“އެހެން ކަމެއް ނެތް؟” ސުނޭހާއާ ދިމާއަށް ނިފާރު ހީނލިގޮތުން އޭނާގެ މަޤުޞަދު ސުނޭހާއަށް ވިސްނުނެވެ.
“ނިފާރު އެންމެ ލޯބިވާ.. އަހަރެން ވެސް.. ހުންނާނެ.” ސުނޭހާގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.
“އުނހު.. ބައިވަރު ގެސްޓްހައުސް ހުންނާނެ. ދިވެހިންގެ ހުނަރުވެރިކަން ދައްކައިދޭ ވަރަށް ފުރިހަމަ އެހާމެ ރީތި ނަންބޯޑެއް ވެސް އުތުރު ފަރާތު ބަނދަރުގައި ހުންނާނެ.” ނިފާރަށް ދޫކުރާކަށް ސުނޭހާ ބޭނުމެއް ނުވި އެވެ.
ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް ދެމީހުންކުރެ އެކަކަށް ވެސް ނޭނގެ އެވެ.
އިޝާ ނަމާދުން ފައިބައިގެން ނާއިމް ގެއަށް އައިއިރު ވެސް ސުނޭހާ ގެއަކަށް ނާދެ އެވެ. ދިޔަތަނެއް ނޭނގި އެހާ ގިނައިރު ސުނޭހާ ބޭރުގައި ވުމުން ކޮންތާކުތޯ ހުރީ ބަލާލަން ނާއިމް ގުޅި އެވެ.
“ލަސްވެގެން ގުޅަނީ ދޯ؟ ހިނގާ ދާން.” ސުނޭހާގެ ފޯނުން ނާއިމްގެ ނަން ފެނުމާއިއެކު ނިފާރު ބުނެލި އެވެ.
މެންދުރުފަހު ދޭއް ޖަހާ ބޮޑުވެއްޖެ އެވެ. މަސައްކަތްތައް ނިންމާލުމަށްފަހު އޮފީހުން ނުކުންނަންދިޔަ އައިޝާ ބަލާލީ ޔަޒީދާއަށެވެ. އޭރު ވެސް ޔަޒީދާ އިނީ ކޮންޕިއުޓަރަށް ބަލަހައްޓައިގެން ކޮންމެވެސް މަސައްކަތަކަށް ގެއްލިފަ އެވެ.
“ޔަޒީ! ގެއަށް ނުދާ ދުވަހެއްތަ؟” ޔަޒީދާއަށް ގޮވާލަމުން އައިޝާ އަހާލި އެވެ.
“އާނ. އޭނާއެއް ނުދާނެ ނިފާރު ނުދަނީހެއް.” އައިޝާގެ ފަހަތުން ނުކުންނަން އައި ސުލްތާނާ އޭނާއާ ބައިވެރިވި އެވެ.
“ތިހެން ކިޔައިގެން ވެސް ތިކަން ވާނެ ނަމައެއްނު.” އައިޝާ އާއި ސުލްތާނާގެ މަޤުޞަދު ޔަޒީދާއަށް ވިސްނުނެވެ. އެ މީހުންގެ ވާހަކައިގައި ބައިވެރިވަމުން ޔަޒީދާ ހީނގަތުމާއިއެކު ދެން ތިބި ދެ މީހުން ވެސް ހީނގަތެވެ.
ފިހާރައިގެ ޑިއުޓީއަށް ކަމަށް ބުނެ ގެއިން ނުކުތް ސުނޭހާ އިނީ ނިފާރާއިއެކު ރެސްޓޯރެންޓެއްގަ އެވެ. މިރެއަކީ ސުނޭހާ ޑިއުޓީއަށް ދާން ނުޖެހޭ ރެއެއް ކަމެއް ނާއިމް އާއި އޭނާގެ ޢާއިލާ މީހުންނަކަށް ނޭނގެ އެވެ.
“މާދަމާރޭ ދޯ ފުރަނީ؟” ނިފާރު ބަލާލީ ސުނޭހާގެ މޫނަށެވެ.
“އާނ. އެކަމާ ވަރަށް އުފަލުން އިންހެން ހީވަނީ.” ސުނޭހާގެ ކިބައިން ފެނުނީ ހިތްހަމަޖެހުމެވެ. ތަނުގައި ރަސްކަން ކުރަމުންދިޔަ މަޑުމައިތިރިކަމާއި ފަނޑު އަލިކަމަކީ ސުނޭހާއަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. އެފަދަ މާހައުލެއްގައި ނޫން ގޮތަކަށް ނިފާރާއި ބައްދަލުކުރާކަށް އޭނާ ބޭނުމެއް ވެސް ނުވެ އެވެ.
“އާނ. އުފާވާނެއެއްނު. މީގެ ކުރިން ދުވަހަކު ވެސް މިކަހަލަ ފުރުސަތެއް ނުލިބޭ ވިއްޔަ.. ވަރަށް މަޖާކޮށްލަން ވާނެދޯ؟” ސުނޭހާގެ އަތުގައި ފިރުމާލަމުން ނިފާރު ހިނިތުންވެލި އެވެ.
“ރަނގަޅު ފުރުސަތެއް ލިބެއްޖެއްޔާ.” ނިފާރުގެ ވާހަކައިގައި ސުނޭހާ ބައިވެރިވި އެވެ.
ސުނޭހާ ގެއަށް ދިޔައިރު ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލިބުނު ހިތްހަމަޖެހުމާއެކު ހިނިތުންވެލަމުން ސުނޭހާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރިއަށް ވަތްއިރު ނާއިމް އަދި ގެއަކަށް ނާދެ އެވެ.
އަވަސްއަވަހަށް ހެދުން ބަދަލުކޮށްލައިގެން އެނދަށް އެރި ސުނޭހާގެ މަޤުޞަދަކީ ނާއިމް އައުމުގެ ކުރިން ނިދުމެވެ. ކައިވެނިކޮށްގެން އުޅުނު ނަމަވެސް ނާއިމަކީ އޭނާއަކަށް އެހާ މުހިންމު މީހެއް ނޫނެވެ. އެކަން އެހެން މީހުނަށް ނޭނގެނީ އެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ސުނޭހާގެ ޚިޔާލުތައް ގުޅިފައިވަނީ ނިފާރާ އެވެ. ކުރަން އުޅޭ ދަތުރާއި ގުޅުވައިގެން ނިފާރު ދެއްކި ވާހަކަތަކާއިމެދު ސުނޭހާ ވިސްނަމުންދިޔަ އެވެ. ނިފާރު ބޭނުންވެގެން އެ އުޅޭ ފުރުސަތު އޭނާ ވެސް ބޭނުންވެ އެވެ. ނިފާރެކޭ އެއްފަދައިން އޭނާގެ ވެސް އުންމީދުތަކާއި ހިތްހަމަޖެހުން ގުޅިފައިވަނީ ނިފާރާ އެވެ. ނިފާރާނުލައި އޭނާއަކަށް އުފަލެއް ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ. ނިފާރާނުލައި އޭނާއަކަށް ނޫޅެވޭނެ އެވެ.
ޑިއުޓީ ނިންމާލުމަށްފަހު ނާއިމަށް ގެއަށް އާދެވުނުއިރު އެކެއް ޖަހާ ބޮޑުވެއްޖެ އެވެ. ކޮޓަރިއަށް ވަތްއިރު ސުނޭހާ އޮތީ ނިދާފަ އެވެ. ސުނޭހާ ނިދާފައި އޮއްވައި ގޮވާ ހެދުމަކީ ނާއިމް އެއްވެސް އިރެއްގައި ކުރާކަމެއް ނޫނެވެ.
ރޭގަނޑުގެ އަނދިރިކަމުގެ މައްޗަށް ދުވާލުގެ އަލިކަން ވެރިވާން ފެށުމާއިއެކު މާލެތެރެއަށް ހަލަބޮލިކަން ވެރިވާން ފެށި އެވެ. ފަތިސް ނަމާދުން މީހުންތައް ފޭބުމާއިއެކު ހަލަބޮލިކަން އިތުރުވެގެން ދިޔަ އެވެ.
ސުނޭހާއަށް ހޭލެވުނީ ގަޑީގެ އެލާމްގެ އަޑަށެވެ. އަވަސްއަވަހަށް ތެދުވަމުން ގަޑި ބަލާލިއިރު ހަތެއް ޖަހަނީ އެވެ. އޭރު ނާއިމް އަދި ނުހޭލަ އެވެ.
ރާނިޔާއާ ބައިވެރިވެ ބަދިގެތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ސުނޭހާ ދިޔައީ ޔަޒީދާގެ ކޮޓަރިއަށެވެ. ގޭގައި ޔަޒީދާ އުޅޭނަމަ ސުނޭހާ އޭނާގެ ކޮޓަރީގައި ހޭދަކުރާ ވަގުތަށްވުރެ ގިނަ ވަގުތު ހޭދަކުރާނީ ޔަޒީދާގެ ކޮޓަރީގަ އެވެ. ސުނޭހާ ގޮސް ޔަޒީދާގެ ކޮޓަރިއަށް ވަތްއިރު އޭނާ ހުރީ އޮފީހަށް ދާން ތައްޔާރުވާށެވެ.
“ހޫނ ހޫނ.. ހާދަ ވަސްގަނޑު ރަނގަޅޭ. މާ ރަނގަޅު ކަމެއް ލައްވާލީބާ؟” ސުނޭހާގެ ބޭނުމަކީ ކޮބައިކަން ނަގައިގަންނާކަށް ޔަޒީދާއަކަށް މާގިނަ ވަގުތެއް ބޭނުމެއް ނުވި އެވެ.
“ދޮންބެދައްތަ ދައްކާ ވާހަކަ. އޮފީހަށް ދާންވާނީ ރަނގަޅަށް ތައްޔާރުވެ ނަލަވެލައިގެނެއްނު.” ކަން އޮތީ ޔަޒީދާ ބުނިގޮތަށް ނަމަވެސް އެވާހަކަތައް ޤަބޫލުކުރާކަށް ސުނޭހާއަކަށް ފަސޭހައެއް ނުވި އެވެ. އޮޅުވާލަން ޔަޒީދާ ކިތަންމެ މަސައްކަތެއް ކުރިޔަސް ސުނޭހާއަކަށް އެ ތަޖުރިބާ އަލެއް ނޫނެވެ.
ނާއިމާއި އޭނާގެ ބައްޕަ ފާއިދު އަދާކުރަމުންދާ ވަޒީފާތަކުން ލިބެމުންދާ ބޮޑު މުސާރައިގެ އިތުރުން ގެއިން ކުއްޔަށް ދޫކޮށްފައިވާ ބައިތަކުން ވެސް އެތައް ފައިސާއެއް ނާއިމްގެ ޢާއިލާއަށް ލިބެ އެވެ. ހިންގަމުންދާ ދެ ފިހާރަ އާއި ކުއްޔަށް ދޫކޮށްފައިވާ ރެސްޓޯރެންޓުން ވެސް ލިބޭ އާމްދަނީ ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ރަނގަޅުވަމުން ނެވެ. ފައިސާއަކީ އެ މީހުންގެ އަތުގައި ހުރި އެއްޗެކެވެ. އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް ވެސް ޔަޒީދާއަށް އުޅެވިދާނެ އެވެ.
ސުނޭހާއެކޭ އެއްފަދައިން ޔަޒީދާއަކީ ވެސް އޭނާ އަމިއްލައަށް ބޭނުންވެގެން ވަޒީފާއަށްދާ ޒުވާނެކެވެ. އެއްވެސް އިރެއްގައި އޭނާއަށް ލިބޭ އާމްދަނީއާ ބެހޭގޮތުން އޭނާގެ ޢާއިލާއަކުން ސުވާލެއް ނުކުރެ އެވެ. މުސާރައިން ކުރަނީ ކީއްތޯ ވެސް އަހާނުލަ އެވެ.
މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތްތަކާއިގެން ހޭބޯނާރާ އުޅެމުން ދިޔައިރު، ވަގުތުތައް ފާއިތުވަމުން ދިޔަ ގޮތެއް އެނގޭހެނެއް ހިޔެއް ނުވެ އެވެ. އެމީހަކާއި އެމީހެކެވެ. ކޮންމެ މީހަކު ވެސް އުޅުނީ އެމީހެއްގެ ވާޖިބާއިގެން ނެވެ. އަނެކަކަށް ބަލާލާކަށް އެހީވެލާކަށް ވަގުތެއް ނެތެވެ.
ނިޔާސާ އާއި ގިޔާސް އަދި ޒުލޭޚާ ތިބީ އާ ހާބަރު ފުޑްކޯޓްތަކުން ފުޑްކޯޓެއްގައި މެންދުރަށް ކާށެވެ. ކެއުމާއިގެން މަޝްޣޫލްވެ ތިބި ނަމަވެސް ދެކެވެމުންދިޔަ ވާހަކަތަކަށް ހުއްޓުމެއް ނާދެ އެވެ. ކެއުމެކޭ އެއްފަދައިން ވާހަކަތައް ކުރިޔަށް ދިޔަ އެވެ.
“ކިހާއިރަކު ފުރަނީ؟” ނިޔާސާ ބަލާލީ ޒުލޭޚާއާ ދިމާއަށެވެ.
“ފަތިހު ހަތަރެއް ޖަހާކަންހާއިރު ފުރަން ކިޔާފަ އޮތީ. އެކަނި އަންނަން ކެރޭނެތަ؟” ނިޔާސާއަށް ޖަވާބު ދިނީ ގިޔާސް އެވެ. ނިޔާސާއަށް އެހީވާން ގިޔާސް ބޭނުންވީ ކަހަލަ އެވެ.
“ގިޔާސް ތިޔަ ހީކުރަނީ އަހަރެން އަންނާނީ އެކަނި ކަމަށްތަ؟” ގިޔާސާއި ދިމާއަށް ނިޔާސާ ބަލާލި އެވެ.
“ގިޔާސް ތިހެން ހުއްޓަސް ނިޔާސާގެ ހުރެޔޭ ބިޓެއް. އަހަރުމެނަށް ނުފެންނާތީ ދައްކާލަންވެގެން ބިޓު ގޮވައިގެން އަންނަނީ. ސަޅިއެއްނު.” ޒުލޭޚާގެ ވާހަކަތައް އަޑުއިވުމުން ނިޔާސާ ގާތަށް އައީ ހިންޏެވެ.
“އަހަރެންނާ ދިމާކުރާއިރު ތިމާމެން ތިބި ހާލާއިމެދު އެންމެ ފަހަރަކު ވެސް ވިސްނާލިބާ. މި މީހުން ހިތުން މިދެން މާ ކާމިޔާބު ބައެއް.” ޒުލޭޚާ އާއި ގިޔާސަށް ދޫކުރާކަށް ނިޔާސާ ބޭނުމެއް ނުވި އެވެ.
ސުނޭހާ ވިސްނަމުން ދިޔައީ ނިފާރާއި ބައްދަލުކުރާނެ ގޮތަކާއި މެދުގަ އެވެ. މިރޭ ފަތިހު ފުރަން ހަމަޖެހިފައިވާތީ ފުރުމުގެ ކުރިން އަދިވެސް ނިފާރާއި ވާހަކަ ދައްކާލަން އޭނާ ބޭނުމެވެ. ދަތުރުގެ ތެރެއިން ހަނި ފުރުސަތެއް ލިބުނަސް ނިފާރާއި ބައްދަލުކުރުމަކީ އޭނާ ބޭނުންވާ ގޮތެވެ. އެކަމާ އަދިވެސް މަޝްވަރާކުރަން ޖެހެ އެވެ. ނާއިމާއި ދަތުރުގެ އެހެން ބައިވެރިންނަށް ބަލަން ޖެހެ އެވެ. ނާއިމަށް އޭނާއާމެދު ޝައްކެއް ވާކަށް ވެސް ސުނޭހާ ބޭނުމެއް ނޫނެވެ.
ސުނޭހާއަށް ވަޒީފާ ހަމަޖެއްސިހާ ފަސޭހައިން ސުނޭހާގެ ޗުއްޓީ ކަންތައް ވެސް ނާއިމް ހަމަޖެއްސި އެވެ. ޗުއްޓީ ހަމަޖައްސާފައިވަނީ މިރޭ ވެސް ހިމަނައިގެން ކަމަށްވާތީ ބޭރަށް ދާން ދައްކާނެ ބަހަނާއެއް ސުނޭހާއަކަށް ނުވިސްނުނެވެ. ސީދާސީދާކޮށް ނޫނީ ނިފާރާއި މި ވާހަކަތައް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. ޒަމާނާއި ގުޅޭހެން މުއާސަލާތީ ވަސީލަތްތައް ތަރައްޤީވެ ކުރިއަރައިގެން ދިޔަ ނަމަވެސް އެޔަށް އިތުބާރުކޮށް ކޮންމެކޮންމެ ކަމެއް ކުރެވޭކަށް ނެތެވެ. ކޮންމެކޮންމެ ވާހަކައެއް ދެއްކުން ބުއްދިވެރިއެއް ނޫނެވެ. އެކަމުގެ ސަބަބުން އެތައް ގެއްލުމަކާއި ނުރައްކަލެއް އެތައް ބަޔަކާއި ކުރިމަތިވެފައި އެބަހުއްޓެވެ.
ދަތުރުގެ ތައްޔާރީތައް ނިންމާލުމަށްފަހު ނާއިމަށް ގެއަށް އާދެވުނުއިރު ނުވައެއް ޖަހަނީ އެވެ. ބޭރަށް ދާން ތައްޔާރުވެގެން ހުރި ސުނޭހާއާ ހަތަރުކަޅި ހަމަވި ވަގުތު ނާއިމަށް ހުއްޓުން އެރި އެވެ. ޒަމާނާއި އެންމެ އެކަށީގެންވާ ފަހުގެ ހެދުމެއްލައި ނުހަނު ރީތިކޮށް މޭކަޕް ކޮށްލައިގެން ހުރި ސުނޭހާގެ ރީތިކަމާއި ފުރިހަމަކަން މިރޭ އިތުރުވެފައިވާ ކަހަލަ އެވެ.
ނާއިމްގެ ކެތްތެރިކަން ކޮޅުންލި އެވެ. ދުރުގައި ހުންނާކަށް ހިތެއް ނޭދުނެވެ. މަޑުމަޑުން ސުނޭހާއާ ދިމާއަށް ދިޔަ ނާއިމް މަޑުކޮށްލީ ސުނޭހާގެ ފަހަތަށެވެ.
“ހާދަ ރީތިވެލައިގެން ކޮންތާކަށް ދާން؟” ސުނޭހާގެ ފުރަގަހުން ބައްދާލަމުން ނާއިމް އަހާލި އެވެ.
“ރައްޓެއްސަކު ވިހައިގެން ހޮސްޕިޓަލްގަ އޮތީމަ އޭނާ ކައިރިއަށް ޖައްސާލަން ކަމަށް.” މަޑުމަޑުން ނާއިމާއި ދުރަށް ޖެހިލަމުން ސުނޭހާ ޖަވާބު ދިނެވެ.
“މަޑުކޮށްލަންވީނު އަހަރެން ފެންވަރައިގެން އަންނަންދެން. ދެ މީހުން އެކުގައި ދާން.” ނާއިމް ހާމަކުރީ އޭނާ ބޭނުންވާ ގޮތެވެ.
“މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ. އަށެއް ޖަހާއިރު ދާނަމޭ ބުނި މީހާ އަހަރެން މީ. ދެން ދަނީ.” ސުނޭހާ މިސްރާބު ޖެހީ ކޮޓަރިން ނުކުންނާށެވެ.
ކަންތައްވީ ސުނޭހާ ބޭނުންވި އަދި އުންމީދު ކުރި ގޮތަށެވެ. ނާއިމަކީ އެއްވެސް އިރެއްގައި ސުނޭހާއާ ދެކޮޅަށް ވާހަކަ ދައްކާ މީހަކަށް ނުވާތީ މި ފަހަރު ވެސް އޭނާ އިތުރު އެއްޗެކޭ ނުބުނެއެވެ. ސުނޭހާ ދިޔަގޮތަށް ދިޔައީ އެވެ.
ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހީއްސުރެ ސުނޭހާ މަސައްކަތްކުރަމުން ދިޔައީ ނިފާރާއި ގުޅާށެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބި އެތައް ކޯލެއް މިސްވެގެން ދިޔަ އެވެ. ކުރިމަތިވަމުންދިޔަ ނާކާމިޔާބާއެކު މާޔޫސްކަން ލިބެމުންދިޔަ ނަމަވެސް ސުނޭހާ ހުއްޓައެއް ނުލަ އެވެ.
(ނުނިމޭ)
