ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ބާރަވަނަ ބައި
މުނިއަވަސް ގްރެފިކްސް

“ނޫކުލައިގެ ޖިންސާއި ޕިންކް މަތިކޮޅު ރަނގަޅަށް ފާހަގަ ކުރާތި.” ހަމައެކަނި ހައިފާއަށް އަޑު އިވޭވަރަށް މަޑުމަޑުން ނިފާރު ބުނެލި އެވެ. އާނއެކޭ ބުނާ ފަދައަކުން ބޯ ޖަހާލުން ފިޔަވައި އެހެން ކަމެއް ހައިފާ ނުކުރެ އެވެ.

“މިތަނުން ސަންބެޑެއްގަ ޖައްސާލިޔަސް އޯކޭވާނެތަ؟” އަތިރިމަތީގައި ހުރި ސަންބެޑްތަކަށް އިޝާރާތްކުރަމުން ހައިފާ ގާތު ސުނޭހާ އަހާލި އެވެ.

“އާނ. އޯކޭވާނެ. ހާދަ އަވަހަށް ނިންމާލީ. ކަމުނުދަނީތަ؟ އެހެން އެއްޗެއް ތައްޔާރުކޮށްލަން ބުނަންވީތަ؟” ހައިފާއަށް ލިބުނީ ހައިރާންކަމެވެ. ތައްޔާރުކޮށްފައި ހުރި ތަކެތީގެ މީރު ވާހަކައާއި ރަނގަޅު ވާހަކަ ދައްކަމުން އެހެން މީހުން ކެއުމާއިގެން އުޅެމުން ދިޔައިރު ސުނޭހާގެ މާބޮޑު ޝައުޤުވެރިކަމެއް ނެތެވެ.

“ތިޔަ ދޭ އެއްޗެއް ނިފާރަށް ކާންދީ.” ސުނޭހާގެ ކިބައިން ފެނުނު ހިތްހަމަނުޖެހުން ހައިފާގެ ހިތާއި ކުޅެލި އެވެ. ސުނޭހާ ކަންތައް ކުރިގޮތުން ނާއިމަށް ވެސް ލިބުނީ ހައިރާންކަމެވެ. ނާއިމް ތެދުވެގެން ގޮސް ސުނޭހާއާ ވާހަކަ ދެއްކި އެވެ.

ހައިފާގެ ފަރާތުން ފެންނަމުންދިޔަ ހިތްހެޔޮކަމާއި އެމީހުނާއިމެދު ބަހައްޓަމުންދިޔަ ގާތްކަމުގެ ސަބަބުން ސުނޭހާ ފިޔަވައި އެންމެން ވެސް ތިބީ ހިތްހަމަޖެހިފަ އެވެ. ހައިފާގެ ރަނގަޅުކަމަށް ތަޢުރީފުކުރުމާއި ޝުކުރު އަދާކުރުމަށް ގިނަ މީހުން އިސްކަން ދިނެވެ.

ކައި ނިންމާލުމަށްފަހު އެންމެން ވެސް އިސްކަންދިނީ އަރާމުކޮށްލާ ށެވެ. ކޮންމެ މީހަކު ސަންބެޑެއްގައި ޖައްސާލި އެވެ.

“ރެސްޓްކޮށްލައިގެން ކަލޭމެން ދަންޏާ ދޭ. އަހަރުން ގެއަށް ދާނީ އިރުއޮއްސުނީމަ. މޫދަށް އެރިލާ މަޖާކޮށްލާ ޕޫލަށް އެރިލާ އިރުއޮއްސޭ މަންޒަރު ވެސް ބަލާލާފަ ދާނީ.” ސަންބެޑް ހިފައިގެން އައިސް އަންހެނުން ކައިރީ ޖައްސާލަމުން ސާނިހް ވާހަކަ ދެއްކި އެވެ. ސާނިހްގެ ވާހަކައިގައި ބައިވެރިވެ އާނއެކޭ ބުނަމުން ފަރީޒާ ހިނިތުންވެލި އެވެ.

“ހަވީރު ސަޔަށް ދިވެހި ހެދިކާ ދޯ ގެންނާނީ. ގޭގޭގައި ތިބޭ އަންހެންވެރިން ތައްޔާރުކޮށްގެން ވިއްކާ ހެދިކާ ވަރަށް މީރުވާނެ. ބޭނުމިއްޔާ ޕިއްޒާއާ ސޭންޑްވިޗް ވެސް އިތުރުކޮށްލެވިދާނެ.” ނާއިމްމެނާއި ދިމާއަށް އައި ހައިފާ ބޭނުންވީ އެމީހުންގެ ޚިޔާލެއް ހޯދާށެވެ.

“ދިވެހި ހެދިކާ ގެންނަންޏާ އެހެން އެއްޗެއް ނުހެދިޔަސް ރަނގަޅުވާނެ.” ޝުކުރުވެރިކަމާއެކު ހައިފާއަށް ބަލާލަމުން ޒުލޭޚާ ޖަވާބު ދިނެވެ.

“އެބަ އަންނަން ގެއަށް ވަދެލާފަ.” ގެއާއި ދިމާއަށް ހިނގައިގަންނަމުން ހައިފާ ބަލާލީ ނިފާރަށެވެ.

“އޭތް. ކީއްވެ ނުދިޔައީ؟ އަވަހަށް ދޭ. ކޮލެޖް ދުވަސްވަރުގެ ރައްޓެއްސެކޭ ބައްޕައާ ބައްޕަ ރައްޓެހިއްޔޭ ކިޔައިގެން ރީތި ގަނޑެއް މީނަ ގަންނާނެހެން މަށަށް ހީވަނީ. ބޮނޑިއެއް ނުލިބި މިތަނުން ސަލާމަތްވިއްޔާ ކިތަންމެހާ ވެސް ރަނގަޅު.” ނިފާރަށް ގޮވާލަމުން ވާހަކަ ދެއްކި ސުނޭހާގެ ކިބައިން ފެނުނު ހިތްހަމަނުޖެހުން އެންމެނަށް ވެސް ފާހަގަވި އެވެ.

މިވެސް ކިޔާލަން:  ވޭނުގާ - ހަތްވަނަ ބައި

“ކައެ ޖޭވީތަ؟” ސުނޭހާއަށް ހިނިތުންވެލަމުން ނިފާރު އަހާލި ގޮތުން އެނގުނީ ސުނޭހާގެ އެ ހިތްހަމަނުޖެހުމާއިމެދު އޭނާ އެއްވެސް ވަރަކަށް ކަންބޮޑު ނުވާކަމެވެ.

“އަޗި. މަ އެބައުޅެންތަ ތި ކަހަލަ ރާއްޖެތެރޭ ކަޑަ ގޮލާގަނޑަކާ.” ނާއިމާއި ގާތްވެލަމުން ސުނޭހާ ބުނެލި އެވެ.

“އަހަރުމެން އަންނާނަން ތުނޑިއަށް ޖައްސާލާފަ. އެހެން މީހަކު ނުދަންތަ؟” ނާއިމް ބޭނުންވީ ސުނޭހާ ގޮވައިގެން އަވަހަށް އެތަނުން ދާށެވެ. ސުނޭހާގެ ބަސްމަގާއިމެދު ނާއިމް ހިތްހަމަނުޖެހުނު ނަމަވެސް މަސްލަހަތަށް ބަލާފައި އެއްޗެއް ނުބުނެ ހުރީ އެވެ.

“ކިހިނެއް މިވީ؟” ހައިރާންކަމާއިއެކު ނިފާރަށް ބަލާލަމުން ނިޔާސާ އަހާލި އެވެ.

ނިޔާސާއަށް ހިނިތުންވެލުން ފިޔަވައި އެހެން ކަމެއް ނިފާރު ނުކުރެ އެވެ.

ހައިފާ އައީ ގަޑިއެއްހާއިރު ފަހުން ނެވެ. އޭރު އޭނާ ހުރީ ހެދުން ބަދަލުކޮށް މޫދަށް އެރެން ތައްޔާރުވެގެން ނެވެ.

“ހިނގާ ޖެޓްސްކީ ދުއްވާލަން ދާން.” ނިފާރުމެނާއި ދިމާއަށް އައި ހައިފާ ވާހަކަ ދެއްކީ ނިފާރާ އެވެ.

މެންދުރުފަސް އެއްކޮށް ކަހަލަ ގޮތަކަށް ދިޔައީ މޫދުކުޅިވަރު ކުޅުމާއި ސްވިމިންގްޕޫލަށް އެރި މަޖާކުރުމުގަ އެވެ. ތުނޑިއަށް ދިޔަ ނާއިމާއި ސުނޭހާ އައީ ހަވީރުސަޔަށް އަންނަން ގުޅުމުން ނެވެ.

“އެކަމާ އަޅާލާ އެއްޗެއް ނޫން. އިރުކޮޅަކުން ހަމައަކަށް އެޅިދާނެ. އިވިފަ އޮތް އަޑެއްގެ ސަބަބުން މާބޮޑަށް ކަންބޮޑުވީމަ ވީގޮތެއް އެއީ. ވަރަށް ބޮޑަށް ސޮރީ.” ނިފާރާއި ގާތްވެލަމުން މަޑުމަޑުން ނާއިމް ވާހަކަ ދެއްކި އެވެ.

“އޯކޭ. އެކަމަކާ ނުވިސްނަން.” ނާއިމަށް ހިނިތުންވެލަމުން ނިފާރު ބުނެލި އެވެ.

ފަރީޒާމެން ބޭނުންވީ ރޭގަނޑުގެ ކެއުން އެމީހުން އަމިއްލައަށް ތައްޔާރުކުރަން ކަމަށްވާތީ ހައިފާ އެގޮތާއި އެއްބަސްވި އެވެ. އެމީހުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނެވެ. ކަމެއް ބޭނުންވެއްޖެނަމަ އަންގާލުމަށް ވެސް ބުންޏެވެ.

ރޭގަނޑަށް ކައިގެން ދިޔަގޮތަށް ނިފާރު އުޅުނީ ހައިފާމެން ގޭގަ އެވެ. ކުރަން ތައްޔާރުވަމުންދިޔަ ކަންތަކާއި ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާ ކުރުމާއި ބައްޕައާ ބެހޭގޮތުން އޭނާ ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމުގަ އެވެ.

އެގާރަ ޖަހަންވީރު އައިސް ގެއަށް ވަތް ނިފާރު އެދުނީ ކޮފީއަށް ދާށެވެ.

“ހޭވައްލާ ތައްޔާރު.” އަވަސްއަވަހަށް ކޮޓަރިން ނުކުންނަމުން ސިޔާހް ގޮވާލި އެވެ.

ބަނދަރުގެ އެއްކޮޅަށް ވާގޮތަށް ހިއްކާފައިވާ ބިމުގައި ހަދާފައިވާ ދެ ފަންގިފިލާގެ ރެސްޓޯރެންޓް ކިތަންމެހާ ވެސް ރީތިވެފައި ފުރިހަމަ އެވެ. މަތީފަންގިފިލާގައިވާ ހާމަބަޔަކީ އެތަނުގެ އެންމެ ހިތްގައިމު ބައެވެ. އެތަނުގައި ތިބޭއިރު ބަނދަރާއި ބަނދަރު ސަރަހައްދުގައި ހިނގާ ކަންކަން ފެންނާނެ އެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިއާއި ޖަހާފައިވާ މިއުޒިކްގެ މަޑުމަޑު އަޑު އެކުވުމުން ހިތްތަކަށް އިތުރު ހަމަޖެހުމެއް ގެނުވާ ފަދަ އެވެ.

މިވެސް ކިޔާލަން:  ގުނަވަންތަ – އަށްވަނަ ބައި

އެންމެފަހުގެ ވަސީލަތްތަކާއިއެކު ޔޫރަޕްގެ ޒުވާން ޖިންސްލަތީފުން ޚިދުމަތް ދެމުންދިޔަ އެތަނުގައި މިވަގުތު ތިބީ ފަތުރުވެރިންގެ ދެތިން ޖޯޑެވެ. ނިފާރުމެން އެތަނަށް ދިޔަތާ މާގިނައިރެއް ނުވަނީސް ހައިފާ އައިސްފި އެވެ. ނިފާރު ބުނިގޮތުގައި ކޮފީ ދެނީ ހައިފާ އެވެ.

“މާދަމާ ކޮންކަމެއް އޮތީ؟ ހަވީރުއެއްނު ފުރަނީ؟” ނިޔާސާގެ މަގަތުން އިށީންނަމުން ހައިފާ ވާހަކަ ދެއްކި އެވެ.

“އޭތް! މަ ރައްޓެއްސެއް ބުނި މިރަށުގެ އެކޮޅުގަ އޮވެޔޭ ވަރަށް ރީތި ފަޅުރަށެއް. ބޮޑު ބީޗަކާ ދިގުދިގު ތުނޑިއެއް ވެސް އޮވެޔޯ. ސުނޯކުލިންއަށް ޖައްސާލާ ކަހަލަ ބޮޑުފަޅެއް ވެސް އޮންނާނެއޭ ބުނި. އެއީ ކޮންމެ ވެސް ބަޔަކު ސާފުކޮށްގެން ބަލަހައްޓާ ރަށެކޭ ވެސް އޭނާ ބުނި. މާދަމާ އެ ރަށަށް ޖައްސާލަންވީނު.” ގިޔާސް ވާހަކަ ދެއްކީ ރަށުގެ ހުޅަނގުކޮޅަށް އިޝާރާތްކޮށްލަމުން ނެވެ. ގިޔާސްގެ އެ ހުށަހެޅުން އެންމެނަށް ވެސް ކަމުދިޔަ އެވެ.

“ސަޅި ގޮތެއް. ހެނދުނު ގޮއްސަ މެންދުރެއްކަން ހާއިރު އަންނާނީ. އެކެއް ޖަހާއިރަށް މެންދުރުގެ ކެއުމަށް މިތަނަށް އޯޑަރ ދީފަ ދާނީ.” ގިޔާސްގެ ވާހަކާގައި ބައިވެރިވަމުން ނާއިމް އިތުރުކޮށްލި އެވެ.

“ދޯނި ހަމަޖައްސަންވީތަ؟” ހައިފާ ބަލާލީ ނިފާރަށެވެ.

“މި ދަތުރު އަސްލު ފުރިހަމަވާނީ ފަޅުރަށަކަށް ވެސް ޖައްސާލެވިގެން. ކާކު ދޯނި ދުއްވާނީ؟” ސުނޭހާގެ ހިތުގައި އުފެދުނު ސުވާލަކީ އެއީ އެވެ. ދަތުރު ގޮސްގެން ނަމަވެސް ނިފާރާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދަން އޭނާ ބޭނުންވެ އެވެ. އެފަދަ ފުރުސަތަކަށް އޭނާ ހުރީ ކެތްމަދުވެފަ އެވެ. ނިފާރުގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުން އޭނާއަށް ލިބެމުންދާ ހިތާމަ އާއި ހިތްދަތިކަމުގެ ވާހަކަ ދައްކާ ޝަކުވާކުރަން އޭނާ ބޭނުމެވެ.

“ދޯނި ދުއްވަން އެންމެ ކުޅަދާނަ ވާނީ ސާނިހް. މިހާރު ވެސް އެންމެ ގިނަ ދުވަހު ދޯނި ދުއްވީ އޭނާ. ދެން ނާއިމް ވެސް ކޮންމެވެސް ވަރެއް ވާނެ ކަންނޭނގެ. އެކަމު ތަޖުރިބާ މާބޮޑަށް ވެސް މަދުވާނެ.” ސާނިހާއި ނާއިމަށް ބަލާލަމުން ޒުލޭޚާ ދައްކަންފެށި ވާހަކަތައް ނުނިމެނީސް އެންމެންތައް ހީނގަތެވެ. ފަރީޒާގެ ކިބައިން ކޮންމެވެސް ވަރަކަށް ލަދުރަކިކަން ފާޅުވި ނަމަވެސް އެއްޗެކޭ ނުބުނެ އެވެ.

މިވެސް ކިޔާލަން:  ވަންހަނާ ލޯބި - ތޭރަވަނަ ބައި

“ޒުލޭޚާ ހިތުން ތިކުރީ މަލާމާތެއް ދޯ؟ ދޯނި ދުއްވާނެ މީހަކު ހޯދާކަށް ނުޖެހޭނެ. އަހަރެންނަށް އެކަން ވާނެ.” އޭނާއަށް ދޯނި ދުއްވިދާނެކަމަށް ބުނަމުން ސާނިހް ހީނލި އެވެ.

“ލާންޗު ވެސް ހަމަޖެހިދާނެ. އޭރުން ހެނދުނުކޮޅު ގޮސް ތި މީހުން އެރަށަށް ލާފަ މެންދުރެއްކަންހާއިރު ބަލާ ދެވިދާނެ. އެގޮތް ކިހިނެއްވާނީ؟” އެހެން ގޮތެއް ވެސް ހަމަޖެހިދާނެކަން އަންގައިދިނުމުގެ ގޮތުން ހައިފާ ވާހަކަ ދެއްކި އެވެ.

“ހައިފާ ނުދާނަންތަ؟ އޭރުން ނިފާރު ވަރަށް ފޫހިވާނެ.” ހައިފާއަށް ބަލާލުމަށްފަހު ނިފާރަށް ބަލާލަމުން ގިޔާސް ދިމާކޮށްލި އެވެ.

“އައްދެ، ތީ ހަމަ ހީވާގޮތް. މާދަމާ ވަރަށް އުނދަގޫވާނެ ދާން. ސާޅީސް ގެސްޓުން އެބަ އާދޭ.” ގިޔާސަށް ހިނިތުންވެލަމުން ހައިފާ ވާހަކަ ދެއްކި އެވެ. އޭނާއާމެދު ގިޔާސަށް ވެގެން އުޅެނީ ކުށްހީއެއްކަން ވެސް އަންގައިދިނެވެ.

ކޮފީ ނިންމާލުމަށްފަހު ނިފާރުމެން ގެއާ ހަމައަށް ދެވުނުއިރު ބާރަޖަހާ ބޮޑުވެއްޖެ އެވެ. ނިފާރާއި ވާހަކަ ދައްކަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ހެނދުނު ސަޔަށް ދަޢުވަތު ދެމުން ހައިފާ އޭނާގެ ގެއާ ދިމާއަށް މިސްރާބު ޖެހި އެވެ.

ހައިފާ ގޮސް ލޯ ކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން ހުރުމަށްފަހު ގޯތި ތެރެއަށް ވަންނަން ނިފާރު ހިނގައިގަތެވެ.

ދޮރޯށިން އެތެރެއަށް ވަތް ވަގުތު ކުއްލިއަކަށް ކުރިމައްޗަށް ނުކުތް މީހާ ކޮށްލި ހަރަކާތާއިއެކު ނިފާރު ދިޔައީ ސިއްސައިގެން ނެވެ. ލިބުނު ސިހުމާއިއެކު ހަޅޭއްލަވައިގަނެވުނުއިރު އެމީހާގެ އަތްދަށުން ސަލާމަތްވާން ދުއްވައި ވެސް ގަނެވިއްޖެ އެވެ.

ނިފާރުގެ ހަޅޭކުގެ އަޑާއިއެކު އަންހެންވެރިން ދިޔައީ ސިއްސައިގެން ނެވެ. ލިބުނު ހައިރާންކަމާއެކު ހާސްކަމާއި ނުތަނަވަސްކަން ވަށާލި އެވެ. ވީ ކީއްހޭ ގޮވަމުން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. ހާސްވެ މާނޭވާ ލެވިފައިވާ ފަދައަކުން ހުރި ނިފާރު ފެނުމާއިއެކު ސުނޭހާގެ ދެ ލޮލުން ކަރުނަ ފާއްދާލައިފި އެވެ.

ނިފާރުގެ ފަހަތުން ހެމުންހެމުން ގޭތެރެއަށް ވަތް ސިޔާހާއި ގިޔާސް ފެނިފައި މީހުންތައް ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ. ހިނގައިގެން އުޅޭ ކަމެއް ހިނގައިގެން އުޅެނީ އެ ދެ މީހުންގެ ސަބަބުންކަން އެނގުނު ހިސާބުން ސުނޭހާ ވެސް ހަމައަކަށް އެޅުނެވެ.

“މިވަރުގެ މީހަކު ރަށްރަށަށް އަރާ އަންހެންކުދިން ގޮވައިގެން މި އެޅެނީ. ހީނހީނ ހަލާކުވާވަރު ވެއްޖެ.” ހެމުންހެމުން ގޭތެރެއަށް ވަދެގެން އައި ގިޔާސް ސޯފާތެރެއަށް ވެއްޓިގަތެވެ. ހީނހީނ ބަނޑަށް ގޮށެއް އަރައިގެން ކަހަލަ ގޮތަކަށް ސިޔާހް ގުދަށް އޮތްއިރު ނާއިމާއި ސާނިހް ވެސް ތިބީ ފާޑަކަށް ހެވިފަ އެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top