ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އިޚްލާޞްތެރިކަމާއެކު ޙައްޤު ގޮތުގައި ތިބެން ދަރިންނަށް ކިޔައިދިނުް 
މުނިއަވަސް ގްރެފިކްސް

މީހުންގެ މެދުގައި މަޤުބޫލުވުމަކީ ހަޤީޤަތުގައި ސާބިތުވެ ހުރުމަށްވުރެ މުހިންމު ކަމެއް ކަމަށް ދެކޭ މިޒަމާނުގައި، މަޤުބޫލުކަމަށްވުރެ އަޚްލާޤަށާއި، އެކުވެރިންގެ ނުފޫޒަށްވުރެ އީމާންތެރިކަމަށް އިސްކަންދޭ ދަރިންތަކެއް ބިނާކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެކެވެ.

ކުދިން ބޮޑެތިވަމުން އަންނަވަރަކަށް، އެހެންމީހުންގެ މެދުގައި ބަލައިގަންނަ ބަޔަކަށް ވުމަށް އޮންނަ ލޯތްބަކީ އެކުދިންގެ ނިންމުންތަކަށާއި، ރަޙުމަތްތެރިކަމަށާއި، ގެންގުޅޭ އުސޫލުތަކަށް ނުފޫޒު ފޯރުވާ ކަމެކެވެ. ބައެއް ފަހަރު އަނެކުންނަށް ދެރަވާ ފަދަ ސަމާސާތަކުގައި ބައިވެރިވެ ހީނ، މީހަކަށް ގޯނާކުރާއިރު އެއްޗެކޭ ނުބުނެ ހަނުހުރުން ނުވަތަ ކަމެއް ގޯސްކަން އެނގިހުރެމެ ގިނަ މީހުން އުޅޭގޮތަށް އުޅެން އެކުދިންނަށް މަޖުބޫރުވެއެވެ. ބައެއް ހާލަތްތަކުގައި، އެކަހެރިވެދާނެކަމުގެ ބިރު، އަމިއްލަ އުސޫލުތަކުގައި ސާބިތުވެހުރުމުގެ ހިތްވަރަށްވުރެ ވަރުގަދަވެއެވެ.

ހެޔޮލަފާވުމަކީ ކޮންމެހެން ހުރިހާ އެންމެންނާ އެއްބަސްވުން ނޫންކަމާއި، އަދި އެއްވެސް ތަނަކުން ޖާގަ ހޯދުމަށްޓަކައި އަމިއްލަ އިޚްލާޞްތެރިކަމާއި އަބުރު ޤުރުބާންކޮށްގެން ނުވާނެކަން މައިންބަފައިން ދަރިންނަށް ދަސްކޮށްދޭންޖެހެއެވެ. ހަޤީޤީ އިތުބާރަކީ އަޑުއަހަންވީ ވަގުތު ދެނެގަތުމާއި، ގޯހެއް ހެދުމުން އެކަމަށް އިޢުތިރާފުވުމުގެ މަޑުމޮޅިކަން ހުރުމާއި، އަދި ބޭއިންސާފާ ދެކޮޅަށް ތެދުވުމުގެ ހިތްވަރު ހުރުމެވެ.

މިކަމުގައި އިސްލާމްދީނުގައި މަތިވެރި ފިލާވަޅުތަކެއް ވެއެވެ. ސޫރަތުއްނިސާގެ 135 ވަނަ އާޔަތުގައި، އަމިއްލަ ނަފްސާއި ގާތްތިމާގެ މީހުންނާ ދެކޮޅަށްވީ ނަމަވެސް، ޢަދުލުވެރިކަން ދެމެހެއްޓުމަށް މުއުމިނުންނަށް އަމުރުކުރައްވާފައިވެއެވެ. ހަމައެފަދައިން، ސޫރަތުލް މާއިދާގެ 2 ވަނަ އާޔަތުގައި، ހެޔޮކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަށާއި، ފާފަވެރިވުމާއި އުދުވާނީ ކަންކަމުގައި އެހީތެރި ނުވުމަށް އަންގަވާފައިވެއެވެ. މި އުނގަންނައިދިނުންތަކަކީ، ރަޙުމަތްތެރިކަމަކީ ގޯސް ކަންކަމުގައި ބައިވެރިވުން ނޫންކަމާއި، ވަފާތެރިކަމަކީ އަނިޔާވެރިކަމާއި ގޯސް އަމަލުތައް ދިފާޢުކުރުމަށް އޮތް ބަހަނާއަކަށް ވެގެން ނުވާނެކަން ކުދިންނަށް ހަނދާންކޮށްދޭ ކަންކަމެވެ.

މިވެސް ކިޔާލަން:  ކޮންމެ ކުލައެއްގައިވެސް ރީތިކަމެއް ވެއެވެ.

އެހެންނަމަވެސް، މި އަގުތައް ފެށެންޖެހެނީ ގޭތެރެއިންނެވެ. މައިންބަފައިން ތެދުވެރިވުމަށް ނަސޭހަތްދީފައި އަމަލުން މަކަރުވެރިވާނަމަ، ނުވަތަ އިޙްތިރާމްކުރުމަށް ބުނެފައި އަނެކުން ނިކަމެތިކުރާނަމަ، ނުވަތަ ދެބައޮޑުވުމާ ދެކޮޅަށް ވާހަކަދައްކާފައި އަމަލުން އެކަން ކުރާނަމަ، ދަރިން އެކަންކަން ފާހަގަކުރާނެއެވެ. އަޅުގަނޑުމެންގެ އަމަލުތައް މި އުސޫލުތަކާ ފުށުއަރާނަމަ، ދަރިންގެ ކިބައިން ހިތްވަރާއި އިޚްލާޞްތެރިކަމެއް ނުފެންނާނެއެވެ. ރީތި އަޚްލާޤަކީ ހަމައެކަނި ދައްކާ ވާހަކައަކަށްވުރެ ބޮޑަށް، އަމަލުން ދައްކަންޖެހޭ ކަމެކެވެ.

ސޯޝަލް މީޑިއާގެ އޮއިވަރާއި، އިންޓަނެޓްގެ ޒަރީޢާއިން ކުރިމަތިވާ ފުރައްސާރައާއި، އަބަދުވެސް މީހުންގެ ރުހުން ހޯދުމަށް މަސައްކަތްކުރާ މި ޒަމާނުގައި، މަޤުބޫލުކަމާއި ހެޔޮކަމާ ދެމެދު ހުރި ތަފާތު ދެނެގަތުމަށް ދަރިންނަށް އިރުޝާދު ބޭނުންވެއެވެ. ޙައްޤު ގޮތުގައި ތެދުވުމަކީ ކޮންމެހެން ކުރިމަތިލުމެއް ނޫނެވެ. ބައެއް ފަހަރު އެއީ ދޮގު ވާހަކައެއް ފެތުރުމުން ދުރުހެލިވުމެވެ. ނުވަތަ އެކަހެރިކޮށްލާފައިވާ ކުއްޖެއްގެ ދިފާޢުގައި ހުރުމެވެ. ނުވަތަ އަމިއްލަ އަގުތަކަށް އުނިކަން އަންނަ ފަދަ މަޖިލިސްތަކުން ދުރުވުމެވެ.

ކުދިން ކަންކަން ދަސްކުރަމުންދާއިރު ކުށްތައް ކުރެވޭނެއެވެ. އެކުދިން ލަދުގަންނަވާލުމުގެ ބަދަލުގައި، ކުރެވުނު ކަންކަމާމެދު ވިސްނައި، ރަނގަޅު ގޮތް ނިންމުމަށް އެހީތެރިވެދޭނެ ތެދުވެރި މާޙައުލެއް މައިންބަފައިން ޤާއިމުކޮށްދޭންޖެހެއެވެ. މަޤުޞަދަކީ އަބަދު އެހެން މީހުންނާ ދެކޮޅަށް ވާހަކަދައްކާ ކުދިންތަކެއް ބިނާކުރުމެއް ނޫނެވެ. ނަމަވެސް، އަމިއްލައަށް ކަންކަމާމެދު ވިސްނޭ، މަޑުމޮޅި، އަދި ބޭނުންޖެހޭ ހިނދު ސާބިތުކަމާއެކު ހުންނަ ކުދިންތަކެއް ބިނާކުރުމެވެ.

އަނިޔާވެރިކަމުގެ ބަދަލުގައި އޯގާތެރިކަން، ފަސޭހަ ގޮތުގެ ބަދަލުގައި ތެދުވެރިކަން، އަދި މީހުންގެ ރުހުމުގެ ބަދަލުގައި އިޚްލާޞްތެރިކަން އިސްކުރާ ދަރިންތަކެއް ތަރުބިއްޔަތުކުރާށެވެ. ﷲގެ ރުހިވޮޑިގަތުން ހޯދުމަކީ އެކަލާނގެ މަޚްލޫޤުންނަށް އިހާނެތިކޮށް ހިތުމަށް އޮތް ބަހަނާއެއް ނޫންކަމާއި، އަދި މީހުން ރުއްސުމަކީ އަބަދު ރަނގަޅު ގޮތް ނޫންކަން އެކުދިންނަށް ދަސްކޮށްދޭށެވެ.

މިވެސް ކިޔާލަން:  ލޯބިން ގޮސް ދަރިން ހަލާކު ނުކުރޭ

ކުއްޖެއްގެ ހުރި ވަރުގަދަކަން މިނެކިރެނީ އެކުއްޖާގެ ފަހަތުން އުޅޭ މީހުންގެ އަދަދަކުން ނޫނެވެ. އެހެންނަމަވެސް، އެންމެން އުޅޭ ގޮތަށް އުޅުން ފަސޭހަ ވަގުތެއްގައިވެސް، އެކުއްޖާ ހިފަހައްޓާ މަތިވެރި އަޚްލާޤީ ސިފަތަކުންނެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top