ގޭގެ ބެލް ޖަހާލި އަޑަށް ދޮރު ހުޅުވާލީ އަޔާންއެވެ. ކުރިމަތީގައި ހުރި ޒޯޔާ ފެނުމުން އޭނާއަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ހަމައެއާއެކު އަޔާން ފެނުމާއެކު ފައިސަލްއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ނަމަވެސް އަޔާންއަކަށް ފައިސަލްއެއް ނޭނގުނެވެ.
“އަޔާން.” ފައިސަލްއަށް މަޑުމަޑުން ބުނެވުނެވެ.
ކިތަންމެ މަޑުން ބުނި ނަމަވެސް ޒޯޔާއަށް އެ އަޑު އިވުނެވެ. އޭނާ އެނބުރި ފައިސަލްގެ މޫނަށް ބަލައިލިއެވެ.
“ފައިސަލްއަށް އެނގޭތަ؟” ޒޯޔާ އަހާލިއެވެ. ހައިރާންވެފައި އެ ދެމީހުންނަށް ބަލަހައްޓައިގެން ހުރި އަޔާންގެ ނިތްކުރިއަށް ރޫއަރައިގެން ދިޔައެވެ.
“އެ ނަން ބުނީ ޒޯޔާގެ މަންމަ.” ފައިސަލް އެހެން ބުނެލުމުން ޒޯޔާ އަޔާންއާ ދިމާއަށް އެނބުރުނެވެ.
“އަން. މި.. މީ ރަތް ޓީޝާޓަށް.” ޒޯޔާ ވަރަށް ޖެހިލުންވެފައި އަޔާންއަށް ގިޓާ ދިއްކޮށްލިއެވެ.
“އަދިވެސް ރަތް ޓީޝާޓު؟” އަޔާން އަހާލިއެވެ.
އަޔާން ގިޓާގައި ހިފި ވަގުތު އޭނައަށް ކުރީގެ ހަނދާނެއް އަންނަން އުޅުނެވެ. ސިކުނޑިއަށް އުނދަގޫތަކެއް ވިއެވެ. ދެލޯ މަރާލުމާއެކު ނިތްކުރިއަށް ރޫތަކެއް އަރައިގެން ދިޔައެވެ. ބޮލުގައި ކުޑަ ރިހުމެއް އުފެދުނެވެ. ނަމަވެސް އޭނައަކަށް އެ ހަނދާނެއް މުޅިއަކުން ނައެވެ. ފެންނަނީ ފުސްކޮށެވެ. ކޮންމެވެސް މީހަކު އޭނައަށް ގިޓައެއް ދޭތަނެވެ.
“އާ ޔޫ އޯކޭ؟” އަޔާންއަށް ވީގޮތް ފެނި ފައިސަލް އަވަސްއަވަހަށް އަހާލިއެވެ. އަޔާންއަށް އެ ވީގޮތް އޭނައަށް އެނގެއެވެ. ކުރީގެ ކޮންމެވެސް ހަނދާނެއް އާވާން އުޅުނީއެވެ.
“އާނ. އައިމް އޯކޭ.” އަޔާން ބުނެލިއެވެ.
“އަހަރެން.. އަހަރެން މައާފަށް އެދެން. ވަރަށް ބޮޑަށް މައާފަށް އެދެން.” ޒޯޔާ އަޔާންގެ މޫނަށް ބަލައިލަމުން ހިތުގެ އަޑިން މައާފަށް އެދުނެވެ.
އިރުކޮޅެއް ވަންދެން ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. ބުނެދޭން ނޭނގުނަސް އެ ދެމެދުގައި ތަފާތު ގާތްކަމެއް ވާކަމަށް ދެމީހުންނަށްވެސް އިޙުސާސް ކުރެވުނެވެ.
ދެމީހުންގެ ހަރަކާތްތަކަށް ފައިސަލް ވަރަށް ފަރުވާތެރިކަމާއެކު ބެލިއެވެ. އެ ދެމީހުން ބައްދަލުވެ އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނުވަތަ ނުރައްކަލެއް ނެތްކަން ޔަގީންވުމުން ޒޯޔާއަށް އޭނާގެ މާޒީ ކިޔައިދޭންވީ ވަގުތު ޖެހުނީކަން އޭނައަށް އެނގުނެވެ.
އަޔާން ގާތުން އަދިވެސް އެއްފަހަރު މައާފަށް އެދުމަށްފަހު ޒޯޔާ ފައިސަލްއާއެކު ދާން ހިނގައިގަތެވެ.
*****
ޒޯޔާއާއި ފައިސަލް ދިޔަތަން ބަލަން ހުރެފައި އަޔާން ދޮރު ލައްޕާލާފައި އެތެރެއަށް ވަނެވެ. އޭނާ އެތެރެއަށް ވަތްއިރު، އަފްޒާ އާއި ރިޔާޒް ކޮޓަރިން ނުކުންނަނީއެވެ.
“ތި ގިޓާ، ތީ ކޮން ގިޓައެއް؟ ކާކު ދިން ގިޓައެއް؟” އަޔާންގެ އަތުގައި އޮތް ގިޓާ ފެނުމުން އަފްޒާއަށް އަހައިނުލާ ކެތެއް ނުވިއެވެ. އޭނާ ހުރީ ވަރަށް ޝައުޤުވެރިވެފައެވެ.
އަޔާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ ހުރީ އެ ގިޓައަށް ފުންކޮށް ބަލާށެވެ. އަނެއްކާވެސް އޭނާގެ ހަނދާނަށް އައީ މީހަކު އޭނާއަށް ގިޓައެއް ދޭތަނެވެ. މޫނު ސާފުނުވި ނަމަވެސް މިފަހަރު އެއީ އަންހެނެއްކަން ހަނދާންވިއެވެ.
“އޭތް އަޔާން. އަހަރެން އަޔާންއާއޭ މި ވާހަކަދައްކަނީ. ކާކުހޭ ތި ގިޓާ ދިނީ؟” އަފްޒާ އަޔާންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން އަނެއްކާވެސް އެހިއެވެ.
“ޒޯޔާ.” އަޔާން އެހެން ބުނެލުމާއެކު އަފްޒާގެ މޫނުމައްޗަށް ހިނިތުންވުމެއް އައެވެ. ރިޔާޒަށްވެސް ހައިރާންކަމާއެކު ހިނިތުންވެވުނެވެ.
“ޒޯޔާ ދިނީ؟ ޒޯޔާ މިތަނަށް، އަހަރެމެންގެ ގެއަށް އައީތަ؟” ރިޔާޒަށް އުފަލުން އަހާލެވުނެވެ.
“ޒޯޔާ ތި ގިޓާ ހިފައިގެން އައިމަވެސް، އަޔާން އޭނަ އެތެރެއަށް ވަންނާކަށް ނުބުނަންތަ؟ އަޔާން، މިއަދަކީ ކިހާ އުފާވެރި ދުވަހެއް. ކުޑަމިނުން އޭނަ އެތެރެއަށް ވަންނަން ބުނަންވާނެއެއްނު.” އަފްޒާ ބުނެލިއެވެ.
“ތިކަމާމެދު ނުވިސްނުނީ. އޭނަ އައިސް، މި ދީފަ މައާފަށް އެދިފައި ހިނގައްޖެ.” އަޔާން ބުނެލިއެވެ.
އަނެއްކާވެސް އޭނަ އެ ގިޓައަށް ބަލައިލިއެވެ. ކުރިން އޭނައަށް ގިޓާ ދިން މީހަކާމެދު އޭނަ ސުވާލު އުފެދިއްޖެއެވެ.
“ފަހަރީ، މީގެ ކުރިން އަހަންނަށް ގިޓައެއް ދިނީ ކާކު؟” އަޔާންގެ ސުވާލުން އަފްޒާ ކުޑަކޮށް ހިމޭންވިއެވެ. އޭނަގެ ހަނދާންތައް ތިން އަހަރު ކުރިއަށް ދަތުރުކުރިއެވެ.
*****
— ތިން އަހަރު ކުރި –
ބަދިގެ ތެރޭގައި ޒޯޔާ އާއި އަފްޒާ އުޅެމުންދިޔައިރު ޒޯޔާ އުޅެނީ ޕްރެޝަރ ކުކަރުގައި ކޭކެއް އެޅުމުގައެވެ. އެކަމުގެ ތެރޭގައި ޒޯޔާގެ އަތް ފިހުނެވެ.
“އައުޗް.” ޒޯޔާގެ ފިހިފައިވާ އަތަށް ބަލައިލަމުން އަފްޒާ އަވަސްއަވަހަށް އޭނާ ގެންގޮސް އައިސް އެޅިއެވެ.
“ވަރަށް ބޮޑަށް ފިހިއްޖެ. ކީއްވެތަ އަހަރެން ދައްކާ ވާހަކަ އަޑުނާހަނީ؟ ޒޯޔާ އެ އަވަން ގަންނަން ފައިސާ އެއްކުރީމެއްނު. އަދި ކިހާ ދުވަހެއް ވަންދެންތަ މިގޮތަށް ޕްރެޝަރ ކުކަރުގައި ކޭކު އަޅާނީ؟ މިހާރު ކުރިއަށްވުރެ ގިނައިން އޯޑަރުވެސް ލިބެއެއްނު. އަހަރެމެން މިރޭ ގޮސް އަވަން ގަންނަމާ ހިނގާ. އަހަންނަށް އެނގޭ މިހާރު އެހާވަރަށް ފައިސާ އެއްކުރެވިދާނެކަން.” އަފްޒާ ޒޯޔާ ގޮނޑިއެއްގައި ބައިންދަމުން ވާހަކަދެއްކިއެވެ.
އަފްޒާގެ ވާހަކައިން ޒޯޔާގެ މޫނުމަތީގައިވި ހިނިތުންވުން ޖެހިލުންވުމަކަށް ބަދަލުވިއެވެ.
“އެ ފައިސާ.. އަހަންނަށް އެ ފައިސާ ޚަރަދުކުރެވިއްޖެ.” ވަރަށް ޖެހިލުންވެފައި ޒޯޔާ ބުންޏެވެ.
“ޚަރަދުކުރެވިއްޖޭ؟ އެކަމަކު ކިހިނެއް؟” އަފްޒާ ހައިރާންވެފައި އަހާލިއެވެ.
“އިއްޔެ އަހަރެން އަވަން ގަންނަން ދިޔައިން. އެ ފިހާރަ ކައިރީގައި މިއުޒިކް ކުޅޭ ސާމާނު ވިއްކާ ފިހާރައެއް ހުރި. ފަހަރީ، އަހަރެން އަވަނުގެ ބަދަލުގައި އަޔާންއަށްޓަކައި ގިޓައެއް ގަތީ.” ޒޯޔާ ބުންޏެވެ.
“އަޔާންއަށްޓަކައި ގިޓައެއް ގަތީއޭ؟ އެކަމަކު ޒޯޔާ، އަސްލު އަވަނެއް ގަންނަންވީ. ގިޓައަކީ އަޔާންއަށް އަމިއްލައަށްވެސް ގަނެވިދާނެ އެއްޗެއްނު.” އަފްޒާ ފުން ނޭވައެއް ދޫކޮށްލަމުން ބުނެލިއެވެ.
“ފަހަރީ. އަހަރެން ބޭނުންވީ އަޔާންއަށް ސަޕްރައިޒެއް ދޭން. އެނގޭތަ، އަޔާންއަށް އެ ގިޓާ ފެނުނީމަ އޭނަގެ މޫނުމަތިން ފެންނާނެ އުފާވެރިކަން އެއީ އަހަންނަށް ފުދޭ މިންވަރެއް.” ޒޯޔާ އަފްޒާގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
“ތި ދެމީހުން ތީ ހަމަ އެއްކަހަލަ ދެ މޮޔައިން.” ބޯ ހޫރާލަމުން ހެމުންހެމުން އަފްޒާ ދިޔައެވެ.
*****
އަޔާން ގެއަށް އައިއިރު ޒޯޔާ ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަތްއިރު ކޮޓަރިއަކުވެސް ފެންނާކަށް ނެތެވެ.
“ޒޯޔާ، އެބައުޅެންތަ؟” އަޔާން ގޮވާލިއެވެ.
“އަހަރެން މިހިރީއެއްނު. ދެން ކޮންތާކަށްތަ އަހަރެން ދާނީ؟” ބެލްކަނިން ކޮޓަރި ތެރެއަށް ކުޑަކުޑަކޮށް ބަލައިލަމުން ޒޯޔާ ބުނެލިއެވެ. ހީވަނީ ސިއްރުން އުޅޭހެންނެވެ.
“ތި އާދެބަލަ. ކީއްވެތަ ފިލާ ތި ހުންނަނީ؟” އަޔާން ހައިރާންވެފައި އަހާލިއެވެ.
“ލޯ މަރާބަލަ.”
“އޭނ، އެ ކީއްކުރަން؟” އަޔާން ހައިރާންވިއެވެ.
“ދެން.. މަރާބަލަ.”
“ހޫމް، އެންމެ ރަނގަޅު. ޒޯޔާގެ ނިޔަތް އެހާ ރަނގަޅުހެނެއް ހިއެއްނުވޭ.” ލާނެތް ގޮތަކަށް ހީނލަމުން އަޔާން ބުނެލިއެވެ. ޒޯޔާ ދެލޯ ބޮޑުކޮށްލިއެވެ.
“ދެން އަޔާން. ތިހެން ނޫޅެ ލޯ މަރާބަލަ. ސަޕްރައިޒެއް ދޭންވެގެންނޭ.” ޒޯޔާ ބޮޑާ ހާކާލާގޮތް ދައްކަމުން ބުނެލިއެވެ.
“އެހެންތަ؟ ދައްކަބަލަ.” އަޔާން އަވަސްއަވަހަށް ބެލްކަންޏަށް އަންނަން ހިނގައިގަތެވެ.
“އޭތް ނޫން ނޫން. ތިތާ މަޑުކުރޭ. ލޯމަރާ.”
“އެންމެ ރަނގަޅު.” އަޔާން ލޯ މެރިއެވެ. ނަމަވެސް ވަގުވަގަށް އެއްލޯ ހުޅުވައިގެން ބަލަނިކޮށް ޒޯޔާއަށް ފެނުނެވެ.
“އަޔާން. މަކަރު ނުހަދާ. އެކޮޅަށް އެނބުރޭ.” ޒޯޔާގެ ބަހަށް އަޔާން އެނބުރުނެވެ.
ޒޯޔާ މަޑުމަޑުން ގިޓާ ހިފައިގެން އައިސް އަޔާންގެ ފަހަތަށް ހުއްޓުނެވެ. އޭނާ ހުރީ ގިޓާ އޭނާގެ ފުރަގަހަށް ލައިގެންނެވެ.
“ދެން އެނބުރިފަ ލޯ ހުޅުވިޔަސް އޯކޭ.”
އަޔާން އެނބުރި ލޯ ހުޅުވާލިއެވެ. އެއްވެސް އެއްޗެއް ނެތުމުން ބުމަ އަރުވާލިއެވެ. ޒޯޔާ ގިޓާ ދިއްކޮށްލީ ދެނެވެ. އަޔާންގެ މޫނުމައްޗަށް ހިނިތުންވުމެއް އައެވެ. އޭނަ ހަމަ ހަޤީޤަތުގައިވެސް ހައިރާންވިއެވެ. އުފާވިއެވެ. ނަމަވެސް ހަމަ އެހާ އަވަހަށް އެ ހިނިތުންވުން ފިލައިގެން ދިޔައެވެ.
“މީ ކޮން ތަނަކުން ލިބުނު އެއްޗެއް؟” އަޔާންގެ މޫނުން ފެންނަނީ ސީރިއަސްކަމެވެ.
“މި ލިބުނީ ކޮން ތަނަކުންތޯ، ކިހިނެއްތޯ، ތިހާ ގިނަ ސުވާލު ކުރަނީ ކީއްވެތަ؟ މީ އަހަރެން ހަމަ އަޔާންއަށް ޚާއްސަކޮށް ދޭ އެއްޗެއް. ބުނެބަލަ، ކިހިނެއްތަ އަހަރެންގެ ސަޕްރައިޒް؟” ޒޯޔާ ވަރަށް ބޮޑަށް ހެވިލާފައި އެހިއެވެ.
“މީގެ މާނައަކީ ކޮބާ؟ މިހާ ގިނަ ފައިސާ ޒޯޔާއަށް ލިބުނީ ކޮން ތަނަކުން؟” އަޔާންގެ ސުވާލާއެކު ޒޯޔާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.
“އަޔާން، މި ފައިސާ.. އަހަރެން..”
“މަންމަ އަތުން ދޯ؟” އަޔާން އެހެން ބުނެލުމާއެކު ޒޯޔާ އަޔާންއަށް ބަލައިލިއެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
“ޒޯޔާ، ކަލޭގެ މަންމަ އަތުން ފައިސާ ހޯދުމަކީ އަހަރެން އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫންކަން ހަމަ ރަނގަޅަށް އެނގެއެއްނު.” އަޔާން ހިތްހަމަނުޖެހިފައި ބުންޏެވެ.
“އަހަރެން މަންމަ އަތުން ފައިސާއެއް ނުނަގަން. އަދި ބައްޕަ އަތަކުންވެސް ނުނަގަން. މީ އަހަރެން އަވަން ގަންނަން އެއްކުރި ފައިސާ. އަވަނުގެ ބަދަލުގައި އަހަރެން އަޔާންއަށް ގިޓައެއް ގަތީ. ތީ އެއްވެސް ވަރަކަށް ވިސްނާނުލާ އެއްޗެހި ބުނާ މީހެއް. އަހަރެންގެ އިޙުސާސްތަކަށް އެއްވެސް ޤަދަރެއް ނެތް ދޯ؟” ޒޯޔާ ހިތްހަމަނުޖެހުމާއެކު ހިތުގައިވެސް ޖެހުނެވެ.
“މީ އަހަރެން ނުވިސްނާ ބުނާ އެއްޗެއް ނޫނޭ ޒޯޔާ. ކުރީ ފަހަރުވެސް އަހަރެންގެ އުފަންދުވަސް ފާހަގަކުރަން މަންމަ އަތުން ފައިސާ ނެގީމެއްނު. އެފަހަރުވެސް ކަންތައް ވީގޮތް އެނގެއެއްނު. އެހެންވެ އަހަރެން ހީކުރީ..”
“ކީކޭ ހީކުރީ؟ މިފަހަރުވެސް އަހަރެން މަންމަ އަތުން ފައިސާ ނެގީ ކަމަށް ދޯ؟ އަހަންނަށް ދުވަހަކުވެސް ފައިސާއެއް އެއްނުކުރެވޭނެ ކަމަށްތަ؟” ޒޯޔާ އެހެން ބުނަމުން ގޮސް ބެލްކަންޏަށް ނުކުތެވެ.
“ޒޯޔާ، އަހަރެން ބުނާ އެއްޗެއް އަޑުއަހާބަލަ.” އަޔާން ބެލްކަންޏަށް ނުކުމެ ޒޯޔާގެ އަތުގައި ހިފައި އޭނައާ ދިމާލަށް އަނބުރާލަމުން ބުންޏެވެ.
“ޒޯޔާ، މި ގިޓާ ގަތީ އަވަން ގަންނަން އެއްކުރި ފައިސާއިންކަން އެނގުނީމަ އަހަރެން އަދި މާބޮޑަށް ދެރަވެއްޖެ. އަހަންނަށް ތި ކޭކު ވިއްކައިގެން މި ފައިސާ އެއްކުރީ ކިހާ ބުރަ މަސައްކަތަކުންކަން. މިގޮތަށް ފައިސާ ހުސްކުރަންޏާ ޒޯޔާގެ ކެފޭ ހުޅުވުމުގެ ހުވަފެން ހަޤީޤަތަކަށް ހަދާނީ ކިހިނެއް؟” އަޔާން ޒޯޔާއަށް ވިސްނައިދިނެވެ.
“ދެން އަޔާންގެ އުފާވެރިކަމޯ؟” ޒޯޔާ އަޔާންގެ ލޮލަށް ބަލައިލަމުން އަހާލިއެވެ.
“އަހަރެންގެ އުފާވެރިކަން ވަނީ ޒޯޔާއާއެކު. މި ގިޓައަކީ އަހަންނަށް ކޮންމެހެން ބޭނުން އެއްޗެއް ނޫން. މިއާ ނުލައިވެސް އަހަންނަށް އުޅެވިދާނެ. އެކަމަކު އެ އަވަނަކީ ޒޯޔާއަށް ކޮންމެހެން ބޭނުންވާ އެއްޗެއް. އެ ކުކަރުގައި ކޭކު އަޅަނިކޮށް މި ރީތި އަތް ކިތައް ފަހަރު ފިހެނީ؟” ޒޯޔާގެ އަތުގައި މިއަދު ފިހުނު ތަނުގައި މަޑުމަޑުން ފިރުމާލަމުން އަޔާން ބުނެލިއެވެ. ޒޯޔާ އަޔާންއަށް ބަލަން ހުރީ ވަރަށް ލޯބިވެތި ނަޒަރަކުންނެވެ.
“ޒޯޔާ، ކަލޭ އެ އަވަނުގެ ގިޓާ ގަތީ ކީއްވެ؟ ކީއްވެތަ އަހަރެންދެކެ ތިހާ ލޯބިވަނީ؟ މޮޔަ ކުއްޖާ.” ޒޯޔާއަށް ބަލައިލަމުން ހިނިތުންވެލާފައި އަޔާން ބުނެލިއެވެ.
“މޮޔައީ އަހަންނެއް ނޫން. މޮޔައީ އަޔާން. ހަމަ އައިސް އަހަންނާ ދިމާލަށް އެއްޗެހި ކީ.” ޒޯޔާ މޫނު ހަދާލަމުން ދުރަށް އެނބުރުނެވެ.
އަޔާން ފަހަތުން އައިސް ޒޯޔާގެ ކޮނޑުގައި ދަތްދޮޅި ވިއްދާލަމުން އުނަގަނޑުގައި އަތް ވަށާލިއެވެ.
“މައާފްކުރޭ. ދެން ދުވަހަކުވެސް މިހެންނެއް ނުވާނެ.” އަޔާން މައާފަށް އެދުނެވެ.
“ތިހެން ބުނެލީމަ ނިމުނީކީ ނޫން.” ޒޯޔާ އަތް ދިއްކޮށްލަމުން ވަޢުދުވުމަށް ބުންޏެވެ.
“އަހަރެން ވަޢުދުވަން.”
“ލަވް ޔޫ.”
“ލަވް ޔޫ ޓޫ.” އަޔާން ޒޯޔާގެ ކޯތާފަތުގައި ބޮސްދިނެވެ.
ކޮޓަރީގެ ބެލްކަންޏަށް ނުކުމެ ހުރި އަފްޒާއަށް އެ ދޭތެރޭ އެ ހިނގި ކަންތައްތަކާއި އެ ދެމީހުންގެ ލޯބި ފެނިފައި ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނެވެ.
*****
އަފްޒާއަށް ޚިޔާލުތަކުން ނުކުމެވުނީ އަޔާން އޭނާގެ ކޮނޑުގައި ކޮއްޓާލީމައެވެ.
“ފަހަރީ. ކޮން ޚިޔާލަކަށް ގެއްލިފައި؟ އަހަރެން އެހީ އަހަންނަށް ކުރިން ގިޓާ ދިނީ ކާކުހޭ؟” އަޔާން އެހިއެވެ.
އަފްޒާ އެއްޗެކޭ ބުނުމުގެ ކުރިން ރިޔާޒަށް ބަލައިލިއެވެ. ރިޔާޒްވެސް އަފްޒާއަށް އިޝާރާތެއް ކޮށްލިއެވެ.
“އަޔާން. އެއީ..”
(ނުނިމޭ)
