ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޝަކީރާގެ “ނޯ-ފޯން” އުސޫލު: ސްކްރީންތަކުން ބޭރުން އުފާވެރިކަން ހޯދުން 
އިންސްޕިރޭޝަނަލް ވިމަން - އެފްބީ

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ، އޭނާގެ ދަރިން ޓެކްނޮލޮޖީ ބޭނުންކުރުމުގައި ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ. އޭނާ ހާމަކުރި ގޮތުގައި، ދަރިން ކަމަށްވާ މިލާން އަދި ސާޝާގެ އަމިއްލަ ފޯނެއް ނޯވެއެވެ. އަދި އިންޓަރނެޓް ބޭނުންކުރުމުގައި ވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިކޮށްފައެވެ.

ސްޕެއިންގެ ނޫސްވެރިޔާ ހެނާރް އަލްވަރޭޒްއާއެކު އާރް.ޓީ.ވީ.އީ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝަކީރާ ބުނީ، އޭނާގެ ދަރިންނަށް އައިޕެޑް ބޭނުންކުރަން ހުއްދަ ދެނީ ހަމައެކަނި ހޮނިހިރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް އެއް ގަޑިއިރަށް ކަމަށެވެ. އަދި ޔޫޓިއުބް ބޭނުންކުރުމަކީ އެއްކޮށް މަނާކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކޮލަމްބިއާގެ މި ފަންނާނު އިތުރަށް ބުނި ގޮތުގައި، އޭނާގެ ދަރިން އަމިއްލަ ނަފްސާ ބެހޭގޮތުން ނުވަތަ މައިންބަފައިންނާ ބެހޭގޮތުން އިންޓަރނެޓުން މަޢުލޫމާތު ހޯދުމަށް އޭނާ ބާރުނާޅައެވެ. އަދި އިންޓަރނެޓުން ފެންނަ ކޮންމެ އެއްޗަކީ ހަޤީޤަތެއް ނޫންކަން އޭނާ ދަރިންނަށް ހަނދާންކޮށްދެއެވެ.

ޝަކީރާ ކިޔައިދިން ގޮތުގައި އޭނާގެ މަޤުޞަދަކީ ސްކްރީންތަކާއި، ސޯޝަލް މީޑިއާ އަދި އިންޓަރނެޓުން ލިބޭ ތަރުހީބަށް ބަރޯސާނުވެ، އޭގެ ބޭރުން އުފާވެރިކަން ހޯދުމަށް ދަރިންނަށް އެހީތެރިވުމެވެ. މީގެ އިތުރުން، ޑިޖިޓަލް ދުނިޔޭގެ ނުފޫޒުތަކާއި ކުރިމަތިވެދާނެ ގެއްލުންތަކުން ދަރިން ރައްކާތެރިކުރަންޖެހޭނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.

ޝަކީރާގެ މި އުސޫލުން ހާމަވަނީ، ކުޑަކުދިން ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތާއި، ސައިބަރ ބުލީންގްއާއި، އޮޅުވާލާ މަޢުލޫމާތުތަކުގެ އިތުރުން ސޯޝަލް މީޑިއާގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ކުރާ ނޭދެވޭ އަސަރުތަކާމެދު އޮތް ކަންބޮޑުވުންތަކެވެ.

މިވެސް ކިޔާލަން:  2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ޝަކީރާގެ އާ ލަވަ "ޑާއި ޑާއި" ދައްކާލައިފި

ކަންކަމުގެ މާހިރުން ލަފާދެއްވާ ގޮތުގައި، ކުދިންގެ އުމުރާ ގުޅޭގޮތަށް ވަގުތު ކަނޑައެޅުމާއި، މައިންބަފައިންގެ ބެލުމުގެ ދަށުން ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން، ޖިސްމާނީ ހަރަކާތްތަކާއި، ނިދުމާއި އަދި އާންމު ދިރިއުޅުމުގެ ގުޅުންތަކާ ދެމެދު ދުޅަހެޔޮ ބެލެންސެއް ހިފަހައްޓަން ޖެހެއެވެ.

ޝަކީރާގެ މި ޤަވާއިދުތަކަކީ އާދަޔާޚިލާފަށް ހަރުކަށި އުސޫލުތަކެއް ކަމަށް ބައެއް މީހުން ދެކުނު ކަމުގައިވިޔަސް، އޭނާ ދޭން ބޭނުންވާ މެސެޖަކީ ސާދާ މެސެޖެކެވެ. އެއީ، ކުއްޖާގެ އަގު ވަޒަންކުރެވެނީ “ލައިކްސް”، “ފޮލޮވަރސް” ނުވަތަ އިންޓަރނެޓުން ލިބޭ ސަމާލުކަމުން ނޫންކަން އެކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމެވެ.

ދުނިޔެ މިއަދު އިންޓަރނެޓުން ގުޅިލާމެހިފައިވާއިރު، އެހެން މީހުންނާ ގުޅުން ބަދަހިކުރަން ދަސްކޮށްދޭ ފަދައިން، ޓެކްނޮލޮޖީއާ ދުރުވާންވީ ވަގުތު ދަސްކޮށްދިނުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top