މިރުޒާގެ ނަޒަރު
ދެމީހުންވެގެން ވަޝިއްޔާގެ އަތުގައި ހިފަހައްޓައިގެން، މީހުންގަނޑުގެ ތެރެއިން މަޑުމަޑުން ހިނގަމުން ބޭރަށް ނުކުތުމަށް މިސްރާބު ޖެހިއެވެ. ކޮންމެ ފިޔަވަޅަކާއެކު ވަޝިއްޔާގެ ހަށިގަނޑުން ވަރުދޫވަމުންދާކަން މިރުޒާއަށް އިޙުސާސް ކުރެވެއެވެ. އޭނާގެ ދެލޮލުގެ ކަޅި ވަނީ ބޮޑުވެފައެވެ.
އެވަގުތު މިރުޒާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި މީހަކަށެވެ. އެ މީހާ ހުރީ ވަރަށް ފަރުވާތެރިކަމާއެކު އެމީހުންނަށް ބަލާށެވެ. މިރުޒާގެ ނަޒަރު އޭނާއާ ސީދާވުމާއެކު، އެ މީހާ ވަގުތުން މޫނު އަނބުރާލާފައި އެހެން ދިމާއަކަށް ހިނގައިގަތެވެ.
މިރުޒާ ދަތްކުނޑި ވިކާލިއެވެ. ނަމަވެސް މިވަގުތު އެންމެ މުހިންމު ކަމަކީ ވަޝިއްޔާގެ ރައްކާތެރިކަން ކަމުގައިވާތީ، އޭނާ ކެތްތެރިވިއެވެ.
ބޭރަށް ނުކުމެވުމާއެކު ފިނިވައިރޯޅިއެއް ޖެހިލިއެވެ. ވަޝިއްޔާ ފުންކޮށް ނޭވާލާން ފެށިއެވެ.
“މިހާރު ކިހިނެއް؟” މިރުޒާ އަހާލިއެވެ.
“މާބޮޑަށް ބޯއަނބުރަނީ.. ހުރިހާ އެއްޗެއް ޑަބަލްވަނީ.” ވަޝިއްޔާ މަޑުމަޑުން ބުންޏެވެ. “މިރުޒާ، އަހަރެން ވަރަށް ބިރުގަނޭ.”
މިރުޒާ އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. “ބިރުނުގަނޭ. އަހަރެން މިހުރީއެއްނު. ކަލެއަށް ދެން އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަން.”
މިރުޒާ އޭނާގެ ފޯނު ނަގައި، އެންމެ އިތުބާރުކުރާ އެކުވެރިޔާއަށް ގުޅާލިއެވެ. އޭނާއަށް އެނގެއެވެ. މިއީ ހަމައެކަނި ސިއްޙީ މައްސަލައެއް ނޫންކަމާއި، މީގެ ފަހަތުގައިވާ ސަބަބު ހޯދަން ޖެހޭނެކަމެވެ. އަދި އެކަން ކުރި ބަޔަކަށް އޭގެ ޙައްޤު އަދަބު ދޭން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.
ހިނދުކޮޅަކަށް ނަމަވެސް، ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށާއި، ވީގޮތެއް އޭނާ ހޯދާނެ ކަމަށް ބުނެ، އޭނާ ހުއްޓާ އެއްވެސް މީހަކަށް އޭނާއަށް ދެރައެއް ދިނުމުގެ ފުރުސަތު ނުދޭނެކަމުގެ ވަޢުދު ވާން މިރުޒާ ބޭނުންވިއެވެ.
ނަމަވެސް އޭނާގެ ހަށިގަނޑަށް އެތެރެވީ ކޮން އެއްޗެއް ކަމެއް، ނުވަތަ އެއްޗެއް އެތެރެވިކަމެއް ވެސް މިރުޒާއަކަށް ނޭނގެއެވެ. އޭނާގެ ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެދާނެ މިންވަރެއް، ނުވަތަ ހެނދުނުވާއިރު މިރޭގެ ހަނދާންތައް އޭނާގެ ހިތުގައި ހުންނާނެ މިންވަރެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެހެންކަމުން، ވާނެގޮތެއްގެ ޔަގީންކަމެއް ދޭކަށް އޭނާއަކަށް ނުކެރުނެވެ. އޭނާއަށް ވެވޭނެ ހަމައެކަނި ވަޢުދަކީ، އޭނާ ފިޔަވަޅު އަޅާނެ ކަމުގެ ވަޢުދެވެ.
އޭނާ ވަޝިއްޔާގެ އެކުވެރިޔާއާ ދިމާއަށް އެނބުރުނެވެ.
“އަހަރެމެންނާއެކު މަޑުކުރޭ. އެއްވެސް މީހަކު އޭނާ އެކަނި ތަނަކަށް ގެންދިޔަ ނުދީ.”
އެއަށްފަހު އޭނާ ސިއްޙީ އެހީތެރިކަމަށް އެދުނެވެ.
އެ ތަނުގެ މުވައްޒަފުން ގާތު ބުއިމާއި އޭގެ ބާކީ ހުރި ބައިތައް އުކާނުލައި ރައްކާކުރުމަށް އޭނާ އެދުނެވެ. އަދި ވަޝިއްޔާއަށް އިތުރު އެއްވެސް އެއްޗެއް ބޯން ނުދިނުމަށާއި، ވާނުވާ ނޭނގޭ ހާލަތެއްގައި އޭނާއަށް އެއްވެސް ބޭހެއް ނުދިނުމަށް މިރުޒާ ވަރަށް ސާފުކޮށް އެންގިއެވެ.
ވަޝިއްޔާގެ ފައިކޮޅުން ވަރުދޫވެ، އަރި އަޅާލި ވަގުތު، އޭނާ ގަދަކަމުން ދަމައިގަތުމުގެ ބަދަލުގައި ވަރަށް އޯގާތެރިކަމާއެކު ހިފަހައްޓައިދީ ސާބިތުކޮށްދިނެވެ.
މިއުޒިކްގެ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ. އަލިތައް އެކި ފަރާތްފަރާތަށް އެނބުރެމުން ދިޔައެވެ. އަދި އެމީހުންގެ ވަށައިގެން ތިބި މީހުން ހުއްޓުމެއް ނެތް ނެށުމުގައި މަޝްޣޫލުވެފައި ތިއްބެވެ. ޕާޓީއެއްގެ އަޑުދެކެ މިރުޒާ ދުވަހަކުވެސް މިހާ ފޫއްސެއް ނުވެއެވެ.
*****
ވަޝިއްޔާގެ ހޭވެރިކަން ހުންނަނީ ދޭތެރެ ދޭތެރެއިންނެވެ. އެއް ފަހަރު އޭނާއާ ޖެހިގެން ހުރި މީހަކާ މިރުޒާ މަޑުމައިތިރިކަމާއެކު ވާހަކަދައްކާ އަޑު އިވެއެވެ. އަނެއް ފަހަރު މިއުޒިކްގެ އަޑު ގަދަވެ، މުޅި ސިކުނޑި ތެރޭގައި ގުގުމާލުމުން، ވަކި އަޑެއް ވަކިކުރަން ނޭނގޭ ހިސާބަށް ކަންކަން ދެއެވެ.
އޭނާ މަސައްކަތް ކުރީ މިރުޒާގެ މޫނަށް ބަލައި ހަމައަކަށް އެޅޭތޯއެވެ. މުޅި ކޮޓަރިއަށް ބެލުމަށްވުރެ އެކަން މާ ފަސޭހަވިއެވެ.
މިރުޒާގެ މޫނުމަތިން ފެންނަނީ މީގެ ކުރިން އޭނާ ދުވަހަކުވެސް ދެކެފައި ނުވާ ފަދަ ސީރިއަސްކަމެކެވެ. އަބަދު ފެންނަ މަޖާ މިޒާޖު ގެއްލި، އޭގެ ބަދަލުގައި ފެންނަނީ ފަރުވާތެރިކަމާއި ކަންބޮޑުވުމެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ވަޝިއްޔާއަށް ބަލަމުން، ސުވާލުކުރަމުން، އަދި ވަށައިގެން ތިބި މީހުންނަށް އަމުރުވެރި ގޮތަކަށް ވާހަކަދައްކަމުން ދިޔައެވެ. މިރުޒާއަކީ އަމިއްލަ ނަފްސަށް އިތުބާރު އޮންނަ މީހެއްކަން ވަޝިއްޔާއަށް އަބަދުވެސް އެނގެއެވެ. ނަމަވެސް މިރޭ އޭނާއަށް ފެނުނީ އާދަޔާ ޚިލާފު ކަމެކެވެ.
މިރުޒާ ހުރީ ބިރުގެންފައެވެ. އޭނާ އެކަން ފޮރުވަން ވަރަށް މަސައްކަތް ކުރި ނަމަވެސް، އޭނާގެ ދަތްކޮޅު ބާރުކޮށްލާފައި ހުރި ގޮތާއި، ބަލައިލާ ތޫނު ނަޒަރާއި، އަދި ވަޝިއްޔާއާ ވާހަކަދައްކާއިރު އަޑު މަޑުމައިތިރިކޮށް ބެހެއްޓުމަށް ކުރާ ހިތްވަރުން އެކަން ވަޝިއްޔާއަށް އިޙުސާސް ކުރެވެއެވެ. އެކަން އެނގުމުން ވަޝިއްޔާއަށް ރޮވޭގޮތްވިއެވެ.
“އަހަންނަކަށް ނޭނގެ މިވަނީ ކީއްކަމެއް.” އޭނާ މަޑުމަޑުން ބުންޏެވެ.
މިރުޒާ އޭނާއާ ގާތްވެލިއެވެ.
“މިވަގުތު ހުރިހާ ކަމެއް އެނގޭކަށް ނުޖެހޭ.”
“އެކަމަކު އަހަރެން ހުރީ ވަރަށް ރަނގަޅަށް.”
“އަހަންނަށް އެނގެއޭ.”
“އަހަރެން ގޯސް ކަމެއް ނުކުރަން.”
އެ ބަސްތައް ބޭރުވީ އޭނާގެ އަމިއްލަ ނަފްސަށްވެސް ހައިރާންކަން ލިބުނު ފަދަ އާދޭހަކާއެކުގައެވެ. މިރުޒާ އޭނާގެ ބަސް ގަބޫލުކުރުމަށް އޭނާ އިންތިހާއަށް ބޭނުންވިއެވެ. މި ހިނގާ ކަމަކީ އޭނާ އަމިއްލައަށް ކުރި ކަމެއް ނޫންކަން މީހަކަށް ސާފުކޮށްދޭން އޭނާ ބޭނުންވިއެވެ. އޭނާއަކީ އަމިއްލައަށް އެއްޗެއް ބޮއެގެން އޭގެ ނަތީޖާއާމެދު ދެރަވެފައި ހުރި މީހެއް ނޫންކަމާއި، އޭނާ ހުރީ އެކުވެރިންނާއެކު އާދައިގެ ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކުރަންކަން އެނގުމަށް އޭނާ ބޭނުންވިއެވެ.
މިރުޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “އަހަރެން ތިބަސް ޤަބޫލުކުރަން.”
ވަޝިއްޔާ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
“އަހަރެން ވަޝިއްޔާގެ ބަސް ޤަބޫލުކުރަން.” މިރުޒާ ކުރިއަށްވުރެ ސާބިތުކަމާއެކު ތަކުރާރުކޮށްލިއެވެ. “އަހަންނަށް އެއްވެސް ކަމެއް ސާފުކޮށްދޭކަށް ނުޖެހޭނެ.”
ވަޝިއްޔާގެ އިނގިލިތަކުން މިރުޒާގެ ގަމީހުގެ އަތްކުރީގައި އަނެއްކާވެސް ބާރަށް ހިފާލިއެވެ. މުޅި ތަން އެނބުރޭހެން އޭނާއަށް ހީވިއެވެ. އެ އެނބުރުމުން ސަލާމަތްވުމަށް އޭނާ ލޯ މަރާލިއެވެ. ނަމަވެސް ލޯ މަރާލުމުން ފެންނަ އަނދިރިކަން ވެސް، އެ ތަނުގައި ހުރި ކުލަކުލައިގެ ބައްތިތަކެކޭ އެއްވަރަށް އޮޅުންބޮޅުން ބޮޑެވެ. އޭނާގެ ހިތް އަދިވެސް ބާރަށް ތެޅެމުންދާއިރު، ނިތްކުރިމަތިން ދާހިއްލާފައި ހުރިކަން އިޙުސާސް ކުރެވެއެވެ.
ލޯ ހުޅުވާލިއިރު މިރުޒާ އަދިވެސް އެތަނުގައި ހުއްޓެވެ. އޭނާ ވަޝިއްޔާ ދޫކޮށް އެންމެ އިންޗިއަކަށްވެސް ދުރަށް ނުދެއެވެ. ސަބަބު ބުނެދޭން ނޭނގުނަސް، އެ ކުޑަކުޑަ ކަންތަކީ އޭނާގެ ހިތަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
*****
ޕެރަމެޑިކުން އައީ ވަޝިއްޔާއަށް ވަރަށް ގިނަ އިރުތަކެއް ވީހެން ހީވި ފަހުންނެވެ. ހަޤީޤަތުގައި އެއީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް ވަޝިއްޔާއަށް ނުވަތަ މިރުޒާއަށް ވެސް އެއީ ކިހާ ވަގުތެއްކަން ބުނެދޭކަށް ނޭނގެއެވެ.
ކްލަބުގެ މުވައްޒަފުން އެމީހުންގެ ވަށައިގެން ޖާގަ ހުސްކޮށްދިނެވެ. އަދި ޕެރަމެޑިކުންގެ ތެރެއިން އެކަކު ވަޝިއްޔާގެ ހާލަތު ބަލަން ފެށިއިރު، އަނެކަކު މިރުޒާ އާއި އޭނާގެ އެކުވެރިޔާއާ ސުވާލުކުރަން ފެށިއެވެ. ސުވާލުތައް އައީ ވަރަށް އަވަސްއަވަހަށެވެ.
އަލާމާތްތައް ފެންނަން ފެށީ ކޮން އިރަކު ހެއްޔެވެ؟ އޭނާ ބޭނުންކުރީ ކޯއްޗެއް ހެއްޔެވެ؟ އެއްވެސް ބޭހެއް ބޭނުންކުރި ހެއްޔެވެ؟ މީގެ ކުރިން މިފަދަ ކަމެއް ދިމާވި ހެއްޔެވެ؟ އެނގެންޖެހޭ ބަލީގެ އެއްވެސް ތާރީޚެއް އޮތް ހެއްޔެވެ؟
މިރުޒާއަށް އެނގޭ ކަންކަމަށް ޖަވާބުދީ، ނޭނގޭ ކަންކަމަށް ނޭނގޭ ކަމަށް ބުންޏެވެ. އޭނާގެ ހާލަތު މެދުވެރިވީ ކޮން އެއްޗެއްގެ ސަބަބުން ކަމެއް ބުނާކަށް އޭނާއަކަށް ނޭނގެއެވެ. މީގެ ކުރިން މަސްތުވެފައި ތިބޭ މީހުން ފެނިފައި ހުރި ނަމަވެސް، އަމިއްލައަށް ގޮތް ނިންމައިގެން ޔަގީންކަމެއް ނެތް ވާހަކައެއް އޭނާ ނުދައްކައެވެ. އޭނާއަށް އެނގޭހާވެސް ކަމަކީ މިއީ ނުރައްކާތެރި ހާލަތެއް ކަމެވެ. ނަމަވެސް އެކަމުގެ އަސްލު ސަބަބު ދެނެގަންނާކަށް އޭނާއަކަށް ނޭނގެއެވެ.
ޕެރަމެޑިކުން އެކަން ވަރަށް ސީރިއަސްކޮށް ނަގައި، އިތުރު ތަހުލީލުތަކަށް ވަޝިއްޔާ ހޮސްޕިޓަލަށް ގެންދިއުމަށް ތައްޔާރުވިއެވެ.
ބޭރަށް ނިކުންނަން އެހީތެރިވެދިން ވަގުތު، ވަޝިއްޔާ އަނެއްކާވެސް މިރުޒާގެ ގައިގައި ހިފާލިއެވެ. “ދަނީތަ؟”
އެ ސުވާލުގެ އަޑު މަޑުކަމުން މިރުޒާއަށް އެ އަޑު އިވުނީ ކިރިޔާއެވެ. “އާނ.”
“އަހަރެން އެކަނި ދޫކޮށްނުލާތި.”
މިރުޒާގެ އަރުބެދި، އަސަރު ކުރިއެވެ. “އަހަރެން މިދަނީ ވަޝިއްޔާއާއެކު.”
ޕެރަމެޑިކުންގެ ފަހަތުން އޭނާ ނިކުތެވެ. އޭނާގެ އެއް އެކުވެރިޔަކު އެމީހުންނާއެކު ދިޔައިރު، އަނެއް އެކުވެރިޔާ މަޑުކުރީ އެރޭގެ ކަންތައް ހިނގި ގޮތުގެ މަޢުލޫމާތު ދިނުމަށެވެ.
ބޭރުގެ ފިނިކަން އިޙުސާސް ކުރެވުނު ނަމަވެސް، ވަޝިއްޔާ އަދިވެސް ހުރީ ދާހިއްލާފައެވެ. މަގުމަތީގެ ބައްތިތަކުގެ އަލި މާ ގަދަހެން އޭނާއަށް ހީވިއެވެ. އަދި ދުއްވާ އެއްޗެހީގެ އަޑުތައް އިވެމުންދިޔައީ ދުރުން އިވޭ ގުގުމުމެއް ފަދައިންނެވެ. އޭނާއަށް ފަރިތަ މި ރަށުގެ މާހައުލު ދެނެގަންނަން އޭނާ މަސައްކަތް ކުރި ނަމަވެސް، ހުރިހާ ކަމެއް ހީވަނީ ބިއްލޫރިގަނޑެއްގެ ފުރަގަހުން ފެންނަ މަންޒަރުތަކެއްހެންނެވެ.
(ނުނިމޭ)
