“ކަލޭ ވިސްނައިގެން އުޅޭތި. މިފަހަރު މިހެން ވިޔަސް ކޮންމެކޮންމެ ފަހަރަކު މިހެނެއް ނުވާނެ. އަހަރުމެން ކަލެއަށް ފާރަލާނަން.” ނިފާރަށް އިންޒާރު ދެމުން ދެން ހުރި ޒުވާނާ ވެސް ސައިކަލާއި ދިމާއަށް ހިނގައިގަތެވެ.
ލިބުނު ފުރުސަތުގެ ބޭނުން ހިފައި ނިފާރު އަވަސްއަވަހަށް ގެއާ ދިމާއަށް ސައިކަލް ދުއްވާލި އެވެ.
ކުރިމަތިވި ކަންތަކުގެ ސަބަބުން ނިފާރު ކަންބޮޑުވި އެވެ. ދިން އިންޒާރުގެ ސަބަބުން ޖެހިލުންވެ ބިރުގަތެވެ. އެކަމާއިމެދު ފުންކޮށް ވިސްނަން ޖެހުނެވެ. އެމީހުނަކީ ކޮން ބައެއްތޯ ބަލަން ބޭނުންވި އެވެ. އެމީހުންގެ ވިސްނުން އެހެން ހުރީ ކީއްވެބާއޭ ހިތަށް އެރި އެވެ. އެ ވާހަކަތައް ވަލީދުމެނަށް ކިޔައިދޭނީތޯ ސިއްރުކުރާނީތޯ ވިސްނަން ޖެހުނެވެ. އެ ވާހަކަ ދައްކައިފިނަމަ ހައިފާ ކަންތައް ކޮށްފާނެ ގޮތަކާއިމެދު ވެސް ވިސްނާލަން ޖެހުނެވެ. އެވާހަކަ ނުދައްކާ ހުއްޓައި ކަމެއް ދިމާވެއްޖެނަމަ އެކަން ސިއްރުކޮށްގެން ހުރީތީ ދިމާވެދާނެ ހިތްހަމަނުޖެހުމާއިމެދު ވެސް ނުވިސްނައެއް ނުހުރެވުނެވެ.
މަސައްކަތްތައް ނިންމާލުމަށްފަހު ހައިފާ ގެއަށް އައިއިރު ނިފާރު ފެންނާކަށް ނެތެވެ. ވަލީދާއި ނާސިތާ ތިބީ ފެންޑާތެރޭގައި ވާހަކަ ދައްކާށެވެ.
ނިފާރަށް އައި ބަދަލެއް އައީ ކުއްލިއަކަށެވެ. ކަމެއް ނުވާކަމަށް ބުނި ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން ހައިފާގެ އިތުރުން ވަލީދާއި ނާސިތާއަށް ވެސް ފާހަގަ ކުރެވުނެވެ. އެކަމާއި ބެހޭގޮތުން ތިން މީހުން ވެސް ނިފާރާއި ވާހަކަ ދެއްކި އެވެ. ނިފާރުގެ ފަރާތުން އެހެން ޖަވާބެއް ނުލިބުނެވެ.
ފޯނުން ވާހަކަ ދައްކަމުން ދައްކަމުން އައިސް ގޯތިތެރެއަށް ވަތް ހައިފާގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުމެވެ. ވަލީދުމެން ތިން މީހުން ސިޓިންގްރޫމްގައި ތިބި ނަމަވެސް އެމީހުނަކަށް އޭނާގެ ސަމާލުކަމެއް ނުހުއްޓުނެވެ. ދިޔަގޮތަށް ދިޔައީ ކޮޓަރިއަށެވެ.
ކަމެއް ގޯސްވެއްޖެހެން ހީވުމުން ހައިފާ ކައިރިއަށް ނާސިތާ ދިޔަ އެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރަން ތިން މީހުން ވެސް ބޭނުންވި އެވެ. އެފަދަ ކޮންމެ ވަގުތެއްގައި ނާސިތާ އަމިއްލައަށް ގޮސް ހައިފާއާ ވާހަކަ ދެއްކުމަކީ އޭނާ އަބަދުވެސް ކަންކުރާ ގޮތެވެ. ނާސިތާ ގޮސް ވާހަކަ ދެއްކުމުން ހައިފާ ހުރިހާ ވާހަކައެއް ކިޔައިދޭނެ އެވެ. އޭނާ ގާތު ހައިފާއަށް ނުދެއްކޭނެ ވާހަކައެއް ސިއްރުކުރަން ޖެހޭ ކަމެއް ނޯންނާނެ އެވެ. ދެމައިންގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމެކޭ އެއްފަދައިން އެ ދެމެދުގައި ގާތް ރަހުމަތްތެރިކަން ވެސް އޮތެވެ.
ނާސިތާ ގޮސް ހައިފާގެ ކޮޓަރިއަށް ވަތްއިރު ހައިފާ ފާޚާނާއިން ނުކުންނަނީ އެވެ. ހީވާގޮތުން އޭނާ ނުކުތީ މޫނު ދޮވެލައިގެން ނެވެ.
“ކިހިނެއްވީ؟” ކޮޓަރީގެ ދޮރު ލައްޕަމުން ނާސިތާ ބަލާލީ ހައިފާއަށެވެ.
“އެ އުޅޭ ވިޖުދާންގެ ކަންތައް.. އޭނާއާ އިންނަންވީޔޯ.” ނާސިތާއަށް ބަލާލަމުން ހައިފާ ހިނިތުންވެލި އެވެ.
“ދެން ދަރިފުޅު ކީކޭ ބުނީ؟ އެހާ ލޯބިވަންޏާ އާނބަސް ބުނަންވީނު. އަބަދަކު ތިހެނެއް ނުހުރެވޭނެއެއްނު. ތިމާ ލޯބިވާ މީހަކަށްވުރެ ތިމާދެކެ ލޯބިވާ މީހަކު މާ ރަނގަޅުވާނެއޭ ކިޔާ އަޑުއިވޭ.” ހައިފާގެ ވާހަކައިގައި ބައިވެރިވަމުން ނާސިތާ އިތުރުކޮށްލި އެވެ. އަދި ހައިފާއަށް ހިނިތުންވެލި އެވެ.
“މަންމަ ދައްކާ ވާހަކަ. އަހަރެން ނޫޅެން އޭނާއާ އިންނާކަށް. ވަރަށް ފޫހި މީހެއް އެއީ.” ހައިފާގެ ކިބައިން ފާޅުވީ ހިތްހަމަނުޖެހުމެވެ.
“އެހެންތަ؟ އޭރުން އަޅާނުލާ. އެކަމު އަބަދަކު ތިހެނެއް ނުހުރެވޭނެއެއްނު.. ހިނގާ ދާން ސައިބޯން. ބައްޕަމެން ވެސް އެތިބީ ދަރިފުޅު އަންނަންދެން މަޑުކޮށްގެން.” ނާސިތާ ކޮޓަރިން ނުކުންނަން ހިނގައިގަތުމުން ހައިފާ ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ހައިފާއަށް ދިމާވެގެން އުޅޭ ކަންތަކާއި ބެހޭގޮތުން ވަލީދާއި ނާސިތާ ވާހަކަ ދެއްކީ އެ ދެމަފިރިން އެކަނި ތިބި ވަގުތެއްގަ އެވެ. ވިޖުދާނުގެ ވާހަކަ އަނެއްކާ ވެސް ހައިފާ ދެއްކުމުން ވަލީދުގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވި އެވެ. އޭނާގެ އުނދަގޫ ކުރިން ވެސް ހައިފާއަށް ޖެހުނުކަން ހަނދާންކުރަމުން އެކަމާ އޭނަ އުޅޭނެކަމަށް ވަލީދު ބުންޏެވެ. އެއްވެސް މީހެއްގެ ސަބަބުން ނުވަތަ އެއްވެސް ބައެއްގެ ސަބަބުން ހައިފާއަށް އުނދަގުލެއް ވާކަށް އޭނާ ނޭދެ އެވެ. ހައިފާގެ ކިބައިން އެއްވެސް ހިތްހަމަނުޖެހުމެއް ކަންބޮޑުވުމެއް ފެންނަން ހުރުމަކީ ވަލީދުގެ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަށް ޖެހޭނީ ހައްލެއް ހޯދާށެވެ.
ދިހަވަރަކަށް ދުވަހުގެ މަސައްކަތުން ނިފާރު ހޯދަން ބޭނުންވި ނަތީޖާ ހޯދި އެވެ. މިހާރު ވަލީދަކީ އެހެން މީހެއްގެ އެހީއަކާއިނުލައި ހެލިފެލިވެ އުޅެވޭ މީހެކެވެ. ކުޑަކުޑަކޮށް ރިހުން ހުރި ނަމަވެސް ވަލީދު ބުނާގޮތުން މިހާރު އަނެއްހެން މައްސަލައެއް ނެތެވެ. މާބޮޑު އުނދަގުލެއް ވެސް ނެތެވެ. ރިހުން ވެސް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ކުޑަވަމުން ނެވެ.
ވަގުތަކީ އިރުއޮއްސުނު ވަގުތު ކަމަށްވާތީ މަގުތަކުގައި މީހުން ވަރަށް މަދެވެ. މަޣުރިބު ނަމާދު ކޮށްގެން މިސްކިތުން ނުކުތް ނިފާރު މިސްރާބުޖެހީ ގެއާ ދިމާއަށެވެ.
“ތިހެން އަދި ވަލީދުގެ އުނަގަނޑަށް ބޭސްކޮށްލައިގެން ވަލީ ލިބޭނެކަމަށް ކަލޭ ހީނުކުރައްޗޭ. މީކީ އެ ޒަމާނެއް ނޫން. ދަރިން އިންނާނެ މީހުން އެނގޭނީ ދަރިންނަށް. ހައިފާއަކީ އަހަރެންގެ މީހެއް. ކަލޭ ޖެހޭނީ މިތަނުން ދާން. އަހަރުން ނުކުމެ ބޭރު ނުކުރަނީސް ކަލޭ އަމިއްލައަށް ބޭރުވުން އެންމެ ރަނގަޅު ގޮތަކަށް ވާނީ.” ކުއްލިއަކަށް ކުރިމައްޗަށް އެރި ޒުވާނާ ފެނިފައި ނިފާރު ދިޔައީ ސިއްސައިގެން ނެވެ. ހަނދާނަށް އައީ މީގެ ދެ ދުވަހެއް ކުރިން ދިމާވި ކަންތަކެވެ. އެއީ ހަމަ އޭނާ އެވެ. މިއަދު ވެސް އޭނާގެ ކިބައިން ފެންނަން ހުރީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ.
“ކަލޭތަ ވަލީ ދެނީ؟” ކުއްލިއަކަށް އިވުނު ސުވާލާއިއެކު ދެމީހުނަށް ވެސް ބަލައިލެވުނީ އަޑު އައި ދިމާއަށެވެ.
ނިފާރުމެނާއި ދިމާއަށް އައި ނާސިތާ ފެނިފައި ނިފާރު ދިޔައީ ސިއްސައިގެން ނެވެ. ލިބުނު ހައިރާންކަމާއިއެކު ކޮންމެ ވެސް ވަރަކަށް ކަންބޮޑު ވެސްވި އެވެ. މިފަދަ ވަގުތެއްގައި ނާސިތާ ފެނުން އެއީ ލިބުނު ހިތްހަމަޖެހުމަކަށް ވެސްވި އެވެ.
“ވިޖުދާން! ތިދެން ކިހާ ދެރަކަމެއް. ކުރިން ވެސް ބުނިން ދޯ ހައިފާ އިންނާނެ މީހަކު އެނގޭނީ ހައިފާއަށޭ. އެކަމަކާ ވިޖުދާނަކަށް ނުބެހެވޭނެއޭ. ތި ފާޑަށް އުޅޭތީއޭ މީހުން ރުޅި އަންނަނީ. ޖަލުން ނުކުމެގެން އައިތާ އަދި ނޭނގެ ހަފުތާއެއް ވީކަމެއް. އަނެއްކާ ވެސް ހަމަ އެހެން އުޅެން ތި ފެށީ. ތިޔަ އުޅުން ދޫކޮށްލާފަ ނިކަން ރަނގަޅު މީހަކަށް ވެބަލަ. ވިޖުދާނާއިމެދު ވިސްނާ ވިސްނާ އައިންތަ އެ ހުންނަނީ ސިކުނޑި ސުމަކަށް ދާވަރުވެފަ. ބައްފަ ދުނިޔޭގަ ހުރީއެއް ނޫން. މަންމަ މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ތިހެންތަ އުޅެންވީ؟ އެންމެ ފަހަރަކު ނަމަވެސް ތިޔަ އުޅުން ދޫކޮށްލާފަ މަންމައާމެދު ނިކަން ވިސްނާލަބަލަ. މަންމައަށް ލިބޭ އެލަވަންސްކޮޅު އަތުލައިގެން ބޭނުންތައް ތި ފުއްދަނީ. އައިންތަ މިއަދު ގޮސް ބުންޏަސް ހައިފާއަށް ވާވަރުގެ ކޮންމެ ކަމެއް އޭނާ ކޮށްދޭނެ. އެކަމު.. ވިޖުދާނު އޭނާއަށް ވެސް ތިކުރަނީ އުނދަގޫ. އެންމެ ފަހަރަކު ވެސް ނިކަން ވިސްނާލަބަލަ. ވިޖުދާން ތިހެން ކަންތައް ކުރީމަ އޭގެ ގެއްލުން ލިބޭނީ އައިންތައަށް. އިންސާނުންނަކީ ވަރަށް ތަފާތު ބައެއް. މާދަމާ ވެސް ކަންތައް ވާނެގޮތެއް ކިހިނެއް އެނގެނީ. މީހުންގެ ރުހުމާއި ލޯބި ލިބޭނީ މީހުންގެ ރުހުމާއި ލޯބި ލިބޭހެން އުޅެގެން. ތިޔަ އުޅުން އުޅޭހާ ދުވަހަކު އެއްވެސް މީހެއްގެ ލޯތްބެއް އަޅާލުމެއް ނުލިބޭނެ.” ވިޖުދާން ކައިރިއަށް ޖެހިލަމުން ނާސިތާ ދިނީ ނަސޭހަތެވެ.
ނާސިތާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ވިޖުދާންގެ ކިބައިން ފެނުނީ މަޑުމައިތިރިކަމާއި ހަމަހިމޭންކަމެވެ. ނާސިތާ ދައްކަމުންދިޔަ ވާހަކަތައް އަޑު އެހުމަށް އޭނާ ސަމާލުކަން ދީފައިވާވަރެވެ.
ނިފާރު ގާތު ގެއަށް ދާން އަންނާށޭ ބުނަމުން ނާސިތާ ހިނގައިގަތުމާއިއެކު އޭނާގެ ފަހަތުން ނިފާރު ހިނގައިގަތެވެ.
ހިނގައިދިޔަ ކަންތަކާއި ބެހޭގޮތުން ނާސިތާ ސުވާލުކޮށްފާނެތީ ނިފާރު ކަންބޮޑުވި އެވެ. އެކަން ވަލީދަށް އެނގިއްޖެނަމަ ކުރިމަތިވާނެ ސުވާލުތައް އިތުރުވާނެ އެވެ. އެ ހުރިހާ ކަމެއް ސިއްރުކޮށްގެން ހުރީތީ ހައިފާ ވެސް ހިތްހަމަނުޖެހުން ފާޅުކުރާނެކަން ޔަގީނެވެ. ކަމެއް ނުވާކަމަށް އޭނާ ދެއްކި ވާހަކަތައް އެއީ ދޮގެއްކަން ފަޅާއަރާނެ އެވެ. ކުރަމުން އައި އިތުބާރަށް ލޮޅުން އަރާފާނެ އެވެ.
އެކަމާއި ބެހޭގޮތުން ނާސިތާ އެއްވެސް ވާހަކައެއް ނުދެއްކުން ވެގެން ދިޔައީ ނިފާރަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.
ގެސްޓްހައުސްގައި ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ނިފާރާއި ހައިފާ ގެއަށްދާން ނުކުތްއިރު ދިހައެއް ޖަހަން ވެއްޖެ އެވެ.
ބަނދަރު ސަރަހައްދު ވަށާލާފައި ކެފޭއާ ދިމާއިން އެއްގަމަށް އަރަން އައިއިރު އެތަނުގައި ތިބި ޒުވާނުންގެ ލޯތައް އެމީހުނަށް އަމާޒު ވެފައިވާކަން ނިފާރަށް ފާހަގަވި އެވެ. އެކަމަށް ސަމާލުކަން ނުދޭން އުޅުނު ނަމަވެސް ވިޖުދާން ފެނުނު ހިސާބުން އެކަން ބަދަލުވި އެވެ. ކޮންމެ ވެސް ވަރަކަށް ހާސްވެ ޖެހިލުންވާގޮތްވި އެވެ.
“ހައިފާ! ވިޖޭ ސަލާން ބުނި. ވަރަށް ލޯބިވެޔޯ.” އެމަގަށް އެރުމާއިއެކު އެތަނުން ޒުވާނަކު ގޮވާލި އެވެ.
“ވަގުބުޅަލެއް މަސްގަނޑަށް ބަލާހެން ކޯޗެއް ތި ބަލަނީ. އަހަރުމެން ބިރެއް ނުގަންނާނެ ކަލޭ ކިތަންމެ ވަރަކަށް ބެލިޔަސް. ކައެތީ ދެން ކާކު؟” ދެވަނަ ޒުވާނާގެ ބަސްތައް އަމާޒުވީ ނިފާރަށެވެ.
“ކަލެއަށް ބޭސްކުރަން ޖެހުމުގެ ކުރިން މިރަށުން ފޭބުން އެންމެ ބުއްދިވެރި ގޮތަކަށް ވާނީ.. މަ ހިތަށް އަރާ މި ހައިފާ ވެސް މީ ދެލޮލަށް ހިކިމިރުސް ފެން އެޅިފައި ހުރި މީހެއްބާއޭ. އަޅެ މިދެން ކާކުތަ؟ އަންހެންދުޅާ ގޮލާގަނޑު.” ނިފާރަށްފަހު ހައިފާއާ ވެސް އެ މީހުން ދިމާކުރި އެވެ.
އެމީހުނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ނިފާރު އިސްކުރީ ވިސްނުމެވެ. ވަގުތާއި ހާލަތަކީ އެންމެ މުހިންމު ކަންތަކެވެ.
ހިތްހަމަނުޖެހުމާއިއެކު އެމީހުނާއި ދިމާއަށް ބަލާލި ނަމަވެސް، ނިފާރުގެ އިޝާރާތަށް ބަލައި ހައިފާ ވެސް އެއްޗެކޭ ނުބުނެ އެވެ.
ގެ ކައިރީ ސައިކަލު ބެހެއްޓުމަށްފަހު ގެއަށް ވަންނަން ހިނގައިގަތް ނިފާރު ހުއްޓުނީ ހައިފާ ގޮވާލުމުން ނެވެ.
“އެބަ އަންނަން މީހަކާ ބައްދަލުކޮށްލާފަ. މަންމަމެން އަހައިފިއްޔާ ބުނޭ ވަރަށް އަވަހަށް އަންނާނަމޭ ބުންޏޭ.” ހައިފާ އުޅުނީ ސައިކަލުގައި ނައްޓާލަން ނަމަވެސް ނިފާރު އެދުމުން މަޑުކުރި އެވެ.
“ކޮންތާކަށް؟ މިރޭ ދެން އެއްވެސް ތާކަށް ދާނެކަމެއް ނެތް.” ގޯހެއް ހިނގައިފާނެހެން ހީވުމުން ނިފާރު މަސައްކަތްކުރީ ހައިފާ މަޑުކުރުވާށެވެ. ހައިފާމެނާއި ވިޖުދާނުމެން ދިމާކުރި ހިސާބުން ހައިފާއަށް އައިސްފައިވާ ބަދަލު ނިފާރަށް ފާހަގަވި އެވެ.
“މާ ގިނައިރެއް ނުވާނެ. ވަރަށް އަވަހަށް އެބަ އަންނަމޭ.” ހައިފާ ބޭނުންވީ ދާށެވެ.
“އޯކޭ. މަ ބޭނުން ގޮތް މަ ބުނެފިން. މަ ދައްކާ ވާހަކަ އަޑުނާހަންޏާ ދޭ. މަންމަމެން ކައިރީ މަށެއް އެއްވެސް އެއްޗެއް ނުބުނާނަން. މަ މިދަނީ ނިދަން. ހައިފާ ބޭނުން ގޮތަކަށް ކަންތައްކުރޭ.”
(ނުނިމޭ)
