އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އާއި ތަރި ޕްރަބާސް އެކުގައި މަސައްކަތްކުރާ އާ އެކްޝަން ފިލްމު “ސްޕިރިޓް” ސިނަމާތަކަށް ގެންނަން ކުރިން ހަމަޖެއްސި ތާރީޚު ބަދަލުކޮށްފިއެވެ.
މި ފިލްމު ކުރިން ރިލީޒްކުރަން އޮތީ 2027 ވަނަ އަހަރުގެ ފިޠުރު ޢީދުގައެވެ. ނަމަވެސް، ސަލްމާން ޚާންގެ ފިލްމު “މޮންސްޓާ” އާ އެއް ދުވަސްވަރެއްގައި ސިނަމާތަކަށް ނެރުމުން ވެދާނެ ބޮޑު ކުރިމަތިލުމަކުން ސަލާމަތްވުމަށްޓަކައި، ފިލްމު އުފައްދާ ފަރާތުން މިހާރު ވަނީ އާ ތާރީޚެއް އިޢުލާނުކޮށްފައެވެ.
އާ ތާރީޚު ހާމަކޮށްފައިވަނީ ފިލްމުގެ ޑައިރެކްޓަރު ދޫކޮށްލި އާ ޕޯސްޓަރަކާ އެކުގައެވެ. މި ޕޯސްޓަރުން ޕްރަބާސް ފެންނަނީ ތުނބުޅި ދިގުކޮށް، އަވިއައިނަކާއި ތޮތްޕެއް އަޅައިގެން ވަރަށް ތަފާތު ސްޓައިލެއްގައެވެ. ޕޯސްޓަރުގައިވާ ގޮތުން މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ދިވާލީއާ ދިމާކޮށް، އޮކްޓޫބަރު 29، 2027 ގައެވެ.

އާ ތާރީޚާއެކު މިހާރު “ސްޕިރިޓް” އަށް ކުރިމަތިލާން ޖެހޭނީ ރަންބީރު ކަޕޫރާއި ޔަޝް މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު “ރާމާޔަން ޕާޓް 2” އާއެވެ. މި ދެ ފިލްމަކީވެސް އިންޑިއާގެ ސިނަމާގައި ބެލުންތެރިން އެންމެ އިންތިޒާރުކުރާ ދެ ފިލްމަށް ވުމުން، މިއީ ވަރަށް ފޯރިގަދަ ކުރިމަތިލުމަކަށް ވާނެއެވެ.
ނަމަވެސް، ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އާއި ރަންބީރު ކަޕޫރަކީ 2023 ގެ ކާމިޔާބު ފިލްމު “އެނިމަލް” އެކުގައި ގެނެސްދީ، ވަރަށް ގާތް ގުޅުމެއް އޮންނަ ދެމީހުންނެވެ. އަދި ކުރިއަށް އޮތް “އެނިމަލް ޕާކް” ގައިވެސް މި ދެ ފަންނާނުން އެކުގައި މަސައްކަތްކުރަން ހަމަޖެހިފައިވުމުން، އެކުވެރިކަމަށްޓަކައި މިއިން އެއް ފިލްމު ފަސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ފުލުހުންގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ “ސްޕިރިޓް” ގައި ޕްރަބާސް އަދާކުރާނީ ރުޅިގަދަ، ހިތްވަރުގަދަ އައިޕީއެސް އޮފިސަރެއްގެ ރޯލެވެ. މި ފިލްމުގެ އަންހެން ލީޑަކީ ތުރިޕްތީ ދިމްރީއެވެ. މީގެ އިތުރުން ވިވެކް އޮބެރޯއީ، ކަންޗަނާ އަދި އައިޝްވާރިޔާ ދޭސާއީވެސް މުހިންމު ރޯލުތަކުން މި ފިލްމުން ފެނިގެންދާނެއެވެ.
މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ތެލުގޫ، ހިންދީ، މަލަޔާޅަމް، ޓެމިލް އަދި ކަންނަޑާ ބަހުގެ އިތުރުން ބައިނަލްއަޤުވާމީ ބަސްތައް ކަމަށްވާ ޖަޕަނީސް، ޗައިނީސް (މެންޑަރިން) އަދި ކޮރިއަން ބަހުންނެވެ.
