުވީ އެ ހިސާބުން ނެވެ.
“ހިނގާ ދާން.” ކުރީ ސީޓަށް އަރައި ހައިފާ ކައިރީ އިށީންނަމުން ނިފާރު ވާހަކަ ދެއްކި އެވެ.
ހައިފާ އާއި ނިފާރު ހައިފާމެން ގެއަށް ދިޔައިރު ހައިފާގެ ބައްޕަގެ އިތުރުން ދުވަސްވީ އަންހެނަކު ވެސް ގޭތެރޭގައި އުޅުނެވެ. އޭނާއަށް ހައިފާ ފެނުމާއިއެކު ދަރިފުޅާއޭ ކިޔައި ގޮވާލި އެވެ.
އެއީ ހައިފާގެ މަންމަ ނާސިތާކަން ނިފާރަށް އެނގުނީ ހައިފާ ބުނުމުން ނެވެ.
“ނިފާރު! ހާލު ކިހިނެއް؟ ހާދަ ދުވަހެއް ކޮށްލާފައޭ މި ދިމާވީ. އަހަރުމެނަށް ނިފާރު ފެނުނުއިރު ވަރަށް ކުޑަވާނެ.” ނިފާރާއި ދިމާއަށް އަންނަމުން ނާސިތާ ވާހަކަ ދެއްކި އެވެ.
“ރަނގަޅު. ދައްތަމެން ކިހިނެއް؟” ނާސިތާއަށް ހިނިތުންވެލަމުން ނިފާރު އަހާލި އެވެ.
ވާހަކަ ދައްކަމުން ދައްކަމުން ގޭތެރެއަށް ވަދެގެން ދިޔަ ނިފާރާއި ހައިފާ މަޑުކޮށްލީ ވަލީދު އޮތް ސޯފާ ކައިރިއަށެވެ.
“ނިފާރު. ކަންތައްތައް ރަނގަޅުތަ؟ އެއްވެސް ކަމެއް ބޭނުންވެ ބުނަން ނުކެރި ނުހުންނާތި. މިއީ ހަމަ ނިފާރުގެ ވެސް ގެ. ހައިފާ ކައިރީ ބުނަން ނުކުރެންޏާ އަހަރެންނަށް ގުޅާލިޔަސް ރަނގަޅުވާނެ.” ނިފާރަށް ބަލާލަމުން ވަލީދު ވާހަކަ ދެއްކި އެވެ.
“ހައިފާ ބުނި ކާރު އެކްސިޑެންޓެއްގަ ބޭބެގެ އުނަގަނޑު ހަލާކުވި ވާހަކަ. އެތައް ބޭހެއް ކޮށްގެން ވެސް ރަނގަޅެއް ނުވިއޭ ވެސް ބުނި. ބޮޑުދައިތަ ކައިރިން އަހަރެންނަށް ދަސްވި އެންމެ މުހިންމު އެކައްޗަކީ ދިވެހި ބޭސްވެރިކަން. ޚާއްސަކޮށް ތެޔޮދެމުން. މާތް ﷲ ގެ އިރާދަފުޅާއިއެކު މިހާތަނަށް އަހަރެން ކުރި އެފަދަ ހުރިހާ މަސައްކަތެއް ވެސް ވަރަށް ކާމިޔާބު. އަހަރެންނަށް ވެސް ފުރުސަތެއް ދޭންވީނު.” ވާހަކަތައް ނިންމާލަމުން ނިފާރު ބަލާލީ ހައިފާއަށެވެ.
“ކޮލެޖް ސްޕޯރޓްސްމީޓްގަ އަހަރެންގެ ފައި ފުރޮޅިގެން މީހަކު ތެޔޮ ދަމައިދިން ވާހަކަ އަހަރެން ބުނީމެއްނު. އެއީ ނިފާރު. ނިފާރު އެބުނާހެން އޭނާއަށް ފުރުސަތެއް ދޭން އަހަރެންނަށް ވެސް ފެންނަނީ. އަޅެ މަންމަ ކީކޭ ބުނަނީ؟” ޖަވާބަކަށް އެދޭ ފަދައަކުން ނާސިތާއާ ދިމާއަށް ހައިފާ ބަލާލި އެވެ.
“ދަރިފުޅުމެންގެ މައްސަލައެއް ނެތިއްޔާ މަންމަގެ މައްސަލައެއް ނޯންނާނެއެއްނު.” ނާސިތާ ހިނިތުންވެލި އެވެ.
ހައިފާމެނާއި ވާހަކަ ދައްކަން އިން ނިފާރު ވާހަކަތައް މެދުކަނޑާލީ ފޯނު ރިންގުވާން ފެށުމުން ނެވެ. ބަލާލިއިރު ގުޅަނީ ސުނޭހާ އެވެ.
ފޯނަށް ޖަވާބު ދެމުން ނިފާރު ދުރަށް ޖެހިލި އެވެ.
“ނިފާރު! ކޮން އިރަކުން ގެއަށް އަންނަނީ؟ ކިހިނެއް ތި އުޅެނީ؟ އަހަރެން ކުރިމަތީ ތިހެން އުޅޭއިރު އަހަރެން ވާނެ ދެރަ އެންމެ ފަހަރަކު ވެސް ވިސްނާލީމުތަ؟ އަދިވެސް އެ ހައިފާ ކައިރީތަ ތީނީ؟ އަހަރެންނަށް ތި މަންޒަރު ބަލަން ކެތްނުވާނެކަން އެނގޭއިރު ކީއްވެ ތިހެން ތި ހަދަނީ؟” ސުނޭހާގެ އަޑުން ފާޅުވި ހިތާމައާއި ހިތްދަތިކަން ނިފާރުގެ ހިތާއި ކުޅެލި އެވެ.
“މިކަހަލަ ފުރުސަތެއް ލިބެނީ ވަރަށް މަދު ފަހަރަކު. ފުރުސަތުގެ ބޭނުން ހިފަންވާނެއެއްނު. މިހާރު މިހެން އުޅެލީމަ އަހަރުމެން އެންމެނަށް ވެސް ފަސޭހައެއްނު. މި ކަހަލަ ކަންކަމާ ބޯ ގޮއްވާ އެއްޗެއް ނޫން. ކޫލް ބޭބީ.” ސުނޭހާ ހަމައަކަށް އަޅުވަން ނިފާރު އިސްކަން ދިނެވެ.
ސުނޭހާއާ ވާހަކަ ދައްކަމުން ދައްކަމުން ބޭރަށް ނުކުތް ނިފާރު ގޭތެރެއަށް ވަނީ ދެތިން މިނިޓެއްހާއިރު ފަހުން ނެވެ.
“އަހަރުމެން ފުރާނަން މާދަމާ ހަވީރު. އަންނަ ވީކެންޑަށް ބަލަމާ ހިނގާ. ބުރާސްފަތި ދުވަހު ހަވީރަށް އަހަރެންނަށް ޖާގައެއް ހަމަޖައްސައިދީ. ދެތިން ދުވަހަކަށް ޗުއްޓީ ހަމަޖައްސާލާ ބައެއް ތަކެތި ހޯދާލަން ވެސް ވަގުތުކޮޅެއް ބޭނުންވާނެއެއްނު. އެކްސްރޭއެއް ނަގަންވާނެ. މިކޮޅުން ވެސް އެކަން ހަމަޖެހޭނެ އެއްނު.” ހައިފާމެން ތިން މީހުނަށް ބަލާލަމުން ނިފާރު ވާހަކަ ދެއްކި އެވެ.
“ރަނގަޅުވާނެ.” ނިފާރަށް ޖަވާބުދިނީ ހައިފާ އެވެ.
ވަލީދުމެނާއި ވާހަކަ ދައްކާލަން މަޑުކުރުމަށްފަހު ނިފާރާއި ހައިފާ ދިޔައީ ގެސްޓްހައުސްއަށެވެ.
“ނިފާރު އައިފަހުން ހައިފާ ވަރަށް ބަދަލުވެއްޖެ. ކުރިން ފެންނަމުންދިޔަ މާޔޫސީ ގޮތްގަނޑު އެއްކޮށް ފިލައިފި. އެ މޫނުމަތިން ފެންނަމުންދާ އުފަލާއި ހިތްހަމަޖެހުން ފެނި އަހަރެންގެ ހިތް އުފަލުން ފުރޭވަރުވޭ. އަލްޙަމްދުލިﷲ ޝުކުރު.” ވަލީދުގެ މަގަތުން އިށީން ނާސިތާ ހިނިތުންވެލި އެވެ.
ނާސިތާގެ ވާހަކަތަކަށް ވަލީދު ވެސް އެއްބަސްވި އެވެ.
މެންދުރުގެ ކެއުމަށް މީހުން ބަލައި ބަގީގަ ދިޔައީ ނިފާރެވެ. އެއްބަޔަކު ތައްޔާރުވަމުން ދިޔައިރު އަނެއް ބަޔަކު ތިބީ ތައްޔާރުވެ ނިމިގެންނެވެ.
“ވަރަށް ގަދަކޮށްފި. މީނާ އަހަރުންނާއިއެކު ދާނެބާ؟” ނިފާރު ގޭތެރެއަށް ވަނުމާއިއެކު ނާއިމް ދިމާކޮށްލި އެވެ.
“މަށަށް ޝައްކު.” ނާއިމްގެ ވާހަކައާ ބައިވެރިވަމުން ގިޔާސް ހިނިތުންވެލި އެވެ.
“ދެން ރަނގަޅުތާ. އަންނަމުން ވެސް ބުންޏޭ މިކޮޅުން ކަމެއް ކުރާނީއޭ.” ނިފާރަށް ބަލާލަމުން ސިޔާހް ހަނދާންކޮށްދިނީ ނިފާރު ދެއްކި ވާހަކަ އެވެ.
“ކަލޭމެން ދައްކާ ވާހަކަ. ތިޔަ ހީކުރާ ކަހަލަ ކަމެއް ނޫން މީ. ކޮލެޖް ދުވަސްވަރުގެ ރައްޓެއްސެއް އެއީ. ރަނގަޅަށް ބެލިއިރު އޭނާގެ ބައްޕަ މިވީ އަހަރެން ބައްޕަގެ މާ ގާތް ރައްޓެއްސަކަށް. އެހެންވެ އެވަރަށް އެ ބަލަނީ. ދެން ރަނގަޅުތާ. ފަސޭހަތަކެއް ވެސް ވެއެއްނު.” ކޮޓަރިން ނުކުތް ސުނޭހާއަށް ބަލާލަމުން ނިފާރު ނިންމާލި އެވެ.
ކެއުމަށް އިންސާފުކުރަމުން ދިޔައިރު ވެސް ސުނޭހާގެ ކަޅި ގިނަ ވަގުތު އަމާޒުވެފައި ހުރީ ހައިފާއަށެވެ. ނިފާރާއި ކައިރިވާ ކޮންމެ ވަގުތަކު ސުނޭހާގެ ކިބައިން ފެންނަމުންދާ ހިތްހަމަނުޖެހުން އިތުރުވަމުން ދިޔަ އެވެ. ހައިފާގެ ކޮންމެ ހަރަކާތެއް ވަކިވަކިން ސުނޭހާގެ ސިކުނޑީގައި ރައްކާކުރަމުންދިޔަ ކަހަލަ އެވެ.
“ނޫކުލައިގެ ޖިންސާއި ޕިންކް މަތިކޮޅު ރަނގަޅަށް ފާހަގަ ކުރާތި.” ހަމައެކަނި ހައިފާއަށް އަޑު އިވޭވަރަށް މަޑުމަޑުން ނިފާރު ބުނެލި އެވެ. އާނއެކޭ ބުނާ ފަދައަކުން ބޯ ޖަހާލުން ފިޔަވައި އެހެން ކަމެއް ހައިފާ ނުކުރެ އެވެ.
(ނުނިމޭ)
